ކުރުވާހަކަ: މުއުޖިޒާތް

ބަންގީގެ އަޑު އަހަރެންނަށް އިވެން ފެށުމާއި އެކު އަވަހަށް އެއްގަމަށް ހިނގައިގެންފީމެވެ. އޭރު އަހަރެންނާއި އެކު މޫދުތެރޭގައި ކުޅެން އޮފީހުގެ އެތައް ބަޔަކު ތިއްބެވެ. އަހަރެން އެއްގަމަށް ދާންފެށުމުން އެމީހުން އަހަރެންނަށް ގޮވިއެވެ. ކުޅުން ދޫކޮށްދާތީ އެވެ. މޫދުތެރޭގައި އެންމެން ތިބުމާއި އެކަކުގެ އަތުގައިވެސް ގަޑިއެއް ނެތުމާއި އެކު ނަމާދު ވަގުތު ޖެހުނު އިރުވެސް އަހަރެންނަކަށް ނޭނގުނެވެ. އެކަމަކު އަހަރެން ހައިރާންވީ، ބަންގީގެ އަޑު އަހަރެންގެ ކަންފަތަށް އިވެމުންދާތީއެވެ.

އެއްގަމަށް އަރައި ގަސްދޮށުގައި ހުރި ދަބަސްތަކާއި ގާތްވިތަނުން އަހަރެންނަށް ރަނގަޅަށް ބަންގީގެ އަޑު އިވެން ފަށައިފިއެވެ. މެންދުރު ނަމާދު ވަގުތުވީއެވެ.

އެކަމަކު އެހާދުރުން މޫދުތެރޭގައި އަހަރެން އޮއްވައި އަހަރެންނަށް ބަންގީގެ އަޑު އިވުނު ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ. ދަބަހުގައި އޮތް ފޯނުން ބަންގި ގޮވާއަޑު އެހާދުރަށް އިވުމަކީ، މުސްތަހީލު ކަމެކެވެ. އަދި އަހަރެމެން ދަތުރުއައިސް މިތިބަ ކުޑަ ބަނޑޮހަކީ، ކައިރި އެއްވެސް ރަށަކުން ބަންގި ގޮވާއަޑު ފަޅުތެރެއާއި ހަމައަށް އިވޭ ރަށެއްވެސް ނޫނެވެ. އޭގެ އިތުރަށް މިރަށުގައި ހުރި މިސްކިތަކީ، ތާޅަފިލި ބަހައްޓައި ބަންގި ގޮވާ މިސްކިތެއްވެސް ނޫނެވެ.

ފެންވަރަން ހަދާފައިވާ ފާހާނާ އަށް ވަދެ ފެންވަރައި ތެތްބަދަލުކޮށްގެން އަހަރެން އަވަސްވެގަތީ ނަމާދަށެވެ. އެހެނީ ނަމާދު އޭގެ ވަގުތުގައި އަދާ ނުކުރެވިއްޖެނަމަ އަހަރެންގެ ހަޔާތުގައި އެދުވަހެއް ޚަރާބުވީއެވެ.

އެހެން މީހުންނަށް ނަމާދު އަޅާފައި ތިބެން އެހާފަސޭހައީ ކީއްވެކަމެއް އަހަރެންނަކަށް ނޭނގެއެވެ. ފަހަރުގައި އަހަރެންނަށް ދިމާވި ފަދަ ކަމެއް އެމީހުންނަށް ދިމާ ނުވަނީ ކަމުގައި ވެދާނެއެވެ. ނުވަތަ އެފަދަ ކަމެއް ދިމާވާންދެން އެމީހުންވެސް ތިބޭނީ ޣާފިލްކަން މަތީގައި ކަމުގައިވެދާނެއެވެ.

ކަލާނގެ ދީލަތިވަންތަކަމާއި އޯގާވަންތަ ކަމުގެ ވާހަކަ އަހަރެން އަޑު އެހީ ދީނީ އިލުމުވެރިން ދެއްވާ ދަރުސްތަކުންނެވެ. ކުރާ ތަޤުރީރުތަކުންނެވެ. އުފަންވުމުގައި މުސްލިމަކަށްވީތީ، ދީނާއި މެދުގައި އަހަރެންގެ މާބޮޑު ހޭލުންތެރިކަމެއް ނެތެވެ. ހަޤީޤަތުގައި އޭރު އަހަރެން މުސްލިމަކަށްވީ އަހަރެންގެ މައިންބަފައިންނަކީ މުސްލިމުންނަށްވާތީއެވެ. އެހެން އެއްވެސް ސަބަބެއް އޮވެގެނެއް ނޫނެވެ.

އެކަމަކު މިއަދު އެއާއި ތަފާތެވެ. ކަލާނގެ އޯގާވަންތަކަމާއި ދީލަތިވަންތަކަން އަހަރެންނަށް ފެނިއްޖެއެވެ. ޤަބޫލު ކުރެވިއްޖެއެވެ. ހިތާއި ރޫހުން ހަށިގަނޑާއި ނަފުސް އެކަލާނގެއަށް ޚާލިސްކޮށް ކުރާ ދުޢާ ރައްދު ނުކުރައްވާކަން ޔަޤީންވެއްޖެއެވެ. އެހެނީ ﷲ ތަޢާލާގެ ރަޙުމަތް އަހަރެންނަށް ނުވާނަމަ އަހަރެން މިއަދު އޮންނާނީ މަރުވެ ކަށްވަޅުގައި ހަށި ފުރޭނިފައެވެ. އަނިޔާވެރި ކެހިވެރިއެއްގެ އަތްދަށުގައި ހައްޔަރުވެ މުޅި ދިރިއުޅުން ބަރުބާދު ވުމުންނެވެ.

އަހަރެންނަކީ، މާރަނގަޅަށް ދިރިއުޅެމުން އައި ޒުވާނެއް ނޫނެވެ. ވިޔާނުދާ އެތައް އަމަލެއް އަހަރެން ކުރަމުން އައީމެވެ. އެތައް ބަޔަކަށް މަލާމާތާއި ފުރައްސާރަ ކުރީމެވެ. ލަނޑުދީ ހެދީމެވެ. އަހަރެންނަށް ކުރެވިފައިވާ ފާފައިގެ އަދަދު އަހަރެންނަކަށް ނޭނގެއެވެ. އަހަރެން އަޑު އަހަނީ ސުވަރުގެއާއި ނަރަކައިގެ ވާހަކައެވެ. އާޚިރަތުގެ ވާހަކައެވެ. އެކަންކަމަށް އީމާންވެވޭކަން ނުވަތަ ނޫންކަމުގައިވެސް އެއްބަސްވާކަށް އަހަރެންނަކަށް އޭރު ނޭނގެއެވެ.

ނަފީސަކީ އަހަރެންގެ އަލަތު ލޯބިވެރިޔާއެއް ނޫނެވެ. އަދި އެމީހަކާއި އެކު އަހަރެން ފާހިޝް އަމަލުތައް ހިންގި ފުރަތަމަ މީހާއެއްވެސް ނޫނެވެ. އެކަމަކު އޭނާ އަކީ އަހަރެންގެ މެއަށް ފުރަތަމަ ކަށިޖެހި ވިހަގަދަ ސޫތްޕެވެ. އަހަރެން ބްލެކްމެއިލްކޮށް އަހަރެންގެ ކިބައިން ނާޖާއިޒް އެތައް ފައިދާއެއް ހޯދި މީހެކެވެ. އޭނާގެ ހަޤީޤީ މަޤުސަދާއި ރޭވުން އަހަރެންނަށް އެނގުނު އިރު އަހަރެން ހުރީ އޭނާގެ މުށުތެރޭގައި ރަނގަޅަށް ހައްޔަރުވެފައެވެ. އެއްވެސް މީހަކަށް އޭނާގެ މުށުތެރޭން އަހަރެން ސަލާމަތްކޮށްދެވޭނެ ކަމުގެ ޔަޤީން ކަމެއް އަހަރެންނަކަށް ނެތެވެ.

އަހަރެންނަކީ، މުއްސަނދި މާލޭގެ ޤަދަރުވެރި މަޝްހޫރު އާއިލާއެއްގެ ކުއްޖަކަށްވާތީ، އަހަރެންނަށް ކަޅިއަޅާ އެތައް ފިރިހެނުންނެއް ތިއްބެވެ. އެތައް ފުރުޞަތުތަކެއް އަހަރެންނަށް ލިބެއެވެ. ރައްޓެހި ވެވުނީ ކިތައް ފިރިހެން ކުދިންނާއި ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެކުދިންގެ ތެރެއިން ގިނަކުދިންނާއި ރުޅިވީ އަހަރެންނެވެ. އަހަރެންނަށް ކަމު ނުދިޔައީއެވެ.

ހަޤީޤަތުގައި އަހަރެންނަށް ލޯބިވެވުނީވެސް ނަފީސްދެކެއެވެ. އެކަމަކު އޭނާ އަހަރެން ބޭނުން ކުރީ އޭނާގެ ކޭޝްކާޑުގެ ގޮތުގައެވެ. ފައިސާ ހޯދާށެވެ. އަހަރެންގެ މައިންބަފައިންގެ މުއްސަނދިކަމުން ވައްކަންކޮށްގެން އޭނާއަށް އަހަރެން ހޯދައި ނުދޭ އެއްވެސް އެއްޗެއް ނޯންނާނެއެވެ. ކާރާއި ސައިކަލާއި މޮބައިލްފޯނު ފަދަ ހުރިހާ އެއްޗެކެވެ.

އޭނާއަކީ މާލޭގެ ގޭންގެއްގެ މީހެއްކަމާއި ޑްރަގް ޑީލްކުރާމީހެއްކަން އެނގުނު ދުވަހަށް ވުރެ، އަހަރެންނާއި އޭނާ ރިޒޯޓެއްގައި ހޭދަކުރި ރެއެއްގައި އޭނާ ވީޑިއޯކުރިކަން އެނގުނުރޭ ވީދެރަބޮޑެވެ. އެވީޑިއޯ ބޭނުންކޮށްގެން ބައްޕަ ބްލެކްމެއިލްކޮށް ބައްޕަގެ އަތުން ލައްކައިން ލައްކައިން ރުފިޔާ ހޯދަމުން ދިޔަކަން އެނގުނު ދުވަހު އަހަރެން މަރުނުވީ ކިރިޔާއެވެ. އެދުވަހު އަމިއްލައަށް މަރު ނުވީވެސް މަރުވިޔަސް އެލަދުން ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެތީއެވެ.

ނަފީސްގާތުގައި އެއީ ތެދެއްތޯ އަހަރެން އެހިރޭ އޭނާ ހިނިތުންވުމާއި އެކު ބުނެލީ އޭނާ އާމުދަނީ ހޯދަން ކުރާ މަސައްކަތަކީ މީހުން ބްލެކްމެއިލް ކުރުން ކަމަށެވެ. އަދި އަހަރެންދެކެ ލޯބި ނުވާ ކަމަށާއި ކައިވެނި ނުކުރާނެ ވާހަކަވެސް ބުންޏެވެ. އަދި މުޅިއުމުރުގައިވެސް އަހަރެން ބަހައްޓާނީ، އޭނާގެ އުފާތަކަށް ފައިސާ ނަގާ އޭޓީއެމްގެ ގޮތުގައި ކަމަށްވެސް ބުންޏެވެ.

އޭގެ ފަހުން އޭނާ އަހަރެންނާއި މުޚާތަބު ކުރަންފެށީވެސް ލޯބިވާ އޭޓީއެމްގެ ނަމުންނެވެ. ލަދުވެސް ގަނެއެވެ. ރުޅިވެސް އާދެއެވެ. އެކަން އެނގުނުފަހުން އަހަރެން އުޅެނީ ބައްޕައަށް ފިލައިގެންނެވެ. މިއަދުވެސް މެއެވެ. ބައްޕަގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް އަހަރެންގެ ނެތީއެވެ.

އެދުވަސްތަކުގައި އަހަރެން މުޅިންވެސް ހޭދަކުރީ ކޮޓަރީގެ ތެރޭގައި ބަންދުވެގެންނެވެ. ބޭރަކަށް ނުނިކުންނަމެވެ. މީހަކާއި ވާހަކައެއް ނުދައްކަމެވެ. ހައްތާވެސް ހިތަށް އަރަނީ އާއިލާ ވާނެ ބަދުނާމެވެ. އަހަރެންވާނެ ފަޟީހަތެވެ. ދުނިޔެއަށް ދައްކާނީ ކޮންމޫނެއް ހެއްޔެވެ؟

އަހަރެންނަށް އެނގެއެވެ. ރޭގަނޑުގެ ފަރުދާގެ ތެރޭގައި އާއި ދުވާލުގެ ހާމައަލީގައިވެސް މީހުން ސިއްރުން ފާހިޝް އަމަލުތައް ހިންގައެވެ. އެކަމަކު އެއަމަލުތައް މީހުންނަށް އެނގި ހާމަވެދާނެތީ ކޮންމެ މީހަކުވެސް ބިރުގަނެއެވެ. ލަދުގަނެއެވެ. މާމަ ބުނީތީ އަޑުއެހީމެވެ. އާޚިރަތުގެ ގިންޏަށްވުރެ ދުނިޔޭގެ ލަދުބޮޑެވެ. އެހެނީ، އާހިރަތުގައި ލިބޭނެ އަޒާބަކަށް ވުރެ ބޮޑަށް މީސްތަކުން ބަލަނީ ދުނިޔޭގެ އިއްޒަތަށެވެ. ޒިނޭކޮށްފައި ދަރިމަރާލަނީވެސ އެކަން ފޮރުވާށެވެ.

ހިތްދަތިކަމާއި މާޔޫސްކަމުގައި އަހަރެން ކޮޓަރިތެރޭގައި ދުވަސްތައް ގުނަމުން ދިޔައީ ކުރާނެ ކަމެއް ހަދާނެ ގޮތެއް ނޭނގިގެންނެވެ. ހިތައް ތަސައްލީއެއް ހޯދުމަށް އަހަރެން ކުރާކަމަކީ ކޮންމެވެސް ފިލުމެއް ބަލާލުމެވެ. ނުވަތަ ވާހަކައެއް ކިޔާލުމެވެ. ނޫނީ އެހެންވެސް ކޮންމެވެސް މަސައްކަތެއްގެ ތެރޭގައި ޝާމިލް ވުމެވެ. ނަފީސްގެ ހަނދާންތަކާއި ދުރުވުމަށެވެ.

ނަފީސް އަހަރެންނަކަށް ނުގުޅައެވެ. އޭނާ ކަމެއް ބޭނުން ވުމުން މެނުވީއެވެ. އަހަރެންނަށް ރަނގަޅީވެސް އޭނާ ނުގުޅިއްޔާއެވެ. އޭނާ ގުޅާފާނެކަމަށްވެސް އަހަރެން ހުންނަނީ ބިރުންނެވެ. އޭނާ އެދޭނީ ފައިސާއަށް ކަމަށްވާތީ އެވެ. ބައްޕަގާތުގައި ފައިސާދޭށޭބުނަން ޖެހިލުންވާތީއެވެ.

އެއީ އިއްތިފާޤަކުން އަހަރެންނަށް ދިވެހިރާއްޖޭގެ އަޑުގެ ދީނީ ޕްރޮގްރާމެއް އަޑު އިވުނު ރެއެކެވެ. އެއީ އަހަރެންނަށް ތެދުމަގު ފެނުމަށް ކަލާނގެ މިންވަރު ކުރައްވާފައިވާތީ ވީކަމެވެ. ހިތްނިޔަތް ހާލިސްކޮށް ވެވޭ ތަޢުބާ ޤަބޫލުކުރައްވާނެކަން އަހަރެންނަށް އެނގުނީ އެޕްރޮގްރާމުންނެވެ. ނަމާދާއި ދުޢާއިން ވާގި ހޯދަން ދަސްވީ އެޕްރޮގްރާމް އަޑު އިވުމުންނެވެ.

އަހަރެންގެ ކުށްފާފަތައް ގިނަ ކަމުގެ މައްޗަށް ތައުބާވެ އަހަރެން ނަމާދުކޮށް ދުޢާކުރީމެވެ. ނަފީސްގެ ކިބައިން ސަލާމަތްކޮށް ދެއްވުން އެދި ދުޢާކުރީމެވެ. ކަލާނގެ އަހަރެން ދޫކޮށް ނުލައްވާނެ ކަމާއި އަހަރެންގެ ދުޢާ ރައްދު ނުކުރައްވާނެ ކަމުގެ ޔަޤީންކަމާއި އެކުގައެވެ. އެއީ ވިއްސާރަ ރެއެއްގެ ދަންވަރެވެ.

ނަފީސް އުޅުނުގޭގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައި އެއަލިފާނުގެ ހާދިސާގައި އެގެ އަނދާމުޅިން އަޅިޔަށްވެގެން ދިޔައީއެވެ. އޭނާގެ ހުރިހާ ތަކެއްޗާއިވެސް އެކުގައެވެ. އެތައްބަޔަކު ބްލެކް މެއިލްކޮށް އޭނާ ރައްކާކޮށްގެން ގެންގުޅެމުން ވީޑިއޯތައް އަޅައިގެން ގެންގުޅުނު ހާޑްޑިސްކާއި ކޮމްޕިއުޓަރާއި އެހެންވެސް ހުރިހާއެއްޗަކާއި އެކުގައެވެ. އެހާދިސާގައި ނަފީސް ނޫން މީހަކަށް އަނިޔާއެއް ނުވެއެވެ. އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ފިހި އޭނާ އަށްދެން އަލުން ދުނިޔޭގައި ދިރިނޫޅެވޭ ވަރުވީއެވެ. އެއީ މީހަކު ކުރި ކަމެއް ނޫނެވެ. ކަލާނގެ އޭނާގެ މައްޗަށް ލެއްވެވި ކޯފާއެވެ. އަހަރެން އީމާންވަނީ އެގޮތަށެވެ. އެހެނީ ގަދަވެސް ނުވެ މަރުވެސް ނުވެވި އޭނާ ހޮސްޕިޓަލުގެ އައިސީޔޫގައި އޮންނަތާވެސް މިހާރު އަހަރަކަށްވުރެ ގިނަދުވަސްވީއެވެ.

އެރެއަށްފަހު އަހަރެން ބަރާބަރަށް ނަމާދު ކުރަމެވެ. ކުރިން ކުރަމުން އައި ހުރިހާ ފާހިޝް ނުބައި އަމަލުތަކާއިވެސް ދުރުވެވިއްޖެއެވެ. އަހަރެންގެ މައްޗަށް ކަލާނގެ ތައުބާލެއްވެވީ ކަމުގެ ހެއްކަކީ ރަނގަޅުގޮތުގައި އަހަރެންނަށް އުޅެވެން ފެށުން ކަމުގައި ޤަބޫލު ކުރެވުނެވެ.

ނަމާދު ވަގުތު ޖެހޭއިރު ބަންގީގެ އަޑު ނީވޭ ހިސާބެއްގައި ހުއްޓަސް ބަންގި ގޮވާއަޑާއި ނަމާދުގެ ވަގުތު ވެއްޖެކަމުގެ އިހްސާސް އަހަރެންނަށް ކުރެވެއެވެ. އެފަދަ ބައެއް ހާލަތުގައި ހީވަނީ މީހަކު ކަންފަތްބުޑުގައި ސިއްރުން ބަންގި ދެނީހެންނެވެ. މިއަދުވެސް މިވީ އެހެންނެވެ.

-ނިމުނީ-

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. ވާހަކައިން ވަރަށް ރަނގަޅު އިބްރަތެއް ޙާސިލްވި. ނަމަވެސް ނަން ކަމަކު ނުދޭ. އެއީ މުޢުޖިޒާތަކީ ހަމައެކަނި އެކަލާނގެ ރަސޫލުންނާއި ނަބީންގެ އަތް މައްޗަށް ފާޅުކުރައްވާ އެއްޗެއް.

  2. ވާހަކަ ވަރަށް ރީތި..ހަމަ ރޮވިއްޖެ..މީ ހަގީގީ ވާހަކައެއްބާ އަނެއްކާ..؟..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *