އައިއިފޯނެއް ވަގަށް ނެގި މީހަކު 6 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ކ. މާލެ/ހުޅުމާލެ 10541، ޙުސައިން ސަބާޙް (30އ) ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ހުކުމްކޮށްފައިވަނީ، 2012 ވަނަ އަހަރުގެ ޑިސެމްބަރު 08 ވަނަ ދުވަހުގެ 12:11 ހާއިރު ހުޅުމާލޭ، 10477 ގޭގެ ސިޓިންރޫމުގައި އޮތް އައި ފޯނެއް ވަގަށް ނެގި މައްސަލައާ ގުޅިގެންނެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމްގައި ޙުސައިން ސަބާޙްގެ މައްޗަށް ދަޢުލަތުން ކުޅަ ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް ޙުސައިން ޞަބާޙް ޖަވާބު ދާރީވަމުން އެ ފޯނަކީ އޭނާއަށް މީހަކު ވިއްކި ފޯނެއްކަމަށް ބުނިނަމަވެސް އެކަން ޝަރީޢަތަށް ސާބިތުކޮށްދީފައިވާތީ ހޫސައިން ޞަބާޙްގެ އަމިއްލަ އިޢުތިރާފުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް އެފޯނަކީ ޙުސައިން ޞަބާޙް ވަގަށް ނަގާފައިވާފައިވާ ފޯނެއްކަމަށް ޝަރީޢަތުން ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެދަށުން 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުކުރާކަމަށް ޙުކުމްގައި ވެއެވެ.
ވައްކަމުގެ މައްސަލައާ ގުޅިގެން ޚުކުމް ކޮށްފައިވާ ޙުސައިން ޞަބާޙް އަކީ ވައްކަމާއި މާރާމާރީ އާއި ފުލުހުން ވާޖިބަށް ހުރަސްއެޅުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.