ސަރުކާރާއި އެމްޑީޕީގެ މަޝްވަރާތައް ކުރިއަށްދާއިރު މަޝްވަރާގެ އަމާޒަކީ ސިޔާސީ މަސްރަހު ފިނިކޮށް ޖުލައި 26 ގައި އެމްޑީޕީއާއި ސަރުކާރު އުފާވެރި ރަނގަޅު މާހައުލެއްގައި ތިބުން ކަމަށް އެމްޑީޕީގެ ފަރާތުން މަޝްވަރާގައި ބައިވެރިވާ މަންދޫބު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ މަޝްވަރާތަކުގެ ތިންވަނަ ބައްދަލުވުން ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އިބޫ ވިދާޅުވީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިބޫއާއި ދެމެދު ހޮޓްލައިނެއް ގާއިމް ކުރެވިފައިވާއިރު ސިޔާސީ މަސްރަހުގައި ދެން ފެނިގެންދާނީ ވަރަށް ފިނިކޮށް މަސައްކަތް ކުރާތަން ކަމަށެވެ.
”މިރޭވެސް މަޝްވަރާކުރީ ޓޯކްސްތައް ކުރިއަށްގެންދިއުމަށް ހަމަޖައްސަންޖެހޭ މާހައުލު ފިނިކުރުމާމެދު، ދެ ފަރާތަށްވެސް ވަރަށް ޔަގީންކަން އެބައޮތް ކަންކަން ހައްލު ކުރެވޭނެ ކަމުގެ،ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން މިރޭވެސް ލިބިގެން ދިޔަ، ފިނިކޮށް އޮތުމަށްޓަކައި ސަރުކާރުން އެމްޑީޕީއަށް އެމްޑީން ސަރުކާރަށް އެދޭ ކަންތައްތަކުގެ ވާހަކަ މަޝްވަރާ ކުރެވުނު، އެއްބަސްވުމަކަށް އާދެވި ، ސިޔާސީ މަސްރަހު ދެން ފެނިގެން ދާނީ ވަރަށް ފިނި މާހައުލެއްގަ މަސައްކަތް ކުރާތަން“ އިބޫ ވިދާޅުވި އެވެ.
ސަރުކާރުގެ މަންދޫބު، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިރޭގެ މަޝްވަރާތަކުގައި އެމްޑީޕީއާއި ސަރުކާރާ ދެމެދު ހޮޓްލައިނެއް ގާއިމް ކުރެވިފައިވާކަމަށެވެ. އެގޮތުން އިބޫއާއި އުމަރާ ދެބޭފުޅުންވެސް ހަމަ ގުޅާލީމަ ވަގުތުން ޖަވާބުދޭނެ ކަމަށާއި ސްލޯ އެންޑް ސްޓެޑީކޮށް މަޝްވަރާތއް ކުރިއަށް ގެންގޮސް މަޝްވަރާތައް ކާމިޔާބު ކުރެވޭނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
ބަންދުގެ ލުޔެއް ހޯދުމަށް އެމްޑީޕީން ސަރުކާރަށް 1400 އަށްވުރެ ގިނަ މީހުންގެ ނަން ހިމެނޭ ލިސްޓެއް ހުށަހަޅާފައިވާއިރު ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ އެ ލިސްޓް ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުދި ސިޔާސީ ކުށްތަކަށް ބަޔަކަށް އަދަބު ދިނުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެއްވެސް ބޭފުޅެއްގެ ބަންދަށް ލުޔެއް ސަރުކާރުން ދީފާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އުމަރު ވިދާޅުވީ އެއްބަސްވެވިފައި އޮތީ އެއްބަޔަކު އަނެއް ބަޔަކަށް ޑެޑްލައިނެއް ކަނޑަނާޅާ ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ޑެޑްލައިނެއް ކަނޑައަޅަންޖާ، ފިއްތައިގެން ނަތީނާ ނެރެން އުނދަގޫ ވާނެކަމަށްވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
ތަފްސީލް އަންނަނީ …