އިސްރާއީލް އިން އެއްވެސް ދައުވާއެއްކުރުމެއްނެތި ޖަލައްލާފައި ހުރ ފަލަސްތީނުގެ ގައިދީއަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލުކޮށްގެން މިނިވަންވެއްޖެއެވެ.
އުމުރުން 37 އަހަރުގެ ޙަދަރް އަދްނާން އެއްވެސް ދައުވާއެއް އުފުލުމެއްނެތި އަދި އެއްވެސް ޟަރީއަތެއްބޭއްވުމެއްނެތި ޖަލައް ލާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގައެވެ. 55 ދުވަހަށް ދެމިގެން ދިޔަ މި ބަނޑުހައިހޫނުކަމުގެ ހަޅުތާލު އަދްނާން ފެށީ މިއަހަރުގެ އޭޕްރިލް މަހުގައެވެ.
މިއީ އަދްނާން މިގޮތަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި ދެވަނަފަހަރެވެ. މީގެ ކުރިން 2013 ވަނަ އަހަރު ވަނީ 66 ދުވަހަށް ދެމިގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްކޮށްފައެވެ. 10 ފަހަރެއްގެ މަތިން މުއްދަތުޖަހައިގެން އަދްނާން ވަނީ އޭނާގެ އުމުރުން ހަ އަހަރު ޖަލުގައި ހޭދަކޮށްފައެވެ. އަދްނާން ދޫކޮއްލަންޖެހުނީ އޭނަގެ ފުރާނައަށް ނުރައްކާވާންފެށުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކުރަމުންދިޔަ ފިއްތުންތަކުގެ ސަބަބުން ”އިތުރު ގޮތެއް ނެތުމުން“ އެވެ. އިސްރާއީލްއިން ވަނީ ދެން އަދްނާން ހައްޔަރު ނުކުރަން އެއްބަސްވެފައެވެ.
ކޮންމެ ހަމަހަކުން މުއްދަތުޖަހައިގެން ވަކި ދިގުމިނެއް ނޯންނަގޮތައް ”އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން“ ގެ ދަށުން އިސްރާއީލްއިން ފަލަސްތީންގެ ރައްޔިތުން ހިފާ ހައްޔަރުކޮށްގެން ގެންގުޅެއެވެ. އަންދާޒާކުރެވިފައިވާގޮތުގައި މިގޮތައް އިސްރާއީލްގެ ޖަލުތަކުގައި 426 ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށްފައި އެބަތިއްބެވެ.