ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ފައިސާތަކަކާއެކު ދެ މީހަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 42 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި ދެމީހުންނަކީވެސް ދިވެހިން ކަމަށެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ މާފަންނު ޕޮލިސްގެ ފުލުހުންނަށް މިމީހުންގެ ޢަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން މަޑުކުރަން އެންގުމުން ދުވެ ފިލަން މަސައްކަތްކުރަނިކޮށް ފަތިހު 05:40 ހާއިރު ލަގްޒަރީ ފިހާރަ ކައިރިން ކަމަށްވެސް ފުލުހުން ބުނެ އެވެ.
”މި ދެމީހުން ފިލަން މަސައްކަތްކުރުމުން ފުލުހުން ވަނީ ފަހަތުން ދުވެފައިގޮސް މި ދެމީހުން ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެދެމީހުންގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ -/25000 ރުފިޔާއަށްވުރެ ގިނަ ފައިސާ ފެނިފައިވޭ“ ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަސް ބުނީ އެ ދެމީހުންގެ ތެރެއިން 36 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި މާރާމާރީ އާއި ފޭރުމާއި ވައްކަމުގެ އިތުރުން މަރާލާނެކަމަށް ބުނެ އިންޒާރު ދިނުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ. އަދި 42 އަހަރުގެ މީހާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.
މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.