ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަނަލް ގްރޫޕް (ސީމެގް) އެޖެންޑާގައި ރާއްޖެ ހިމަނަން އެ ޖަމާއަތުގެ ބާރުގަދަ ބޮޑެތި ގައުމުތަކުން މަސައްކަތް ކުރިނަމަވެސް އެ މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ މަސައްކަތް ނާކާމިޔާބުވެފައިވަނީ ފޮރިން މިނިސްޓަރު ދުންޔާ ސީމެގް ގެ މިނިސްޓަރުންނަށް ފޯނުން ގުޅުއްވައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުން ކަމަށެވެ.
ދުންޔާ ވަނީ ކޮމަންވެލްތުގެ ހަމަތަކަށް ފުށޫ އަރާ އެއްވެސް ފަދަ ކަމެއް ރާއްޖޭގައި ހިނގާފައި ނުވާނެ ކަމަށާއި އެފަދަ އަމަލެއް ރާއްޖޭގައި ނުހިންގާނެ ކަމުގައި ކޮމަންވެލްތުގައި ވިދާޅުވެފައިކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގަމުންދާ ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކޮމަންވެލްތާއެކު މަސައްކަތް ކުރާނެ ކަމަށްވެސް އެކަމަނާ ވިދާޅުވި ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.