ސުވަރުގޭގައި ދަރަޖަ އުފުލިގެންދާ ސަވާބާއި ދަރުމަލިބޭ ވަރަށް ފަސޭހަ ކަމެއް ބުނެދެން ހެއްޔެވެ

އެންމެ ފުރަތަމަވެސް ސަވާބާއި ދަރުމައިގެން އުންމީދުގައި މި ލިޔުން ކިޔަން ފެށީތީ ޝުކުރު ދަންނަވަމެވެ. އަޅުގަނޑުމެންގެ ދުނިޔެވީ ހަޔާތަށް ނަޒަރު ހިންގާލަމާތޯއެވެ. ތިބާ ލޯބިވާ ނުވަތަ އަޅާލާ މީހުންނާއި ދޭތެރޭ ވިސްނޭވަރު ނުވަތަ އެ މީހުންމަތިން ހަނދާކުރާ މިންވަރު އެހެން މީހުންނަށް ވުރެ އިތުރެއް ނޫންހެއްޔެވެ. ޝައްކެތްވެސް ނެތެވެ. ވާނެއެވެ. ވިސްނާލާށެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ތިބާ ހައްދަވާ ތިބާ އަށް ގިނަގުނަ ނިޢުމަތްދެއްވިއެވެ. އިވުމާއި ފެނުމާއި މިހެންގޮސް ކިތައްމެ ކިތައްމެ ނިޢުމަތެކެވެ. އެކަލާގެ ތިބާދެކެވާ ލޯބި ތިބާ އަކަށް އިހްސާސްވެސް ނުކުރެވޭނެއެވެ. އެހެނަސް ދުނިޔެއަކީ އިމްތިހާނުގެ މަންޒިލެކެވެ. އެހެންކަމުން އިމްތިހާންތަކާއި ކުރިމަތިވާނެއެވެ. އަޅުގަނޑުމެންގެ ހަގީގީ އަދި އަބަދަށް ތިބޭނީ މަންޒިލަކީ ސުވަރުގެއެވެ. ސުވަރުގެ ހާސިލްކުރުމަށްޓަކައި ކުރެވިދާނެ ވަރަށް ފަސޭހަ ކަމެއް ދަންނަވާލާނަމަވެ.

އެއީ ﷲ ހަނދުމަކުރުމެވެ. އެކަލާގެ ޒިކުރު ކުރުމެވެ. އަޅުގަނޑުމެންނަށް ނިއުމަތެއްގެ ގޮތުގައި ކީރިތި ޤުރުއާން އެކަލާގެ ބާވާލެއްވިއެވެ. އެ ފޮތުގައި ވަނީ ﷲ ހަނދުމަކުރުމަށް އިންސާނާ އަށް އަންގަވާފައެވެ. ހަމަ ޔަގީނުންވެސް މާތްﷲ އެއީ ބޮޑުކަމެއްގެ ގޮތުގައި ސިފަކުރައްވާފައިވާ ކަމެއް ވާނީ ވަރަށް ބޮޑުކަމެއްގެ ގޮތުގައެވެ. އެކަލާގެ ވަހީ ކުރައްވާފައިވެއެވެ. (( وَلَذِكْرُ اللَّهِ أَكْبَرُ ))  العنكبوت:٤٥ ”….މާތް ﷲ ހަނދުމަކުރުމަކީ ބޮޑުވެގެންވާ ކަމެކެވެ….“  މި ބަސްފުޅުން އެކަނިވެސް މާތްﷲ ހަނދުމަކުރުމުގެ މާތްކަމާއި މުހިއްމުކަން ދޭހަވެއެވެ. އެހަނަސް ކީރިތި ގުރުއާނުގެ އެތައް އާޔަތެއްގައި ﷲ ހަނދުމަކުރުމަށް ވަނީ އަންގާފައެވެ. އަޅަމެންނަށް ހިދާޔަތެއްގެ ގޮތުގައި ފޮނުންވި މާތް ނަބިއްޔާ އަށް ވެސް ވަނީ ﷲ ހަނދުމަކުރެއްވުމަށް އިރުޝާދުދެއްވާފައެވެ.

(( وَاذْكُرْ رَبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآَصَالِ وَلَا تَكُنْ مِنَ الْغَافِلِينَ ))   الأعراف: ٢٠٥ ”ކަލޭގެފާނުންގެ ހިތްޕުޅުން، ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ ހަނދުމަކުރައްވާށެވެ. ކިޔަމަންތެރިވެ ބިރުވެތި ވުމުގެ ގޮތުގައެވެ. ބަސަބުނުމުގެ ތެރެއިން އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނުގެ ވަގުތުތަކާއި، ހަވީރުގެ ވަގުތު ތަކުގައެވެ. އަދި ޣާފިލުވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ނުވާށެވެ!“

އެހެންކަމުން ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށް ﷲ ހަނދުމަކުރުން ގިނަކުރާށެވެ. ވަކިން ޚާއްސަކޮށް ހެނދުނާއި ހަވީރުގެ ޒުކުރުތައް ކުރާށެވެ. އިންސާނާ ކަންކަމަށް ހިތްވަރުލިބޭ އެއް ގޮތަކީ އެކަމަކުން އޭނާއަށް ލިބޭނެ ފައިދާ އާއި މަންފާއަށް ބަލާފައެވެ. މާތް ﷲ ހަނދުމަކުރުމުން އިންސާނާ އަށް ލިބޭނީ ކޮންކަމެއްތޯ ކުރެވޭ ސުވާލުގެ ޖަވާބު ކިތައްމެހާވެސް ސާފެވެ. ސާދާއެވެ.

(( وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا )) الأحزاب: ٣٥ ”އަދި ގިނައިން މާތް ﷲ ރަސްކަންފުޅު ހަނދާންކޮށް ޒިކުރުކުރާ މީހުންގެ ފިރިހެނުންނާއި، އަންހެނުން، އެމީހުންނަށް މަތިވެރިވެގެންވާ ސަވާބާއި ފާފަފުއްސެވުން މާތް ﷲ ތައްޔާރުކުރައްވާފައި ވެއެވެ.“

އަޅުގަނޑުމެން ބޭނުންވަނީ ކޮންކަމެއްހެއްޔެވެ. މާތްﷲ ގެ ފުއްސެވުމާއި ރުއްސެވުން ނޫންހެއްޔެވެ. ﷲ ހަނދުމަކުރާ މީހުންނަށް މަތިވެރިވެގެންވާ ސަވާބު ދެއްވާނެ ވާހަކަ އެކަލާގެ ވަނީ ވަހީ ކުރައްވާފައެވެ. އަޅަމެންގެ ވެރި ރަސްކަލާގެ ވަޢުދާއި ޚިލާފުވެވޮޑިއެއްނުގަންނަވާނެއެވެ. ދުވާލެއްގެ މައްޗަށް އެތައް ފާފަ އެއް ކުރެވޭއިރު އެ ފާފަތައް ފުހެވޭނެ ގޮތެއް ބޭނުން ނުވޭ ހެއްޔެވެ. ބޭނުންވެއެވެ. ﷲ ހަނދުމަކޮށް، ޒިކުރުކުރާށެވެ.

ﷲ ތިބާ އަށް ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުކޮށް އެކަލާގެ އަށް ހަމްދާ ޝުކުރު ކުރުމަކީ ވެސް ޒިކުރުކުރުމެކެވެ. ހެނދުނާއި ހަވީރުގެ ޒިކުރުރައް ކުރުމަކީ ވެސް ޒިކުރުކުރުމެކެވެ. سُبْحَانَ ٱللَّٰهِ  ٱلْحَمْدُ لِلَّٰهِ   الله أكبر މިފަދަ ކަލިމަތައް ކިއުމަކީ ޒިކުރުކުރުމެވެ. މަގުމަތީ ހިނގާފައިދާއިރު އާއި ދުއްވާފައިދާއިރު އާއި ﷲ ހަނދުމަކުރާށެވެ. ފެރީ މަތީގައާއި ބަހުގައި ދާއިރު ﷲ އަށް ޒިކުރުކުރާށެވެ. މަސައްކަތުގައި އުޅޭއިރު ހިތުން ޒިކުރުކުރާށެވެ. މިއަދުން ފެށިގެން ހެނދުނާއި ހަވީރުގެ ޒިކުރު ކޮންމެ ދުވަހަކު ކިއުމަށް ވައުދުވާށެވެ. އާދަކުރާށެވެ.

އިރާދަކުރެއްވިއްޔާ މާދަމާ ﷲ ދަރުބާރުގައި ކޮޅަށް ތިބޭ ދުވަހު ތިބާއަށް އުފާވެރިކަމާއި ހިތަށް ފިނިކަމެއް ލިބޭނެއެވެ. ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން ގިނަގިނައިން ޒިކުރުކުރާ މީހުންނަށް ޚާއްސަކުރެވިފައިވާ ދޮރުކޮޅުން ސުވަރުގެއަށް ވަދެވޭނެ މީހުންކަމުގައި އަޅަމެން އެންމެން ލައްވާށި. އާމިން.

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.