ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ރަސްމީ ޗައިނާގެ ބެއިޖިންގ އަށް އަންގާރަ ދުވަހުގެރޭ ފުރާ ވަޑައިގެންފިއެވެ.
މިދަތުރުފުޅަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ، ޗައިނާ އެސޯސިއޭޝަން ފޮރ މިލިޓަރީ ސައިންސް (ކެމްސް) އިން އިންތިޒާމްކުރައްވައިގެން ބެއިޖިންގ ގައި މިމަހުގެ 20 އިން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ފަސް ވަނަ “ޒިއަންޝަން ފޯރަމް 2014″ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިއީ ކައުންޓަރ ޓެރަރިޒަމް، މެރިޓައިމް ސެކިއުރިޓީ އަދި ރީޖަނަލް ސެކިއުރިޓީ އާކިޓެކްޗަރ އާއި މިނޫންވެސް ސެކިއުރިޓީ އާ ގުޅޭ މުހިންމު ކަންތައްތަކާއި ގުޅޭގޮތުން ސަރަޙައްދީ ޤައުމުތަކުގެ ޑިފެންސް އަދި ސެކިއުރިޓީ ދާއިރާތަކުގެ ހައިޕްރޮފައިލް ބޭފުޅުންނާއި އެކްސްޕާރޓުންގެ މެދުގައި ޚިޔާލު ބަދަލުކޮށް މަޢުލޫމާތު ބަދަލުކުރުމަށްޓަކައި ބޭއްވޭ ފޯރަމެއް ކަމަށާއި މިދަތުރުފުޅުގައި ޗައިނާގެ މިނިސްޓަރ އޮފް ނޭޝަނަލް ޑިފެންސް، ޖެނެރަލް ޗެންގ ވެންގަން އާ ބައްދަލުކުރައްވައި، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ދިފާޢީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދިވެހިރާއްޖޭގެ އަސްކަރިއްޔާ ތަރައްޤީ ކުރުމުގައި ޗައިނާގެ އެހީތެރިކަން ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ވަފުދުތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި އެޤައުމުތަކުންވެސް ދިވެހި އަސްކަރިއްޔާއަށް ލިބެން ހުރި އެހީތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށާއި މީގެ އިތުރުން ޗައިނާގެ ވައިސް މިނިސްޓަރ އޮފް ނޭޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަން އާއި ބައްދަލުކުރައްވައި ޞިއްޙީ ދާއިރާއިން ރާއްޖެއަށް ލިބެން ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.