ރާއްޖެއަށް އެނބުރި ވަޑައިގަންނަވާ އުމުރާވެރިންނާއި އެބޭފުޅުންގެ އާއިލާތަކާއި އާންމުން ”މާރސް ކޮރޯނާވައިރަސް“ ރޯގާއިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެ އޭޖެންސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އުމުރާ ކުރެއްވުމަށްފަހު އެނބުރިވަޑައިގަންނަވާތާ 14 ދުވަސްތެރޭގައި ހުން އައިސް ކެއްސާ އަދި ނޭވާލުމަށް އުނދަގޫވާފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކުރައްވައި، އުމމްރާވެރިންނަށް ހާއްސަކުރެވިފައިވާ ފުލޫ ކުލިނިކުތަކަށް ވަޑައިގެން ޑޮކްޓަރެއްގެ ލަފާ ހޯއްދެވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި އުމްރާއަށް ވަޑައިގެންނެވިކަމުގެ މައުލޫމާތު ޑޮކްޓަރާ ހިއްސާ ކުރެއްވުން ވަރަށް މުހިއްމު ކަމަށާއި މިގޮތަށް އިލްތިމާސްކުރެވޭ ސަބަބަކަށްވަނީ ބަލިތަކުން އާންމުން ރައްކާތެރިކުރުމާއި ބަލި ފެތުރޭ މިންވަރު ކުޑަކުރުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ހައްޖާއި އުމްރާގެ އަޅުކަމުން އެނބުރިވަޑައިގަންނަވާ ފަރާތްތަކަށް ހާއްސަ ފްލޫ ކުލިނިކްތައް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، އަދި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ހެލްތު މިނިސްޓްރީން ވަނީ ގާއިމް ކޮށްފަ އެވެ.