ކޯޓު ރޫމުގައި ޝަރީއަތުގެ މަޖިލީހުގައި ތިބި އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ޒާހިރާ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކާނެ ވަގުތަށެވެ. އޭރު ޒާހިރާގެ ދަރިފުޅު އުނައިސްގެ ގާތިލު ސަމީރުވެސް ފުރަގަހަށް ބިޑިއަޅުވައި ޝަރީއަތުގެ އެމަޖިލީހަށް ހާޟިރުކޮށްފައި އިނެވެ. ސަމީރުގެ މުސްކުޅި މަންމަ ނަފީސާވެސް އިނެވެ. އޭނާ އިނީ ރޮއެރޮއެ ހަލާކުވާ ވަރުވެފައެވެ. އެމީހުން އެމަޖިލުގައި އެތިބީ ސަމީރުގެ މައްޗަށް އިއްވޭނޭ މަރުގެ ޙުކުމްގެ އިންތިޒާރީގައެވެ.
މުޅި ކޯޓު ރޫމުގެ ތެރެއިންވެސް އިވެމުން ދިޔައީ ގިސްލުމުގެ އަޑެވެ. ޒާހިރާ އާއި އޭނާގެ އާއިލާގެ އެހެން މީހުންވެސް ތިބީ ހިތާމަޔާއި މޮޅީގެ ސާލެއް ލައިގެންނެވެ. ނަފީސާ އާއި އޭނާގެ ފިރިމީހާވެސް ތިބީ އިސްޖަހާލައިގެންނެވެ. ދަރިފުޅުގެ މައްޗަށް އިއްވޭ މަރުގެ ހުކުމް އަޑުއެހުން ނޫންގޮތެއް އެމީހުންނަކަށް ނެތެވެ. އެހެނީ މިއަދަކީ ހަމްދަރުދީ އާއި ކުލުނުގެ ދުވަހެއް ނޫނެވެ. ހައްޤަށްޓަކައި ނިޔާ ކަނޑައެޅުމުގެ ދުވަހެވެ.
ޒާހިރާއާއި ދިމާއަށް އިރު އިރު ކޮޅާ ނަފީސާ ބަލާލައެވެ. އޭނާގެ ދުވަސްވެ ރޫ ގިނަވެފައިވާ މޫނުން ފާޅުވަމުން ދަނީ ނިހާއީ ހިތާމައިގެ ކުލަތަކެވެ. އޭނާގެ އެބެލުމުގައި ވަނީ ރަހުމާއި ހަމްދަރުދީއަށް އެދި ކުރެވޭ އާދޭހެވެ. އޭނާގެ ދަރިފުޅަކީ ގާތިލަކަށް ވީނަމަވެސް އެދަރިފުޅު މަރައިލެވޭ މަންޒަރު ބަލާކަށް މައިލަގޮނޑިއަކަށް ކެތެއް ނުވާނެއެވެ. އެހެނީ ނުވަމަހާއި އެތަކެއް ދުވަހު ބަނޑުގައި އަޅައި އެދަރިފުޅު އުފަންކުރީ އޭނާ އެވެ. އެ އުނގުގައި އެދަރިފުޅު ބޮޑު ކުރީ އެއީ ގާތިލަކަށް ވާނެ ކަމުގައި ދެކިގެނެއް ނޫނެވެ. އެކަމަކު ސަމީރުގެ ތަޤުދީރުގައި ލިޔެވިގެން ވަނީ ޤާތިލެއްގެ ގޮތުގައި ދުނިޔޭން ވަކިވެދިޔުން ކަން އެނގޭ ނަމަ ޚުދު އޭނާގެ އަތުން އެދަރިފުޅު މަރާލީހެވެ.
ނަފީސާގެ ލޮލުން ފޭދެމުންދާ ކަރުނަތައް ޒާހިރާވެސް ދުއްޓެވެ. އެ އެންމެންވެސް އެއިންތިޒާރު ކުރަނީ އޭނާ އެދޭނެ ގޮތެއް ކޯޓުގައި ހާމަކުރުމަށް ކަން ޒާހިރާއަށް އެނގެއެވެ. އެހެނީ އޭނާގެ ދަރިފުޅު އުނައިސްގެ ވާރިޘެއްގެ ގޮތުގައި ދުނިޔޭގައި ހުރި ހަމައެކަނި މީހަކީ، އޭނާއެވެ. އުނައިސް މަރުވި ދުވަހު އެ ހިތާމައަށް ކެތް ނުކުރެވި ހިތްހުއްޓިގެން އުނައިސްގެ ބައްޕަ ވަހީދު ނިޔާވީއެވެ. ހިތާމައިގެ މައްޗަށް ހިތާމައެވެ.
ޒާހިރާގެ ހަމައެކަނި ހުރި ދަރިއަކީ އުނައިސް އެވެ. ވަހީދާއި ޒާހިރާގެ ކައިވެނީގެ 30 އަހަރުވީ ހަޔާތުގައި ހަމައެކަނި ފޮޅުނު މަލަކީ އެއީ އެވެ. އެދަރިފުޅަކީވެސް އެތައް ދުވަހަކު އެމީހުން ބޭސް ފަރުވާކޮށްގެން ލިބުނު ދަރިއެކެވެ. ދެން ދަރިއަކު ލިބޭނޭ ކަމުގެ އުންމީދު ކުޑަވެފައި ވާއިރު އަމުދުން އުމުރުން 45 އަހަރުން މަތިވެފައިވާ ޒާހިރާއަށް އެއުންމީދ މިހާރުވަނީ މުޅިން ގެއްލިފައެވެ. ވީއިރު އުނައިސް އަނިޔާވެރިއެއްގެ ޚަންޖަރުގައި ޝިކާރަވެ ދިޔުމަކީ ކެތް ކުރެވޭ ވަރުގެ ހިތާމައެއް ނޫނެވެ. އޭނާގެ މުޅި ދުނިޔެ ވަނީ ގެއްލިފައެވެ. ފައިސާ އާއި ތަނަވަސްކަން ލިބިފައި ވިޔަސް އެމީހުންގެ ދަރިފުޅު އަލުން ދުނިޔެއަށް ގެނައުމަކީ ނުވާނެ ކަމެކެވެ. ވީއިރު އޭނާގެ ދަރިފުޅާއި ފިރިމީހާ ގެއްލި ހަޔާތް ބަރުބާދު ކޮށްލި މީހާގެ ކިބައިން އޭނާ ބަދަލު ނުހިފަންވީ ކީއްވެ ހެއްޔެވެ؟ މިދުނިޔޭން އޭނާއަށް އެނޫނީ ދެން އޮންނާނީ ކޮން ހިތްހަމަ ޖެހުމެއް ހެއްޔެވެ؟
ޒާހިރާ ސަމީރުގެ މޫނަށް ބަލާލިއެވެ. އެމޫނުގައި ވަނީ މާޔޫސް ކަމެވެ. ތުނބުޅި ހުރީ ދިގުވެފައެވެ. އޭނާގެ ބޮލުގައި ފަގުޑި އޮޅާފައި ހުއްޓެވެ. އޭނާގެ ލޮލުން ކަރުނަ ފޭދެމުން ދިޔައިރު އޭނާގެ ތުންފަތް މަޑުމަޑުން ހަރަކާތް ކުރަމުން ދިޔައެވެ. ޒާހިރާ އަކީ މުޅި ޤުރުއާން ހިތުދަސް އަންހެނަކަށް ވުމާއި އެކު، ސަމީރުގެ ތުންފަތަށް ބަލަހައްޓައިގެން ހުރި އިރު އޭނާ ކިޔަވަމުން ދިޔައީ ޤުރުއާން ކަމާއި އެކިޔަވަނީ ކޮން ސޫރަތެއްގެ ކޮން އާޔަތެއްކަންވެސް ޒާހިރާއަށް އެނގުނެވެ. އެއާޔަތްތަކުގެ މާނަތައް ހަނދާނަށް އަންނަން ފެށުމާއި އެކު ޒާހިރާގެ ހިތުގައި އުފެދިގެން ދިޔައީ ރަހުމާއި ހަމްދަރުދީއެވެ. މީހަކު އޭނާގެ ކަންފަތް ބުޑުގައި ބުނި ކަހަލައެވެ. ﷲ ގެ ހަޟުރަތުގައި އޭނާ ތައުބާވުމަށް ފަހުގައި ތިބާގެ ހައްޤު ނުކަނޑާނަމު ހެއްޔެވެ؟
ޒާހިރާ ހެކިބަސްދޭ ކޮށިގަނޑުގެ ކައިރިއަށް އައުމަށް ގޮވާލެވުނީ އެހިނދުއެވެ. އޭނާއަށް ހީވީ އެހެން ދުނިޔެއްގައި ހުރެފައި އާދެވުނު ހެންނެވެ. މަޑު ފިޔަވަޅުތަކުގެ މަތީގައި ގޮސް އޭނާ އެތަނަށް ހުއްޓުނެވެ. މައްސަލަ ބައްލަވަން އިންނެވި ގާޟީ ޒާހިރާއާއި ސުވާލުކޮށްފިއެވެ. ސަމީރުގެ ކިބައިން ހިފަން ބޭނުމީ މަރަށް މަރުތޯއެވެ. ނުވަތަ މަރުގެ ދިޔަތޯއެވެ.
ޒާހިރާގެ ލޮލުގެ ކުރިމަތީގައި އެނބުރިގަތީ އޭނާގެ ދަރި ފުޅުގެ މޫނެވެ. އޭނާގެ އުފާވެރި މާޒީއެވެ. އޭނާގެ ފިރިމީހާ އާއި ދަރިފުޅާއި އެކު ހޭދަ ކުރި އުފާވެރި ދުވަސްތަކެވެ. އުނައިސް މަރުވި ރެއެވެ. އެރޭގެ ފަތިހު ވަހީދު މަރުވި ގޮތެވެ. އެހުރިހާ ހާދިސާއެއް މަންޒަރު އަވަސްކޮށްލާފައިވާ ފިލްމެއްހެން އޭނާގެ ކުރިމަތީގައި އެނބުރެމުން ދެއެވެ. ސަމީރު އުނައިސް އަށް ހަމަލާދިނީ އޭނާ ނިސްބަތްވާ ގޭންގާއި އެހެން ގޭންގަކާއި ދެމެދު ޖެހުނު މައްސަލައެއްގައެވެ. އުނައިސް އަކީ އޭނާ ހަމަލާދޭން ބޭނުންވި މީހާއެއް ނޫނެވެ. އެކަމަކު ރޭގެ އަނދިރީގައި އެމީހުން ހޯދަން އުޅުނު މީހާ ދުއްވާ ކަހަލަ ޖީއެން ސައިކަލެއްގައި އުނެއިސްއަށް ދުއްވާފައި ދިޔައިރު އެއީ އޭނާ ކަމުގައި ހީކޮށް އެމީހުން ހަމަލާދިނީއެވެ. ހަމަލާދިނީ މަރާލުމުގެ ގަސްދުގައި ނޫންކަށް ސަމީރު ކޯޓުގައި ބުނި ނަމަވެސް އުނައިސްގެ ފުރަގަހުން ބުރަކައްޓަށް ހަރާލާފައިވާ ވަޅި އޭނާގެ ފުއްޕާމޭ ފޫއަޅުވާލާފައި ވުމުން ފުރާނަ ސަލާމަތް ނުވީއެވެ.
ޒާހިރާ ވާހަކަފެށުމުގެ ކުރިން އޭނާ ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުގެ އިޒުނައަށް އެދުނެވެ. ގާޟީ އެހުއްދަ ދެއްވުމުން ޒާހިރާ ވާހަކަފެށިއެވެ.
”އިއްޒަތްތެރި ގާޟީއެވެ. މަރަށް މަރު ހިފުމަށް އެދުމަށް ވުރެ މިއަދު އަހަރެންގެ ހިތް އެދޭ ކަމެއް ނެތެވެ. އެކަމަކުވެސް ބުނަމަވެ. މަންމަ އަކީމެވެ. މައެއްގެ ހިތުގައި އަޅާވޭން އެންމެ ރަނގަޅަށް އެނގޭނީ މަޔަކަށެވެ. އަހަރެންގެ ދަރިފުޅާއި ފިރިމީހާ ވަކިވެ ދިޔައީ ކުއްލި ގޮތަކަށެވެ. އެކަމަކު ލޮލުގެ ކުރިމަތީގައި ދަރިއަކު އެމަރު ވަނީކަން އެނގޭ ހާލު ދަރިއަކު މަރުވާތަން ނުވަތަ މަރައިލެވޭތަން ދުށުމަކީ އެއްވެސް މަޔަކަށް ކުޅަދާނަ ވެގެންވާ ކަމެއް ނޫނެވެ. އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑަށް ރޭގައި ހުވަފެނުން ފެނުނެވެ. މަތިވެރި ނިއުމަތުގައި ހިތްހަމަޖެހުމުގައި ދިރިއުޅޭތީއެވެ. އޭނާ އަހަރެންނަށް ބުންޏެވެ. މަންމާ އެވެ. އަދި އެއްފަހަރު މަންމަގެ ދަރިއެއްގެ ގޮތުގައި އަހަރެން ދެއްވާނެ ފަދަ ހެޔޮކަމެއް ކުރާށެވެ.
އިއްޒަތްތެރި ޤާޟީއެވެ. އަޅުގަނޑު ބޭނުމީ މަރަށް މަރު ހިފަން ކަމުގައި ވާނަމަ އަދި ނުވަތަ މަރުގެ ދިޔަ ކަމުގައި ވާނަމަ، މިޝަރީއަތުގެ މަޖިލީހުން އެގޮތަށް ކަނޑައަޅާނެކަން ޝައްކެއް ނެތް މިންވަރަށް އެނގެއެވެ. އަޅުގަނޑުގެ އެދުމަށް އަޅުގަނޑުގެ ދަރިފުޅުގެ މަރުގެ ބަދަލުގައި އޭނާ މަރައިލެވިދާނެއެވެ. އެކަމަކު އޭނާ މަރައިލުމަކުން އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑަށް އަނބުރައެއް ނުލިބޭނެއެވެ. ފިރިމީހާއެއް އެނބުރިއެއް ނާންނާނެއެވެ. އެހެން ވާނެނަމަ އޭނާ މަރައިލާށޭ އަޅުގަނޑު ގަދައަޑުން ގޮވާނަމެވެ.
އެކަމަކު ބުނަމެވެ. ﷲ އަށްޓަކައި އަޅުގަނޑު އެހައްޤު ދޫކޮށްލައިފީއެމެވެ. މަރަށް މަރު ހިފުމެއްވެސް މަރުގެ ދިޔައެއްވެސް އަޅުގަނޑު ބޭނުމެއް ނޫނެވެ. އޭނާ މިތާނގައި އިނދެވެސް ތައުބާގެ އާޔަތްތައް ކިޔަވާތީ އަޅުގަނޑު ދެކެފީމެވެ. ﷲ ތަޢާލާ އޭނާއަށް ތައުބާ ލައްވަވާނެ ކަން ނުވަތަ ނޫންކަން އަޅުގަނޑަކަށް ނޭނގެއެވެ. އެކަމަކު އެނގޭ ކަމަކީ، އަޅުގަނޑު އޭނާއަށް މަޢާފްދީ ދޫކޮށްލުމަކުން އަޅުގަނޑަށް އުނިވާނެ އެއްޗެއް ނުވަތަ އިތުރުވާނެ އެއްޗެއް މިއަދު ނެތްކަމެވެ. އެހެނަސް އަޅުގަނޑު ފަދަ މައެއްގެ ހިތަށް ތަސައްލީއެއް ލިބޭނެ ކަން އެނގެއެވެ. މިޝަރީއަތުގެ މަޖިލީހުގައި ދެން އަޅުގަނޑު ބުނާނެ އެއްޗެއް ނެތެވެ. އަޅުގަނޑުގެ ދަރިފުޅުގެ މަރުގެ ބަދަލުގައި އޭނާ އާއި މެދު ނިޔާ ކަނޑައެޅުއްވުމަށް ﷲ އާއި ވަކީލުކޮށް އޭނާއަށް މަޢާފްދީފީމޭ ބުނުން ފިޔަވައެވެ“
ޒާހިރާގެ ވާހަކަ ހުއްޓާލި އިރު ހިތަށް ކުރި އަސަރަކުން ގާޟީވެސް އިނީ ފެންކަޅިވެފައެވެ. ގާޟީ ހުކުމް ކުރުން އެހެން ދުވަހަކަށް ފަސްކުރީ، އެ ޖަޒްބާތީ މާހައުލުގައި ކުރެވޭ ހުކުމްގައި ޚިލާފެއް އުފެދުނަ ނުދިނުމަށްޓަކައެވެ.
ޝަރީއަތުގެ މަޖިލިސް ނިންމާލުމުން، އެންމެން ނުކުމެއްޖެއެވެ. ޒާހިރާވެސް ގެއަށް ދިއުމަށްޓަކައި އެހެން މީހަކަށް މަޑު ކުރުމެއް ނެތި އަވަސް އަވަހަށް ޖަސްޓިސް ބިލްޑިންގ އިން ނުކުމެއްޖެއެވެ. އޭނާއަށް ހުއްޓެން މަޖުބޫރުވީ ފަހަތުން އައިސް ނަފީސާ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. އޭރު ސަމީރުވެސް ޖިޕަށް ލުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުން ކޯޓުން ނެރެނީއެވެ.
”ތިޔައީ އިންސާނެއް ގެ ސޫރައިގައި މާތް ﷲ މިބިމުގައި ލެއްވި މަލާއިކަތެއް ހެއްޔެވެ؟“ ޒާހިރާގެ އަތުގައި ހިފައި ގާތަށް ގެންނަމުން ނަފީސާ ބުންޏެވެ. އޭނާގެ ހިތް ވަނީ ޒާހިރާއަށްޓަކައި ޝުކުރުން ފުރިފައެވެ. އެހެނީ އޭނާގެ ދަރިފުޅު ތައުބާވެ އެނބުރި އައުމަށް ފުރުޞަތެއް ދިނަތީއެވެ. ސަމީރުގެ މައްޗަށް ދެން އިއްވާނީ އެމައްސަލައގައި ދައުލަތުން ކުރާ ދައުވާގެ ހުކުމެވެ. އެހެން ވެއްޖެ ނަމަ އެންމެ ގިނަ ދުވަހަށްވެސް ސަމީރު ޖަލުގައި ހުންނަންޖެހޭނީ ދިހަ ބާރަ އަހަރުގައި ކަން ނަފީސާއަށް އެނގެއެވެ.
ޒާހިރާ ހީލިއެވެ. އަދި ބުންޏެވެ. “ އަހަރެންނަކީވެސް މަޔަކީމެވެ. ނަފްރަތާއި ބަދަލު ހިފުމަށް ވުރެ މަޢާފްކޮށް ދޫކޮށްލިޔަސް މާރަނގަޅެވެ. އޭނާ ރަނގަޅު ހެޔޮލަފާ މީހެއްގެ ގޮތުގައި އައިނަމަ އަހަރެންގެ ގެއްލި ދިޔަ ދަރިފުޅުގެ މަޤާމުގައި އެގޮތުގައި ބަލައިގަންނާނަމެވެ.“
ޖިޕަށް އަރުވަން ގެންދިޔަ ސަމީރަށް ޒާހިރާ ބުނި އެޖުމުލަ އަޑު އިވުނެވެ. އެއާއި އެކު އޭނާއަށް ގިސް ލެވެން ފެށުމެވެ. އެއީ ކޮންފަދަ ހިއްވަރުގަދަ މާތް އިންސާނެއް ހެއްޔެވެ؟ އެހަމަލާ ދިނީ ސަމީރު ކޮންމެހެން އެކަން ކުރަން ބޭނުން ވެގެނެއް ނޫނެވެ. އެކަމަކު އޭނާ އާއި އެކު އެގޭންގުގައި އުޅޭ އެހެން މީހުން އޭނާ އަށް މަޖުބޫރުކޮށް ބިރު ދައްކައިގެންނެވެ. އެމީހުން އޭނާ ބޭނުން ކުރަނީ އެމީހުން ކުރަން ބޭނުންވާ ކުށްތައް ކުރުވަން ގެންގުޅޭ މީހެއްގެ ގޮތުގައެވެ. އޭނާއަށް އަނިޔާކޮށްގެންނާއި އާއިލާގެ މީހުންނަށް ގެއްލުން ދޭނެ ކަމުގައި ބުނެ ބިރު ދައްކައިގެންނެވެ.
ނަފީސާ ޒާހިރާގެ އަތުން އަތް ދޫކޮށްލުމާއި އެކު އޭނާ އަނބުރައިގަނެއްޖެއެވެ. ބިންމައްޗަށް ވެއްޓުމުގެ ކުރިން ޒާހިރާ ހިފެހެއްޓީވެސް ނަފީސާއެވެ. ޒާހިރާގެ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީވެސް ސަމީރާއި ނަފީސާގެ އާއިލާގެ އެންމެން އެކުގައެވެ. ޑޮކްޓަރުން ބަލާފައި ބުނީ މާގިނައިރު ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުން ވަރު ދެރަވީ ކަމުގައެވެ. މާބަނޑު އަންހެނުންނަށް ޚާއްސަކޮށް އެގޮތް ދިމާވުން ބޮޑު ކަމުގައެވެ.
ހުރިހާ އެންމެންނަށްވެސް ލިބުނީ ހައިރާންކަމެވެ. އޭނާގެ ފިރިމީހާ އާއި ދިރިފުޅު ނިޔާވިތާ ހަތަރު މަސްވީއިރު، ޒާހިރާގެ ބަނޑަށް ފަސް މަސްފުރިފައިވާ ކަމުގައި ޑޮކްޓަރުން ބުނުމުންނެވެ. ބަލާބެލުމަށް އޭނާގެ ހަށިގަނޑުން އެކަން ފާހަގަ ނުވަނީ އޭނާއަކީ ހަށިގަނޑުން ބޮޑު މީހަކަށް ވުމުންނެވެ.
ޒާހިރާ އުފަލުން ފުރުނެވެ. އޭނާ ކަލާނގެއަށް ހަމްދު ކުރިއެވެ. އަދި އޭނާގެ ބަނޑުގައި ވަނީ ފިރިހެން ދަރިއެއްކަމުގައި ލެއްވުން އެދި ދުޢާކުރިއެވެ. އަދި އެދަރިފުޅަށް އުނައިސްގެ ނަމުން ނަން ދިނުމަށް ހަމައެވަގުތު އަޒުމު ކަނޑައެޅިއެވެ.
—ނިމުނީ—-
One Response
Alhey hiy halaaku nuvee kiriyaa‘ haadahaavaa reechey