ދުވާލު ވަގުތުގައި ކައިގެން ހުށަހެޅުނު މައްސަލަތައް 69 އިންސައްތަ އިތުރުވެއްޖެ: ޕޮލިސް

މި އަހަރުގެ ރަމަޟާން މަހުގެ ފުރަމަތަ 20 ދުވަހުގެ ދުވާލު ވަގުތުގައި ކައިގެން ހުށަހެޅުނު މައްސަލަތައް މިދިޔަ އަހަރުގެ ރަމަޟާންމަހުގެ މި މުއްދަތާ އަޅާ ބަލާއިރު 69.2 އިންސައްތަ އިތުރުވެ، އެ މުއްދަތުގައި  ޖުމްލަ ހުށަހެޅުނު މައްސަލަ 33.2 އިންސައްތަ ދަށަށް ހިނގައްޖެ ކަމައް ފުލުހުން ބުނެފި އެވެ.

މިދިޔަ އަހަރު ރަމަޟާންމަހުގެ ފުރަތަމަ 20 ދުވަހުގެ ދުވާލުގެ ވަގުތުގައި ކައިގެން 13 މައްސަލައެއް ހުށަހެޅިފައިވާއިރު މިއަހަރު އެ މުއްދަތުގައި 22 މައްސަލަ އެއް ހުށަހެޅިފައިވެއެވެ. އެހެންކަމުން މި އަހަރު މި މުއްދަތުގައި މިފަދަ ނުވަ މައްސަލަ އެއް އިތުރަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

20DaysStatTotal

ހުށަހެޅިފައިވާ ޖުމްލަ މައްސަލަތަކަށް ބަލާއިރު ހުށަހެޅުނު މައްސަލައިގެ ޢަދަދު ވަނީ 212 މައްސަލަ މަދުކުރެވިފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ ރަމަޟަންމަހު ފުރަތަމަ 20 ދުވަހު 851 މައްސަލަ ހުށަހެޅުނުއިރު މި އަހަރުގެ މި މުއްދަތުގައި 639 މައްސަލަ ހުށަހެޅިގެން 33.2 އިންސައްތައިގެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި މި މުއްދަތުގައި ފުލުހުންނަށް ހުށަހެޅިފައިވާ ވަކިވަކި މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކެވެ. އެއީ 1435 ވަނަ އަހަރު ޓްރެފިކް އެކްސިޑެންޓްގެ 129 މައްސަލައާއި 1436 ވަނަ އަހަރު ޓްރެފިކް އެކްސިޑެންޓްގެ 138 މައްސަލައެކެވެ. އެހެންކަމުން ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތައް މި އަހަރު ވަނީ 7 އިންސައްތަ އިތުރުވެފައެވެ. ފުލުހުން މަޢުލޫމާތު ދޭގޮތުގައި ދެން އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު، 1435 ވަނަ އަހަރު ވައްކަމުގެ 226 މައްސަލައެއް ހުށަހެޅިފައިވާއިރު މި އަހަރު 134 މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ. އެހެންކަމުން ޓްރެފިކް ވައްކަމުގެ މައްސަލަތައް ހުށަހެޅުނު މިންވަރު މި އަހަރު ވަނީ 40.7 އިންސައްތަ ދަށްކުރެވިފައި ވާކަމަށެވެ.

ފުލުހުން ހާމަކުރައްވާ ގޮތުގައި މި މުއްދަތުގައި ހުށަހެޅިފައިވާ މައްސަތަކުގެ ތެރެއިން މާރާމާރީގެ މައްސަލަތައް 55.7 އިންސައްތަ މަދުކުރެވިފައިވާއިރު ފޭރުމުގެ މައްސަލަތައް 31.0 އިންސައްތަ މަދުކުރެވިފައިވެއެވެ. އެގޮތުން މި މުއްދަތުގައި މިދިޔަ އަހަރު މާރާމާރީގެ 61 މައްސަލަ ހުށަހެޅުނު ނަމަވެސް އެ ޢަދަދު މި އަހަރު ވަނީ 27 މައްސަލައަށް ދަށްކުރެވިފައެވެ. އަދި ފޭރުމުގެ މައްސަލަތަކަށް ބަލާއިރު މިދިޔަ އަހަރު މި މުއްދަތުގައި 29 މައްސަލަ ހުށަހެޅުނު އިރު މި އަހަރު ހުށަހެޅިފައިވަނީ 20 މައްސަލަކަމަށެވެ.

ފާއިތުވި އަހަރާއި މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 20 ދުވަހަށް ބަލާއިރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެބޮޑު ތަފާތެއް ފެނިފައިވަނީ ޚިޔާނާތުގެ މައްސަލަ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. މި އަހަރު އެފަދަ 42 މައްސަލަ މި މުއްދަތުގައި ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 20 މައްސަލައެކެވެ. އެހެންކަމުން ފުލުހުންނަށް ހުށަހެޅިފައިވާ ޚިޔާނާތުގެ މައްސަލަތައް ވަނީ 110 އިންސައްތަ އިތުރުވެފައެވެ.

އިތުރަށް ފުލުހުން ހާމަ ކުރެއެވީ ކައުންޓަފީޓް އަދި ފޯޖަރީގެ މައްސަލަތަކަށް ބަލާއިރު މިދިޔަ އަހަރާއި މި އަހަރުގެ މި މުއްދަތުގައި ކޮންމެ އަހަރަކު ހުށަހެޅިފައިވަނީ އެއް މައްސަލައެވެ. އެހެންކަމުން މިފަދަ މައްސަލަ ހުށަހެޅުނު މިންވަރަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވާ ކަމަށެވެ. އަދި މި މުއްދަތުގައި ގެއްލޭތަކެތީގެ މައްސަލަތައް 29.1 އިންސައްތަ މަދުކުރެވި، މަސްތުވާތަކެތީގެ މައްސަލަތައް ހުށަހެޅުނު މިންވަރު 49.6 އިންސައްތަ މި މުއްދަތުގައި މަދުކުރެވިފައިވާކަމަށެވެ. ޢާއިލީ މައްސަލަތައް ހުށަހެޅުނު މިންވަރު ވަނީ 9.1 އިންސައްތަ މަދު ކުރެވިފަިވާއިރު އެއީ ފާއިތުވި އަހަރު އެ މުއްދަތުގައި ޢައިލީ 11 މައްސަލަ، މިއަހަރު އެ މުއްދަތަގައި 10 މައްސަލަ ހުށައަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރަށް ޕޮލިސް ސްޓާފް ސާރޖަންޓް ޙުސައިން ފިރާޟް ހާމަ ކުރައްވާ ގޮތުގައި މި ރަމަޟާން މަހު ހުށަހެޅިފައިވާ މައްސަލަތައް މަދުކުރެވިފައިވަނީ ދުރާލައި ތައްޔާރުވެގެން ފުލުހުން ކޮށްފައިވާ ބުރަ މަސައްކަތުންކަމަށެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ކުށް ހިނގާފައިވާ ސަރަހައްދުތަކާއި ވަގުތަށް ރިޢާއަތްކޮށް ފުލުހުންގެ މަސައްކަތްތައް އެންމެ އެކަށޭނަ ގޮތަށް ވަނީ ބައްޓަށްފައިވާ ކަމަށާއި، އެންމެ ގިނައިން ކުށް ހިނގައި ވަގުތުތަކުގައި ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް އިތުރު ފުލުހުން ޑިއުޓީތަކަށް ނެރެގެން މިއަހަރުގެ ރަމަޟާން މަހު ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *