ސްޕެއިންގައި އުމުރުން 14 އަހަރުގައި ކައިވެނިކުރުން މަނާކޮށްފިއެވެ.
ސްޕެއިންގައި 14 އަހަރުގައި ކައިވެނިކުރުން މަނާކޮށް، ފަނޑިޔާރެއްގެ ޚާއްސަ ހުއްދައަކާއެކު އުމުރުން 16 އަހަރުގައި ކައިވެނި ކުރެވޭގޮތަށް ހަމަޖައްސައިފިއެވެ. އަދި މީގެ އިތުރުން ޖިންސީ ގުޅުން ހިންގަން ހުއްދަ ދީފައިވާ އުމުރުކަމުގައިވާ 13 އަހަރުން 14 އަހަރަށް ވަނީ ބަދަލު ކޮށްފައެވެ.
ސަޤާފަތަށް އައި ބަދަލާއެކު ސްޕެއިންގައި ހަގުއުމުރުގައި ކުރާ ކައިވެނީގެ ޢަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. 1975 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ހަމައަށް 16 އަހަރުން ދަށުގެ އުމުރެއްގައި 28000 ކައިވެނި ކުރެވުނު އިރު 2000 ވަނަ އަހަރުގެ ފަހުން ކުރެވިފައިވަނީ އެންމެ 365 ކައިވެންޏެވެ. އަދި މިދިޔަ އަހަރު މިއުމުރުގައި ކޮށްފައިވަނީ 10 އަކަށް ވުރެވެސް މަދު ކައިވެންޏެކެވެ.
ޔޫރަޕްގެ ގިނަ ޤައުމުތަކުގައި ކައިވެނި ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރު ކަމުގައި ވީ ނަމަވެސް، ޔޫރަޕްގެ އެންޑޮރާއާއި ޔޫކްރެއިންގައި އުމުރުން 14 އަހަރުގައި ކައިވެނިކުރެވޭއިރު އެސްޓޯނިއާގައި އުމުރުން 15 އަހަރުގައި ކައިވެނިކުރެވެއެވެ.