މާފަންނު މަދަރުސާ - މިއަދު ދިރާސީ އަހަރުގެ ކިޔެވުން ނިމުނު އިރު އެޑިއުކޭޝަން މިނިސްޓްރީ ން ބުނީ މިއީ ތައުލީމީ ގޮތުން ކާމިޔާބު އަހަރެއް ކަމަށް -- ދުވަސް ފޮޓޯ
މާފަންނު މަދަރުސާ - މިއަދު ދިރާސީ އަހަރުގެ ކިޔެވުން ނިމުނު އިރު އެޑިއުކޭޝަން މިނިސްޓްރީ ން ބުނީ މިއީ ތައުލީމީ ގޮތުން ކާމިޔާބު އަހަރެއް ކަމަށް -- ދުވަސް ފޮޓޯ

ދިރާސީ އަހަރުގެ ކިޔެވުން ނިމިއްޖެ

ދިރާސީ އަހަރުގެ ކިޔެވުން މިދައު ނިމިއްޖެ އެވެ.

މިއަދު ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ރިޕޯޓު ފޯމް ދޫކޮށްފައިވާއިރު މިއަހަރަކީ ތައުލީމީ ގޮތުން ކާމިޔާބު އަހަރެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ގަބޫލު ކުރެ އެވެ. އެ މިނިސްޓްރީން މިއަހަރުގެ ދިރާސީ އަހަރު ފެށީ 23  ކަމަަކަށް އަމާޒުކޮށްގެންނެވެ.

އޭގެ ތެރޭގައި އެންމެ ފާހަގަ ކުރެވެނީ އެއްވެސް ކުއްޖެއް ބާކީ ނުކޮށް ތައުލީމު ދިނުުގެ ސިޔާސަތެވެ. މި ސިޔާސަތުގެ ދަށުން ވަޒީފާގެ ތަމްރީނު ދެމުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދޭ ސްޓެޕް ޕްރޮގްރާމާއި  ހަތަރުވަނަ ސްޓްރީމެއްގެ ގޮތުގައި އެޑެކްސެލް ބީޓެކް ކޯސްތައް ތައާރަފް ކުރުމާއި ސްކޫލް ނިންމާ ދަރިވަރުން ވަޒީފާ އަށް އަހުލުވެރިކުރުމަށް ”ދަސްވާރު“ ނަމުގައި ޕްރޮގްރާމެއް ހިންގުމާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމު ލިބޭނެ މަގު ފަސޭހައިން ފަހިކޮށްދިނުމުގެ އިތުރުން ސްކޫލުތަކުގައި އަރަބި ތައުލީމު ކިޔަވައިދޭން ފަށައި ސްކޫލުތަކަށް ގުރުއާން ޓީޗަރުން ހަމަޖެއްސިފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ތައުލީމީ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މިއަހަރު ތެރޭގައިސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް 17 މިލިއަން ރުފިޔާ ހަރަދު ކުރެވުނު ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އޭގެ ތެރެއިން 1.5 މިލިޔަން ރުފިޔާ ހަރަދު ކުރެވިފައިވަނީ ސްކޫލްތަކުގެ ލެބޯޓްރީތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެ މިނިސްޓްރީން ބުންޏެވެ. ދެން ފައިސާ ހަރަދުކޮށްފައިވަނީ ސްކޫލްތަކުގެ ކްލާސް ރޫމްތައް ހެދުމަށާއި އަލުން އިމާރާތް ކުރުމަށެވެ.

މިއަހަރު އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުގައި މިނިސްޓރްީން ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އަންނަ ދިރާސި އާ އަހަރާއި އެކު އާ ގައުމީ މަނަހަޖަށް ކިޔަވައިދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައ ވުން ހިމެނުނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާ މަންހަޖަށް ކިޔަވައިދޭން ފެށުމުގެ ގޮތުން ޕްރިންސިޕަލުންނާއި ޓީޗަރުން މަންހަޖަށް އަހުލުވެރި ކުރުވާފައި އެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ބާއްވާފައި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އާދަމް ޝަރީފް ވިދާޅުވީ އާ މަންހަޖަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަމުގެ ތެރެއިން މިހާރު ކުރަންޖެހެނީ ޓެކްސް ފޮތްތައް ޗާޕްކުރުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތްވެސް މިހާރުވަނީ ނިމުމުގެ މަރުހަލާގައި ކަމަށެވެ. އަންނަ އަހަރު ގްރޭޑް އެކަކުން ފެށިގެން ތިނެއްގެ ކުދިންގެ ޓެކްސްޓް ފޮތްތައް ބަދަލު ވާނެ އެވެ. އަދި 2017 ވަނަ އަހަރަށް ހުރިހާ ގްރޭޑެއްގެ ޓެކްސްޓް ފޮތްތައް ބަދަލު ކުރެވޭނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އަންނަ ދިރާސީ އާ އަހަރު އަމަލު ކުރަން ފަށާ އާ މަންހަޖަށް ފުރަތަމަ ކިޔަވައިދޭނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް އަށަކާއި ހަމައަށެވެ. މި މަންހަޖުގެ ދަށުން ގިނަ ވަގުތު ކްލާހުގައި ތިބުމުގެ ބަދަލު މަސަކަތްތައް ދަސްކޮށްދިނުމާއި ތަފާތު އެހެން މާއްދާތައް އިތުރު ކުރެވިފައިވާނެކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން އަންނަ ދިރާސީ އަހަރާއި އެކު ޒަމާނުންސުރެ ރާޢްޖޭގައި ސްކޫލް ޔުނިފޯމްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ޔުނިފޯމް ބައެއް ސްކޫލްތަކުގައި ބަދަލު ކުރުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން މާލޭގެ ބައެއް ސްކޫލްތަކާއި އަތޮޅުތެރޭގެ ސްކޫލްތަކުގައިވެސް ޔުނިފޯމް ބަދަލު ކުރުމަށް ވަނީ ނިންމާފައި އެވެ.

އަންނަ އަހަަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 11، 2015 ގައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *