ކުރުވާހަކަ – ނިކަގަސް

ސްކޫލުގެ ގޭޓުން ވަތް ގޮތަށް ވެސް އަހަރެންނަށް ބަލާލެވުނީ ގޯތިތެރޭގައި ހުރި މާސިންގާ ނިކަ ގަހަށެވެ. އެގަސްވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. މޫތައްވަނީ ދަމާލާފައެވެ. ގަހުގެ ބިޔަކަމާއި ބޮޑުކަން ފެނިފައިވެސް މީހެއްގެ ހިތަށް ވަސްވާސް ނުވަންނަ ވަރެއް ނޫނެވެ.

 އެއީ މިރަށުގައި ހުރި އެންމެ ދުވަސްވީ ގަހެވެ. އެގަސް ނެތް ހަނދާނެއް ހުރި މީހަކު މިހާރަކު ދުނިޔެއަކު ނެތެވެ. އަދި އެގަހުގެ އުމުރުންވީ ދުވަހެއް ބުނަން އެނގޭމީހަކުވެސް ނެތެވެ. އެގަހާއި ބެހޭގޮތުން އެގްރިކަލްޗަރު މިނިސްޓްރީން ބުނެފައިވަނީ އެގަހުގެ އުމުރުން އެއްހާސް އަހަރާއި ގާތްކުރާނެ ކަމަށެވެ. އެކަމަކު އެއީވެސް ލަފާކުރެވޭ ގޮތެވެ. ދިރާސާކޮށް ބަލައިފިއްޔާ އެއަށްވުރެވެސް ގިނަ ދުވަސް ވެދާނެއެވެ.

ސްކޫލު ހޯލުގެ އެސެމްބްލީ އޭރިޔާއަށް ހިޔާއަޅައިދެނީ އެގަހުންނެވެ. ސްކޫލުގެ ގިނަ ބައްދަލުވުންތައް ބޭއްވެނީ އެގަހުގެ ހިޔަލުގައެވެ. އެހެން ކަމުން އެގަސްވެފައިވަނީ ސްކޫލުގެ ކޮންމެ ހަރަކާތެއްގައިވެސް މުހިއްމު ދައުރެއް ހިއްސާކުރާ ބައިވެރިއަކަށެވެ. އެހެން ނަމަވެސް ދެން އެގަސް މާގިނަ ދުވަހަކު ކޮޅަކަށް ނުހުންނާނެއެވެ. އެގަސް ކަނޑާލުމަށާއި ނައްތާލުމަށް ރަށުގެ ރައްޔިތުން ފޫގަޅައިފިއެވެ. ރަށު އޮފީހުންވެސް އެކަމަށް އާބަސްދީފިއެވެ.

އަހަރެން ނޫން އެންމެން އެގަސް ކަނޑާލުމަށް އެއްބަސް ވެއްޖެއެވެ. އެގަހުގެ ހިމާޔަތުގައި ހުރީ އަހަރެން އެކަންޏެވެ. މާދަމާ ހެނދުނު ރަށު ރައްޔިތުން އެގަސް ކަނޑާލުމަށް ސްކޫލުދޮށަށް އަންނާނެއެވެ. އެގަހަށްވުރެ އެމީހުން ބޭނުމީ އެމީހުންގެ ދަރީންނެވެ. ވާނީވެސް އެހެންނެވެ. ކޮންމެ މަޚުލޫގެއްވެސް އެމަޚުލޫގެއްގެ ކުދި ޅަދަރީންދެކެ އިންތިހާއަށް ލޯބިވެއެވެ. ނުރައްކާތަކުން އެދަރީން ސަލާމަތް ކުރުމަށް މަސައްކަތް ކުރެއެވެ. އޭގެ ތެރެއިންވެސް އަރާހުރި ބަޔަކީ އިންސާނުންނެވެ.

ސްކޫލުގެ ގުރޭޑް 10 ގައި ކިޔަވާކުދިންނަށް އުނދަގޫތަކެއް ވަނީ އެވެ. ހޭކެނޑި ގަޔަށް ފާޑެއްގެ ވާތްގެއް އަރަނީއެވެ. ފުރަތަމަ އެއްކުއްޖެކެވެ. މިހާރު ދިހަ ބާރަކުދީންނަށް އެކަންތަކާއި ދިމާވެއްޖެއެވެ. ހުރިހާ ކުދިންވެސް ބުނަނީ އެއްވާހަކަ އެކެވެ. ނިކަގަހުން ފައިބައިގެން އަންނަ ޖިންނިތަކެއް ކުލާހަށް ވަދެ އެކުދީންގެ ކަރުގައި ހިފަނީއެވެ. އަނިޔާކުރަނީއެވެ. އެކަމަކު އެއީ ކޮން ކަމަކާއި ގުޅިގެން ހެއްޔެވެ؟ އަހަރެން ތަކުރާރުކޮށް އެސުވާލު ކުދިންނާއި ކުރީމެވެ. އެކުދީންނަށް ޖަވާބެއް ނުދެވެއެވެ.

އަހަރެންނަކީ މިރަށު މީހެއް ނޫނެވެ. މިރަށުގެ ސްކޫލުގެ ޕްރިންސިޕަލްގެ ގޮތުގައި އަހަރެން މިރަށަށް އައީ މީގެ 3 އަހަރު ކުރިންނެވެ. މިރަށުގެ ސްކޫލުގައި ސާނަވީ އުފައްދާށެވެ. މިއީ މިރަށުގެ ސްކޫލުގެ ދަރިވަރުން އޯލެވެލްގައި އިށީންނަ ފުރަތަމަ އަހަރެވެ. އެހެން ކަމުން އެކުދީންނާއި މެދު ސްކޫލުންވެސް އަދި ބެލެނިވެރިންވެސް ފޮނި އުއްމީދުތަކެއް ކުރަނިކޮށް، އަދި އިމްތިހާން ކައިރިވަމުން އަންނަނިކޮށް މިލައިގަތީ ކޮންކަމެއް ހެއްޔެވެ؟ އެޖިންނިތައް މިފާވީ ކޮންކަމަކާއި ހުރެ ހެއްޔެވެ؟

ދަރިވަރުންނަށް ދިމާވީ ޖިންނީގެ އުނދަގުލެއް ނޫންކަމުގައި ބެލެނިވެރިންނަށް ވިސްނައިދެވޭތޯ އުޅެ އުޅެ އަހަރެން ވަރުބަލިވެއްޖެއެވެ. އެންމެ ފަހުން އެމީހުންގެ ކުރިމަތީގައި އަހަރެންނަކީ ދަރިވަރުންގެ ހެވަތަށް ކަމެއް ކުރާނޭ މީހެއް ނޫނޭ އެމީހުންނަށް ހީވެއްޖެހެން ހީވާން ފެށުމުން އަހަރެން އެކަން ހުއްޓާލީއެވެ.

ހުވަދު އަތޮޅުން ރަށަށް ފަންޑިތަ ހަދާ މީހަކު ގެނެސް ކިޔެވެލިތައް ކިޔަވާތާ މިހާރު މަހެއް ވެއްޖެއެވެ. ވީކަމެއް ހަމަ ހަރާމެވެ. ދުވަހެއް ވިއްޔާ ދުވަހަކަށް އެ އުނދަގޫ ޖެހޭ ކުދީން ވަނީ އިތުރެވެ. އެހެން ކަމުން ބެލެނިވެރިންގެ ކަންބޮޑުވުންތައްވެސް އައީ އިތުރުވަމުންނެވެ.

އެންމެ ފަހުން ފަންޑިތަ ހަދާމީހާ ދިނީ މޮޅު ހިޔާލެކެވެ. ގަސް ކަނޑައިލާށެވެ. މޫތަކާއި އެކު ގަސްކޮނެ ނަގައި އަންދާލާށެވެ. އޭރުން ޖިންނީގެ އުނދަގޫތަކުން ސަލާމަތްވާނެ ކަމަށް ބުނެއެވެ. އެހެންކަމުން ރައްޔިތުން އޭނާގެ ބަސް ޤަބޫލުކުރީއެވެ. ރައްޔިތުން އެގޮތް ބޭނުންވުމުން ރައްޔިތުންގެ ކޮޅަށް ސަރުކާރުންވެސް ދީލާލަންޖެހުނީއެވެ.

އަހަރެން މިހުންނަނީ ހައިރާންވެ އަންތަރީސްވެފައެވެ. މިއޮތްފަދަ ޒަމާނުގައިވެސް މީހުންގެ ހުރި ޖާހިލު ކަމުންނެވެ. ޖިންނިއަކީ ހައްދަވާފައިވާ މަޚުލޫގެއް ކަމުގައި އަހަރެންވެސް އީމާންވަމެވެ. އަދި އެތަކެތީގެ އުނދަގޫ އިންސާނުންނަށް ޖެހޭ ކަމުގައިވެސް ޤަބޫލު ކުރަމެވެ. އެކަމަކު އިންސާނުންނާއި ޖިންނީން ލޯބިވެ ނުވަތަ އަޅައިގަނެ ކައިވެނިކޮށް ދަރީން ލިބޭ ކަމުގައި ދައްކާ ވާހަކަ ޤަބޫލެއް ނުކުރަމެވެ. އެހެނީ ޖިންނީންނާއި އިންސާނުންނަކީ މުޅިން ދެގޮތަކަށް ހައްދަވާފައިވާ ބައެކެވެ. ވީމާ ތެލާއިފެން އެކު ނުވާ ފަދައިން ޖިންނީންގެ ދަރީން އިންސާނުންގެ ބަނޑުން އިންސާނުންނަށްވެސް މާއްދީގޮތުން ހިލަމެއްވެސް ނުވެ އުފަންވެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

ވާގިއަރައި ވެއްޓި ގޮތްގޮތްވަމުންދާ ކުދިންނަށް މިހާރުވެސް ޖިންނީނަށް ދަރީން ލިބިފައިވާ ކަމަށާއި، މާބޮޑުވަރުވާނަމަ އެކުދިންނަށް ދެންވާނެ ގެއްލުން މާބޮޑު ކަމުގައި ފަންޑިތަ ހަދާމީހާ ބުނަންފެށުމުން ގަސްކަނޑާލުމަށް ރައްޔިތުން އަވަސްވެ ގަތީއެވެ.

އެގަސްދަށުން އަޑުއަޑު އިވޭކަމަށާއި ފާޑުފާޑުގެ ސޫރަތައް ފެންނަ ކަމުގައި ސްކޫލުގެ ބައެއް މުވައްޒަފުންނާއި ދަރިވަރުންވެސް ބުނެއެވެ. އެހެންވެ އަހަރެން ޖިންނި މޮޔަވާކުދިން ކުލާހަށް ގެނެސް އެކުދިންނާއި ވާހަކަ ދެއްކީމެވެ. ޓެސްޓަށް އަތުރާހެން ކުދިން އަތުރައި ބައިތިއްބައިގެން އެކުދިންނަށް އުނދަގޫ ކުރާ ޖިންނި ކުރަހަން ޖެއްސީމެވެ. އަހަރެން ހައިރާންވީ އެކުދިން ކުރެހި ކުރެހުމުގައި ދެކުއްޖަކު އެކައްޗެއް ކުރަހާފައި ނުވާތީއެވެ. އެކިކުދިން ކުރެހި ޖިންނީގެ ސިފަތައް ތަފާތުވީތީއެވެ.

އަހަރެންނަށް ޔަޤީންވެއެވެ. އެކުދިންނަށް ޖިންނީގެ އުނދަގޫ ވަނީއެއް ނޫންކަމެވެ. އެއަށްވުރެ ބޮޑަށް އެކުދީން ބިރު ގަންނަނީ އެވެ. ކަންބޮޑުވަނީއެވެ. އޯލެވެލް އިމްތިހާނުގެ ނަތީޖާ އާއި މެދުގައެވެ. ޓާމް ޓެސްޓްތަކުގައިވެސް ފާސްވާ ކުދިންނަށް ވުރެ ގިނައީ ފާސްނުވާ ކުދިން ކަމުގައިވާތީއެވެ.

އެއީ ޖިންނި މޮޔަވުމެއް ނޫނެވެ. ހިސްޓީރިއާ އޭ ކިޔާ ނަފްސާނީ ބައްޔެކެވެ. އެކަމުގެ ފަރުވާއަކީ ނިކަގަސް ކަނޑާލުމެއް ނޫނެވެ. އެކުދީންނަށް ކައުންސިލިންގ ދިނުމެވެ. ކިޔެވުމުގެ ބުރަތައް އުފުލޭނެ ޤާބިލްކަން އަށަގެންނެވުމެވެ. އެކަމަކު އެކަން ޤަބޫލު ކުރުމަށްވުރެ ބެލެނިވެރިން ޤަބޫލު ކުރަނީ ފަންޑިތައެވެ. އެމީހުން ދެކޭ ގޮތުގައި ދަރިވަރުންނަށް ދިމާވާ އެމައްސަލައިގައި ހައްލެއް ހޯދެން އޮތީ އެގޮތުގައެވެ.

އިރުއޮއްސި އިޝާނަމާދުން ދަންވީ އިރުވެސް އަހަރެންނަށް އިނދެވުނީ ސްކޫލުގައެވެ. ސްކޫލު ހުންނަނީ ރަށުގައި މީހުން ދިރިއުޅޭ ހިސާބާއި ތަންކޮޅެއް އެކަހެރިކޮށް ކަމުގައިވާތީ، އިރު އޮއްސި އަނދިރިވުމުން މީހުން ސްކޫލު ހުންނަ ހިސާބަށްވެސް ބޯދިއްކޮށް ނުލާނެވެ.

ރޭގަނޑު ބާއްވަމުން އައި އެކްސްޓްރާ ކްލާސްތައް ވެސް ހުއްޓާލަން ޖެހުނީ މިކަމުގެ ސަބަބުންނެވެ. އެކްލާސްތައް ހުއްޓާލުމުން ރޭގަނޑުގެ ވަގުތުގައި ސްކޫލަށް އަންނާނޭ މުދައްރިސަކު އޮންނަނީ ނުވެފައެވެ. އެހެން ކަމުން ރޭގަނޑުގެ ވަގުތުގައި ސްކޫލާއި ސްކޫލުގެ ގޯތިވެސް އޮންނާނީ ފަޅު ހަމަހިމޭން ޤަބުރުސްތާނެއް ހެންނެވެ.

ގެއަށްދާން ނުކުމެފައިވެސް އަހަރެންނަށް ދެވުނީ ނިކަގަސްދަށަށެވެ. މިރެއަކީ އެގަސް އެތާނގައި އެގޮތަށް ހުންނާނެ ފަހު ދުވަސް ކަމުގައި ވާތީއެވެ. އެތައް ސަތޭކަ އަހަރެއްވީ ބިޔަ ގަހެއް މުލުން ލުހެލެވެތީއެވެ. އަހަރެން ހައިރާންވީ އެހެން ރޭރޭ ވާގޮވާއަޑު ވަޒަން ހަމަކޮށް އިވޭ އެގަހުން މިރޭ އެއްވެސް އަޑެއް ނީވޭތީއެވެ. ހީވަނީ، އެގަސް ކަނޑާލަން އުޅޭކަން އެނގި ވާތައްވެސް ގަސްދޫކޮށް ދިޔައީ ހެންނެވެ.

ގަސްދަށުގައި ހުރެފައި އަހަރެން މައްޗަށް ބަލާލީމެވެ. އެވަގުތު އަހަރެންގެ މެއަށް ދިޔައީ ފިނިވެގެންނެވެ. ގަސްތެރޭގައޮ ކުދިކުދި އަލިކޮޅުތަކެއް އެނބުރޭތީ ފެނުމުންނެވެ. ކިތައްމެ ހިއްވަރު ގަދަވެފައި ބިރު ކުޑަވެގެން އުޅުނަސް އަހަރެންވެސް ބިރުގަތެވެ. އަވަސް އަވަހަށް ސައިކަލަށް އަރައި އަހަރެން ދުއްވާލީ އުޅޭ ގެއަށް ދިޔުމަށްޓަކައެވެ.

ސްކޫލު ހޯލުން ނުކުމެ ސައިކަލުގައި ތަންކޮޅަކަށް ގޮސްގައި އަހަރެން އެނބުރި ސްކޫލާއި ދިމާއަށް ބަލާލީމެވެ. އަހަރެންނަށް ފެނުނީ އެބޮޑު ނިކަގަސް މަތީގައި ކުދިކުދި އަލިކޮޅުތައް އެނބުރޭތީއެވެ. އަދަދެއްވެސް ނޭނގޭހާ ގިނައިންނެވެ. އަހަރެންގެ ހިތަށް ތަފާތު ވަސްވާސްތައް ވަނެވެ.

އަހަރެން އުޅޭ ގެއަށް ވަންނަން އައިސްފައި އަހަރެންނަށް ހުއްޓެވުނީއެވެ. އަހަރެން އުޅޭ ގޭގެ ދޮރުމަތީގައި އަރުވާފައި އޮތް ގުލޭނޫރަންމާ ވެޔޮގަނޑުމަތީގައިވެސް ދެތިން އަލިކޮޅު އެނބުރޭތީ ފެނުމުންނެވެ. އަހަރެން ގޭގެ ދޮރުކައިރީގައި ހުރި ދިގު އިލޮށިފަތި ނަގާ އަތަށްލައި ހެޔޮވަރުކޮށްލައިގެން ގޮސް ވެޔޮގަނޑުގެ މަތީގައި އެނބުރޭ އަލިކޮޅުތަކުން އަލިކޮޅެއްގައި ގައި އިލޮށިފަތިންޖެހީމެވެ.

އެއެތިވެއްޓުމުން އަހަރެން ގޮސް ފޯނުން އަލިކޮށް ބަލާލީމެވެ. އަހަރެން ހައިރާންވެ އަންތަރީސް ވިއެވެ. އަހަރެން ދުވަހަކުވެސް ނުދެކޭހާ ރީތި ކޮކާލެކެވެ. އަދި އަލިފާން ކޮކާލޭ ކިޔާ ކޮކާލަކީ އެއީކަންވެސް އެކޮކާ ފެނުމުން އެނގިއްޖެއެވެ. އަހަރެންނަށް އަމިއްލަ ނަފްސަށް ހީލެވުނެވެ. މީގެ ކުރިން ހިތަށް އައިހާ އެއްޗެހި ހީކޮށްފައެވެ.

ނިދާ ހޭލައިގެން އަހަރެންނަށް ސްކޫލުދޮށަށް ދެވުނު އިރު، ރަށުގެ ގިނަ ރައްޔިތުން ސްކޫލުދޮށަށް ޖަމާވެއްޖެއެވެ. ގަސްކަނޑާލުމަށް ދަމާ އެއްރޮއްޖަކަށް ފޫގަޅައިގެން ތިބި މީހުން ގަހުގައި ފުރޯތަކުންނާއި ވަޅިތަކުން ތަޅައި ނުގަނެތިބީ ފަންޑިތަ ހަދާމީހާ ނައިސްގެންނެވެ.

އެމީހުންގެ ތެރެއަށް ވަދެފައި އަހަރެން ބުނީމެވެ. ރޭގައި މި ނިކަގަސް މަތީގައާއި ގަހުތެރޭގައި އަލިފާން ކޮޅުތަކެއް އެނބުރޭތީ އަހަރެން ދެކެފީމެވެ. މިނިކަ ގަހަކީ އެތައް މަޚުލޫގެއްގެ ގެދޮރެވެ. ވީމާ މިގަސް ކަނޑާލުމުން އެތަކެތި ވިއްސި ވިހާލިވެގެން ދާނެއެވެ. އަނެއްކޮޅު މިގަހަކީ ޖިންނީން އުޅޭ ގަހަކަށް ވެއްޖެނަމަ ގަސްކަނޑާލުމުން އެތަކެތީގެ އުނދަގޫ ބޮޑުވާނީ ނޫންހޭ އަހަރެމެންގެ ކިބައިން އެތަކެތި ބަދަލު ހިފާނީ ނޫންހެއްޔޭ ބުނީމެވެ.

އެއް ބަޔަކު އަހަރެންގެ ބަސް ޤަބޫލު ކުރިއެވެ. ގަސް ކަނޑާލައި ޖިންނީންތައް ރުޅި އަރުވާލައިފި ނަމަ ދެންޖެހޭނެ މުސީބާތްތައް ބޮޑުކަމުގައި ދެކިއްޖެއެވެ. އެކަމަކު އެކަން ވިސްނުނު މީހުންނަށްވުރެ ނުވިސްނުނު މީހުން ގިނަ ވުމާއި އެކު އެދުވަހުގެ އިރުއްއޮސުމުގެ ކުރިން އެއޮށްބޮޑު ނިކަގަސް ކަނޑާލައި އަވަދިކޮށްފިއެވެ. ޖެހިގެން އައި ދުވަހު ވަލުތެރޭގައި ގަހުގެ ބައިތައް އެއްފުންޏަކަށް ޖަހައި އަންދަން ފަށައިފިއެވެ.

އޭގެފަހުން ގުރޭޑް 10ގެ އެކުދިންނަށް ޖެހޭ އުނދަގުލެއް ނުޖެހެއެވެ. އެކަމަކު އެދުވަހުން ފެށިގެން ވަކި ގުރޭޑެއް ނެތި، އެކި ގުރޭޑްތަކުގެ ކުދިން މޮޔަވާން ފެށީއެވެ. އެންމެ ތުއްތު ގުރޭޑް 1 ގެ ކުދިންނަށްވެސް އެއުނދަގޫ ފޯރައެވެ. އެކުދިން ރޮހެ ހަޅޭލަނީއެވެ. ގަސްގަހަށް ތަންތަނަށް އަރަން ދިމާކުރަނީ އެވެ. ހަތަރު ފަސްފިރިހެނުންނަށްވެސް ދިހަ ބާރަ އަހަރުގެ ކުދިންވެސް މައިތިރިކޮށް ނުލެވެއެވެ. އެހެންކަމުން މިފަހަރު ޖިންނި މޮޔަވާންފެށި ކުދީންނަކީ ހަޤީޤަތުގައިވެސް ޖިންނި މޮޔަވާ ކުދިން ކަމުގައި ރަށުގެ އެހެން މީހުންނަށްވެސް ޤަބޫލު ކުރެވިއްޖެއެވެ. ގަސްކަނޑާލުމުގައި ބެލެނިވެރިންގެ ތެރެއިން އިސްކޮށް އުޅުނު އިބްރާހިމްވެސް މޮޔަވުމުންނެވެ.

އެބޮޑު ނިކަ ގަސް ކަނޑާލުމް ސްކޫލުގެ ތެރޭގައި މަސައްކަތް ކުރަން ދަތިވެއްޖެއެވެ. ދުވާލުގެ ވަގުތު ތަކުގައި ބައެއް ކުލާސްތަކުގައި ކިޔަވައި ނުދެވޭ ވަރު ވެއްޖެއެވެ. ހޫނު ގަދަކަމުންނެވެ. ބައްދަލުވުމެއް އެސެމްބްލީއެއްވެސް ބޭއްވުން އެންމެ ފަހުން ދަތިވީއެވެ.

ގަސް ކަނޑާލުމަށް ނަސޭހަތްދިން ފަންޑިތަވެރިޔާ އަކީ، އެންމެ ފަހުން ޖިންނި މޮޔަވާން ފެށި ކުދިންނަށް ފަރުވާއެއް ދެވޭނެ ވަރު މީހަކަށް ނުވިއެވެ. އެކަމަކީ ދެން އޭނާއަށް ނުކުރެވޭ ވަރުގެ ކަމެއް ކަމުގައި ބުނުމުން އޭނާ ފޮނުވާލާފައި ރަށު ރައްޔިތުންގެ ތެރެއިން އިސްކޮށް އުޅުނު ގުރޫޕުން ދެންގެނައީ އައްޑޫގައި ހުރި އެންމެ މޮޅު ފަންޑިތަވެރިޔާ އެވެ. އެއީ ޖިންނިއަށް ކިޔަވާ މީހެކެވެ.

ޖިންނި މޮޔަވާ ކުއްޖެއްގެ ކައިރިއަށް ޖިންނި ގެނެސް އޭނާ ޖިންނިއާއި ސުވާލުކުރުމުން ލިބުނު ޖަވާބުތަކުން ރަށުގެ ރައްޔިތުންނަށް ލިބުނީ ހައިރާން ކަމެކެވެ. ގުރޭޑް 10 ގެ ދަރިވަރުންނާއި ޖިންނި އަވަނުލާކަމަށާއި، އެއީ އެކުދީން އުފައްދައިގެން އުޅުނު ވާހަކައެއް ކަމަށެވެ، ނުކިޔެވުމަށް އުޒުރެއްގެ ގޮތުންނެވެ.

އެކަމަކު ނިކަގަސް ކަނޑާލުމުން ޖިންނި ކުދީންނަށް ހަމަލާދީ މޮޔަކުރަން ފެށީ ކަމަށެވެ. އެމީހުންގެ އެތައް ސަތޭކަ އަހަރެއްވީ ގެދޮރާއި އެމީހުންގެ ދަރިފަސްކޮޅުތަކުގެ ވަޒަން ހަލާކުކޮށްލުމުން ކަމުގައެވެ. އެކަމުގެ ބަދަލު ހިފާނެ ކަމުގައެވެ.

އެދުވަހަށް ފަހު އެކަމަށް ހައްލެއް ނުހޯދުނެވެ. ދުވަހަކަށްވުރެ ދުވަހަކު ޖިންނި މޮޔަވާ މީހުން ދިޔައީ އިތުރުވަމުންނެވެ. ފަނޑިތަވެރިޔާ ޖިންނީންގެ ގާތުގައި މީހުން މޮޔަކުރުން ހުއްޓާލައި މޮޔަވެފައި ތިބި މީހުން ދޫކޮށްލާނީ ކިހިނެއްތޯ އެހުމުން ޖިންނި ބުނިކަމަށްވަނީ ރައްޔިތުން ޖިންނީނަށް އެރަށްދީފައި ފައިބައިގެން ދިޔުން ނޫން ގޮތެއް ނެތްކަމަށެވެ.

އެބަސްމައްޗަށް ރަށުގެ ގިނަ މީހުން ރައްދޫކޮށް ފައިބަންފެށިއެވެ. އެމީހުންގެ ނަސީބު ރަނގަޅުކަމުން އެރަށުގެ މީހުންނަށް ނޮޅިވަރަން ފަރަށް ބަދަލުވުމަށް ފުރުޞަތު ދިނެވެ. އެހެންކަމުން ދެތިން މަސްތެރޭގައި ޖިންނީންނަށް ރަށްދީ ރަށުގެ ރައްޔިތުން ފައިބައިގެން ގޮސް ނޮޅިވަރަން ފަރުގައި ވަޒަންވެރިވީއެވެ. ޖިންނީން ދިރިއުޅުނު ނިކަގަސް ކަނޑާލެވުނީތީ އެމީޙުންނަށް ޖެހުނީ އެމީހުންގެ ރަށްދޫކޮށް ފައިބައިގެންދާށެވެ. އެހެންކަމުން ކަމުން އެކަމަކީ އެމީހުންގެ ޖީލުތަކުގެ ދޫދޫ މަތީގައި އަބަދުމެ ދެކެވޭނޭ ވާހަކައަށް ވާނެއެވެ. ބޮޑު ނިކަގަހުގެ ވާހަކައާއި ގުޅުވައިގެންނެވެ.

ނިމުނީ

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *