ހިލޭ ޑިގްރީގެ ފުރުޞަތު މިހާތަނަށް 6155 ދަރިވަރުންނަށް ދީފި

ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 6155 ދަރިވަރަކަށް ފުރުސަތު ދީފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމަށް ކުދިންގެ އަތުން ހޭދަވާ މިންވަރު މަދުކޮށް، ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

މިހާތަނަށް ޖުމްލަ 6155 ދަރިވަރަކަށް މި ޕްރޮގްރާމުގެ ތެރެއިން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމަށް މިހާތަނަށް 135،796،911.89 (ސަތޭކަ ތިރީސް ފަސް މިލިއަން ހަތް ސަތޭކަ ނުވަދިހަ ހަ ހާސް ނުވަ ސަތޭކަ އެގާރަ ރުފިޔާ އަށްޑިހަ ނުވަ ލާރި) ދައުލަތުން ޚަރަދުކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒުކުރަން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގައެވެ. އަދި 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނެވެ. މީގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވެގެންދިޔަކަން އެ މިނިސްޓްރީން ފާހަގަކުރައްވައެވެ.

މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ސްޓޫޑެންޓް ލޯނު ސްކީމާއި، ސްކޮލަރޝިޕް ފުރުޞަތުތަކުގެ ބައެއް ތަފާސް ހިސާބުތައް އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ސްޓޫޑެންޓް ލޯން ސްކީމް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 763 ދަރިވަރަކަށް އެ މިނިސްޓްރީން ވަނީ ލޯނު ދޫކޮށްފައެވެ. އަދި 272 ދަރިވަރަކަށް މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ފުރުޞަތުދީފައިވާކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މަތީ ތައުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ދޭ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމަށާއި ހިލޭ ފަސްޓް ޑިގްރީ އާއި ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 750 މިލިއަން ރުފިޔާ މިއަހަރު ފާސްކުރި ދަޢުލަތުގެ ބަޖެޓުގައިވަނީ ކަނޑައަޅާފައެވެ. މިއީ ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު މަތީ ތަޢުލީމަށް ސަރުކާރުން އެންމެ ބޮޑު ޚަރަދެއް ކުރާ އަހަރެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.