”އަހަރެންނާއި އިތުރަށް ސުވާލު ނުކުރޭ“ މޫނުގައި އަތް އަޅަމުން ރާވީ ބުންޏެވެ. އެހެން ބުނި އިރުވެސް އޭނާގެ އަޑުގައި ތުރުތުރު އެޅުން ހުއްޓެވެ. އޭނާ ހުރީ ވަރަށް ބޮޑަށްޖެހިލުންވެ ބިރުގެންފައެވެ. އޭނާގެ އަތްވެސް ތުރުތުރު އަޅަމުންދިޔަ އިރު އެކަން ނިއުސްހެޑް ނަސީރަށް ވަރަށް ބޮޑަށް ފާހަގަވިއެވެ. އެކަމަކު ރާވީ އަށް އައި ކުއްލި ބަދަލާއި ވަޒީފާއިން ވަކިވުމަށް އޭނާ ނިންމި ނިންމުން ޤަބޫލުކުރަން ނަސީރަށް އުނދަގޫވަނީއެވެ. އެކަމުގެ ސަބަބު އޭނާ އޮޅުން ފިލުވަން ބޭނުންވަނީ އެހެންވެއެވެ.
ރާވީ އަކީ އަރަމުން އަންނަ ހުނަރުވެރި ޖާނަލިސްޓެވެ. އޭނާގެ ތަރި އެހާ އަވަހަށް އެހާ ކުއްލި ގޮތަކަށް އޮއްސޭކަން ނަސީރު ބޭނުމެއް ނޫނެވެ. އަނެއްކޮޅުން މުޅި ނޫހަކީ ރާވީގެ މައްޗަށް ބަރޯސާވެފައިވާ ނޫހެކެވެ. އޭނާ އާއި ނުލައި ނޫސް ހިންގުމަކީ، ނަސީރަށް ނުހަނު ދަތިކަމަކަށް ވާނެއެވެ. އެވަރުގެ ތަޖުރިބާހުރި އަދި ހުނަރުވެރި ލިޔުންތެރިއެއް ދެން އެނޫހަށް ލިބުމަކީ ދަތިކަމެކެވެ. އެހެން ކަމުން ކޮންމެ އަގެއްގައިވެސް ރާވީ އެނޫހުގެ ވަޒީފާގައި ބަހައްޓަން ނަސީރު ބޭނުންވެއެވެ.
”ސީނިއާ ޖާނަލިސްޓަކަށް ބަދަލުކޮށް، މުސާރަ 18000 ރުފިޔާއަށްވެސް ބޮޑުކޮށްދީފާނަން“ ނަސީރު ބޭނުން ވަނީ ކޮންމެ އަގެއްގައިވެސް ރާވީ ވަޒީފާގައި ބަހައްޓާށެވެ.
”މުސާރައެއް އަޅުގަނޑަކަށް މުހިއްމެއް ނޫން. ކިތަންމެ މަސައްކަތް ކުރަން ބޭނުން ވިޔަސް ދެން މިދާއިރާގައި މަސައްކަތް ކުރާކަށް ނެތިން. އެހެންވެ ވަޒީފާއިން މިވަކިވަނީ“ ލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ރާވީ ބުންޏެވެ.
”ވެގެން އުޅޭ ގޮތެއް ބުނީމަދޯ އެކަމެއް. ހައްލުކޮށްދެވޭނީ. ބަޔަކު އިންޒާރުދީ ބިރުދައްކަނީތަ؟“ ނަސީރު ބޭނުން ވަނީ ހަޤީޤީ މައްސަލަ އޮޅުން ފިލުވާށެވެ. އެހެނީ ރާވީ އަކީ ތަފާތުއެކި ދާއިރާގެ ޚަބަރުތަކާއި ރިޕޯޓްތައް ލިޔާ ޖާނަލިސްޓެކެވެ. ޚާއްސަކޮށް އިންވެސްޓިގޭޓިވް ޖާނަލިޒަމްގައި އޭނާވަރުގެ ނޫސްވެރިއަކު އަދި ރާއްޖޭގައި ނުއުފެދެއެވެ. ސިޔާސީ މީހުންވެސް އޭނާދެކެ ޖެހިލުންވެއެވެ. އޭނާ ލިޔުނު ބައެއް ރިޕޯޓްތަކުގެ ސަބަބުން މަރުގެ އިންޒާރުތައްވެސް އޭނާއަށް ލިބިފައި އެބަހުއްޓެވެ. ޕޮލިހަށް ހާޟިރުކޮށް މަސްދަރު ހާމަކުރުމަށް އަންގާފައި އެބަހުއްޓެވެ. މަގުމަތިން ދިމާކޮށް މާރާމާރީ ހިންގާފައިވެސް އެބަހުއްޓެވެ. އެކަމަކު އެއިން އެއްވެސް ކަމަކުން އެކަކަށްވެސް އޭނާގެ ގަލަމެއް ނުހުއްޓުވެނެވެ. އޭނާ ބިރުގަނެ ފަހަތަކަށް ނުޖެހުނެވެ. ވީއިރު އޭނާ ވަޒީފާ އާއި މުޅިދާއިރާ ދޫކޮށްލަށް އެއުޅެނީ ކީއްވެ ހެއްޔެވެ؟ އޭގައި ފޮރުވިފައި ވަނީ ކޮންސިއްރެއް ހެއްޔެވެ؟ ނަސީރުގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ.
“ ރާވީ އަސްލު ސަބަބު ނުބުނަނީސް ވަޒީފާއިން ވަތްކެއް ނުކުރެވޭނެ. ކިތަންމެ ޒަމާނެއް ވަންދެން އޮފީހަށް ނައިނަމަވެސް ރާވީގެ ނަން މިތަނުގެ ޕޭރޯލްގައި އޮންނާނެ. އުންމީދު ކުރަން ތިޔަ ނިންމުން ބަދަލުކޮށް އަދި މަސައްކަތަށް ނުކުންނާނެ ކަމަށް“ މާނޭވާއެއް ލަމުން ނަސީރު ބުންޏެވެ.
ރާވީ ގޮނޑިން ތެދުވިއެވެ. އަދި މަޑު ހިނގުމުގައި ގޮސް ނިއުސްރޫމަށް ވަދެ އޭނާގެ ކެބިންގައި އިށީނެވެ. ކޮންމެ މީހަކުވެސް ތިބީ އެމީހެއްގެ މަސައްކަތުގެ ތެރެއަށް ގެއްލިފައެވެ. ރާވީ ނިއުސްރޫމުގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާއަށް ހީވަނީ އެތާނގައިވާ ކޮންމެ އެއްޗެއްވެސް ނަސީރު ފަދައިން ރާވީ ގާތުގައި ނުދިޔުމަށް އެދި އާދޭސްކުރާ ހެންނެވެ. ތޭރަ އަހަރު މަސައްކަތް ކުރި އޮފީހުގެ ކޮންމެ އެއްޗަކާއި މެދު ރާވީގެ ހިތުގައި ވަނީ ޚާއްސަ ކުލުނެއް ޖެހިފައެވެ. ޚާއްސަ ލޯތްބަކާއި ގާތްކަމެއް އުފެދިފައެވެ. އެކަމަކު މިއަދު ރާވީ މިތަނާއި އަލްވަދާޢު ކިޔަނީ އެވެ. ވަގުތުކޮޅަކަށް ނޫނެވެ. އަބަދަށްޓަކައެވެ.
މޭޒުމަތީގައި އޮތް ގަލަން ރާވީ ނެގިއެވެ. އަދި ބަލާލިއެވެ. އެއީ އޭނާ އެތައް ރިޕޯޓެއް ލިޔުމަށް ނޯޓްތައް ހެދުމަށް ބޭނުން ކުރި ދެލި އަޅާ ގަލަމެވެ. އެކަމަކު މިއަދުގެ ފަހުން ދެން އެގަލަން އޭނާ އެބާއްވަނީ އެވެ. އަބަދުގެ އަބަދަށެވެ. ދެން ދުވަހަކުވެސް ނުލިޔުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެއީ އޭނާ ހިތުން ރުހުމުން ނިންމި ނިންމުމެއް ނޫނެވެ. މަޖުބޫރު ނިންމުމެކެވެ. އެނޫން ގޮތެއް އޭނާއަށް ދެން ނެތީއެވެ.
އީމެއިލް ހުޅުވާލުމަށް ފަހު، ރާވީ އޭނާ މެއިލްގެ ޕާސްވޯޑް ބަދަލު ކުރިއެވެ. ހަނދާން ކުރަންވެސް އުނދަގޫ ޕާސްވޯޑަކަށެވެ. އޭނާ ދެން އެ އީމެއިލް ހުޅުވަން ބޭނުން ނުވާތީއެވެ. އެހެނީ އޭނާގެ ހަޔާތުގެ އެދަތި އުނދަގޫ ނިންމުން ގުޅިފައިވަނީ އެ އީމެއިލާއެވެ. އެއީމެއިލްއަށް ލިބިފައިވާ މެސެޖްތަކާއެވެ. ޕާސްވޯޑް ބަދަލުކޮސް ލޮގްއައުޓް ވުމަށްފަހު، ކޮމްޕިއުޓަރުގައި އޭނާ ރައްކާކުރި އެކި ފައިލްތައް ޑިލީޓްކޮށް ކޮމްޕިއުޓަރުގެ ހާޑް ޑިސްކުވެސް ރާވީ ފޯމެޓް ކޮށްލިއެވެ. އޭރު އެގޮތަށް އޭނާގެ ހަޔާތްވެސް ފޯމެޓް ކޮށްލެވޭނެ ނަމައޭ ރާވީގެ ހިތަށް އަރަމުން ދިޔައެވެ. އެކަމަކު އެއީ ވާން އޮތް ކަމެއް ނޫނެވެ.
”އަސްލުވެސް ހަމަ ރާވީ އޮފީހުން ކެނޑެނީތަ؟ ރާވީ ގެ ގާތަށް އައިސް ހުއްޓެމުން އޭނާ އާއި އެކު މަސައްކަތްކުރާ ޝާފިއާ ބުންޏެވެ. އޭނާވެސް ބޭނުން ވަނީ ރާވީ އޮފީހުން ވަކިވާ ސަބަބެއް ހޯދާށެވެ. މިފާއިތުވި ދެއަހަރު ރާވީ އާއި އެކު އޭނާވެސް އެމަސައްކަތް ކުރަނީ މިޝަން އެއްގައެވެ. އެކަން ރާވީއަށްވެސް އަދި އެތާނގެ އެހެން މީހަކަށްވެސް ފާހަގަ ނުވާވަރަށް އޭނާ ހުރީ ހުށިޔާރުވެގެންނެވެ.
”އެހެން މީހުންނަށް އެނގިފައި ނުވާ ބޮޑު ސިއްރެއް ރާވީ އަށް އެނގެނީ ދޯ“ ރާވީ އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ޝާފިއާ އެވެ. އެއަށްވެސް ޖަވާބެއް ދިނުމުގެ ބަދަލުގައި ރާވީ ހީލީއެވެ.
”އަހަރެން ތެދެއް ބުނަންތަ! ރާވީ ކަހަލަ ހިއްވަރު ގަދަ ނޫސްވެރިއަކު ގިވްއަޕްކޮށްފައި ދާއިރާ ދޫކޮށްލުމަކީ، ޤައުމަށް ވެވޭ ޚިޔާނާތެއް. އެތިބަ ކޮރަޕްޓް މީހުންނާއި އެކި ޖަރީމާތައް ހިންގާ މީހުންނަށް ލިބޭ ހިއްވަރެއް..“
”ތީ ތެދެއް! އެކަމަކު އަހަރެންގެ ފިޔަވަޅު މަތީގައި ހިނގާނެ، އަހަރެންނާއި އެކު މަރަށް ފުރާނައަށް ބެލުމެއް ނެތި މަސައްކަތް ކުރާނެ އެންމެ މީހަކު ހުރި ނަމަވެސް އަހަރެން މިދާއިރާ ދޫކޮށް ނުލާނަން.“ ރާވީ އެންމެ ފަހުން ވާހަކަފެށިއެވެ.
”ކޮބާ ތީގެ މާނައަކީ..“ ޝާފިއާ ހައިރާން ވިއެވެ.
”ޤާނޫނު ތަކަށް ގެންނަމުންދާ ބަދަލެއް ނުފެނޭތަ! ދުވަހަކުވެސް މިޤައުމުގައި ހަޤީޤީ ނޫސްވެރިކަމެއް ނުކުރެވޭނެ. އަހަރެން ވަރުބަލިވީ“ ފުންނޭވާއެއް ދޫކޮށްލަމުން ރާވީ ގޮނޑީގައި ލެގިލިއެވެ. ރާވީ ބުނި އެއްޗަކަށް ޝާފިއާވެސް އެއްޗެކޭ ނުބުނީ، އެކަމަށް އޭނާއަށްވެސް އެއްބަސް ވެވޭތީއެވެ. ތެދެކެވެ. ރާއްޖޭގައި މިފާއިތުވި އަހަރުތަކުގައި އެތައް ބައިވަރު ނޫހަކާއި ޓީވީޗެނަލްތައް އުފެދިއްޖެއެވެ. އެކަމަކު އެއިން ކޮންމެ ތަނަކީވެސް ވަކި ތައްގަނޑަކަށް ވަކި އަމާޒަކަށް ހިނގާތަންތަނެވެ. ޤައުމީ ދީނީ މަސްލަހަތު ހުރި ތަންތަނެއް ނޫނެވެ.
ރާވީ ތެދުވިއެވެ. އޭނާގެ ކެބިންގައި ހުރި، އޭނާ ގެންދަން ބޭނުންވާ ތަކެތި ލެޕްޓޮޕް ބޭގަށް އަޅަންފެށިއެވެ. ކަރުދާސްތައް ވަކިކޮށް ޑަސްބިން އަށް އަޅަންޖެހޭ ތަކެތި، ޑަސްބިން އަށް އަޅަމުން ދިޔައެވެ. ކަރުދާސްތަކުގެ ދަށުން ފެނުނު އަވަހާރަކޮށްލެވިފައިވާ ސިޔާސީ ލީޑަރެއްގެ ފޮޓޯ ޖަހާފައިވާ މަޖައްލާ ފެނުމުން ރާވީ ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އޭނާ އެމަޖައްލާގެ ބޭރުގައި ޖަހާފައިވާ އެފޮޓޯއަށް ބަލާލަމުން ވަރަށް މަޑުމަޑުން ސޮރީއޭ ބުނިކަން ޝާފިއާއަށް އެނގުނެވެ. އެއާއި އެކު ޝާފިއާގެ ކަންފަތް ދިޔައީ، ކޮޅަށް ޖެހިގެންނެވެ. ގައިން ދިޔައީ ހީބިހިނަގައިގެންނެވެ.
ރާވީ ނުކުމެގެން ދިޔައީ ކެބިން ތަޅުނުލައި ކަމުން ޝާފިޔާ ދަނޑިވަޅު ބަލާފައި އައިސް ރާވީ ކޮމްޕިއުޓަރު ދޮށުގައި އިށީނެވެ. އަދި އެކޮމްޕިއުޓަރުގެ އެކި ފޯލްޑާތައް ވަކިވަކިން ހާވަންފެށިއެވެ. އެކަމަކު ހާޑްޑިސްކް ފޯމެޓްކޮށްފައިވާތީ، އެއްވެސް އެއްޗެއް ޝާފިއާއަކަށް ނުފެނުނެވެ. ޝާފިއާ ތުންދަމާލިއެވެ. ދެއަހަރު ވަންދެން ރާވީއަށް ފާރަލައިގެން އޭނާއަށް އޭނާގެ މަންޒިލަށް ވާސިލްވާނެ ފުރުޞަތެއް ލިބުނު ހަމައެކަނި ދަނޑިވަޅުގައިވެސް އެކަން ކުރެވޭގޮތް ނުވީމައެވެ.
ރާވީގެ ނަސީބު ދެރައީ އެވެ. އޭނާ ތަންދޫކޮށް ނުކުތް އިރު ވެބް ބްރައުޒާގެ ހިސްޓްރީ އާއި ބުކް މާކްތައް ޑިލީޓް ކުރާކަށް ހަނދާނެއްނެތެވެ. އެއަށްވުރެ ބޮޑަށް އޭނާއަށް ފާރަލާ ޖާސޫސުން ތިބީ އޭނާގެ ގާތުގައި އެކުގައި މަސައްކަތް ކުރަންކަންވެސް އޭނާއަށް ނޭނގުނީއެވެ.
ރާވީގެ ކޮމްޕިއުޓަރުގެ ވެބް ބްރައުޒާ ހިސްޓްރީ ބަލަން ޝާފިޔާގެ ހިތަށް އައީ ޝައިޠާނާ އޭނާގެ ހިތަށްވެއްދި ވަސްވާހަކުންކަން ޔަޤީނެވެ. އެހެނީ ކޮންމެ ނުބައި ނުލަފާ މީހަކަށް ވާގިވެރިވެ އެހީތެރިވުމުގައި ޝައިޠާނާ ދެމިހުރެއެވެ. އެންމެ މުނާސަބު ދަނޑިވަޅުގައި އެންމެ ނުބައި ވަސްވާސް ލައިދެއެވެ.
ރާވީގެ އީމެއިލް ހުޅުވޭތޯ ޝާފިއާ މަސައްކަތް ކުރިއެވެ. އެކަމަކު ޕާސްވޯޑު ބަދަލުކޮށްފައިވާލެއް ވަރުގަދަ ކަމުން އެމެއިލްއަށް އޭނާއަށް ވަދެވޭގޮތެއް ނުވިއެވެ. އެކަމަކު ވެބް ހިސްޓްރީގައި ފެންނަން ހުރި ޓައިޓްލް އަކުން ޝާފިއާ ޔަޤީންކުރަން ބޭނުންވާ ކަންތައް އެނގިއްޖެއެވެ.
އަވަސްއަވަހަށް ފޯނު ނަގާފައި ޝާފިއާ ގުޅާލީ ބާރުހުރި ވަރުގަދަ ސިޔާސީ މީހަކަށެވެ. އޭނާ އެކޮޅުން ފޯނު ނެގުމުން ޝާފިއާ ބުނީ އެންމެ ޖުމުލައެކެވެ. ކާމިޔާބު ވެއްޖެ ކަމަށެވެ. ހަނދާންނެތިގެން ބާއްވާފައި ދިޔަ އެއްޗެއް ބަލާ ރާވީ އެނބުރި އައިސް ކެބިންއަށް އައީ އެވަގުތުއެވެ. އެކަމަކު ކެބިންގައި އޭނާގެ ކޮމްޕިއުޓަރު ކައިރީގައި އިށީނދެ އިން ޝާފިއާ ފެނުމާއި އޭނާ ބުނިއެއްޗެއް އަޑު އިވުމާއި އެކު ރާވީގެ ގައިން ދިޔައީ ހީބިހިނަގައިގެންނެވެ. ރާވީ ތަނބަކާއި ނިވާވެ ވަގުވަގަށް ޝާފިއާ ގެ ހަރަކާތްތައް ބަލަން ފެށިއެވެ. އޭރު ނިއުސްރޫމުގައި އެހެން މީހަކުފެންނާކަށްވެސް ނެތެވެ.
”ފުރަތަމަ ބުނޭ! މަށަށް ކިތައް މިލިޔަން ދޭނަން!“ ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ހެމުން ޝާފިއާ ބުންޏެވެ. އޭނާ ހީވަނީ ކަމަކާއި އުފަލުން ގޮސް މޮޔަވެފައި ހުރިހެންނެވެ.
”އެކަމުގެ ހުރިހާ ހަޤީޤަތެއް އޭނާއަށް އެނގޭ! އެކަމަކު ހާސްނުވޭ. އޭނާ ނޫސްވެރިކަމުގެ ދާއިރާ ދޫކޮށްލައި ވަޒީފާއިންވެސް ވަކިވެއްޖެ މިއަދު. އަހަރެންނަށް ކުރިން ޝައްކުވީ އޭނާއަށް ކޮންމެވެސް ގޮތަކުން އެކަން އެނގިފައިވާކަން. މިހާރު ޔަޤީންވެއްޖެ.“ ޝާފިއާ ގޮނޑީގެ ތެރޭގައި ލެނގިލަމުން ބުންޏެވެ.
ރާވީގެ މޭތެޅެމުން ދިޔައެވެ. ހަފަރާތުގައިވެސް ވަނީ ނުރައްކާކަން އެނގުމުންނެވެ. އޭނާއާއި މެދު ފާރަވެރިވަނީ ކޮންބައެއްކަން ނުވަތަ ނޫންކަންވެސް ނޭނގޭ ދަރަޖައަށް ދިޔުމުންނެވެ. ޝާފިއާ އަކީ އޭނާއަށް ފާރަލަމުން އަންނަ ޖާސޫސެއްކަން މިހާތަނަށް އޭނާއަށް ޝައްކުވެސް ނުވުމުންނެވެ.
”ރާވީއަށް ހަމްދީގެ ފަރާތުން އެކަމާއި ގުޅޭ މެއިލްތަކެއް ލިބިފަ އެބަހުރިކަން އެނގޭ، އެކަމަކު އޭނާގެ މެއިލް ހެކްކޮށްގެން ނޫނީ، އޭނާއަށް އެކަން އެނގިފައިވަނީ ކިހާވަރަކަށް ކަމެއް އަހަރެމެންނަށް ދެނެއެއް ނުގަނެވޭނެ. އެހެންވީމާ މިރޭ ގުޅާނަން ދިމާވާން. އެކަމަކު ރާވީ ވަގަށް ނަގައި މަރާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އިނގޭ. އެގޮތަށް ނުވިސްނާތި. މިހާރު ކަލޭމެންނަށް ސަލާމަތް ނުވެވިގެން ކިތައް މީހުންގެ ދުވަސް ދުއްވާލަން ޖެހިއްޖެ.“ ޝާފިއާ ބުނާއަޑު އިވުނެވެ.
ރާވީ ސިއްރު ސިއްރުން ނިއުސްރޫމުން ނުކުތެވެ. އޭރުވެސް އޭނާގެ މޭ ނެގިނެގިފައި ޖެހެއެވެ. ގެއަށްދާން ޓެކްސީއަކަށް އަރަންވެސް އޭނާ ބިރުގެންފިއެވެ. މަގުމަތީގައި އޭނާ ހިނގަމުން ދިޔައީ ފޯނުގެ ޑާޓާ އޮންކޮށްގެން މެއިލްއަށް ވަދެވޭތޯ ބަލަމުންނެވެ. އެކަމަކު ޕާސްވޯޑަކަށް ޖެހުނު އެއްޗެއް އޭނާވެސް ހަނދާނެއް ނެތެވެ. ވަގުތު ނަގާނުލައި މެއިލްގައި ހުރި މެސެޖްތައްވެސް ޑިލީޓްކޮށްލަން އޭނާ ބޭނުން ވިއެވެ. އެކަމަކު އޭނާ އަކީ އައިޓީ މީހަކަށް ނުވާތީ، ފޮގޮޓް ޕާސްވޯޑްޖަހައި ރިޕޯޓްކޮށްގެން މެއިލްއަށް އަލުން ވަދެވޭތޯ ބެލުން ނޫންގޮތެއް ނެތެވެ.
ގެއަށް ދިޔަ ގޮތަށް ރާވީ ކުރީ އެމަސައްކަތެވެ. އަލުން މެއިލްއަށް ވަނުމެވެ. ހަމްދީ އޭނާއަށް ފޮނުވާފައި ހުރިހާ މެއިލްއެއް ޑިލީޓްކޮށްލުމަށް ފަހު، މެއިލްވެސް ޑީއެކްޓިވޭޓް ކޮށްލާފައި އޭނާ އަވަސްވެގަތީ ފުރުމަށެވެ. ކޮންމެވެސް މީހަކަށް މިވާގޮތް ކިޔައިދިނުން މުހިއްމު ކަމުގައި ރާވީ އަށް ވިސްނުނެވެ. އެކަމަކު ކިޔައިދޭނީ ކާކަށްކަމެއް އޭނާއަކަށް ނޭނގުނެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތަށްފަހު ރާވީ ގޮސްވަނީ އޭނާގެ މަންމަގެ ކޮޓަރިއަށެވެ. އަދި ފެށުނީއްސުރެ ނިޔަލަށް ހުރިހާ ވާހަކައެއް މަންމަ އަށްކިޔައި ދިނެވެ. އަދި އޭނާއަށް އޮތް ހަމައެކަނި ގޮތަކީ ރާއްޖެދޫކޮށް ދިޔުން ކަމުގައި ބުންޏެވެ. އެކަމަށްޓަކައި އޭނާއަށް އިމިގްރޭޝަންގެ އޮފިސަރަކު އެހީތެރިވެދީފައިވާ ކަމަށާއި، ވަގު ޕާސްޕޯޓެއްގައި އޭނާ މިރޭ ރާއްޖެއިން ފުރައިގެން ދިޔުމަށް ނިންމާފައިވާ ކަމުގައި ބުންޏެވެ. އަދި އޭނާ މީސްތަކުންގެ ލޯތަކަށް ގެއްލުން ނޫންގޮތެއް ނެތްކަމަށާއި، އެހެންނޫނީ އެމީހުން ރާވީގެ ދުވަސް ދުއްވާލާނެ ކަމުގައި ޔަޤީންވާ ކަމުގައި ބުންޏެވެ. އަދި އެހެން ޤައުމަކަށް ގޮސް ޕްލާސްޓިކް ސާޖަރީ ހަދައި މީހާގެ ސިފަ ބަދަލުކޮށް އެމީހުންގެ ކިބައިން ބަދަލު ހިފަން އަންނާނެ ކަމަށާއި، ބައިނަލް އަޤުވާމީ މީޑިޔާގައި އެމީހުން ބޭޒާރުކޮށް ފަޟީހަތްކޮށްލާނެ ކަމުގައި ބުންޏެވެ.
މުޅިން އެހެން ނަމެއްގައި މުޅިން އެހެން މީހެއްގެ ގޮތުގައި ވަގު ޕާސްޕޯޓެއްގައި އެރޭ ރާވީ ފުރައިގެން ދިޔުމާއި ރާވީ ގެއްލުނީއެވެ. އޭނާ ހޯދަން އަތްފުނާ އަޅާނެ ތަނެއް އޭނާއަށް ފާރަލާ މީހުންނަށްވެސް ނޭނގުނީއެވެ. އެދުވަހުގެ ފަހުން ރާވީގެ ދުވަސް ދުއްވާލުމަށް ނިންމައިގެން ތިބި މީހުންވެސް ތިބީ ރާވީއަށް ވީގޮތެއް ނޭނގިގެން ހިތްހަމަޖެހުމެއް ނުލިބިފައެވެ. އެހެނީ އެމީހުންނަށް ވުރެ ރާވީގެ ވިސްނުމާއި ހުށިޔާރުކަން ބޮޑުވީމައެވެ.
– ނިމުނީ –
2 Responses
Mi. yakee. rillwan ah haasha kohfa oyy vaahaka eah.kamah belevenyy
Alhe konkamehtha mi inguny… aslu hadi eh noon ekam e kameh kiyaa nudhinyma mahsala akee