ކޮންމެ އަހަރެއްގެ ބަޖެޓާއި އެކު ޓެކްސް ރޭޓާއި އިމްޕޯޓު ޑިއުޓީ ބޮޑު ކުރުމަކީ ވިޔަފާރިތަކަށް ގެއްލުން ލިބޭނެ ކަމެއްކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭއިން ދެކޭގޮތް ހާމަކޮށް އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ކޮންމެ އަހަރެއްގެ ބަޖެޓާއި އެކު އާ ޓެކްސްއެއް ނުވަތަ ޑިއުޓީ ބޮޑު ކުރަން ހުށަހެޅުމަކީ ވިޔަފާރިތަކަށް ބުރޫއަރާ ވިޔަފާރިތައް ޕްލޭން ކުރުމަށް އުނދަގޫވާނެ ކަމެއްކަމަށެވެ. އެމްއެމްއޭއިން ބުނީ، އިތުރު ޓެކްސްއެއް ނަގާނަމަ ތިން އަހަރުގެ މުއްދަތެއް ދިނުމަށް ފަހު ނޫނީ ބަދަލު ނުގެނައުމަށް އިލްތިމާސް ކުރާކަމަށެވެ.
ބަޖެޓަށް ގެންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން އެމްއެމްއޭއިން ބުނެފައިވަނީ ބަޖެޓު ހުށަހަޅާފަހުން ސިޔާސަތައް ބަދަލު ގެންނަން ޖެހިއްޖެ ނަމަ ހުށަހަޅާފައިވާ މިންވަރަށް އަހަރުތެރޭގައި އާމްދަނީ ލިބޭނެ ފަދަ ގޮތަކަށް ސިޔަސަތު ބައްޓަން ކުރަންޖެހޭ ކަމަށެވެ. މަޝްރޫތައް ފެށުމަށް ބޭނުންވާ ފައިސާ ހަމަޖެހުމުން ނޫނީ ނުފެށުމަށް ވަނީ އިލްތިމާސް ކޮށްފައި އެވެ.
އެމްއެމްއޭއިން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ވިސްނުމަށް އެދިފައި އެވެ. އަދި ސަބްސިޑި ދިނުމުގައި އެ ހައްގުވާ މީހުންނަށް ނޫން އެއްވެސް ބަޔަކަށް ސަބްސިޑީ ނުދެވޭކަން ޔަގީން ކުރުމަށް އެދިފައި ވެއެވެ.
އެމްއެމްއޭއިން ބުނީ 2015 ވަނަ އަހަރަށޤ ހުށަހަޅާފައިވާ ބަޖެޓަކީ އޭގެ ކުރީ އަހަރަށް ވުރެ ރަނގަޅު ބަޖެޓެއް ނަމަވެސް ބަޖެޓުގައި ހިމަނާފައިވާ ހަރަދުތައް އިތުރު ނުކޮށް ހުށަހަޅާފައިވާ ގޮތަށް އާމްދަނީ ހޯދޭތޯ ބަލަންޖެހޭ ކަމަށެވެ.