ގާނޫނު އަސާސީގެ ފޮނި މީރުކަން ހޯއްދަވައިދެއްވި ޒައީމަކީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުއްގައްޔޫމް

އިއްޔެއަކީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރިތާ 12 އަހަރު ފުރުނު ދުވަހެވެ. އެއީ ހެޔޮވެރިކަމުގެ ފެށުމެވެ. ޑިމޮކްރަޓިކް ރާއްޖެއަކަށް ދިވެހި ގައުމު ބަދަލުވި ތާރީހީ ދުވަހެވެ. ތާރީހީ އެ ދަތުރުގެ ފެށުމަކީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ އިސްނެންގެވުމެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ފުރުސަތު ހުޅުވާލުމާއި، ފާރަވެރިވާނެ މުއައްސަސާތައް ގާއިމްކުރުމަކީ ރައީސް މައުމޫންގެ ވިސްނުންފުޅެކެވެ. ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދީ، އިންސާފު ގާއިމްކޮށް ދިނުމަކީ އެމަނިކުފާނު ފެއްޓެވި މަސައްކަތްޕުޅެކެވެ. ދައުލަތުގެ ބާރުތައް ވަކިވެ، ފާރުވެރިވާނެ ނިޒާމުތަކެއް ގާއިމް ކުރެއްވުމުގެ ވިސްނުންފުޅު އުފަން ކުރެއްވީވެސް އެމަނިކުފާނެވެ. އެމަނިކުފާނު ވަނީ އެ ބަދަލުތައް ރާއްޖެއަށް ގެންނަވަން ފެއްޓެވުމުގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި އެ މަޝްވަރާތައް ކުރައްވާފައެވެ. ވަޒީރުންގެ މަޖިލީހުގައި އޭރު ތިއްބެވި ބޭފުޅުން އެކަމަށް ހެކިވާނެއެވެ. އެ އިސްލާހުތައް ގެނައުމަށް އެމަނިކުފާނު އިސްނެންގެވިކަމީ ފެންނަން އޮތް ހަގީގަތެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ ފާސްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހަށް ބަލާލި ނަމަވެސް، އިސްލާހީ މަސައްކަތުގެ ހަގީގީ ލީޑަރަކީ ރައީސް މައުމޫންކަން ޔަގީން ކުރެވެއެވެ. ގާނޫނު އަސާސީ ފާސްކުރި މަޖިލީހުގައި އޮތީ ރައީސް މައުމޫންގެ މެޖޯރިޓީއެވެ. އެ މަޖިލީހުގައި ތިއްބެވީ އެމަނިކުފާނުގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރައްވާ މެންބަރުންނެވެ. ގާނޫނު އަސާސީގައި ލިޔެފައިވާ ކޮންމެ އަކުރަކީ އަދި ރައްޔިތުންނަށް ކަށަވަރުކޮށްދިން ކޮންމެ ހައްގަކީ ރައީސް މައުމޫންގެ ސީދާ އިސްނެންގެވުމަށް ގެނެވުނު އިސްލާހުތަކެކެވެ. އިސްލާހީ ބަދަލުތަކާއި ރައީސް މައުމޫން ދެކޮޅު ހެއްދެވިނަމަ އެ ބަދަލުތައް ނުގެނެވުނީހެވެ.

ދިވެހިން މިހާރު ބަލައިގެންފައިވާ ގާނޫނު އަސާސީއަކީ ރައްޔިތުންނަށް ވަރަށް ގިނަ ހައްގުތައް ކަށަވަރުކޮށްދީފައިވާ ގާނޫނު އަސާސީއެކެވެ. ޑިމޮކްރަޓިކް މުއައްސަސާތައް ވުޖޫވެގެންދިޔައީ އެ ގާނޫނު އަސާސީގެ ދަށުންނެވެ. ތިން ބާރު ވަކިކުރެވި ދުނިޔެ ގަބޫލުކުރާ އެންމެ ޒަމާނީ ޑިމޮކްރަސީގެ ސިފަތައް ރާއްޖެއަށް ގެނައީ އެ ގާނޫނު އަސާސީންނެވެ.

ވާދަވެރިން ނުވަތަ ހަސަދަ ވެރިން ބޭނުންވަނީ އެ ހަގީގަތް ފޮރުވާށެވެ. ރާއްޖެއަށް އައި ހަގީގީ ބަދަލު އޮޅުވާލާށެވެ. ރައްޔިތުންނަށް ލިބުނު މިނިވަންކަމާއި ހައްގުތައް އެއީ އެހެން ބަޔަކު ކުރި މަސައްކަތަކުން ލިބުނު އެއްޗެއް ކަމަށް ދައްކާށެވެ. އެއީ އިސްލާހަށްޓަކައި ހަގީގީ މަސައްކަތް ކުރެއްވި ބޭފުޅުންނާއި ލީޑަރު އޮޅުވާލުމުގެ ބޭނުމުގައެވެ. ގާނޫނު އަސާސީއަކީ “ރައީސް މައުމޫނާ ދެކޮޅަށް ލިޔުނު ލިޔުމެއް” ކަމަށް ބައެއް ބޭފުޅުން ވިދާޅުވަނީ އެހެން ވެގެންނެވެ. އަދި އެއީ ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅަށް ކުރެވުނު މަސައްކަތެއް ކަމަށް ބުނެ ބުހުތާނު ދޮގު ހަދަނީ އެހެން ވެގެންނެވެ.

ރައްޔިތުންނަށް އޮޅުވާލުމަށް ރޯމާ ދުވާލު އެ ލީޑަރުން އެ ހައްދަވާ ބޮޑެތި ދޮގުތައް ރައްޔިތުންނަށް އެނގެއެވެ. ދިވެހިންނަށް ހައްގުތައް ކަށަވަރުކޮށްދިން ގާނޫނު އަސާސީ ވުޖޫދުވީ ރައީސް މައުމޫންގެ ލީޑާޝިޕްގައެވެ. އެ މަސައްކަތް ކުރުމުގައި މަޖިލީހުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ރައީސް މައުމޫނަށް ތާއީދު ކުރައްވާ މަޖިލީސް މެންބަރުންނެވެ. ގާނޫނު އަސާސީގައި ހައްގުތަކާއި މިނިވަންކަމުގެ މާއްދާތައް ހިމަނުއްވާ، މުހިންމު ހުރިހާ އިސްލާހުތަކެއް ހުށައެޅުއްވީވެސް އެ މެންބަރުންނެވެ. ގާނޫނު އަސާސީ ހާއްސަ މަޖިލީހުން ފާސްކުރެއްވުމަށް މެޖޯރިޓީ ވޯޓް ދެއްވީވެސް ރައީސް މައުމޫނުގެ ފިކުރާއި ވިސްނުމަށް ތާއީދުކުރައްވާ އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނެވެ.

އެހެން ކަމަށްވީއިރު ގާނޫނު އަސާސީއަކީ ރައީސް މައުމޫނާ ދެކޮޅަށް ބަޔަކު ލިޔުނު ލިޔުމެކޭ ބުނާނީ ކިހިނަކުން ހެއްޔެވެ. ހަސަދައިން ފޯވެފައިވާ ދުލަކުން އަދި ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކިތަންމެ ދޮގުތަކެއް ހެދި ނަމަވެސް ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. ރައްޔިތުންނަށް މިއަދު ހުރިހާ ހަގީގަތްތަކެއްވެސް ސާފެވެ. ދިވެހިންނަށް ހައްގުތައް ކަށަވަރުކޮށްދީ، ގާނޫނު އަސާސީގެ ފޮނި މީރުކަން ހޯއްދަވައިދެއްވި ޒައީމަކީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުއްގައްޔޫމެވެ.


‎ މިއީ އޮޕް-އެޑް ލިޔުމެކެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.