ބެލްކަނީގެ ޗެންޗޭނު ދަގަނޑުމަތީގައި ޝާނީގެ އަތްބާއްވާ ލަމުން މާލޭގެ ހަލަބޮލި މަގުމައްޗަށް އޭނާގެ ނަޒަރު ހިންގާލިއެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. ރޭގައި ހިނގާދިޔަ ހަދިސާ އޭނާގެ ހިތުގައި އަދިވެސް ޓަކި ޖަހަމުން ދިޔައެވެ. ގަދަކަމުން ނިޒާމް ޝާނީ އާއި ގާތްވާން ކުރި މަސައްކަތް ހިތުގައި ކުރެހެމުން ދިޔައެވެ. އޭނާގެ ހަޔާތަށް މިހާރު މިފެށުނީ ކޮންފަދަ ކަންތައްގަނޑެއްކަމެެއް އޭނާ އަކަށް އަންދާޒާވެސް ކޮށެއް ނުލެވެއެވެ. ބިކަހާލުގައި ޖެހުނު ދުވަހު ބޮޑުދައިތަ އޭނާ ގެނެސް އޭނާގެ އުއްމީދުތައް ފުރިހަމަ ކޮށްދޭން ކުރަމުންދާ މަސައްކަތް ފެނަށްވެގެން ދާން ޖެހުނީ ކަންނޭގެއެވެ. ކޮންމެ ގޮތެއްވިޔަސް ރޭގެ ހާދިސާ ބޮޑުދައިތައަށް ކިޔާދޭން ޝާނީ ބޭނުމެވެ. އެކަމަކު އެވާހަކަތައް ބޮޑުދައިތަ ގަބޫލުކުރާނެބާއޭ އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފައްދައެވެ. ބޮޑުދައިތަ މިގެއިން އޭނާ ނެރެލައިފިނަމަ އޭނާ ބިކަވެގެން ދާނޭ ވަރު ހިތައް އެރުމާއެކު އޭނާއަށް ތެޅިގަނެވުނެވެ. ޝާނީ އަށް ވިސްނުނު އެންމެ މޮޅުގޮތަކީ އަވަހަށް ކޮންމެވެސް މިހަކާ އިނުމެވެ. އެކަމަކު….
އިރުކޮޅަކުން އެނދުމަތީގައި އޮތް ޝާނީގެ ފޯން ރިންގުވާން ފެށިއެވެ. މަޑުމަޑުން ޝާނީ ކޮޓަރިތެރެއަށް ވަދެ ފޯނަށް ބަލައިލިއެވެ. ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. ޝާނީ ހުރީ އެއްވެސް މީހަކާ ވާހަކަ ދައްކާ ހިއްވާ ކަހަލަ މޫޑެއްގައި ނޫންކަމުން އޭނާ ފޯނަށް ޖަވާބެއް ނުދީ ފޯނު ބަލައިލުމަށްފަހު އެނދުމަށްޗަށް އެއްލިއެވެ. އެއަށްފަހު އިރުކޮޅަކު ފޯނު ރިންގުވެލައިފައި ކެނޑުނެވެ. އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ. ހަމަ އެނަމްބަރުންނެވެ. ޝާނީ އެންމެ ފަހުން ފޯނު ނެގިއެވެ.
”ހަލޯ“ އެކޮޅުން ހަލޯއޭ ބުނުމާއި އެކު ޝާނީގެ ހިތަށް ފިނިކަމެއް ލިބިގެންދިޔަ ކަހަލައެވެ. އެއީ ޝާނީ ދަންނަ އަޑެކެވެ.
”ބިޒީ ގަޑިއެއްތަ“
”ނޫން ނޫން“ ނިހާން އާއި ވާހަކަ ދައްކާލުމުން އޭނާގެ ހިތުގެ ރިހުންތަކަށް ލުއިލިބޭނޭ ހީވުމުން އަވަސް އަވަހަށް ޝާނީ ބުންނެވެ.
”މިގަޑި ހަމަ އޯކޭ“
”މީ ކާކުކަން އެނގިއްޖެ ދޯ“ ނިހާން ސުވާލު ކުރިއެވެ.
”ތިއަޑު އަހަންނަކަށް ދުވަހަކުވެސް ނޯޅޭނެ“ ޝާނީ އެނދުގައި އިށީންދެލަމުން ބުންނެވެ.
”އަދިވެސް ހަނދާން އެބަހުރި ދޯ؟“ ނިހާން ބުންޏެވެ. ”އަހަރެން ހީކުރީ މިހާރު ހަނދާންވެސް ނުހުންނާނެ ކަމަށް“
”ބައެއް ހަނދާނަކީ ތިހީކުރާހާ ފަސޭހައިން ނެތިދާ އެއްޗެއް ނޫނޭ.. އެހެން ނޫނަސް ނިހާން…“ ޝާނީއަށް މިހެން ބުނެފައި ދެމީހުން އެކުގައި ކަހަލަަ ގޮތަކަށް ހޭންފެށިއެވެ.
”އަހަރެން ހިތަށް އަރާ ދެން ކޮންއިރަކުން ބާއޭ ދިމާ ވާނީ“ ނިހާން ބުންޏެވެ. ”ވަރަށް ބައްދަލު ކޮށްލާ ހިތުން މިހިރީ“
”އަހަރެން މިދުވަސްކޮޅު އެއްވެސް ކަމެއް ނުކުރަން“ ޝާނީ ވެސް ނިހާން އާއި ބައްދަލުކޮށްލަން ބޭނުންވެފައި ވާލެއް ބޮޑުކަމުން އޭނާގެ ހާލުބުނެދިނެވެ. ”ނިހާން ހަމަ ބޭނުންވީމާ ދިމާވާން ވީ“
ތަޅުގައި ހިފައިލުމަށްފަހު ދޮރު ހުރީ ތަޅުލެވިފައިތޯ ޝާނީ ޗެކް ކޮށްލި އެވެ. މީ އެގޮތަށް ޗެކް ކޮށްލި ހަތަރު ވަނަ ފަހަރެވެ. އޭނާގެ ހިތުގައި ރޭގެ ބިރުވެރިކަން އަދިވެސް އެބަހުއްޓެވެ. ނިޒާމް މިރޭވެސް އައިސްދަނޭ އޭނާގެ ހިތްބުނެއެވެ.
އެނދުގައި އޮށޯވެލީ ކޮޓަރީގައި ދިއްލާފައިވާ އަލިގަދަ ހޮޅިބުރި ނިވާވެސް ނުލައެވެ. އޭނާ ނިދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ވެފައިވާ ވަރުބަލީގެ ބޮޑުކަމުން މަޑުމަޑުން އޭނާގެ ލޯމެރެމުން ދިޔައެވެ.
ނުނިދުމުން އަނެއްކާވެސް ނިޒާމް ފުރޮޅިލިއެވެ. ނާހިދާ ނިދިތާ މިހާރު ކިތެއްމެ އިރެކެވެ. ނިޒާމް އޮތީ ދެހިތެއްގައެވެ. އޭނާގެ ހިތުގައި ޝާނީއަށް ޓަކައި ކެކެމުންދިޔަ ޖަޒުބާތުތައް ކޮންޓްރޯލް ކުރަމުން ދިޔައެވެ. އެންމެ ފަހުން ކެއްނުކުރިގެން އޭނާ ތެދުވިއެވެ. އަދި ޝާނީގެ ކޮޓަރި އާއި ދިމާއަށް މިސްރާބު ޖެހިއެވެ.
މީހަކު އަތް ޖެހުމާއެކު ޝާނީއަށް ހޭލެވުނެވެ. އޭރު މުޅި ކޮޓަރިތެރެ ވަނީ ފަނޑު އަނދިރިކަމެކެވެ. ޝާނީއަށް ބާރަށް ހަޅޭލަވައިގަންނަށް އަނގަހުޅުވާލުމާއިއެކު ނިޒާމްގެ ދެއަތުން ޝާނީގެ އަނގަމަތީގައި އަތްއެޅިއެވެ.
”އަޑުމަޑުކޮށްގެން އިނދޭ“ ނިޒާމް ހަރުކަށި ރާގަކަށް މަޑުމަޑުން ބުންޏެވެ. ”ކަލޭ ހަޅޭލަވައިގެން ތިއަޑު އަހަން މީހަކު ހުރިހެން ހީވަނީތަ އޭނ؟“
މަހެއްގެ ނިގޫފަތުގައި ހިފާ ފެނުން މައްޗަށް އުފުލާލުމުން ތެޅޭ އުސޫލުން ނިޒާމްގެ އަތުން ސަލާމަތްވުމަށް ޝާނި ތެޅެެމުންދިޔައެެވެ.
”ކަލޭ ހަނދާން ކުރާތީ، އަހަރެން މިދެނީ އިންޒާރު، މަގޭ ވާހަކަ އެއްވެސް މީހަކު ކައިރީ ބުނެފިއްޔާ ކަލޭ ޖެހޭނީ މިގެއިން ނިކުމެގެން ދާން.. އެންމެ ފަހުން ބޭޒާރުވެސް ވާނީ ކަލޭ.. މިގޭގަ ކީއްކުރަން ކަލޭގެ ރަށުގައިވެސް ނުހުންނާނެ ކަލޭ ދައްކާ ވާހަކަ އަޑުއަހާނެ އެއްވެސް މީހެެއް.. އެހެންވީމާ ދެކޮޅަށްވެސް އެއްމެ ފައިދާ ހުރި ގޮތަކީ މަބުނާގޮތެއް ހަދައިގެން ކަލޭ އުޅުން.. އަޑުއިވިއްޖެތަ އޭނ“
އެއާއިއެކު ޝާނީގެ ހަރަކާތްތައް ހިމޭންވާންފެށިއެވެ. އޭނާއަށް ނިޒާމް ދެއްކިވާހަކަތައް އަޑުއިވުނެވެ. ހަރަކާތްކަށް ބަދަލު އައީ އެހެންވެގެންނެވެ. އޭނާގެ ލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ. ނިޒާމް މަޑުމަޑުން ޝާނީގެ އަނގަމަތިން އަތްނެގިއެވެ. އަދި މަޑުމަޑުން ޝާނީގެ ހަށިގަނޑުން އުފާ ހޯދަންފެށިއެވެ. ޝާނީއަކަށް ކެތެއް ނުކުރެވުނެވެ. ނިޒާމްގެ އަތުތެރެއިން ސަލާމަތް ވެގެން ފުންމައިގެން ތެދުވިއެވެ. އަދި ބޭއިހުތިޔާރުގައި ކައިރީގައި ހުރި މޭޒުމަތީގައި ބަހައްޓާފައި ހުރި މާވަށިގަނޑުން ނިޒާމްގެ ކަންކަށިމަތީގައި ޖެހުނު އެއްމެ ބާރަށް ޖެހިއެވެ. އެއާއެކު ނިޒާމް ބާރަށް ހަޅޭއްލަވައިގަތެެވެ.
”އެވަރުވީއިރު ކީއްވެތަ މަށަށް ގޮވާނުލީ“ ހެނދުނު ތެދުވެ ނިޒާމްގެ ބޮލުގައި ފަޅައިގެން ގޮސްފައިހުރި ތަނުގައި ބޭސް އަޅާދެމުން ނާހިދާ ބުންޏެވެ. ޝާނީ ވެސް ސޯފާގައި އިނެވެ. އެނާގެ މޫނުމަތިން އުދާސްކަން ފާޅުވާން ހުއްޓެވެ. ނަމަވެސް އެއްވެސް ކަމެއް ނުވާކަމަށް ހަދާފައި އޭނާ އިނީ ޓީވީ ބަލާށެވެ.
”އެހެންވެގެންނޭ މަ އޭރުވެސް ބުނީ އެމުށި ވަރަށް ކައްސައޭ… ނިޒާމް ގަބޫލެއް ނުކުރި ވިއްޔާ.. އެއްމެފަހުން މިއޮތީ މަބުނިތަން އައިސްސަ.. އުނަގަނޑުގައި ރިއްސާތަ“
”ނޫނޭ.. ތަށީގައި ބޯޖެހުނީ…“ ނިޒާމް ބުންޏެވެ. ”އަނެއްހެން މާ އަނިޔާވާ ގޮތަކަށް ނޫން ނަސީބަކުން ޖެހުނީ ކީ.. އެހެން ނޫންނަމަ މީ ހަަމަ މަރުގެ އެތިފަހަރެއް ކަންނޭގެ“
”މާބޮޑަށް ތަދުވަންޏާ ޖެހޭނެ ޑަކްޓަރަށް ދައްކާލަން…“ ނާހިދާ ފަރުވާތެރިކަމާއެކު ބުންޏެވެ. ”ބޭރުން މާބޮޑު ޒަހަމެއްނެތަސް އެތެރެއިން ހުރެދާނެ ވަރަށް އަނިޔާވެފައި“
އެވަގުތު ޝާނީއަށް ނާހިދާގެ މޫނަށް ބަލައިލެވުނެވެ. ޝާނީގެ ހިތުގައިވާ ޒަހަމްތައް ނާހިދާއަށް ފެނުމުން ނާހިދާ އެހާ އޯގާތެރިވާނެބާއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާގެ ޒަހަމްތަކުގައި އެފަދައިން އޭނާ މަލަން އަޅައިދޭނެ ބާއެވެ.
”ރިހުން ނުކެނޑުނިއްޔާ، މާދަމާ ދާންވާނެ ޑަކްޓަރަށް ދައްކާލަން“ ގޯޒްފޮތިކޮޅު ކަތުރުން ބުރިކޮށްލަމުން ނާހިދާ ބުންޏެވެ.
”މިރޭ ދާންވީނު“ ޝާނީ ހިނިތުންވެލަމުން ބުންޏެވެ.
އިރު އޮއްސުނުތަނާހެން ނިހާން ޝާނީ އާއި ބައްދަލުކުރަން ބޭނުންވާތީ ގުޅިއެވެ. ޝާނީވެސް ނިހާން އާއި ބައްދަލުކުރަން ބޭނުންވެފައި ވާލެއް ބޮޑުކަމުން ފުރުސަތު ގެއްލުވާލާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކާއި މީހަކާ އިނދެގެން މިގެއިން ނިކުމެގެން ދާށެވެ. ނޭގިނަމަވެސް އޭނާގެ ހިތުގައި ވަނީ ނިހާންގެ އަންބަކަށް ވުމުގެ ހިޔާލުތަކެވެ. އޭނާއަަށް ނިހާން މީހަކާ އިނދެގެން އުޅޭކަމުގެ އެއްވެސް ހަބަރެއް ލިބިފައެއް ނެތެވެ.
ސައިކަލުގައިސް ނިހާން ގޭގެ ދޮރުމައްޗަށް މަޑުކޮށްލިއިރު ޝާނީ އިނީ ދޮރުމަތީގައެވެ. ނާހިދާ އާއި ނިޒާމް ވީ ކޮޓަރީގައެވެ. ޝާނީ ބޭރަށް ނިކުތީ ނާހިދާއަށް އިޝާރާތެއް ކޮށްލާފައެވެ. ނަމަވެސް ފަހަތުން ނިޒާމް ނާންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ޝާނީ އަކަށް ނެތެވެ. އިރު އިރުކޮޅުން ފަހަތައް ބަލައިލެވެނީވެސް އެހެން ވެގެންނެވެ. ނިހާން ފެނުމުން ޝާނީ ވަރަށް އުފާވިއެވެ. ދެމީހުންނަށްވެސް ފުރަތަމަ ތިބެވުނީ ވާހަކަދައްކަން ނުކެރިފައެވެ. ނަމަވެސް އިރުކޮޅަކުން ނިހާން ވާހަކަ ދައްކަންފެށިއެވެ.
”ހާދަ ބިރުން ހުރިހެން ހީވޭ…. އެކަނި މިހާ ހިސާބަށް ނިކުންނަން ވެސް ބިރުގަނޭތަ؟“
ޝާނީ މަޑުހިނިތުންވުމެއް ފާޅުކޮށްލިއެވެ. އޭނާގެ މޫނުމަތިން ހަގީގަތުގައިވެސް ބިރުން ހުރިހެން ހީވަނީތާއޭ އޭނާގެ ހިތަށް އެރިއެވެ.
”އެކަނި ވީމަ ހަމަ ބިރުގަންނަނީ“ ޝާނީ ބުންޏެވެ. ”އެކަމަކު މިހާރު އެހާ ބިރެއް ނުގަނޭ.. ނިހާން ވެސް ތި އައީނު“ ދެމީހުން އެއްފަހަރާ ހޭންފެށިއެވެ.
”ދުއްވާލަން ދެވޭނެތަ“ ނިހާން އަހާލިއެވެ. ”މިބުނީ މިގަޑީގައި ދެވޭނެހޭ“
”ކީއްވެ ނުދެވޭން ވީ.. ހަމަ ދާންވީ“ ފުރުސަތުގެ ބޭނުން ޝާނީ ކުރިއެވެ. މިގޭގައި ނާހިދާ ކައިރި ބުނެލަފައި ބޭރަށް ދިޔުމަކީ ޝާނީއަށް މަނާކަމެއް ނޫނެވެ. ނާހިދާގެ ހަމައެކަނި ޝަރުތަކީ މާ ދަންވުމުގެ ކުރިން ގެއަށް އައުމެވެ.
”އަރާ… “ ނިހާން ސައިކަލުގެ މަޑިއަށް އިޝާރާތް ކުރަމުން ބުންޏެވެ.
”މާ ލަސްނުކޮށް އަންނަންވާނެ އިނގޭ“ ޝާނީ ސައިކަލަށް އަރަމުން ބުންޏެވެ. ސައިކަލުގެ ފަހަތުގައި އިން އިރު ޝާނީއަށް ބުނެދޭން ނޭގޭހާ އުފާވެރިކަން އިހުސާސް ކުރެވެމުންދިޔައެވެ. މީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ނިހާންގެ ސައިކަލުގެ ފަހަތުގައި އިނދެ ސައިކަލު ދުއްވާލަން އޭނާގެ ހިތް އަބަދުވެސް އެދެއެވެ. ނިހާންގެ ހިތުގައިވެސް ބުނެދޭން ނޭގޭ ޖަޒުބާތުތަކެއް އުފެދެމުން ދިޔައެވެ. ދެހިތުގެ ތެޅުން އެކަކު އަނެކަކަށް އިވޭނަމަ މިވަގުތު ދެމީހުންވެސް ވަނީ އުފާވެރިކަމުގެ ތެރޭގައެވެ.
ސައިކަލު އޭގެ ހަލުވި ދުވެލީގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ދުއްވަމުން ދިޔައެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ދެމީހުންވެސް ދައްކަން ބޭނުންވެފައިވާ ވާހަކަ ގިނަކަމުން ވާހަކަ ފަށަން ނޭގިފައި ތިބީކަން ނޭގެއެވެ.
ލުއި ބުއިމަކަށް އޯޑަރ ދިނުމަށްފަހު ނިހާން ގޮޑީގައި ހަމަޖެހިލިއެވެ. ދެމީހުންވެސް މިވަގުތު ތިބީ މާލޭގެ އާދައިގެ ރެސްޓޯރެންޓެއްގައެވެ. މިފަދަ ތަނަކުން ނޫނީ ފަސޭހަ ކަމާއެކު މާލޭގައި ވާހަކަދައްކާލުމަކީ ފަސޭހަކަމެއް ނޫންކަން ނިހާންއަށް އެނގެއެވެ.
”ކީއްވެ އަނގައިން ނުބުނު ތިއިންނަނީ“ ދެމީހުންގެ މެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ ނިހާން އެވެ. ”ޝާނީ މިހާރު ހާދަ ބަދަލުވެއްޖޭ“
”ހާލަތާ އެއްގޮތަށް އިންސާނާ ބަދަލުވުމަކީ ކުރަން ޖެހޭކަމެއް“ ޝާނީ ބުންޏެވެ. ”އަހަރެންގެ ބާރުގެ ދަށުގައި ހިނގާ ހުރިހާކަމެއް މިހާރު ބަދަލުކުރަން މަސައްކަތް ކުރަމުން މިދަނީ.. ބައެއް ކަންތައް ތަކަކީ ކިތައްމެ ވަރަކަށް ބަދަލުކުރަން އުޅުނަސް ބަދަލު ކުރެވޭ ކަންތަކެއްނޫން… ބައެއް ފަހަރު އެއީ އިހުތިޔާރުން ބޭރުގައި ވާ ކަންތައްތަކެއް“
(ނުނިމޭ)