ފާޅުކަންބޮޑު ގޮތެއްގައި ހުދުމުހުތާރު ވެރިކަމެއް ހިންގަމުން އަންނަ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، މިހާތަނަށް އެގައުމުގެ 70 އޮފިޝަލަކު މަރާލާފައިވާކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ކުރިއަށްދިޔަ ފޯރަމެއްގައި މައުލޫމާތު ހިއްސާކުރަމުން ދެކުނު ކޮރެއާގެ ހާރިޖީ ވަޒީރު ޔުންގް ބްޔުންގް ސޭ ބުނެފައިވަނީ 2011 ވަނަ އަހަރު ކިމް ޖޮމް އުން ވެރިކަމަށް އައިފަހުން މިހާތަނަށް 70 އަށްވުރެ ގިނަ އޮފިޝަލުން މަރާލާފައިވާކަން ދެކުނު ކޮރެއާގެ އިންޓެލިޖެންސަށް ކަށަވަރުވެފައި ވާކަމަށެވެ.
ދެކުނު ކޮރެއާގެ މި ތުހުމަތުތައް އުތުރުކޮރެއާގެ އޮފިޝަލަކުވެސް ނަން ހާމަ ނުކޮށް ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.
1948 ވަނަ އަހަރުން ފެށިގެން އުތުރު ކޮރެއާގައި ވެރިކަން ކުރަމުން އަންނަނީ ކިމް ޖޮން އުންގެ އާއިލާއިންނެވެ. ކިމް ޖޮން އުން މިހާތަނަށް މަރާފައިވާ އޮފިޝަލުންގެ ތެރޭގައި އޭނާގެ ބޮޑުބޭބެ ޖަންގް ސޮންގް ތައެކް ވެސް ހިމެނެވެ. ބޮޑުބޭބެ މަރާލާފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. ބޮޑުބޭބެ މަރާލީ ގައުމަށް ގައްދާރުވި ކަމަށް ބުނެ އެވެ.