ކުނި އުކާލުމުގެ ބަދަލުގައި 40 އަހަރު ވަންދެން ގޭގައި ކުނި ރައްކާކޮށްގެން އުޅުނު އިނގިރޭސިވިލާތުގެ ރައްޔިތަކު ހައްޔަރުކޮށް އެގޭގައި ޖަމާވެފައިހުރި 144 ޓަނުގެ ކުނި ލޯކަލް ކައުންސިލުން ސާފުކޮށްފި އެވެ.
ކައުންސިލުން ބުނީ އެ ގެ ސާފުކުރުމުގައި 6 މީހުންގެ ޓީމަކުން މަސައްކަތްކޮށްފައިވާކަމަށާއި އެގެ ކުނިތައް ނަގާ ސާފު ކުރެވުނީ 1 މަސްދުވަހުން ކަމަށެވެ. އެގޭގައި ދިރިއުޅެމުންދިޔަ މީހާއަށް މިހާރު އުމުރުން 70 އަހަރުވެފައިވާއިރު އެގޭގައި އޭނާ އެކަނި ދިރިއުޅޭތާ 40 އަށްވުރެ ގިނަ އަހަރުވެދާނެ ކަމަށް އަވަށްޓެރިން ބުނެއެވެ.
އެގޭގައި އެހާގިނަ ކުނި ހުރިކަން ކައުންސިލަށް އެނގުނީ އެގެއަށް މިދާތަކެއް ކޮންމެ ދުވަހަކު ވަންނަ މަންޒަރު ފެންނާތީ އެކަން އަވަށްޓެރިއަކު ކައުންސިލަށް ރިޕޯޓް ކުރުމުންނެވެ.
”އެމީހާއާ ކޮންމެ ދުވަހަކުވެސް ދިމާވޭ، އަބަދު ހުންނާނީ ވަރަށް ރީތިކޮށް، ޑީސެންޓްކޮށް ހެދުން އަޅާފައި އެކަހަލަކަމެއް ކުރާނެ ހެން ހަމަ ހީވެސްނުވޭ“ ނޫހަކަށް މައުލޫމާތު ދެމުން އަވަށްޓެރިއަކު ބުނެފައިވެއެވެ.
ގޭގެ ބައެއް ކޮޓަރިތަކުގައި ސީލިންގާ ޖެހެންދެން ކުނި ހުރިއިރު ވައިބޭރުނުވާހެން މުޅިގެ އެއްކޮށް ބައްދާފައިވާކަމަށް ކައުންސިލުން ބުނެ އެވެ. އެގޭގައި 40 އަހަރަށްވުރެ ގިނަ ދުވަހުގެ ކުނި ހުންނާނެ ކަމަށް ގޭގައި އުޅުނު މީހާ ބުނާކަމަށްވެސް ކައުންސިލުން ބުނެ އެވެ.