ލ.އަތޮޅު މާމެންދޫ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.
މި ޖުލައި މަހުގެ 28 ވަނަ ދުވަހުގެރޭ 22:45 ހާއިރު، އާންމުފަރާތަކުން ލ.މާމެންދޫ ޕޮލިސް ސްޓޭޝަނަށް ދިން މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި ހަރަކާތުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ސެލޯފިންކޮޅުތަކަކާއި ރަބަރު ހޮޅިކޮޅުތައް ހޯދާފައިވަނީ މާމެންދޫ އުތުރުފަރާތު އަތިރިމަތީގައި ފުޅިޔަކަށްލައި ރައްކާކޮށްފައި ވަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެފުޅި ބަލައިފާސްކުރިއިރު އެ ފުޅި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 78 ރަބަރު ހޮޅިކޮޅާއި 78 ސެލޯފިންކޮޅު ފެނިފައި ވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް މައްސަލައިގައި ތުޙުމަތު ކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެ އެވެ.