ބޭސްފަރުވާއަށް ކަމަށްބުނެ ލަންކާއަށް ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު، ކުއްލި ގޮތަކަށް އިނގިރޭސިވިލާތަށް ވަޑައިގެންފައިވާއިރު، ލަދުވެތިކަމާއެކު ފިލާނީ ބައިވަރު ކަންތައްތަކެއް ފޮރުވަން ހުރީމަ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަދީބު މިހެން ވިދާޅުވީ ރޭ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި އަދީބު ވިދާޅުވެފައިވަނީ ރައްޔިތުން ވޯޓު ދީގެން ސިޔާސީ ފަރާތްތައް ހޮވަނީ ބުރަ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އަރާމު ކުރަން ނޫން ކަމަށެވެ. ދައުލަތުގެ ހަރަދުގައި ބޭރު ގައުމުތަކުގައި މަޖާކުރަން ނޫން ކަމަށެވެ.
People vote & elect politicians to work hard, not to rest & enjoy state benefits abroad. "The guilty flee as they have so much to hide'' xxx
— Ahmed Adeeb (@Ahmed_Adeeb) July 1, 2015
ނައިބު ރައީސް ޖަމީލުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު ޖަމީލު ވިދާޅުވަނީ އިތުބާރުނެތްކަމުގެ މައްސަލައަކީ އޭގައި އެއްވެސް ހުތްޖަތެއް ނެތް މައްސަލައެއް ކަމަށާއި އެކަންކުރާބަޔަކު އެކަން އެ ކުރަނީ ޒާތީގޮތުން ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ގެންނަން އުޅެނީ ބަގާވާތެއް ކަމަށާއި އެކަން ހުއްޓުވުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށްވެސް ޖަމީލު ވަނީ ވިދާޅުވެފަ އެވެ.