ޒަމާންވީ ނަލަ ރީތި ގުޅުމެއް ހުތުރު ނިމުމަކާ ދިމާލަށް

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ، އޭނާގެ މަތީ ފެންވަރުގެ ކްލަބް ފުޓްބޯޅަ ނިންމާލާނީ ބާސެލޯނާއާ އެކުގައި ކަމަށް އަބަދު ވެސް ގިނަ ބަޔަކު އައީ ދެކެމުންނެވެ. އެހެނަސް، އަދު މި ވަނީ މަންޒަރު ބަދަލުވެފައެވެ. ދެތިން ދުވަސް ކުރިން ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލަން ނިންމައި އެކަން ބާސެލޯނާއަށް ލިޔުމުން އަންގާފައިވާއިރު، މި ޚަބަރު ވެގެން ދިޔައީ ފުޓްބޯޅައިގެ ދުނިޔެ ސިއްސުވާލި ޚަބަރަކަށެވެ. އިވޭ އަޑުތަކާއި ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، ހީކުރި ގޮތާ ޚިލާފަށް މެސީ އާއި ބާސެލޯނާގެ ގުޅުން ނިމެން މި އަންނަނީ ހަޑި ގޮތަކަށެވެ.

ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލުމާ ހަމައަށް ކަންތައްތައް ދިޔައީ ކުއްލިއަކަށް ނޫނެވެ. ބާސެލޯނާއާ މެދު ލިއޮނަލް މެސީގެ ހިތްހަމަ ނުޖެހުން ފެށުނު ހިސާބަކީ އެ ކްލަބްގެ ކުރީގެ ކުޅުންތެރިޔާ ނޭމާ އަލުން ކްލަބަށް ގެންނަން ބޭނުންވެ ލިއޮނަލް މެސީ ތަކުރާރުކޮށް އެކަމަށް ބާރު އެޅުމުން ވެސް ކްލަބްގެ ބޯޑުން އެކަށީގެންވާ މިންވަރަށް އެކަމަށް މަސައްކަތް ނުކުރުމެވެ. 2017 ވަނަ އަހަރު ނޭމާ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވުމަށްފަހު އަލުން ބާސެލޯނާއާ ގުޅެން ނޭމާ ވެސް ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ބާސެލޯނާއިން ނޭމާގެ ވަކިވުމަށްފަހު، ކުޅުންތެރިން ގަތުމަށް މިހާތަނަށް ބިލިޔަން ޔޫރޯއާ ގާތަށް ޚަރަދު ކޮށްފައިވާއިރު، އޭގެ ތެރެއިން ބޮޑެތި ގިނަ ޓްރާންސްފާތަކުން ވީ ފައިދާއެއް ނެތެވެ. އެހެންކަމުން ނޭމާ ގެންނަން ބާސާގެ ބޯޑުން އެކަށީގެންވާ މަސައްކަތް ކުރާކަމަށް ގަބޫލު ނުކުރެވުމާ ހަމައިން މެސީއާ ބާސެލޯނާއާ ދެމެދު ކުނި ޖެހެން ފަށައިފިއެވެ.

ނޭމާއަށް ފަހު ބާސެލޯނާއަށް އަދި މިހާތަނަށް ޗެމްޕިއަންސް ލީގުގެ ތަށްޓެއް ނުހޯދެއެވެ. ސީދާ މެސީ ވެސް ބާސެލޯނާގެ ސަޕޯޓަރުންނާ މުޚާތަބުކޮށް، ޗެމްޕިއަންސް ލީގުގެ ތަށި އަލުން އަނބުރާ ކޭމްޕް ނޯ އަށް ގެނެސްދޭނެކަމަށް ބުނި ނަމަވެސް އެ ހުވަފެން ވަނީ ހަގީގަތަކަށް ނެހެދިފައެވެ. ފާއިތުވި އަހަރުތަކުގައި ލަދުވެތިކޮށް ކޮންމެ ފަހަރަކު ބާސެލޯނާއަށް ޗެމްޕިއަންސް ލީގާ ވަކިވާން ޖެހެމުން އައިއިރު، މެސީ އައީ ބާސެލޯނާއިން މި ކުރިއަށް ދާގޮތަށް ގޮސްގެން ކާމިޔާބީ ހާޞިލް ނުވާނެކަމުގެ އިންޒާރު ދެމުންނެވެ. ބާސެލޯނާއަށް ބަދަލުތަކެއް އަންނަން ޖެހޭކަމަށް ބުނަމުންނެވެ. އެހެނަސް އެކަންކަން ހަގީގަތަކަށް ނުވިއިރު، މެސީއާ ބާސެލޯނާގެ ބޯޑާ ދެމެދު އޮތް ގުޅުން ދިޔައީ ހީނަރުވަމުންނެވެ.

އެންމެ ފަހުން، މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބަޔާން އަތުން 8-2 އިން ބަލިވި މެޗަށް ފަހު، މެސީ އިތުރަށް ބާސާގައި މަޑުކުރާނެތޯ ކުރެވޭ ސުވާލުތައް އިތުރުވެގެން ދިޔައެވެ. އެ ސުވާލުތައް ކުރެވުނަސް މެސީ ބާސާ ދޫކޮށްނުލާނެ ކަމަށް ގިނަ ބަޔަކު އައީ ބަލަމުންނެވެ. އެހެނަސް، ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން މެސީ ލިޔުމުން އެ ކްލަބަށް އެންގުމާ ހިސާބުން އައީ ވަރުގަދަ ލޮޅުމެކެވެ. މީޑިޔާގެ ފަހަ ސުރުހީތަކުން މެސީ ނޫން އެއްޗެއް ނުފެންނައިރު، ބާސެލޯނާގެ ސަޕޯޓަރުން ވަނީ އެ ކްލަބްގެ ސްޓޭޑިއަމް ކައިރީގައި މުޒާހަރާ ވެސް ކޮށްފައެވެ. ކްލަބްގެ ރައީސްގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މެސީ ހުށަހެޅީ އޭނާގެ އެއްބަސްވުމުގެ މާއްދާއެއްގައިވާ ފަދައިން ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށެވެ. މާނައަކީ މެސީ ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ދޮރު ހުޅުވާލުމެވެ. ބާސެލޯނާއަށް މެސީއާއެކު އޮތް ޒަމާންވީ ރީތި ގުޅުން ރީތިކޮށް ނިންމާލެވެން އޮތެވެ. އެހެނަސް، އެ ކްލަބްގެ އެންމެ މުހިންމު ކުޅުންތެރިޔާ ކްލަބާ ވަކިވުމަކީ އެ ކްލަބަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ޚާއްސަކޮށް ބާސެލޯނާއަށް އެެއްވެސް އެއްޗެއް ނުލިބޭނަމަ އެއީ ބުއްދި ގަބޫލުކުރާނެކަމެއް ނޫނެވެ.

ނިމުން ހުތުރުވުމާ ދިމާލަށް މިސްރާބު ޖެހި ހިސާބަކީ މިއީއެވެ. ބާސެލޯނާއިން ދެކޭ ގޮތުގައި އެއްބަސްވުމުގައި އޮތީ ކޮންމެ ސީޒަނެއް ނިމުމުގެ ކުރިން މެސީއަށް އޭނާގެ ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލެވޭގޮތަށެވެ. އެހެންކަމުން މި ޖޫން މަހުގެ ނިޔަލަށް މެސީ މާއްދާއަށް އަމަލުކޮށްފައި ނުވާތީ މިހާރު އެއީ އެއްބަސްވުމުގެ ދަށުން ކުރެވޭނެކަމެއް ނޫނެވެ. ބާސެލޯނާއިން ވަނީ ޖަވާބުގެ ގޮތުގައި މެސީއަށް ލިޔުމުން އެގޮތަށް އެކަން އަންގާ ވެސް ފައެވެ. އެހެނަސް މެސީގެ ވަކީލުން ދެކޭގޮތުގައި ކޯވިޑް19 ގެ ހާލަތާ ގުޅިގެން މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުނީ އޯގަސްޓް މަހުގައި ކަމަށް ވާތީ، ސީޒަން ނިމުނު ކަމަށް ބެލެވޭނީ އޯގަސްޓް މަހުގެ ނިޔަލަށެވެ.

ރިޕޯޓްތައް ބުނާގޮތުން މި މައްސަލައިގައި ބާސެލޯނާއިން ގޮތް ދޫނުކުރާނެއެވެ. ބާސެލޯނާއިން ބުނަނީ މެސީއަށް ކޮންޓްރެކްޓް އުވާނުލެވޭނެ ކަމަށާއި، މެސީ ގަންނަން ބޭނުންވާ ކްލަބަކުންނަމަ މެސީގެ ކޮންޓްރެކްޓް އުވާލެވޭ އަދަދުކަމުގައިވާ 700 މިލިޔަން ދީފައި މެސީ ގެންދިއުމަށެވެ. އެހެނަސް އެއްބަސްވުމުގައި އޮތް މާއްދާއާމެދު މެސީ ދެކޭގޮތް ތަފާތުވުމުން މިކަމުގައި ހައްލު ނުލިބޭނަމަ، ދެން މި މައްސަލަ ފެނުން އެންމެ ގާތީ ކޯޓުންނެވެ. މާނައަކީ ޝަރީއަތަކާ ހިސާބުން މެސީއާ ބާސެލޯނާގެ ގުޅުން ނިމުމަކަށް އައުމުގެ ފުރުސަތު ބޮޑުވުމެވެ. މިހެން ކަންތައް ވެއްޖެނަމަ 16 އަހަަރުވީ ރިވެތި ނަމަ ތާރީޚީ ގުޅުން ނިމުމަކަށް އަންނާނީ ހަމަ ގައިމު ވެސް ހުތުރު ކޮށެވެ. މެސީއާ ބާސެލޯނާގެ ގުޅުން އިތުރަށް ހީނަރުވެ ދެ ފަރާތުގެ ދެމެދުގައި އިތުރު މައްސަލަތަކެއް ޖެހިގެންނެވެ.

ދެން ވާނެގޮތެއް ބަލަން ތިބެމާ ހިނގާށެވެ!

އިތުރަށް ކިޔުމަށް: Messi Maayooskamugai, Barcelona Haaskamugai – Messi Barca dhookohlaafaanetha?

މެސީ މާޔޫސްކަމުގައި، ބާސާ ހާސްކަމުގައި – މެސީ ބާސާ ދޫކޮށްލާފާނޭތަ؟

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.