ޝާނީ އޮތީ ވަރަށް ފުންނިއްޖަކަށް ގެނބިފައިކަން ނިޒާމް ދެނެގެންފިއެވެ. އޭނާ މަޑުމަޑުން ޝާނީގެ އަތުގައި ފިރުމާލިއެވެ. އަދި މަޑުމަޑުން އޭނާގެ އަތް ޝާނީގެ ހަށިގަނޑުގައި ހިންގަންފެށިއެވެ.
އިރުކޮޅަކުން ޝާނީ އާއި ދިމާލަށް ނިޒާމް ގުދުވެލިވަގުތު ނާހިދާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނިޒާމް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އެއްވެސް ކަމަކަށް ނުވާކަމަކަށް ހަދާފައި ޝާނީގެ މޭމަތީގައި އޮތް ފޮތްނަގައި ކައިރީގައި ހުރި މޭޒުމަތީގައި ބޭއްވިއެވެ. ދެން ޓީވީ ހުޅުވާލިއެވެ. ނާހިދާގެ ތުނފަތުން ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ. އަދި އެއްޗެކޭ ނުބުނެ ކޮޓަރިތެރެއަށް ވަދެގެން ދިޔައީއެވެ.
ޝާނީ އޮތީ ގަދަނިދީގައެވެ. ހުވަފެނެއްގެ ތެރޭގައެވެ. ހުވަފެނުގައި އޭނާއަށް ފެންނަނީ އެ ފިރިހެން ކުއްޖާއެވެ. އޭނާ ޝާނީއާއެކު އުފާކުރަނީއެވެ. މަޖާކުރަނީއެވެ. ދެންކުއްލިއަކަށް ނުދަންނަ އަންހެނެއް އައިސް އެކުއްޖާ ޝާނީއާއި ދުރުކުރެއެވެ. ޝާނީ އެކުއްޖާގެ އަތުގައި ހިފުމުން އެއަންހެން މީހާ ޝާނީ ފަހަތައް ކޮއްޕާ ވައްޓާލިއެވެ. ސިއްސައިގެން ގޮސްފައި ޝާނިއަށް ހޭލެވުނެވެ. ސިޓިން ރޫމުގައި ހުރީ ނިޒާމްއެވެ. ޝާނީއަށް ބަލަހައްޓައިގެންނެވެ. ޝަނީ ކުޑަކޮށް ލަދުގަންނަގޮތްވެސް ވިއެވެ.
ވާރޭވެހިގަތުމުން ޝާނީ އާއި ނާހިދާ ދުވެފައި ގޭޓް އެތެރެއަށްވަނެވެ. އެދެމީހުން ތިބީ ނާހިދާގެ ރައްޓެއްސެއްގެ ގޭގައެވެ. ވާރޭ ކުޑަކޮށް ތުނިކޮށްލުމުން ދާން ނިކުތްގަޑި އަނެއްކާވެސް ބޯކޮށް ވާރޭ ވެހިގަތީއެވެ.
”މިރޭ ހީއެއްނުވޭ ވާރޭ ހުއްޓާނެހެންނެއްވެސް…“ ހެމުން ހެމުން ނާހިދާ ބުންޏެވެ. ”ހިނގާ އެތެރޭގައި މަޑުކުރަން“
”އިރުކޮޅަކުން ހުއްޓަފާނެ…“ ޝަނީ އުޑުމަތި ބަލާލަމުން ބުންޏެވެ. ”ދައްތަ ވަދޭ އެތެރެއަށް އަހަރެން ބޭރުގައި މަޑުކޮށްލާނަން…“
އެވަގުތު ނާހިދާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގައި ވާހަކައިގައި ޖެހިގެން މަޑުމަޑުން ނާހިދާ ގޭތެރެއަށް ވަނެވެ. ޝާނީ މަޑުކުރީ ބޭރު ގޭޓް ތެރޭގައެވެ. މިފަދަ ވިއްސާރަރޭތަކަކީ އޭނާގެ ހަޔާތާ ނުލާހިކު ގުޅޭ ރޭތަކެވެ. ޝާނީގެ ހިތުގައި ހަމްޒާގެ ހަނދާންތައް ތާޒާވާންފެށިއެވެ. ވިއްސާރައިގައި ހަމްޒާ ޝާނީގެ ލޯތްބަށް އެދި އައި ވަގުތެވެ. ބޭބޭގެ ޖުމްލަތަކެވެ. ދޮންމަންމަގެ ވިހަ ބަސްތަކެވެ. ޝާނީ ސިހުނީ ސައިކަލެއް އައިސް ގޭޓް ދޮރުމައްޗަށް މަޑުކޮށްލުމުންނެވެ. އެއީވެސް ޝާނީފަދައިން ވާރޭން ހިޔާވާން ބޭނުންވެގެން އުޅޭމީހެއްކަން
ޝާނީއެއް އެނގުނެވެ. އެމީހާ އައިސް ޝާނީއިން ގޭޓްގެ ތެރެއަށްވަނެވެ. ތަނަށް ވަނީ ފަނޑު އަނދިރިކަމެއް ވެރިވެފައިކަމުން އެތެރެއިން ވަންނަ މީހަކަށް ގޭޓްތެރޭގައި މީހަކު ހުއްޓާ ނުފެނުމަކީ އެކަށީގެން ވާކަމެކެވެ.
ގަބޫލުކުރަން ޝާނީއަށް ދަތިވިއެވެ. އެއީ އޭނާއެވެ. ނިހާން އެވެ. ހަމަ އެ ޔުނީފޯމަގައެވެ. ނިހާން އެ ޔުނީފޯމަގައި ހުއްޓާ ދުށުމަކީ ޝާނީގެ ކިހާ ބޮޑުއުއްމީދެއްހެއްޔެވެ. ނިހާންއަށް ޝާނީ ފެނުނީ ގޭޓް ތެރެއަށް ވަތްފަހުންނެވެ. ޝާނީގެ ހިތުގެ ހިނގުން އަވަސްވިއެވެ.
މިހާ އަވަހަށް މިހާ ކައިރިން ނިހާން އާއި ދިމާވާނެކަމަށް ޝާނީ ދުވަހަކުވެސް ހީއެއްނުކުރެއެވެ. ޝާނީ ފެނުމުން ނިހާން މަޑުހިނިތުންވުމެއް ފާޅުކޮށްލިއެވެ. އަދި ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލިއެވެ. ޝާނީ އިނީ ލަދުން ކަން ނިހާން އަށް އެނގުނީ އޭނާ ސަލާމް ކޮށްލުމަށް އަތްދިއްކޮލި ގޮތުންނެވެ. ޝާނީގެ އަތުގައި މަޑު ތުރުތުރު ލުމެއް ހުރިކަންވެސް ނިހާންއަށް ފާހަގަ ކުރެވުނެވެ.
މެދުކެނޑުމެއްނެތި ވާރޭބޯކޮށް ވެހެމުން ދިޔައެވެ. ހިނދުކޮޅަކަށްވެސް ވާރޭ ތުނިކޮށެއް ނުލައެވެ. ޝާނީ އާއި ނިހާން އަދިވެސް ތިބީ ގޭޓް ތެރޭގައެވެ. އެކަކު އަނެކަކާއި އަނގައިންނެއް ނުބުނެއެވެ. ބިންމައްޗަށް ވެހެމުންދިޔަ ވާރޭ ތިކިތަކުން ވިއްސާ ވާރޭކެރިން ޝާނީގެ ހެދުމުގެ ފަސްބައި ތެމިފޯވަމުންދިޔައެވެ. ނަމަވެސް އޭނާއަށް އެފަދަ އެއްވެސް އިހުސާސެއް ނުވާކަހަލައެވެ. އޭނާގެ ހިތުގެ ތެޅުން އެއަށްވުރެ ބާރެވެ. އޭނާގެ ހިތްއެދޭ އޭނާ ހަޔާތުގައިވެސް އެއްމެ ލޯބިމީހާ އެތައްދުވަހަކަށްފަހު މިހިރީ އޭނާއާއި ދާދި ގާތުގައެވެ. ނިހާން ގޭޓް ތެރެއަށް ވަތްފަހުން ޝާނީ އެއިންނަނީ ގުޑިލަންވެސް ނޭގިފައެވެ.
”ކޮންއިރަކު މާލެ އައީ..“ އެންމެ ފަހުން ނިހާން އެހިއެވެ.
”ދުވަސްކޮޅެއް ކުރިން..“ ޝާނީ ދިނީ ކުރުޖަވާބެކެވެ.
ދެންވެސް ދެމީހުންގެ މެދަށް ވެރިވީ ހަމަހިމޭންކަމެކެވެ. ދެމީހުންގެ މެދުގައި ދައްކާނޭ އިތުރު ވާހަކައެއް ނެތީކަންނޭގެއެވެ. ނޫނީ ދައްކަން ނުކެރިތިބީކީ ނޫންބާއެވެ.
”މާލޭގަ ކީއްކުރަނީ..“ އަނެއްކާވެސް ނިހާން އެހިއެވެ. ”މިގޭގަތަ އުޅެނީ..“
”މާލޭގައ، ހަމަ، އުޅެނީ…“ ޝާނީ ބުންޏެވެ. ”ބޮޑުދައްތަ މެންގޭގައި އުޅެނީ..“
އަނެއްކާވެސް އައީ ހަމަހިމޭންކަމެވެ. ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލާފައި ހީލުން ނޫންކަމެއް ނުކުރެއެވެ. ޝާނީއަށް މިވަގުތު ބަޔާން ނުކުރެވޭފަދަ އުފާވެރިކަމެއް އިހުސާސް ކުރެވެމުންދިޔައެވެ. ނިހާންގެ ހިތުގައިވެސް އޭނާގެ މާޒީގެ އުފާވެރި ދުވަސްތައް ތާޒާ ވަމުންދިޔައެވެ. މިރޭގެ މިހިނދުކޮޅަށް ނިމުމެއް ނާންނާނެ ނަމައޭ ޝާނީގެ ހިތް ބުންޏެވެ. ވާރޭ ދުވަހަކަކުވެސް ހުއްޓާ ނުލާނެނަމައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އޭރުން ނިހާން އާއި އެކު އޭނާއަށް އަބަދުވެސް މިގޭޓް ތެރޭގައި ހުރެވޭނެނޫންހެއްޔެވެ. އިރުއިރުކޮޅާ ޝާނީއަށް ނިހާންގެ މޫނަށް ބަލާލެވެއެވެ. އަދި ނިހާންވެސް ޝާނީގެ މޫނަށް ބަލާލައެވެ. މިހެން ބަލާލާ ކޮންމެފަހަރަކު ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދެއެވެ. އެފަދަ ވަގުތުގައި ޝާނީގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރު ކުރުވައެވެ. އޭނާގެ އަތްފައި ތުރުތުރު އަޅަންފެށިއެވެ.
އިސާހިތަކު ވާރޭ ތުނިކޮށްލިއެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭ ހިމަފޮދު ވާރޭއަށް ބަދަލުވެގެން ދިޔައެއެވެ. ”ގުޅޭނޭ ނަމްބަރެއް ދޭންވީނު؟“ އުޑުމަތި ބަލާލުމަށްފަހު ޝާނީއަށް ބަލާލަމުން ނިހާން ބުންޏެވެ. ”އަހަރެން ގުޅިޔަސް ހެޔޮތަ؟“
ޝާނީ އަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. މިހާ ދުވަސް ވީއިރުވެސް ނިހާން ވެސް ޝާނީ މަތިން ހަނދާން އެބަހުރިތާއޭ އޭނާގެ ހިތަށް އެރިއެވެ. އުފަލާއެކު ޝާނީގެ ނަމްބަރު ނިހާން އަށް ދިނެވެ.
ސައިކަލް ދުއްވާލިއިރު ނިހާންގެ ހިތްވެސް ވަނީ އުފަލުން ފުރިފައެވެ. މިހާދުވަސް ފަހުން ޝާނީ ފެނުމުންވެސް އޭނާގެ ހިތުގައި އޭރު ހުރި ލަކުނުތައް ރޯފާރަށް ބަދަލުވާންވީކީއްވެހެއްޔެވެ. ޝާނީއަކީ އޭނާ ހަނދާނުން ފޮހެލާފައިވާ މީހެކެވެ. ދެން އޭނާއަސް މިކުރެވެނީ ކޮންކަހަލަ އިހުސާސެއްހެއްޔެވެ.
”ޝާނީ އަދިވެސް މިތާނގަތަ…“ ވާރޭ ތުނިކޮށްލުމުން ބޭރަށް ނިކުތް ނާހިދާ ބުންޏެވެ. ”ދައްތަ ހީކުރީ އެތެރޭގައިކަމަށް މަޑުކުރާނީ..“ ގޭތެރޭއަށް ބަލާލަމުން ނާހިދާ ބުންޏެވެ. ޝާނީ ފާޅުކޮށްލީ މަޑުހިނިތުންވުމެކެވެ.
ކޮޓަރިއަށް ވަދެވުނުއިރު ނިހާން ހުރީ ރަނގަޅަށްވެސް ތެމިފޯވެފައެވެ. ފައިނާޒަށް އޮތީ ނިދިފައެވެ. ނިހާން އަވަސް އަވަހަށް އެއްޗެހި ބަދަލުކޮށްލުމަށްފަހު ސާފްވެލައިގެން އައިސް އެނދުގައި އޮށޯތެވެ. އޭނާގެ ސިކުނޑީގައި އުތުރުމުންދިޔައީ ޝާނީގެ ޚިޔާލުތަކެވެ. ކިޔަވަން އުޅުނު ދުވަސްވަރުގެ އުފާވެރި މާޒީއެވެ. ޝާނީ އޭނާއަށް ކުރި އާދޭހެވެ. އެނދުމަތީގައި އޮތް ފޯނުނަގާ ޝާނީގެ ނަމްބަރު ސޭވްކޮށްލިއެވެ. އުބޭދުގެ ނަމުގައެވެ. ނިހާން އަންހެން ކުއްޖަކަށް ގުޅާކަން ފައިނާޒަށް އެނގިއްޖެއިއްޔާ ކަންތައްވާނޭގޮތް ނިހާން އަށް އެނގެއެވެ. އުބޭދަކީ އޭނަގެ އޮފީހުގެ ރަހުމަތްތެރިއެކެވެ. ފައިނާޒްގެވެސް ރައްޓެއްސެކެވެ.
ޝާނީއަށް ގުޅާލުމަށްޓަކައި ނިހާން އޭނާގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.
ހަމައެއާއެކު ފޯނުކަނޑާލިއެވެ. އެއީ ރަނގަޅުކަމެއްނޫނެވެ. ޝާނީ އެއީ މީހެއްގެ އަންބަކަށް ވުމަކީވެސް އެކަށިގެންވާކަމެކެވެ. އަނެއްކޮޅުން އޭނާ އަކީ މީހެއްގެ ފިރިއެކެވެ. މިއީ ގުޅަން އެންމެ ރަނގަޅު ވަގުތެއްނޫނެވެ.
ކޮޓަރިއަށް ވަނުމާއެކު ޝާނީ ވެސް އަވަސް އަވަހަށް އެއްޗެހިބަދަލުކޮށް ލިއެވެ. ހިތަށް ލިބިފައިވާ އުފާވެރިކަމާއެކު އޭނާގެ ހަރަކާތްތައްވަނީ އަވަސްވެފައެވެ. އެނދުގައި އޮށޯތް އިރުވެސް އޭނާގެ ސިކުނޑީގައި ރަސްކަންކުރަމުން ދިޔައީ ނިހާންގެ ސޫރައެވެ. އޭނާއަށް ބައެއްފަހަރު ލަދުން ހީލެވެއެވެ. އަނެއްބައިފަހަރު ބާލީހުގައި ބާރަށް ބައްދާލެވެއެވެ. އޭނާ ހަރަކާތްތައް ހުއްޓުނީ ހިތަށް ކުއްލިޔަކަށް އަރަންފެށި އެއްޗަކުންނެވެ. އަނެއްކާ ނިހާން ޝާނީ އާއި މެދު މިހާރު އެފަދަ ގޮތަކަށް ދެކެފާނެބާއެވެ. އަނެއްކާ ނިހާން އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެން ނޫންބާއެވެ. ކޮންމެގޮތެއްވިޔަސް ހެވެ. ޝާނީގެ ހިތެއް މިރެޔަކު އޭނާއަކަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ނިހާންގެ ހިޔާލުތައް އޭނާ ގެންދިޔަ ކޮންމެ ދިމާލަކަށް އޭނާ ދާން ދޫކޮށްލިއެވެ. މާގިނައިރުތަކެއް ނުވެއެވެ. ޝާނީގެ ފޯނު ރިންގުވާންފެށިއެވެ. ޝާނީއަށް ނުދަންނަ ނަމްބަރަކުން މިގަޑީ މިގުޅަނީ ނިހާން ނޫން އެހެން މީހަކަށް ނުވާނެކަން އޭނާއަށް އެނގެއެވެ. އެކޮޅުން ހަލޯ ބުނުމާއެކު އެގުޅީ ކާކުކަން ޝާނީއަށް ޔަޤީންވިއެވެ. އެއީ ހަމަ އެއަޑެވެ. ބޭއިހުތިޔާރުގައި ޝާނީއަށް މޫނު ހަދާލެވުނެވެ.
(ނުނިމޭ)