މިއަދު ރާއްޖޭގައި ޢަމަލުކުރަންފެށި އައު ޤާނޫނުލްޢުޤޫބާތަކީ އޭގެ ސަބަބުން ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭނެ ޤާނޫނަކަށް ވާނެކަމަށް ޤަބޫލު ކުރެވޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ވިދާޅުވެފައިވަނީ މިއަދު ޢަމަލުކުރަން ފަށާ ޤާނޫނުލްޢުޤޫބާތުގެ ސަބަބުން މައްސަލަތަކުގެ ތަޙުޤީޤު މަރުޙަލާ އަވަސްވެ ޕްރޮސެކިއުޓް ކުރުމުގެ މަރުޙަލާ އާއި ޝަރުޢީ މަރުޙަލާވެސް އަވަސްވުމަށް މި ޤާނޫނުން ބޮޑެތި ފުރުޞަތުތަކެއް ލިބިދީފައިވުމަކީ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ސަބަބެއް ކަމަށެވެ. ހަމަ އެއާއެކު ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަތަކުގެ ޝަރީޢަތް ކުރިޔަށް ނުގެންދެވި ޙުކުމެއް ނައިސް ދުވަސްތަކެއް ފާއިތުވުމަށްފަހު އެމައްސަލަތައް ފެންމަތިވެ ޙުކުމަކާ ހަމައަށް ދިއުމަށް އޮތް ފުރުޞަތު މި ޤާނޫނުގެ ދަށުން ނެތިގެންދިއުމަކީވެސް ލިބިގެންދާނެ ހިތްހަމަޖެހުމެއް ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
”ރާއްޖޭގައި ކުށުގެ ވެށި ބޮޑުވަމުންދާއިރު އަލަށް ޢަމަލުކުރަން ފަށާ މިޤާނޫނާއެކު ކުށުގެ ވެއްޓަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައިސް ކުށުގެ މާޙައުލުގައި އުޅޭ ޒުވާނުންނާއި ފުރާވަރުގެ ކުދިންނާއި އެހެނިހެން ޢުމުރުގެ މީހުންވެސް ކުށުން ދުރުވެ ޒިންމާދާރު ރައްވެއްސެއްގެ ގޮތުގައި ދެމިހުރުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލު ކުރެވޭ، ކުށަށް އެކަށީގެންވާ އަދަބު ކަނޑައެޅިގެންދިއުމާ ދިފާޢުވުމުގެ ފުރުޞަތު ބޮޑުވެގެން ދިއުމުގެ ފުރުޞަތު މިޤާނޫނުން ލިބިދީފައި ވުމީވެސް އެދެވޭ ހެޔޮ ބަދަލެއް ކަމަށް ޤަބޫލު ކުރެވޭ“ ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ޤާނޫނުލްޢުޤޫބާތަށް މިއަދު ޢަމަލުކުރަން ފަށާއިރު އެކަމަށްޓަކައި ފުލުހުން ވާންޖެހޭ ތައްޔާރީތައް އެންމެ ފުރިހަމަ ގޮތުގައި ވެފައި ވާކަމަށެވެ. ޤާނޫނަށް ހިޖުރަކުރާއިރު ބޭނުންވާ ތަމްރީނުތައް ފުލުހުންނަށް މިވަނީ ދެވިފައި ކަމަށެވެ. އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ހައްޔަރަށް ގެނެވޭ މީހުންނާމެދު މިޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބޭނުންވާ ކަންކަން ފުލުހުންގެ މުއައްސަސާގައި ވަނީ ޤާއިމް ކުރެވިފައި ކަމަށެވެ. މިއީވެސް މި ޤާނޫނުގެ ސަބަބުން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވައިދޭނެ ކަމެއްކަމަށް ޤަބޫލު ކުރާ ކަމަށާއި ރާއްޖޭގައި ހިނގާ ޖިނާޢީ ކުށްތައް ބަލައި ތަޙުޤީޤު ކުރުމުގެ އެންމެ އިސްދައުރެއް އަދާކުރާ ފަރާތްތައް މިކަމަށް ވާންޖެހޭ ތައްޔާރީތައް ވުން ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި މީގެ އިތުރުން މިކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ޤާއިމް ކުރަންޖެހޭ ގުޅުންތައް ޤާއިމްކުރެވި ނަތީޖާ ޙާޞިލްކުރުމަށް ކުރަންޖެހޭ ތައްޔާރީތައް ފުލުހުން ވަނީ ވެފައި ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
”އައު ޤާނޫނުލްޢުޤޫބާތަކީ އެތައް ދުވަހެއްގެ ބުރަ މަސައްކަތާއެކު ވުޖޫދުވި ޤާނޫނަކަށްވީއިރު މިޤާނޫނުން ރައްޔިތުންނަށް ލިބިދޭންޖެހޭ ހިތްހަމަޖެހުމާއި ފޮނި މީރުކަން ހޯދައިދީ ރާއްޖޭގައި ޖިނާޢީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް، ކުށުގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމަށް ތަޙުޤީޤީ އިދާރާ ތަކަށާއި ޕްރޮސެކިއުޓަރުންނަށާއި ޝަރުޢީ ދާއިރާއަށް ފުރިހަމަ އެއްބާރުލުމެއް ދިނުމަކީ މުހިއްމު ކަމެއް، ދައުލަތުގެ ހުރިހާ މުއައްސަސާތަކާ މަދަނީ ޖަމްޢިއްޔާތަކާ ޖަމާޢަތްތަކާ ރައްޔިތުން ގުޅިގެން ކުރެވޭ އިޚްލާޞްތެރި މަސައްކަތުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެ ކަމީ ޝައްކެއްވެސް އޮތްކަމެއް ނޫން، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ދެމިތިބި ލޮބުވެތި ދިވެހިންނަށް ހިތްހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމާއެކު މިނިވަން މި ދިވެހި ފަސްގަނޑުގައި އުފާ ފާގަތިކަން މަތީ ދެމިތިބެވޭނީ ޤާނޫނަށް ބޯލަނބައި ޤާނޫނުގެ ޙުކޫމަތު ދެމެހެއްޓުމަށް ގުޅިގެން ކުރެވޭ އިޚްލާޞްތެރި މަސައްކަތްތަކުން“ ސީޕީ ވިދާޅުވި އެވެ.
ސީޕީ އިތުރަށް ވިދާޅުވީ މާތްﷲ އަޅުގަނޑުމެން މިއަދު ޢަމަލު މިފެށި ޤާނޫނުލްޢުޤޫބާތުން ލިބިދޭންޖެހޭ ރައްކާތެރިކަމާ ފޮނި މީރުކަން ލިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވުން އެދޭ ކަމަށެވެ. އަދި ރާއްޖޭގައި އަލަށް އެކުލަވާލި އައު ޤާނޫނުލް ޢުޤޫބާތަށް ޢަމަލުކުރަންފެށި ތާރީޚީ މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު އަރިސްކުރާ ކަމަށެވެ.