ސިލްސިލާ ވާހަކަ: ޒާރާ – ސައްބީސްވަނަ ބައި

ދެއާއިލާއިން ވަމުންދިޔަ ތައްޔާތައް ނިމި ކައިވެނި ކުރުމުގެ ވަގުތު ޖެހިއްޖެއެވެ. ޒާރާއެކޭ ފުރާނަނެތް މަސްގަނޑެކޭ ތަފާތެއް ނެތެވެ. ހިތުގައި އެތަކެއް ޝަކުވާތަކެއް ފުނިޖެހިފައިވީނަމަވެސް ކިޔަމަންތެރިކަމާއެކު އިސްޖަހާލައިގެން އިނީއެވެ. މަޖުބޫރީ ހާލަތުގައި ހިތްކުދިކުދި ވެފައިވާ ހާލުގައެވެ. އެހެންނަމަވެސް ޒާރާގެ ލޮލުން ކަރުނަ ހިލުނަކަ ނުދެއެވެ. ކެތްތެރިކަން އިސްކުރީ މައިންބަފައިންނަށް ކިޔަމަން ވުމުގެ ގޮތުންނެވެ.

ކައިވެނީގެ މަޖިލިސް އޮތީ ސްކޫލް ހޯލުގައެވެ. ކައިވެނި ޕާޓީއަށް، އެއްފަސްވެފައިވާ ސަރަހައްދުގެ ކުދިބޮޑު އެންމެނަށް ދައުވަތު ވަނީ ދެވިފައެވެ. އެހެންކަމުން ކައިވެނީގެ މަޖްލިސް ހިނގަމުން ދިޔައިރު އެތަނަށް އެއްވެފައިވާ މީހުންގެ އަދަދު ނުހަނު ގިނައެވެ.

”އަނބި ގަބޫލުކޮށްފިން” އިމްރާން ޒާރާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އަތްތިލަބަޑީގެ އަޑުން މުޅި މާހައުލު ގުގުމާލިއެވެ.

ކައިވެނީގެ ރަސްމިއްޔާތަށްފަހު ކައިވެނި ޕާޓީ ފެށިއްޖެއެވެ. ކައިވެނި ކުރެވުނު ދެމަފިރިންނަށްޓަކައި ހާއްސަ ކުރެވިފައިވާ ސަރަހައްދު ނިކަން ފުރިހަމައެވެ. ކުޑަކުޑަ ސްޓޭޖެއްހެން ފަރުމާކޮށްފައިވާ ތަން ޒީނަތްތެރިކޮށްފައިވަނީ އެކި ކުލަކުލައިގެ ފިނިފެންމަލުންނެވެ. އޭގެ އިތުރުން އެކި ކުލަކުލައިން ނިވިދިއްލެމުންދާ ބޮކިތަލުގެ އަލިން މުޅި މާހަލު ފަޅުފިލުވާލާފައިވެއެވެ. އެކި ގޮތްގޮތަށް ދަމާފައިވާ ރަތްކުލައިގެ ފުއްޕާހަންތައް ވަޔާ ހޫރެމުންދާއިރު ނިކަން ހިތްގައިމެވެ. މި ޕާޓީގެ ރާވާލާފައިވާލެއް ފުރިހަމަކަމުން، އިމްރާންގެ އާއިލާގެ ކެރިފޯރުންތެރިކަން ހުރި މިންވަރު ކިތައްމެ ރަނގަޅަކަށްވެސް އަންގައިދެއެވެ.

ޒާރާ ހުއްޓިލައިގެންހުރީ އޭނާގެ އަލަތު ފިރިމީހާ ގާތުގައެވެ. އިމްރާން ޒާރާގެ މޫނަށް ބަލާލިއެވެ. ލޯބިން ފުރިފައިވާ ބެލުމަކުންނެވެ.  ޕީޗް ކުލައިގެ ކައިވެނީގެ ހެދުމުގައި ޒާރާ ހުރިއިރު ފެންނަ ކޮންމެ ފިރިހެނެއްގެ ހިތް ފަތަހަކޮއްލާހާ އޭނާ ރީއްޗެވެ. އޮމާން ދޮން މޫނަށް މޭކަޕުން އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ. އެކި ކުލަކުލައިގެ ބޮކިތަކުން އެރީތި މޫނަށް އެކި ކުލައިގެ އަލި އެޅެމުން ދާއިރު ފެންނަ ކޮންމެ މީހަކު ފިދާވާހާ ފުރިހަމައެވެ. ގުދުރަތުން ޒާރާއަށް ދެއްވާފައިވާ އަންހެންވަންތަ ހަށިގަނޑުގެ ރީތިކަމަށް ޒާރާ ފެންނަ ކޮންމެ މީހަކު ހިތާހިތުން އެއްބަސްވާނެކަން ޔަގީނެވެ.

ޒާރާގެ ހެދުމާ އެއްކުލައިން އިމްރާންގެ ކޯޓާއި ފަޓުލޫން ގުޅުވާލާފައިވެއެވެ. ކޯޓު ފަޓުލޫނުގައި ހުންނައިރު އިމްރާން ގެ ފިރިހެންވަންތަ ހަށިގަނޑުގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ޒުވާން އަންހެންކުދިންގެ ހިތުގައި ރަސްކަންކުރަމުން އައި އިމްރާން އެހެން މީހެއްގެ ފިރިއެއްގެ ގޮތުގައި ދެކެން ބައެއް އަންހެންކުދިންނަށް ހަމަ ޔަގީނުންވެސް އުނދަގޫ ވާނެއެވެ. އިމްރާން ގެ އާއިލާ ފޮނަދޫއަށް ބަދަލުވިފަހުން އެތައް އެތައް އަންހެން ކުދިންނެއް އިމްރާންގެ ލޯބި ހާސިލްކުރުމަށް މަސައްކަތް ކޮށްފައި ވީނަމަވެސް އެއިން އެއްވެސް ކުއްޖަކަށް އިމްރާންގެ ޝައުގުވެރިކަމެއް، ސަމާލުކަމެއް ނުދެއެވެ. ސަބަބަކީ ޒާރާ ފެފުނު ވަގުތުއްސުރެ އިމްރާންގެ ހިތް ޒާރާއަށް ހަދިޔާ ކުރެވިފައި ވުމެވެ.

ޕާޓީއަށް ކަނޑައަޅާފައިވާ ވަގުތު ހަމަވެ، މާހަލުގައި ގުގުމަމުން ދިޔަ މިއުޒިކާއި ހުނުމުގެ އަޑު ކެނޑިއްޖެއެވެ. ބައިބޯކޮށްއޮތް މީހުންގަނޑު މަދުވެ ތަން ފަޅުވުމާ ގާތްވެއްޖެއެވެ. ގެއަށް ދިއުމުގެ ވަގުތު ޖެހުނީއެވެ. ފިރިމީހާއާއެކު ފިރިމީހާގެ ގެއަށް ބަދަލުވާން ޖެހޭތީ ޒާރާގެ ހިތް ނުތަވަސްވަނީއެވެ. ލިބިފައިވާ ވަރުބަލި ކަމުގެ ސަބަބުން އަރާމުކޮށްލަން ބޭނުންވެފައިހުއްޓަސް އިމްރާންގެ ގެއަށް ދާކަށް ޒާރާ ހިތެއް ނޭދެއެވެ. އޭނާގެ ހިތް އެކަމަށް އެއްބަހެއް ނުވިއެވެ. އެއީ ކުރަންޖެހޭ ކަމެއްކަން ސިކުނޑިއަށް ވިސްނައިދޭން ކުރި މަސައްކަތްވީ ނާކާމިޔާބެވެ.

”ދަރިފުޅު އާދޭ ގެއަށްދާން….” ސަރީފާ ނުހަނު ލޯބިން ޒާރާގެ އަތުގައި ހިފާލަމުން ކާރާދިމާއަށް ހިނގައިގަތެވެ. އޭރު ލިބުނު މާބޮޑިތަކާ އެކިވަރުގެ ހަދިޔާތަކުން ޑިކީތެރެ ފުރާލުމަށްފަހު އިމްރާން ޒާރާ ބަލާ އަންނަނީއެވެ.

”މަންމަ ދާންވީނު އަރަން…. އަހަރެން މިދަނީ ޒާރާ ގޮވައިގެން….” އިމްރާން އޭނާގެ މަންމަގެ މޫނަށް ބަލާލިއެވެ. ސަރީފާ ކާރަށް އަރަން ހިނގަގަތުމުން އިމްރާން ޒާރާގެ އަތުގައި ހިފާލިއެވެ. ހަމައެވަގުތު ޒާރާ އިމްރާގެ އަތުގެ ތެރެއިން އޭނާގެ އަތް ދަމައިގަތެވެ. ހީވީ ދިރޭއެއްޗެއް ކަށިޖެހީމާ އަތްދަމައިގަތްހެނެވެ.

”މިރޭ އެންމެ ރަނގަޅުތަ ގޭގައި ނިދާލިޔަސް… ހެނދުނު ދާނަން…. ” ޒާރާ މަޑުމަޑުން އިމްރާނަށް އިވޭވަރަށް ބުނެލިއެވެ. އެ ނިންމުމަކީ އިމްރާންގެ ހިތައް ދަތިކަން ލިބުނު ނިންމުމެކެވެ. އެހެންނަމަވެސް އިމްރާނުގެ މޫނުމަތިން އެކަން ފެނުނަކަ ނުދެއެވެ. އިމްރާން ހިނިތުންވެލިއެވެ. ޒާރާ ގަބޫލުކުރިގޮތުގައި އެ ހިނިތުންވުމުގެ މާނައަކީ އެކަމަށް އިމްރާން ރުހި ގަބޫލުވުމެވެ.

އިމްރާނުގެ ގޭގެ ޕޯޓިކޯތެރެއަށް ކާރު މަޑުކުރުމާއެކު އަލިބެ އައިސް ޒާރާ ފޭބުމަށްޓަކައި ދޮރު ހުޅުވާދިނެވެ. ސަރިފާވެސް ޒާރާ ކާރުން ފައިބަންދެން މަޑުކޮށްގެން ހުރީއެވެ. ޒާރާއަށް ބަލާލެވުނީ އިމްރާނުގެ މޫނަށެވެ. ސުވާލުގެ ނަޒަރަކުންނެވެ. ގެޔަށް ގެންގޮސްދިނުމުގެ ބަދަލުގައި މިގެޔަށް ޒާރާ ގެނައީ ކީއްވެ ހެއްޔެވެ.

”ދަރިފުޅާ ….” ޒާރާ ނުފައިބާ އިންނަންފެށުމުން ސަރީފާއަކަށް ކެތެއް ނުކުރެވުނެވެ. ކައިރިއަށް ޖެހިލުމަށްފަހު ކާރުގެ ތެރެއަށް ބޯ ގުދުކޮށްލަމުން ޒާރާގެ މޫނަށް އޭނާ ބަލާލިއެވެ. އިމްރާން ވެސް އިނީ ޒާރާގެ މޫނަށް ބަލާށެވެ. ހީވާގޮތުން އެ އެންމެންވެސް އެތިބީ ޒާރާ ކާރުން ފޭބުން ލަސްފައެވެ.

އެހެންގޮތެއް ނެތުމުން ޒާރާ ކާރުން ފައިބައިފިއެވެ. ސަރީފާ ޒާރާގެ އަތުގައި ހިފައިގެން ގޭތެރެއާއި ދިމާއަށް ހިނގައިގަތެވެ. މުޅިގެވެސް ވަނީ ކުލަބޮކިން ޒީނަތްތެރި ކުރެވިފައެވެ. ގެއަށް ވަންނަ ބޮޑުދޮރުގެ ދެފަރާތުގައި އެކިކަހަލަ މަލުން ޒީނަތްތެރިކޮށްފައިވެއެވެ. ވަންނަ ދޮރުގެ މަތީކައިރީގައި ”ވެލްކަމް ހޯމް” ޖަހާލާފައި އިން ބޯޑެއް އެކި ކުލަކުލައިން ނިވިދިއްލެމުން ދެއެވެ.

ޒާރާއާއި އިމްރާނަށް ހާއްސަކުރެވިފައިވާ ކޮޓަރިއަށް ޒާރާ ވެއްދުމަށްފަހު ސަރީފާއާއި އަލިބެ ނިދަންދަނީ ކަމުގައި ބުނަމުން ނިކުމެގެން ދިޔައީއެވެ. ކޮޓަރީގައި ޒާރާ އެކަނި ވީއެވެ. ބޮޑު ކޮޓަރިއެވެ. ދިއްލާފައިވާ އޮރެންޖް ބޮކިތަކުގެ އަލީގައި ކޮޓަރި ތެރެ ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ސައިޑް ޓޭބަލް މަތީގައި ވިރެމުންދާ އުއްބައްތީގެ ދެތިން އުއްބައްތި ހުއްޓެވެ. އޭގެ ހުޅުކޮޅުތައް އޭސީގެ ވައިން އަންނަ މަޑު ވައިގެ އެހީގައި ނަށާލަނަށާލަ ހުއްޓެވެ.

ޑްރެސިންޓޭބަލްކައިރީގައިހުރި ގޮނޑި ދަމާލުމަށްފަހު ޒާރާ އިށީދެލިއެވެ. ގިނައިރު ކޮޅަށް ހުރުމުގެ ސަބަބުން ދެފައި ހުރީ ބަރުވެފައެވެ. ކައިވެނީ ބަރުބޮޑު ހެދުން ލައިގެން ގިނަވަގުތު ތަކެއް ހޭދަކުރަން ޖެހުމުގެ ސަބަބުން ހަށިގަނޑަށް ވަނީ ލޮޑުކަން ލިބިފައެވެ. ބޭނުންވަނީ ފެންވަރާލާށެވެ. އެއްޗިހި ބަދަލުކޮއްލައިގެން އޮށޯވެލާށެވެ. އެހެންނަމަވެސް ޒާރާގެ އަންނައުނު މިގޭގައި ނުހުންނާނެކަން ޒާރާއަށް ރަނގަޅަށް އެނގެއެވެ. އާދިލް އޭނާއަށް ދީފައިވާ ނިދާހެދުން މަތިން ޒާރާ ހަނދާންވިއެވެ. އެއީ ޒާރާއަށް އެންމެ ކަމުދާ ނިދާހެދުމެވެ. ކުއްލިއަކަށް އާދިލްގެ ހަނދާންތައް އުތުރި އަރައިގަތެވެ. މިހާރު ޒާރާ އަކީ މީހެއްގެ އަންބެކެވެ. ދެން ދުވަހަކުވެސް އާދިލްއަށް ޒާރާ ނުލިބޭނެއެވެ. ޒާރާ ވަނީ މިހާރު އެހެންމީހެއްގެ ދުނިޔެއެއްގައެވެ. އެހެންމީހެއްގެ ހައްޤެއްގެ ގޮތުގައި ލިޔެފިފައެވެ. އާދިލް ކުރި ހުރިހާ އުންމީދު ޒާރާގެ އަތުން ފުޑުފުޑު ކޮށްލެވުނީއެވެ. އާދިލް އަދިވެސް ޒާރާއަށް އިންތިޒާރު ކުރާނެބާވައެވެ.

ކޮޓަރީގެ ދޮރު ލެއްޕުނުއަޑަށް ޒާރާއަށް ހިޔާލީދުނިޔެއިން ނިކުމެވިއްޖެއެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮއްބާލަމުން އެސްފިޔަތައް ތަޅުވާލިއެވެ.

”އަހަރެން ގެއަށްދާން ބޭނުން….” ޒާރާގެ އަނގައިން އެ ޖުމްލަ ތަކުރާރުވިއެވެ. އިމްރާން ޒާރާއާ ނުހަނު ގާތަށް ޖެހިލިއެވެ. ޒާރާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އެ މޫނަށް ވަރަށް ލޯބިން ބަލާލިއެވެ. ޒާރާއަށް ސިފަވެގެންދިޔައީ އާދިލް އޭނާގެ މޫނުގައި ހިފަހައްޓާލައިގެން އޭނާއާ އެހާ ގާތުގައި ހުރިކަމުގައެވެ. އޭނާގެ މޫނުގައި ހިފަހައްޓާލާފައި ދެ އަތަކީ އާދިލްގެ ދެއަތް ކަމުގައެވެ. ބޭއިޚްތިޔާރުގައި އިމްރާނުގެ އަތުގައި ޒާރާއަށް ހިފަހައްޓާލެވުނެވެ. އެ އަތަށް ފިއްތާ ބާރުކޮށްލެވުނެވެ. ޒާރާގެ ފިނިފިނި ދެއަތުން އިމްރާނުގެއަތުގައި ހިފަހައްޓާލުމަށް ފަހު ދެލޯމަރާލިއެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތްފަދައެވެ. އެ މައުސޫމު މޫނަށް ބަލަންހުރި އިމްރާންގެ ހިތް އަވަސްވާންފެށިއެވެ. ޒާރާ އެދިނީ ސިގްނަލެއްކަމުގައި އިމްރާނަށް ގަބޫލުކުރެވުނެވެ. މަޑުމަޑުން ޒާރާގެ ހަށިގަނޑު ގާތަށް ދަމާލާ، އޭނާގެ ތަނަވަސް މޭގާ ޒާރާގެ ނާޒުކު ހަށިގަނޑު ޖައްސާ ބާރުކޮށްލިއެވެ.


ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published.