ހެލްތު މިނިސްޓަރުކަމުން އަބްދުﷲ އަމީން ވަކިކުރެއްވުމާ މެދު ގޮތެއް ނިންމަވާނީ އޮޑިޓް ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
“އޮޑިޓް ރިޕޯޓް ދިރާސާކޮށްފައި (ގޮތެއް) ނިންމާނީ. އަދި އޮޑިޓް ރިޕޯޓު ނުލިބޭ،” “އަދިވެސް” ނޫހަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
ކޯވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ހޯދުމުގައި މިނިސްޓްރީ އޮފް ހެލްތުން ކޮށްފައިވާ މަސައްކަތްތަކުގައި، އޮޅުވާލުމާއި މަކަރު ހަދައިފައިވާކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވައިިވާ ނެރުއްވި އޮޑިޓް ރިޕޯޓުގައި، ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 30 ޖޫން 2020 ގެ ނިޔަލަށް 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން ތިން ފަރާތަކާ ޙަވާލުކޮށްގެން ހިންގި މުއާމަލާތްތަކުގައި މަކަރާއި އޮޅުވާލުން ހިމެނޭކަން ފާހަގަކޮށް، އެކަމުގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން އަންގަވާފައިވެ އެވެ.
ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގަތުމަށް ކޮރަޕްޝަން ހިންގައިފައި ވަނީ:
1،213،665ރ. އަށް 4 އައިސީޔޫ ވެންޓިލޭޓަރު ގަތުމަށް ނާޑް ޕްރައިވެޓް ލިމިޓެޑަށް
14،445،700ރ. އަށް 50 އައިސީޔޫ ވެންޓިލޭޓަރު ގަތުމަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
7،031،541ރ. އަށް 20 އައިސީޔޫ ވެންޓިލޭޓަރު ގަތުމަށް ނާޑް ޕްރައިވެޓް ލިމިޓެޑަށް
34،502،250ރ. އަށް 65 އައިސީޔޫ ވެންޓިލޭޓު އަދި – 10 ޕޯޓަބަލް ވެންޓިލޭޓަރ ގަތުމަށް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) އަށް
ޓުއަރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމެޓީން ވަނީ ދިރާސާ ކުރަންވެސް ނިންމައިފައެވެ.
ޑުބާއީގެ ކުންފުނިން ވެންޓިލޭޓަރު ގެންނަނީ، އެ ތަނަކީ ޑަބްލިއު.އެޗް.އޯގެ ލަފާގެ މަތިން، ޑަބްލިއު.އެޗް.އޯ ރެކޮމެންޑް ކޮށްގެން ކަމަށް ތަކުރާރުކޮށް ހެލްތު މިނިސްޓްރީން ދިޔައީ ބުނަމުންނެވެ. އަދި އެގޮތަށް ރައްޔިތުންގެ މަޖިލީހަށާއި ފިނޭންސް މިނިސްޓްރީ އަށް ވެސް ވަނީ އަންގައިފަ އެވެ.
ނަމަވެސް ޑުބާއީގެ ކުންފުންޏަކީ ޑަބްލިއު.އެޗް.އޯގެ ރިކޮމެންޑެޑް ސަޕްލަޔަރެއް ނޫން ކަމަށާއި ޑަބްލިއު.އެޗް.އޯ އިން ޤަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ ފަރާތުން މިނިސްޓްރީ އޮފް ހެލްތާ ޙިއްޞާކޮށްފައިނުވާ ކަމަށް ޑަބްލިއު.އެޗް.އޯ އިން މަޢުލޫމާތު ދީފައިވާ ކަމަށް ވެސް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވާފައިވާ 27 ސަފުހާގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވެ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި މިނިސްޓަރު އަމީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކޮށްފަ އެވެ.