އިންތިޒާރު – 17 ވަނަބައި

ޝާނީ ދިޔައީ ސިއްސައިގެންނެވެ. ނިޒާމް ވެސް ފަހަތައް ޖެހިލެވޭގޮތް ވިއެވެ. ނަމަވެސް ވަކިއެއްޗެއް ނުބުނެއެވެ. ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ފޮތްކަބަޑުން ފޮތެއް ނަގައިގެން އޭނާ ނިކުތީ ބޭރަށެވެ. ޝާނީއަށް ހަމަ ނޭވާއެއް ލެވުނީ ނިޒާމް ދޮރުލައްޕާފައި ތަޅުލުމުންނެވެ.

ޝާނީ އަށް ނިދުނީ ކޮންމެވެސް ކަމަކާ ހާސްވެފައި އޮއްވައެވެ. ނިޒާމް އެގޮތަށް ޓަކި ޖަހާނުލާ އަންހެން ކުއްޖެއްގެ ކޮޓަރިއަށް ވަންނަން ވީ ކީއްކުރަންހެއްޔެވެ. އެންމެ ރަނގަޅެވެ. ޝާނިއަށް ގަބޫލު ކުރެވުނީ އެއީ ހުސް ވަހުމް ކަމުގައެވެ.

މެންދަމު ދޭއްޖެހިއިރު ނިޒާމް އަނެއްކާވެސް އެނދުން ތެދުވެއްޖެއެވެ. އޭރުވެސް ނާހިދާ އަރާމު ނިންޖަކުން ނިދާފައި އޮތެވެ. ނިޒާމް އަކަށް މިރޭ ނިދޭގޮތެއް ނުވެއެވެ. ޝާނީ މިގެއަށް އައިފަހުން އޭނާގެ ހިއްސުތަކަށް ނޭނގޭ ތާޒާކަމެއް ލިބިފައި ވާކަހަލައެވެ. ދަގަތްފާނަށް ދަނގަޑު ދަމާހެން ނިޒާމްގެ ހިތް އެދެމުންދިޔައީ ޝާނީ ގައިގައި ބީހިލުމަށެވެ. އެ މައުސޫމް ހަށިގަނޑުން އުފަލެއް ހޯދުމަށެވެ.

މަޑުމަޑުން ޝާނީގެ ކޮޓަރީގެ ދޮރު ނިޒާމް ހުޅުވާލިއެވެ. ނިދާ ބޮކީގެ ފަނޑުއަލިން މުޅި ކޮޓަރި ވަނީ ކުލަ ބަދަލު ކޮށްލާފައެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުންނާއި އެނބުރެމުންދިޔަ ބާރު ފަންކާއިން ފޯރުކޮށްދޭ ފިނިވައިގެ ސަބަބުން މުޅި ކޮޓަރި ވަނީ އަރާމު މިންވަރަކަށް ފިނިވެފައެވެ. ޝާނީ އޮތީ ކުރުގޮޅިގެންނެވެ. އޭނާ ލައިގެން އޮތް ޓީޝާޓް އޮތީ މައްޗަށް ކެހިލައިފަ އެވެ. ޝާނީ އަށް އޮތީ ނިދިފައެވެ. އޭނާ އޮތީ އުފާވެރި ހުވަފެނެއްގައެވެ. އެހުވަފެނުގައި އޭނާއަށް ފެންނަނީ ނިހާން އެވެ. ކައިވެނި ހެދުމުގައި ޝާނީ އިންތިޒާރު ކުރަމުން ދިޔައީ ނިހާން އަށެވެ. އިސާހިތަކު ނިހާން އައިސް ޝާނީގެ އަތުގައި ހިފާ އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. އަދި މަޑުމަޑުން އޭނާގެ އަތުން ޝާނީގެ މޫނުގައި ފިރުމާލިއެވެ. ޝާނީގެ ހަށިގަނޑުން ވާގިދޫވާން އުޅޭ ކަހަލައެވެ. ފަރުވާތެރި ކަމާއެކު ނިހާން އޭނާގެ މޫނު ޝާނީގެ މޫނާއި ގާތްކޮށްލިއެވެ. އަދި ޝާނީގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި އޭނާގެ ތުންފަތް ޖައްސާލިއެވެ.

ޝާނީއަށް ކުއްލިޔަކަށް ހުވަފެނުން ހޭލެވުނެވެ. އޭރު ކައިރީގައި ހުރީ ނިޒާމް އެވެ. ޝާނީ އާއި ދާދި ގާތުގައެވެ. އޭރު މުޅި ކޮޓަރި އޮތީ އަނދިރިކޮށެވެ. ހޭލެވުމާއި އެކު ޝާނީ ވަރަށް ބާރަށް ހަޅޭލަވަންފެށިއެވެ. އެއާ އެކު މީހަކު ޝާނީގެ އަނގަމަތީގައި އަތް އެޅިއެވެ. ޝާނީގެ ހިތުގެ ތެޅުން ކުރިއަށްވުރެ ބާރު ވެގެންދިޔައެވެ. ބާރުގަދަ އަތަކުންް އޭނާގެ ގައިގައި ހިފަހައްޓާލުމުގެ ސަބަބުން އޭނާއަކަށް އިތުރަކަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. ގަދަ ދެއްކިޔަސް ސަލާމަތެއް ނުވެވުނެވެ. ނަމަވެސް ސަލާމަތްވެވޭތޯ ދެއްކުނު ހުރިހާ ބާރެއް އޭނާ ދެއްކިއެވެ.

”މާ އަޑުބާރުކުރަން ނުހަދާ“ ނިޒާމް މަޑުމަޑުން ބުންޏެވެ. ”އަހަރެން ބުނާގޮތް ހަދައިގެން މަޑުމަޑުން އޮވޭ“
ކައިރީގައި ހުރީ ނިޒާމް ކަން ޝާނީއަށް އެނގުނީ ނިޒާމް ވާހަކަ ދެއްކުމުންނެވެ. އެއާއެކު އޭނާގެ ހަރަކާތްތަށް ހުއްޓުން އެރިކަހަލައެވެ. އަތާއިފައިން ވާގި ދޫވިކަހަލައެވެ. ލޭ ގަޑުވެގެން ދިޔަކަލައެވެ. ނިއްކުރިމަތިން އޮއްދާ ހިއްލަންފެށިއެވެ. އިސާހިތަކު ނިޒާމްގެ ވަކިތަކުން ސަލާމަތް ވެވޭތޯ ތެޅެންފެށިއެވެ. ނަމަވެސް ނިޒާމް ހިފަހައްޓާލައިފައިވާ ބާރުކަމުން އޭނާއަކަށް ސަލާމަތްވެވޭނޭ ގޮތެއް ނުވިއެވެ.

”މިގޭގައި އުޅޭން ބޭނުމިއްޔާ ޖެހޭނީ އަހަރެން ބުނާގޮތެއް ހަދައިގެން އުޅެން“ އަމުރުވެރި ރާގަކަށް ނިޒާމް ބުންޏެވެ. ”އެހެން ނޫނީ ޖެހޭނީ މިގެއިން ނިކުމެގެން ދާން“

ޝާނީ އަދިވެސް ތެޅެމުން ދިޔައެވެ. ނިޒާމް އޮތީ އޭނާގެ އަނގަޔާއި އަތް ރަނގަޅަށް ކަސްތޮޅު އަޅާފައެވެ. ”މިބުނާ އެއްޗެއް ވިސްނޭތަ؟“ އަނެއްކާވެސް އަމުރުވެރި ރާގަކަށް ނިޒާމް ބުންޏެވެ. ”މިވާހަކަ އެއްވެސް މީހަކު ކައިރީ ދައްކައިފިއްޔާ، ޝާނީއަކަށް މިގެއަކު ނޫޅެވޭނެ“ ނިޒާމް އަދިވެސް ހުރީ ޝާނީގެ އަނގަމަތީގައި ވަރަށް ބާރަށް އަތް އަޅާއިގެންނެވެ. ޝާނީގެ ހަރަކާތައް އަދިވެސް ބަދަލެއް ނާދެއެވެ. ”ހަނދާން ކުރާތީ! ޝާނީ މިވާހަކަ ދެއްކިޔަސް، ޝާނީގެ ވާހަކަ ގަބޫލުކުރާނޭ މީހަކުވެސް ނުހުންނާނެ“ ސަލާމަތް ވެވޭތޯ އޭނާ ތެޅެމުން ދިޔަ ޝާނީގެ ހަރަކާތައް އެއާއެކު މަޑު ޖެހިލިއެވެ. އަދި މަޑުމަޑުން ހިމޭންވާންފެށިއެވެ. އެއާއެކު ނިޒާމް ޝާނީގެ އަނގަމަތިން އަތްނެގިއެވެ. ނަމަވެސް ޝާނީ އަކަށް ހަޅޭއްލަވައިގަންނާކަށް ނުކެރުނެވެ. އޭނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އޭނާ ވަނީ ހަދާނޭގޮތް ހުސްވެފައެވެ.

ހަޅޭއްލަވައިގަންނަން ވެސް އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް މާދަންވާނޭގޮތް އޭނާގެ ހިތަށް އައުމާއެކު މަޑުޖެހެވުނެވެ. މަޖުބޫރު ވެފައިވާ ކުއްތާގަނޑެއްހެން ނިޒާމް ބުނިހާގޮތެއް ހަދަން އޭނާއަށް ޖެހުނު ކަހަލައެވެ.
ނިޒާމް މަޑުމަޑުން ޝާނީގެ އަތުން ދޫކޮށްލިއެވެ. އަދި މަޑުމަޑުން ޝާނީ އާއި ގާތްވާންފެށިއެވެ. ޝާނީގެ ހިތުގެ ވިންދު ހަމައިން ނައްޓާފައިވެއެވެ. ވަގުތު ބަލާފައި ޝާނީ ނިޒާމްގެ ކިބައިން ސަލާމަތްވިއެވެ. އަދި އަވަސް އަވަހަށް އެނދުން ތެދުވެގެން ފާހާނާއި ދިމާއަށް ދުއްވައިގަތެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމާއެކުވެސް ޝާނީ ގޮސް ފާހާނާއަށް ވަދެ ދޮރު ތަޅުލިއެވެ. އޭރު އޭނާއަށް ވަރަށް ބާރަށް ގިސްލެވެމުން ދިޔައެވެ. ނިޒާމަކަށް ޝާނީ އަތުގައި ޖެހޭގޮތެއް ނުވިއެވެ.

ރޮށިތަށިން ރޮށްޓެއް ނެގުމަށްފަހު ނިޒާމް ކުދިކުރަން ފެށިއެވެ. ނިޒާމް އާއި ނާހިދާ ތިބީ ހެނދުނުގެ ނާސްތާ ކުރާށެވެ. ޝާނީ ސައިބޯން ނާންނާތީ ނާހިދާ މިހާރު ދެފަހަރަކު ޝާނީގެ ކޮޓަރީގައި ޓަކިވެސް ޖަހާލައިފިއެވެ. ނަމަވެސް އަދިވެސް ޝާނީ ކޮޓަރި އަކުން ނުނިކުމެވެ.

”ވެދާނެއެއްނު ރޭގަ ތަންކޮޅެއް ލަހުން ނިދުނީކަމަށް“ ނިޒާމް ނާހިދާ ކަންބޮޑުވެފައި އިންވަރު ފެނުމުން ބުންޏެވެ. ”އޭނާ ބަނޑުހައިވީމަ ސައިބޯނެ އެއްނު“

ނަމަވެސް ނާހިދާ އަނެއްކާވެސް ގޮސް ޝާނީގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ.

”ދަރިފުޅަ ދެން ތެދުވޭ ސައިބޯން“ އޯގާތެރިކަމާއެކު ނާހިދާ ބުންޏެވެ. ”މިހާރު އެހެރަ 9 ޖަހަނީއޭ“

އެވަގުތަކީ ޝާނީ މޫނު ދުވެލައިގެން ފާހާނައިން ނިކުތްވަގުތެވެ. އޭނާގެ ހިތުގެ ވިންދު އަދިވެސް ހަމައަކަށް ނޭޅެއެވެ. އޭނާގެ ހިތުގައި ވާ ބިރުވެރިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ބޭރުގައި ހުރީ ނާހިދާކަން އެނގުމުން، އަވަސް އަވަހަށް ދޮރު ހުޅުވާ ރޭގެ ހާދިސާ ނާހިދާއަށް ކިޔާދިނުމަށް އޭނާ ބޭނުން ވިއެވެ. އެއާއެކު ދޮރާއި ދިމާއަށް އަވަސް އަވަހާ ހިނގައިގަތެވެ.

ޝާނީގެ މޫނު ފެނުމާއެކު، އޭނާގެ މިލާ މޯޅިވެފައި މޫނާއި ރަތްވެފައިވާ ދެލޯ ނާހިދާގެ ނަޒަރު ދިމާވިއެވެ. ”ދަރިފުޅު ބަލިވީތަ؟“ ހައިރާންވެފައި ނާހިދާ ސުވާލުކުރިއެވެ. ”ކިހިނެއް ވަފައި ތިހިރީ؟“

އެވަގުތު ކުޑަގޮތަކަށް ސައިބޯލައިގެން ނިޒާމް ވެސް ޝާނީ ފެންނަހިސާބަށް އައެވެ. އެއާއެކު ޝާނީގެ ދުލުގައި ތަޅުއެޅިކަހަލައެވެ. އަވަސް އަވަހަށް ނިއްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރީތިކޮށްލާ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.

”އެއްވެސް ކަމެއް ނުވޭ“ ގަދަކަމުން ހިނިތުންވަމުން ކަހަލަ ގޮތަކަށް ޝާނީ ބުންޏެވެ.
”އަސްތާ! އަތަށް ކިހިނެއްވެފައި ތިހިރީ“ ޝާނީގެ އަތުގައި ނިޒާމް ބާރާށް ހިފަހެއްޓުމުގެ ސަބަބުން ނޫފައިގެންފައިވާ ޒަހަމް ފެނުމުން ނާހިދާ ބުންޏެވެ. “ ކޮންއިރަކު ވެފައި ހުރިގޮތެއް އެއީ“

އެއާއެކު ޝާނީ އަށް ބަލާލެވުނީ ކުޑަ ތަންކޮޅެއް ދުރުގައި ހުރި ނިޒާމްގެ މޫނަށެވެ. އެވަގުތު ނިޒާމުގެ ލޮލުން އަލިފާން ފަދަ ރުޅި ޝާނީއަށް ފެނުނެވެ. އަވަސް އަވަހަށް ޝާނީ އޭނާގެ އަތް ފޮރުވާލިއެވެ. އަދި ހިއްވަރުކޮށްލާފައި ރޭގެ ކަންތައް ކިޔާދޭން އުޅުނެވެ.

”އެއީ…“ ޝާނީއަށް ބުނެވުނީ އެހާހިސާބަށެވެ. ނިޒާމް ނާހިދާ އާއި ވާހަކަ ދައްކަންފެށިއެވެ.

”ނާހިދާ! ހިނގާބަލަ ދުފާއެއްޗެއް ދޭން“

ބެލްކަނީގެ ޗެންޗޭނު ދަގަނޑުމަތީގައި ޝާނީގެ އަތްބާއްވާލަމުން މާލޭގެ ހަލަބޮލި މަގުމައްޗަށް އޭނާގެ ނަޒަރު ހިންގާލިއެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. ރޭގައި ހިނގާދިޔަ ހަދިސާ އޭނާގެ ހިތުގައި އަދިވެސް ޓަކި ޖަހަމުން ދިޔައެވެ. ގަދަކަމުން ނިޒާމް ޝާނީ އާއި ގާތްވާން ކުރި މަސައްކަތް ހިތުގައި ކުރެހެމުން ދިޔައެވެ. އޭނާގެ ހަޔާތަށް މިހާރު މިފެށުނީ ކޮންފަދަ ކަންތައްގަނޑެއްކަމެެއް އޭނާއަކަށް އަންދާޒާވެސް ކޮށެއްނުލެވެއެވެ. ބިކަހާލުގައި ޖެހުނު ދުވަހު ބޮޑުދައިތަ އޭނާ ގެނެސް އޭނާގެ އުއްމީދުތައް ފުރިހަމަ ކޮށްދޭން ކުރަމުންދާ މަސައްކަތް ފެނަށްވެގެން ދާން ޖެހުނީ ކަންނޭގެއެވެ. ކޮންމެ ގޮތެއްވިޔަސް ރޭގެ ހާދިސާ ބޮޑުދައިތައަށް ކިޔާދޭން ޝާނީ ބޭނުމެވެ. އެކަމަކު އެވާހަކަތައް ބޮޑުދައިތަ ގަބޫލު ކުރާނެބާއޭ އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފައްދައެވެ. ބޮޑުދައިތަ މިގެއިން އޭނާ ނެރެލައިފިނަމަ އޭނާ ބިކަވެގެން ދާނޭ ވަރު ހިތައް އެރުމާއެކު އޭނާއަށް ތެޅިގަނެވުނެވެ. ޝާނީ އަށް ވިސްނުނު އެންމެ މޮޅުގޮތަކީ އަވަހަށް ކޮންމެވެސް މިހަކާ އިނުމެވެ. އެކަމަކު….

އިރުކޮޅަކުން އެނދުމަތީގައި އޮތް ޝާނީގެ ފޯން ރިންގުވާން ފެށިއެވެ. މަޑުމަޑުން ޝާނީ ކޮޓަރިތެރެއަށް ވަދެ ފޯނަށް ބަލާލިއެވެ. ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. ޝާނީ ހުރީ އެއްވެސް މީހަކާ ވާހަކަ ދައްކާ ހިއްވާ ކަހަލަ މޫޑެއްގައި ނޫންކަމުން އޭނާ ފޯނަށް ޖަވާބެއް ނުދީ ފޯނު ބަލައިލުމަށްފަހު އެނދުމަށްޗަށް އެއްލިއެވެ. އެއަށްފަހު އިރުކޮޅަކު ފޯނު ރިންގުވެލާފައި ކެނޑުނެވެ. އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ. ހަމަ އެނަމްބަރުންނެވެ. ޝާނީ އެންމެ ފަހުން ފޯނު ނެގިއެވެ.

”ހަލޯ“ އެކޮޅުން ހަލޯއޭ ބުނުމާއެކު ޝާނީގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔަކަހަލައެވެ. އެއީ ޝާނީ ދަންނަ އަޑެކެވެ.“
(ނުނިމޭ)

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *