”ދިރިއުޅުން ކާމިޔާބު ކުރުމަށް ތިބާ ވަކި މަގްސަދެއް އޮވެގެން ވަރުގަދަ އަޒުމެއްގައި މަސައްކަތް ފަށައިފިނަމަ ކާމިޔާބު ނުވާންވީ ސަބަބެއް ނެތެވެ. އަދި އެ މަގްސަދުގެ ކާމިޔާބު ކުރުމަށް ކަނޑައަޅާ އަޒުމްގެ ފަހަތުގައި ”ސަބަބެއް“ ވާނަމަ ދުވަހެއް ދުވަހަކަށް ތިބާ ދާނީ ތިބާގެ މަންޒިލާ ގާތް ވަމުންނެވެ.“
ކިޔުންތެރިންނާ ހިއްސާކޮށްލަން މިއުޅެނީ މިފަދަ އަޒުމެއްގައި ދިރިއުޅުމުގައި މަގްސަދެއް އޮވެގެން އަދި އެ މަގްސަދު ހާސިލް ކުރުމުގެ ފަހަތުގައި ސަބަބެއް އޮވެގެން ދިރިއުޅުމުގައި ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތެއްގެ ވާހަކައެވެ. ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ހަޔާތުން ”ދަރިވަރުންނަށްޓަކައި“ ހިއްސާކޮށްފައިވާ ވާހަކައެކެވެ.
މަތީގައިވާ ފޮޓޯއަށް ބަލާލާށެވެ. ކުރީ ސަފުގެ މެދުގައި އެ ހުރީ ޝަހީމް އެވެ. އެއީ އަރަބިއްޔާ ސްކޫލުގައި ގްރޭޑް ހައެއްގައި ތައުލީމް ހާސިލް ކުރަމުންދިޔައިރު ނަގާފައިވާ ފޮޓޯއެކެވެ.
ދެއަހަރު ފާސް ނުވުމުން އަރަބިއްޔާއިން ކަނޑާލި
1990 ވަނަ އަހަރު ޝަހީމްގެ ބައްޕަ އާއި ބޮޑުބޭބެ ޝަހީމް އަރަބިއްޔާ ސްކޫލަށް ވެއްދީ ވަރަށްވެސް ފޮނި އުންމީދުތަކަކާއި އެކުގަ އެވެ. އަރަބި އިސްލާމްގެ ތައުލީމުން ތަރުބިއްޔަތު ކުރުމުގެ ފޮނި އުންމީދުގަ އެވެ. ރަށުގެ މީހުން ޝަހީމްގެ ބައްޕައަށް މަލާމާތްވެސް ކުރި މެއެވެ.
”ވައްހާބީ އަކަށް ދަރިފުޅު ހަދަނީ“ ކަމަށް ބުނެ އެވެ. ރަށުގައި ޤުރުއާން ކިޔަވާ އުޅުނުނަމަވެސް ރަށުން މާލެ އައިސް އަރަބި ބަހުން ގިނަ މާއްދާތަކެއް ކިޔަވަން ޖެހުމުން އުނދަގޫވި އެވެ. އަދި ކާމިޔާބު ވާގޮތް ނުވީ އެވެ. ޝަހީމް ބައްޕަގެ ހުވަފެނުގައި އޭރު ކުލަ ޖެހޭގޮތް ނުވީ އެވެ.
އޭރު އަރަބިއްޔާ ސްކޫލްގައި ޖެހިޖެހިގެން ދެ އަހަރު ފާސް ނުވުމުން މަދަރުސާއިން ޝަހީމް ވަކި ކުރެވުނެވެ. އެއީ އޭރު އުސޫލް އޮންނަ ގޮތެވެ. ކުލާގުގައި ދެ އަހަރު ރިޕީޓްވެ ފާސް ނުވެއްޖެ ނަމަ މަދަރުސާއިން ވަކި ކުރެ އެވެ. ޝަހީމްވެސް ވަކި ކުރީ އެވެ.
ރިޕޯޓް ފޯމު ހިފައިގެން ގޮސް ޝަހީމްގެ ބައްޕައަށް ދެއްކުމުން ބައްޕަ ކީރިތި ކުރެއްވި އެވެ. ހިތާމަ ކުރެއްވި އެވެ. ދަރިފުޅާއިމެދު ކުރި އުންމީދު ކާމިޔާބު ވާގޮތް ނުވީމަ އެވެ.
ބައްޕައަށްޓަކައި ހިތުގައި އަޒުމް ކަނޑައެޅުން
އޭރު ޝަހީމްގެ އުމުރުން 13 އަހަރެވެ. މައިންބަފައިންގެ ކުރިމަތީގައި ދަރިއަކު ރުއީމާ މައިންބަފައިންނަށް ކެތް ނުވާ ފަދައިން ޝަހީމް ކުރިމަތީގައި ޝަހީމްގެ ބައްޕަ ކީރިތި ކުރެއްވުމުން ޝަހީމަށްވެސް ކެތެއް ނުވި އެވެ. ބައްޕަ ރޯތަން ބެލުމަކީ ވާނެ ކަމެއް ނޫން ކަމަށް އަދި އިތުރަށް ބައްޕަ ރޮއްވުމަކީ ކުރާނެ ކަމެއް ނޫންކަމަށް ހިތާހިތުން އަޒުމް ކަނޑައެޅި އެވެ.
އޭރު ޝަހީމްމެންގެ އާއިލާ އުޅެމުންދިޔައީ ފަގީރު ކަމާއި ދަތި ކަމުގަ އެވެ. ޝަހީމް އަކީ އާއިލާގެ އެންމެ ދޮށީ ދަރި އެވެ. މަންމަ ހުންނަނީ ކޮއްކޮމެންގެ ކައިރީގައި ރަށުގަ އެވެ. ބައްޕަ އުޅުނީ މާލޭގައި ކޮންކްރީޓް މަސައްކަތް ކުރާށެވެ. ޝަހީމް އަށްޓަކަ އެވެ. ޝަހީމް އަށް ރަނގަޅު ތައުލީމެއް ހޯދަ ދިނުމުގެ ބޭނުމުގަ އެވެ.
ޝަހީމްގެ ހިތުގައި އަޒުމް ކަނޑައެޅީ ބައްޕަ އެދޭފަދަ މީހަކަށް ވުމަށެވެ. ބައްޕަގެ މޫނުމައްޗަށް ހިނިތުންވުން ގެނައުމަށެވެ.
ފިހާރައެއް ސާފު ކުރުމުގެ ވަޒީފާގައި އުޅެމުން އަލުން އަނބުރާ ތައުލީމުގެ ތެރެއަށް
އަލުން އަނބުރާ ތައުލީމް ހާސިލް ކުރެވޭނެ ގޮތަކީ ކީރިތި ޤުރުއާނުގެ ތެރެއިން ކަމުގައި ހިތުގައި ހިޔާލު އުފެދުނެވެ. އިސްލާމިކް ޔުނިވާސިޓީ، އޭރުގެ މައުހަދު ގައި ގާރީ ކްލާހަކަށް ދާން ފެށި އެވެ. ކިޔަވަން ދާންފެށި ވަޒީފާއަކަށްވެސް ދަމުންނެވެ. ވަޒީފާ އަދާކުރަމުންދިޔައީ ފިހާރައެއްގަ އެވެ. ވަޒީފާގައި އަދާކުރި މަސްއޫލިއްޔަތަކީ މޮޕު ޖެހުމާއި ސާފު ކުރުމާއި ހިރަފުސް ފޮޅުމެވެ. މުސާރައަކީ މަހަކު އެންމެ 600 ރުފިޔާ އެވެ.
ގާރީ ކޯސް ފުރިހަމަ ކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓަރަކަށް ޑރ. ލަތީފު ހުންނެވި އިރު ޕާކިސްތާނުގެ ލާހޯރުގައި ގާރީ ކޯހެއް ހެދުމުގެ ފުރުސަތު ޝަހީމަށް ލިބުނެވެ. އޭރު އެތަނުން ދިމާވި އަބްދުﷲ އިމާދު ކިޔާ ދިވެއްސެއްގެ އެދުމުގެ މަތިން ކީރިތި ޤުރުއާން ހިތު ދަސްކުރަން ދާން ފެށި އެވެ. އޭރު އެއީ ކުރެވިދާނެ ކަމެއް ކަމުގައި ނުވިސްނުނު ނަމަވެސް މާތް ﷲގެ ހެޔޮ ރަހުމަތާއެކު އެއް އަހަރާއި ތިން މަސްދުވަހުގެ ތެރޭގައި އެކަން ކާމިޔާބު ކުރި އެވެ.
ހަމަ އޭރު އެގައުމުގެ އަރަބި ތައުލީމުދޭ މައުހަދަކަށް ވަނެވެ. އެތަނުގައި އަރަބި ބަސް ކިޔަވައި، ޝަރީއާއިން ޑިޕްލޮމާ ހާސިލްކޮށް 1998 ގައި މާލެ އައިސް، ”ޖެހިޖެހިގެން ދެއަހަރު ފާސްނުވުމުން ވަކި ކުރި ސްކޫލް“ގައި ޓީޗަރަކަށްވި އެވެ. އެއަށްފަހު 1999 ގައި މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއިން ފުރުސަތު ލިބުމުން ގޮސް ހުއްޓާ އެއް އަހަރު ފަހުން 2000 ވަނަ އަހަރު މަދީނާގެ އިސްލާމިކް ޔުނިވާސިޓީން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބުނެވެ. މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ކިޔަވަމުންދިޔަތާ ދެވަނަ އަހަރު އެ ޔުނިވާސިޓީގެ އިމާމަކަށް ޝަހީމް އައްޔަން ކުރި އެވެ.
ވަކި ހިސާބަކުން ކިޔެވުން ދޫކޮށް އަންނަން ނިންމި، 29 ހާސް ރުފިޔާގެ ވަޒީގާގެ ބަދަލުގައި 2110 ރުފިޔާގެ ވަޒީފާ ހިޔާރު ކުރި
ޔުނިވާސިޓީގެ ފަހު އަހަރުގައި އުޅެނިކޮށް ޝަހީމްގެ ބައްޕަ ޕެރަލައިޒްވެ ބަލި މީހަކަށް ވި އެވެ. ބައްޕަ ބަލަހައްޓަން ކިޔެވުން ދޫކޮށް އަންނަން ނިންމި އެވެ. ނަމަވެސް ޝަހީމްގެ ބައްޕަ ބުނީ އިސްލާމް ދީނަށްޓަކައި ކިޔެވުމަށެވެ. ކިޔެވުން ނިންމާފައި ނޫނީ ނައުމަށެވެ. ބައްޕަގެ ބަސް ގަބޫލުކޮށް ޝަހީމް ކިޔެވުމައިގެން ކުރިއަށްދިޔަ އެވެ.
ކިޔެވުން ނިންމާފައި މާލެ އައިސް ފަނޑިޔާރަކަށްދާން ޝަހީމަށް ފުރުސަތު ލިބުނެވެ. މަހަކު 29 ހާސް ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭ ގޮތަށެވެ. ނަމަވެސް ޝަހީމް ހިޔާރުކުރީ މަހަކު 2110 ރުފިޔާ ލިބޭ ވަޒީފާއެކެވެ. އެއީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުޝްރިފްގެ މަގާމެވެ.
އިނގިރޭސި ނޭންގުމުން ކުރިއަށް ދިއުމަށް ގޮންޖެހުމާ ދިމާވި
އެތާނގައި އުޅެނިކޮށް ވިލާ ފައުންޑޭޝަނުން އިއުލާނުކުރި ފުރުސަތަކަށް ކުރިމަތިލުމުން، މެލޭޝިޔާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ޖާގަ ލިބުނެވެ. އެތަނަށް ދިއުމުން މާސްޓާގައި ރަޖިސްޓްރީ ވާނީ އިނގިރޭސި ފެންވަރު ”IELTS“ ލެވެލްއަށް ހުރުމުން ކަމަށްވާތީ އިނގިރޭސި ފެންވަރުބަލާ އިމްތިހާނުން ފެއިލްވި އެވެ. އަނބިދަރިން މާލެ ފޮނުވާލުމަށްފަހު ހިތްވަރާއެކު އިނގިރޭސި ކިޔަވަން ފެށި ހަމަޖެހުނީ ދެ އަހަރު އިނގިރޭސި ކިޔަވާގޮތަށް. މެލޭޝިޔާގައި ކިޔެވުން ކުރިއަށް ގެންދިޔައީ ހެނދުނު ޔުނިވާސިޓީގައި ހަވީރު (އިނގިރޭސި ކިޔެވުމަށް) ބްރިޓިސް ކައުންސިލްގައެވެ. ދެ އަހަރުގެ އެ ޕްރޮގްރާމް (އިނގިރޭސި ކިޔެވުމުގެ ޕްރޮގްރާމް) ނިންމުމާއެކު މާސްޓާއަށް ރަޖިސްޓްރީ ވެވުނެވެ. ސެމިސްޓާއެއްގައި ފަސް މާއްދާ ނަގާފައި ދެގަޑިއިރު ނިދައިގެން ދޮޅު އަހަރުތެރޭ މާސްޓާ ޕްރޮގްރާމް ނިންމާ، ތީސިސް ވެސް ނިންމި އެވެ.
ކިޔެވުން ހުއްޓާލުމަށްފަހު ދެވަނަ ފަހަރަށް މާލެ އަންނަން ނިންމި
ފަހު އިމްތިހާން ފެށުމުގެ ކުރިން އައި ފޯނުކޯލަކުން ޝަހީމްގެ އުންމީދު މުޅިން ފުނޑުފުނޑުވި އެވެ. ޝަހީމްގެ ބައްޕަގެ ދެ ކިޑްނީ ފެއިލްވި ކަން އާއިލާއިން ޝަހީމަށް އެންގި އެވެ. އެފަހަރުވެސް ކިޔެވުން ދޫކޮށް ބައްޕައަށް އެހީވުމަށް އަންނަން ނިންމި އެވެ. ނަމަވެސް ޝަހީމްގެ ބައްޕަ ބުނަނީ ނިންމާފައި ނޫނީ ނައުމަށެވެ. ބައްޕަގެ ބަސް ޝަހީމް ގަބޫލު ކުރި އެވެ. ޝަހީމް އަންނަންދެން ޝަހީމްގެ ކަންކަން ބެލެހެއްޓީ ޝަހީމްގެ އަނބިކަނވަލުން އާފިޔާ ވަހީދެވެ.
ކިޔެވުން ނިންމާލުމަށްފަހު މާލެ އައިސް ބައްޕަގެ ކިޑްނީ ޓްރާންސްޕަލާންޓް ހެދުމަށް ޕާކިސްތާނުގެ ހޮސްޕިޓަލަކަށް ދިޔައީ ވަރަށް މަސައްކަތުން އެކި މީހުންގެ އެހީތެރިކަން ލިބިގެންނެވެ. ލާރި ހޯދައިގެންނެވެ. އެތާ އެއްމަސް ވަންދެން އުޅުނެވެ. އކަން ކާމިޔާބުކޮށް މާލެއައިސް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކުރެއްވި އެވެ. އެތަނުން 2010 ވަނަ އަހަރު އިސްތިއުފާދިނުމަށްފަހު ވިލާ ކޮލެޖްއަށް ވަޒީފާއަށް ގޮސް އެތާނގައި ފެކަލްޓީ އޮފް ޝަރީއާ އުފެއްދި އެވެ.
އިސްލާމިކް މިނިސްޓަރު ކަމަށް
އެއާއެކު ވަޒީފާގައި އުޅެމުން ޕީއެޗްޑީ ކިޔަވަން ފެށީ މިސްކިތުން ދިމާވާ ބައެއް އެކުވެރީންގެ ދީލަތި އެހީއެއްގަ އެވެ. ޕީއެޗްޑީ ތީސިސް ހުށަހަޅަން ގޮސް ހުއްޓާ 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއިއެކު ވަޒީރަކަށް އައްޔަން ކުރެވުނެވެ. އެއަށްފަހު އަނެއްކާވެސް 2013 ވަނަ އަހަރު ރައީސް ޔާމީންގެ ކެބިނެޓްގެ ވަޒީރުކަމަށް އައްޔަން ކުރެވުނެވެ. އިސްލާމިކް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު އެވެ.
———————————————————————-
މިހާރު ޝަހީމް ހުންނެވީ ޝަހީމް ގުރުއާނުގެ ތެރެއިން އިލްމުގެ ތެރެއަށް ވެއްދި ކުރީގެ މައުހަދު މިހާރުގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާއަކަށެވެ.
ޝަހީމްގެ ދިރިއުޅުމުގެ މިވާހަކަށް ކިޔާދޭން ނިންމީ ކިޔަވާ ކުދިންނަށް، އިލްމު ހޯދަން އުޅޭ ކުދިންނަށް، ހިތްދަތިކަމާއި ވޭނުގައި އުޅޭ ކުދިންނަށް، ފެއިލްވެފައިވާ ކުދިންނަށް، އަލުން އަނބުރާ އަޒުމާއެކީ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނޭކަން ބުނެދިނުމުގެ ގޮތުންނެވެ.އުންމީދާއި ހިންމަތާއި އަޒުމާއި އިހުލާސްތެރިކަމާ، މާތް ﷲ އާމެދު ޔަގީންކަން ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއްކަން ބުނެދިނުމަށެވެ. ސްކޫލުން ކަނޑާލިޔަސް އަލުން އަނބުރާ މުޖްތަމައަށް އާދެވޭނެކަން ބުނެދިނުމަށެވެ.
ޝަހީމްގެ ހަޔާތުގައި ކަންކަން ކާމިޔާބުވީ މަންމައާއި ބައްޕަގެ ބަސް ގަބޫލު ކުރުމާއި އަންހެނުންގެ އެއްބާރުލުން ލިބުމުންނެވެ. ހިތްދަތި ވަގުތުތަކުގައި މާތް ﷲގެ ހަޒްރަތުގައި ވާގި އެދުމުންނެވެ.
ބައްޕަގެ ވިސްނުމާއި ދެކޮޅަށް މުޅި ހަޔާތުގައިވެސް ޝަހީމް ކުރެއްވި ހަމައެކަނި ކަމަކީ އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމެވެ. މިއަދުވެސް ޝަހީމްގެ ނިންމުމެއް ބަދަލު ކުރެވޭނެ ހަމައެކަނި ފަރާތަކީ މީހުންގެ ތެރެއިން ޝަހީމްގެ ބައްޕަ ކަމަށް ޝަހީމް ބުނެ އެވެ. ޝަހީމް ވިދާޅުވަނީ ޝަހީމްގެ ހިތުގައި މަންމައާއި ބައްޕައަށް އަބަދުވެސް ވަރަށް މަތިވެރި މަގާމެއް ދެވިފައި އޮންނަ ކަމަށެވެ.