ސަރުކާރުން އެދުނު ގޮތަށް އެމްޑީޕީން ކަންކަން ކުރުމުން އޭގެ ބަދަލުގައި ސަރުކާރުން ކޮށްދޭން ބުނި ކަންކަން ތަންފީޒު ކުރުމަށް އެމްޑީން ސަރުކާރަށް ގޮވާލައިފި އެވެ.
އެ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި، އެ ޕާޓީން މިހާތަނަށް ސަރުކާރުގެ އެދުމުގެ މަތިން ކޮށްދީފައިވާ ކަންކަން ވަނީ ބަޔާން ކޮށްފަ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ މަޖިލީހުގައި ނެގިގެން ދިޔަ ވޯޓުތަކުގެ އިތުރުން އެމްޑީޕީން ކުރުމަށް ސަރުކާރުން އެދިވަޑައިގެންފައިވާ މައިގަނޑު ކަންކަމަކީ އެމްޑީޕީން ކުރިއަށް ގެންދާ މަގުމަތީ ހަރަކާތްތައް ކުރިއަށް ނުގެންދިއުމާއި، ރައީސް ނަޝީދުގެ ފަރާތްޕުޅުން އ.ދ.ގެ ވަރކިންގ ގްރޫޕް އޮން އާރބިޓަރީ ޑިޓޭންޝަންއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ސަރުކާރަށް ރައްދު ދީ ވާހަކަ ނުދެއްކުމާއި، ރައީސް ނަޝީދު ދޫކޮށްލުމުން އެމައްސަލަ އަނބުރާ ނެގުން ކަމަށެވެ. އަދި އެމް.ޑީ.ޕީ.އިން އެ ކަންކަމަށް އެއްބަސް ވި ކަމަށެވެ.
”ސަރުކާރުން އެދިވަޑައިގެން ކަންކަން އެމް.ޑީ.ޕީ.އިން މިދަނީ ހެޔޮނިޔަތުގައި ކުރަމުން، މިޕާޓީން ސަރުކާރަށް މިގޮވާލަނީ ސަރުކާރުން ކުރުމަށް އެއްބަސްވެވަޑައިގެން ކަންކަން ތަންފީޛުކުރަމަށް، ޚާއްޞަގޮތެއްގައި ތަޙްޤީޤު މަރުޙަލާގައާއި ޝަރުޢީ މަރުޙަލާގައި ހުރި 1700 އަށްވުރެ ގިނަ މީހުންގެ މައްސަލަތައް ޙައްލުކޮށްދިނުމަށާއި، މިޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެހެނިހެން ސިޔާސީ ލީޑަރުން މިނިވަންކުރުމަށާއި ޝަރުއީ ދާއިރާއަށް ގެންނަ ހުށަހަޅާފައިވާ އިޞްލާހުތަށް ގެނައުމަށް“ އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
ބޭރުގެ ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިއުމަށް އިންތިޒާމްކޮށްފައިވާ މިނިވަން ދުވަހުގެ އިޙްތިފާލުތައް ކުރިއަށް ގެންދަވާއިރު ސަރުކާރުން ކުރުމަށް މިޕާޓީއާއެކު އެއްބަސްވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރުމަށް މިޕާޓީން ގޮވާލާ ކަމަށްވެސް އެ ބަޔާނުގައި އެމްޑީޕީން ބުނެފައި ވެ އެވެ.
އެ ޕާޓިން ސަރުކާރުގެ އެދުމުގެ މަތިން ކޮށްފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ކަންކަން : –
- ޤާނޫނުއަސާސީއަށް ގެނެވުނު ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޢުމުރުކަނޑައެޅުމުގެ އިޞްލާޙް: ޝަރުޠުގެ އިޞްލާހާގުޅިގެން އެމްޑީޕީން ހުށަހެޅީ އެމަޤާމަށް ކުރިމަތިލެވޭ އެންމެ ހަގު ޢުމުރު 18 އަހަރަށް ތިރިކުރުމަށާއި އެންމެ ދޮށީ ޢުމުރުގެ ޝަރުޠު ނުބޭއްވުމަށް، ނަމަވެސް، މިޕާޓީ ބޭނުންވާގޮތް ދޫކޮށްލީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ޚާއްޞަ އެދިވަޑައިގަތުމަކަށް، އަދި އެމްޑީޕީން އެގޮތް ދޫކޮށްލައި، ސަރުކާރުން ހުށަހަޅާފައި އޮތްގޮތަށް ވޯޓު ދިނުމަށް 3 ލައިން ވިޕް ނެރުނު.
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙައްމަދު ޖަމީލު އަޙްމަދު އަޛުލުކުރުން: ނެގުނު ވޯޓާ ގުޅިގެން އެމަނިކުފާނު މަޤާމުން ދުރުކުރުމަށް ވޯޓު ދިނުމަށް 3 ލައިން ވިޕް އެމްޑީޕީން ނެރުނީ އެ ޕާޓީން ޤަބޫލުކުރާ ކަމަކަށްވެފައި، އެއީ އެމް.ޑީ.ޕީ.ގެ ހުށަހެޅުންތައް ބަލައިގަތުމަށް ސަރުކާރުން ކޮށްފައިއޮތް ޝަރުޠަކަށް ވާތީ.
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢައްޔަނުކުރުމުގެ ވޯޓާގުޅިގެން އެމަޤާމުގައި ބަހައްޓާނޭ ބޭފުޅަކު ކަނޑައެޅުން: މިކަމުގައި އެމްޑީޕީން އެހީތެރިވެދިނުމަށް ސަރުކާރުން އެދިވަޑައިގަންފައެއްނުވޭ، މިވޯޓާ ގުޅިގެން ޕާޓީގެ ވިސްނުމެއް އަދި ޕާޓީ ދެކޭ ގޮތެއް ކަނޑައަޅާފައެއް ނުވޭ، މިކަމުގައި ޕާޓީން ނެރިފައިވަނީ މަޖިލީހުގައި ވޯޓުދިނުމަށް ފްރީ ވިޕްލައިނެއް.
- ސަރުކާރުން ބޭނުންވެލައްވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ޤާނޫނުއަސާސީއަށް ހުށަހެޅުއްވި ބިމުގެ އިޞްލާޙު: އުޞޫލެއްގެ ގޮތުން، ބިންވެރިކުރުމާއި ބިން ގަނެ ވިއްކުމަކީ ކޮންމެ ސެންޓަރ ރައިޓް ޕާޓީއެއްގެ ސިޔާސަތުކަމަށް ވީނަމަވެސް މިމައްސަލައާ އެއްކޮޅަށް ވޯޓުދިނުމަށް ޕާޓީގެ ވިޕްލައިން ނެރިފައިނުވަނީ މިއިޞްލާޙުގެ ސަބަބުން އިންޑިއާ ކަނޑުގެ މަޞްލަޙަތު ހިފެއްހެއްޓުމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ ހައްލުތައް ލިބޭގޮތަށް ބިމުގެ އިޞްލާޙު ގެނައުމަށާއި އަދި ޝަރުޢީ ނިޒާމް އިޞްލާޙުކުރުމަށް ޤާނޫނުއަސާސީއަށް ގެންނަޖެހޭ ބަދަލުތަކާއެކު ނޫނީ ބިމާ ގުޅޭ އިޞްލާޙު ޤާނޫނުއަސާސީއަށް ނުގެނެއުމަށެވެ. ޝަރުޢީ ނިޒާމް އިޞްލާޙުކުރަން ޤާނޫނުއަސާސީއަށް ހުށަހަޅާ 24 އިޞްލާޙެއް އެމްޑީޕީން ވަނީ ސަރުކާރަށް ހުށަހަޅާފައި.