ކުންފުނީގެ އަހަރީ ރިޕޯޓް ނުނިމިގެން ނާފިޒް އިނީ ބޯގޮވާފައެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ބޮލުގައި ރިހެމުން ދިޔައީ އަންހެނުން ސަލީމާގެ ޝަކުވާތަކާއި ހެދިއެވެ. އިރުއޮއްސެންވާއިރަށް ގެއަށް ނުވަދެއްޖެނަމަ ނާފިޒުގެ ފޯނަށް ނުހަނު ބާރުބޮޑުވާނެއެވެ. އިރުއިރުކޮޅާއި ގުޅާނެއެވެ. މިހާރުވެސް މިރޭވެސް ތިން ހަތަރު ފަހަރު ގުޅައިފިއެވެ. އެކަނި ގޭގައި އިންނަން ނުކެރިގެންނެވެ.
ނާފިޒާއި ސަލީމާ އަކީވެސް މާލޭގައި ވަޒީފާ އަދާކުރަމުން އަންނަ ދެމީހުން ކަމުގައިވާތީ، މާލޭގައި ދިރިއުޅެން ޖެހިފައި ވަނީ ކުއްޔަށެވެ. އެކިފަހަރު އެކިގެއިން އެޕާޓްމަންޓްތައް ކުއްޔަށް ހިފައިގެންނެވެ. އެއްވެސް ގެއެއްގައި މާގިނަ ދުވަހަކު އެމީހުންނަށް ދިރިއުޅެވޭ ގޮތެއް ނުވެއެވެ. ކޮންމެ ތަނަކުންވެސް ދެތިން މަސް ކޮށްލާފައި ނުކުމެގެންދާން ޖެހެނީ، ސަލީމާ ބިރުން އުޅޭވަރުންނެވެ. އޭނާކައިރިއަށް ޖިންނިއެއް އަންނާތީއެވެ. އެކަމަކު އެޖިންނިއެއް ފެންނަނީ ހަމައެކަނި ސަލީމާއަށެވެ.
ނާފިޒަކީ ސަރުކާރުގެ ބޮޑުކުންފުންޏެއްގައި މަސައްކަތް ކުރާ މީހަކަށް ވާތީ، ބައެއް ރޭރޭ ވަރަށް ދަންވާންދެންވެސް އޭނާ އޮފީހުގައި މަސައްކަތުގައި އުޅެންޖެހެއެވެ. އެހެންކަމުން އަބަދު ސަލީމާގެ ގާތުގައި އޭނާއަށް ހުރުމަކީ ވާން އޮތް ކަމެއް ނޫނެވެ. އަނެއްކޮޅުން ގޭގައި ގެންގުޅޭނެ ކުއްޖަކު ގެނައުމަކީ، ދެމަފިރީންގެ އުފާތަކަށް ހުރަސްއެޅޭނެ ކަމަކަށްވާތީ، އާއި އެއްކޮޓަރީގެ އެޕާޓްމެންޓެއްގައި އިތުރު މީހަކު ނުގެންގުޅެވޭނެތީ އެހެން މީހަކު ގެއަށްގެންނާކަށް ނާފިޒަކަށް ޤަބޫލެއްވެސް ނުވެވެއެވެ.
އަނެއްކާވެސް ނާފިޒުގެ ފޯނު ރިންގުވާން ފަށައިފިއެވެ. ގުޅަނީ ސަލީމާއެވެ. އުނދަގޫވެގެން ކޯލަށް ޖަވާބު ނުދޭންވެގެން މޭޒުމަތީގައި އޮތް ފޯނު ނާފިޒު ދުރައްޖައްސާލި ގޮތަކުން ވެއްޓި ފޯނުގެ ޑިސްޕްލޭ ތެޅިއްޖެއެވެ. ނާފިޒުގެ ގާތަށް އައީ ރުޅިއެވެ. އިނދެގެން ދެއަހަރު ވާއިރުވެސް އޭނާއަށް ސަލީމާ އާއި އެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭ ގޮތެއް ނުވިއެވެ. ކިތަންމެ ލޯބިން ކައިވެނި ކުރިނަމަވެސް ދުވަހެއް ވިއްޔާ ދުވަހަކު އެގުޅުންދަނީ ހީނަރު ވަމުންނެވެ. ދެމީހުން ދަނީ ދުރުވަމުންނެވެ. ސަލީމާ އެކޭ ކުޑަކުއްޖެކޭ އެއްގޮތެވެ. އަބަދު ނާފިޒު އޭނާގެ ގާތުގައި ނެތިއްޔާ އޭނާ ޝަކުވާ ކުރެއެވެ.
މަސައްކަތް ނިންމާލާފައި ނާފިޒަށް ގެއަށްދާން ނުކުމެވުނު އިރު މެންދަމު ބާރަޖަހަނީއެވެ. ސަލީމާ އިންނާނީ ނުކައިކަން އެނގޭތީ ނާފިޒްގެއަށްދިޔަ މަގުމަތީގައި ދިޔައީ ރެސްޓޯރެންޓަކުން ބަތް ޕާރުސަލެއްވެސް ގަނެގެންނެވެ. ސިޑިން އަރައިގެން ގޮސް އެޕާޓްމަންޓްގެ ދޮރުކައިރިއަށް ހުއްޓިފައި ނާފިޒު ދޮރުގެ ތަޅުވަޅަށް ތަޅުދަނޑި ޖަހާ އަނބުރާލި ވަގުތު ސިޓިންގ ރޫމުތެރެއިން ކޮންމެވެސް އެއްޗެއް ވެއްޓުނު އަޑު އޭނާއަށް އިވުނެވެ.
ދޮރުފަތް ހުޅުވާލާފައި ނާފިޒް އެތެރެއަށް ވަތް ވަގުތު އޭނާގެ ނޭފަތުގައި ޖެހުނީ ބަބުރު ވަސް ކަހަލަ ވަހެކެވެ. ސިޓިންގ ރޫމު އޮތީ ނިވާލާފައި ކަމުން ގޭތެރެ އޮތީ އަނދިރިވެފައެވެ. ބޮކި ދިއްލާލުމާއި އެކު ނާފިޒަށް ފެނުނީ ޓީވީގެ ރެކު ތެރެއިން ބިންމައްޗަށް ވެއްޓި ތެޅިފައި އޮތް މާވައްޓެވެ. އޭގެ މުށިތައް އެކިތަނަށް ބުރައިގެން ގޮސްފައި ހުރި އިރު ތެޅިފައިވާ މާވަށިގަނޑު އޮތްތާނގައި ލޭތިކި ތަކެއް ފެންނަން ހުއްޓެވެ. ރޮނގަކަށް ފާހަގަވާން ހުރި އެލޭތިކިތައް ގޮސް ނިމިފައިވަނީ ސިޓިންގ ރޫމުގެ ސޯފާކައިރިއަށެވެ.
ސޯފާކައިރިއަށް ޖެހި ބަލާލުމަށްފަހު، ނާފިޒު ކޮޓަރީގެ ދޮރާއި ދިމާއަށް ހިނގައިގަތެވެ. ކޮޓަރީގެ ތަޅުގައި ހިފިތަނާ އޭނާގެ ކަންފަތުގައި ޖެހުނީ އިސްކުރަކުން ފެންފައިބާ އަޑެވެ. ނާފިޒް ވިސްނާލިއެވެ. ކިތަންމެ ހިއްވަރެއް ދައްކަން އުޅުނަސް އޭނާގެ ހިތްވެސް ބިރުގަންނަ ގޮތްވެއްޖެއެވެ. އެކިފަހަރު މަތިން ސަލީމާ ކިޔައިދީފައި ހުރި ވާހަކަތައް ހަނދާންވާން ފެށުމުންނެވެ. ސިންކުގެ އިސްކުރު ދޫކޮށްލާފައި ހުންނާތީއެވެ. ތަށިތެލި ފަދަ ތަކެތި ބަދިގެތެރެއިން ވެއްޓޭ އަޑު އިވޭތީއެވެ. ގޭތެރެއިން މީހެއްގެ ހިޔަނި ފެންނާތީއެވެ.
ނާފިޒް މަޑުމަޑުން ބަދިގެތެރެއަށް ވަނެވެ، އޭރު ސިންކުގެ އިސްކުރުން ފެންފައިބަމުން ދިޔައެވެ. އިސްކުރު ބާރުކޮށްލާފައި އެނބުރިލި ވަގުތު ސިޓިންގ ރޫމުގެ ތެރެއިން މީހެއްގެ ހިޔަންޏެއް ފެނުނުހެން ހީވެގެން ނާފިޒުގެ ހިތްބިރުގަތެވެ. ލަސްފިޔަވަޅުމަތީގައި އޭނާ ހިނގަމުން ސިޓިންގ ރޫމަށް ނުކުތް ވަގުތު ނާފިޒަށް ފެނުނީ ބޭރަށް ނުކުންނަ ހުރި ދޮރުކައިރީގައި މީހަކު ހުއްޓައެވެ. އޭނާ ހުރީ ކަޅުފޮތި ގަނޑަކުން ނިވާވެގެންނެވެ. ކައިރީގައި ހުރި ޓީވީ ރެކް ތެރޭގައި ހުރި ބިއްލޫރިން ހަދާފައިވާ ކޯމަސް ނަގައި އެމީހާއާއި ދިމާއަށް ނާފިޒްއަށް ހޫރާ ލެވުނީ ގަތްބިރެއްގެ ބޮޑުކަމުން އިޚްތިޔާރަކާއި ނުލައެވެ.
ފަތުއަޑު ކިޔާފައި ދިޔަ އެބިއްލޫރި ކޯމަސް އެމީހާގެ ބޮލުގައި ޖެހިފައި ވެއްޓި ޓައިލްސްތައް މަތީގައި ޖެހުމާއި އެކު ފުނޑުފުޑުވެއްޖެއެވެ. އެއީ ޖިންނިއެއް ނޫންކަން ނާފިޒަށް ޔަޤީންވީ އޭނާ އައްދޯތް އޭ ބުނެފައި ނުކުންނަށް ތެޅިގަތުމުންނެވެ. އޭނާ ދޮރުހުޅުވާލާފައި ބޭރަށް ދުއްވައި ގަތުމުން ނާފިޒްވެސް ދުއްވައި ގަތެވެ. ނާފިޒް އެއްލި އަތް އަޅައިގަތީ އޭނާ އޮޅާލައިގެން ހުރި ފޮތި ގަނޑާއި އެކު ލައިގެން ހުރި ފަޓްލޫނުގެ ފަހަތުޖީބުގައެވެ. އެއާއިއެކު ޖީބު ވީދައިގެން ދިޔުމުގެ އިތުރުން އޭނާގެ ގައިގައި އޮޅައިގެން ހުރި ފޮތިގަނޑުއައީ ނާފިޒްގެ އަތަށެވެ. ސިޑިމަތިން ފައިބައިގެން އޭނާ ދުވެ ރައްކާވެއްޖެއެވެ.
ފޮތިގަނޑު ދޫކޮށްލާފައި ނާފިޒުވެސް އޭނާގެ ފަހަތުން ފޭބިއެވެ. ނަމަވެސް ވަކި ހިސާބަކުން ނާފިޒަށް އޭނާ ގެއްލުނީއެވެ. ގަތް ބިރަށް ބުރެ ނާފިޒްގާތަށް އައި ރުޅި އިތުރުވެއްޖެއެވެ. ޖިންނިއެއްގެ ގޮތުގައި އޭނާގެ އަންހެނުންނަށް އެ އުނދަގޫކުރަނީ އިންސާނެއްކަން އެނގުމުންނެވެ. އެހެން ކަމުން އެއީ ކާކުތޯ ބަލަށް ނާފިޒު ބޭނުން ވިއެވެ. އެކަމަކު ނާފިޒުގެ އަތްދަށުގައި ނުވެ އޭނާ ފިލައި ރައްކާވެއްޖެއެވެ.
ނާފިޒް އެނބުރިއައިސް އެޕާޓްމެންޓަށް ވަނެވެ. އޭރު އެޕާޓްމަންޓްގެ ދޮރުމަތީގައި އޭނާ ގައިގައި އޮޅައިގެން ގެން އުޅުނު ފޮތިގަނޑުވެސް އޮތެވެ. ނާފިޒު ގުދުވެ ފޮތިގަނޑު ނެގިވަގުތު އެޕާޓުމެންޓްގެ ދޮރު ބުޑަށް ވެއްޓިފައި އޮތް ވޮލެޓެއް ނާފިޒަށް ފެނުނެވެ. އެއީ އެމީހާގެ ވޮލެޓްކަން ޔަޤީން ވުމުން ނާފިޒް ނެގިއެވެ. އޭގައި އޭނާގެ ބައެއް ކާޑުތައް ފިޔަވައި އެހެން އެއްޗެއް ނެތެވެ. ނާފިޒް ކާޑުތައް ބަލާލިއެވެ. އޭގެ ތެރޭގައި އައިޑީކާޑުވެސް އޮތެވެ. އެއީ ނަސީމް ކިޔާ އައްޑު އަތޮޅު މީހެއްކަން ނާފިޒަށް އެނގުނީ އެއައިޑީކާޑުންނެވެ.
ނާފިޒްގޮސް ކޮޓަރީގެ ދޮރުގައި ހިފިއިރު ހުރީ އެތެރެއިން ތަޅުލާފައެވެ. ތަޅުދަނޑިން ނާފިޒް ދޮރު ހުޅުވާލި އިރު ސަލީމާ އިނީ އެނދުގެ ހެޑްބޯޑުގައި ލެގިގެން މުޅިގައިގައި ބެޑްޝީޓް އޮޅައިގެންނެވެ. ދޮރުހުޅުވާލުމާއި އެކު ސަލީމާ ބިރުން ބާރަށް ހަޅޭލަވައިގަތެވެ.
”މަށޭ ނާފިޒޭމީ“ ސަލީމާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ނާފިޒް ބުންޏެވެ. އޭރު ސަލީމާ އިނީ ބިރު ހަލާކުވާ ވަރުވެފައެވެ. އޭނާއަށް ވާހަކައެއް ނުދެއްކެއެވެ. ބިރުންގޮސް ދެތުންފަތްވެސް ތުރުތުރުއަޅައެވެ.
ސަލީމާއަށް ވާހަކަދެއްކޭ ވަރުވީ އެތައް އިރެއް ފަހުންނެވެ. އެއީ ޖިންނިއެއް ނޫންކަމާއި މީހަކު ކަމުގައި ބުނުމުންނެވެ. އަދި އެމީހާގެ އައިޑީކާޑު ދެއްކުމުންނެވެ.
ނާފިޒް ގޭގައި ނޫޅޭ ރޭރޭ އެމީހާ އެ އެޕާޓްމަންޓަށް ވަންނަކަމަށާއި، ސަލީމާއަށް ޖިންނިއެއްގެ ގޮތުގައި ފެންނަނީ އެމީހާ ކަމުގައި ސަލީމާ ކިޔައިދިނެވެ. އަދި ކޮޓަރިއަށް ނުވަދެވުމުން ސިޓިންގ ރޫމުގައި އުޅެ އުޅެފައި ކޮންމެ ރެއަކުވެސް އެމީހާ ދަނީ ނާފިޒް އަންނަކަން އެނގުމުން ކަމުގައި ބުންޏެވެ. އަދި އެމީހުން ކުރިން އުޅުނު އެޕާޓްމަންޓް ތަކަށް ވަންނަނީ އެމީހާކަން ޔަޤީންވާ ކަމުގައިވެސް ބުންޏެވެ.
އެހާތަނުން ނާފިޒްގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދިއްޖެއެވެ. އެމީހަކާއި ސަލީމާ އާއި އޮތް ގުޅުމަކާއި ބެހޭ ގޮތުންނެވެ. އޭނާ ސަލީމާގެ ފަހަތުން އެގޮތަށް އުޅޭނީ ކޮންމެވެސް ސަބަބެއް އޭގައި އޮތުމުންކަން ޔަޤީންވާތީ އެވެ. އެހެން ނޫންނަމަ އެހެން މީހުންވެސް އެގޮތަށް ސަލީމާގެ ފަހަތުން އަޅައިގަނެގެން އުޅޭނެ ނޫންހެއްޔެވެ؟
އެންމެ ފަހުން ނާފިޒް ސުވާލު ކުރުމުން ސަލީމާ އެވާހަކަ ކިޔައިދީފިއެވެ. ސްކޫލު ދައުރުއްސުރެ ސަލީމާ އާއި އަޅައިގަނެގެން އުޅޭ މީހެކެވެ. ހިސާބަކަށް ހަމަނުޖެހޭ ގޮތެއް ހުންނަ މީހެކެވެ. ސަލީމާ އޭނާ އާއި ރައްޓެހި ނުވުމުންނާއި ނުއިނުމުން އޭނާ ސަލީމާއަށް އުނދަނގޫ ކުރަނީއެވެ. އަދި އެ އުނދަގޫ ކުރާ މީހަކީ ނަސީމްކަން ސަލީމާއަށް އެނގުނީވެސް މިރޭގައެވެ. ނާފިޒްގެ އަތުގައި އޭނާޖެހި އޭނާގެ ވޮލެޓާއި އައިޑީކާޑު ފެނުމުންނެވެ. މިރޭގެ ކުރިން ސަލީމާ ޔަޤީންކޮށްގެން ހުރީ އެއީ އޭނާއަށް ކުރިމަތިވަމުން އައި ރޫހާނީ އުނދަގުލެއް ކަމަށެވެ. ޖިންނިއެއް ކަމަށެވެ.
ނާފިޒް ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އެގެއަށް އައސް ފޮރެންސިކް ހެކިތައް ނަގައިފިއެވެ. އަދި ނަސީމްގެ ވޮލެޓާއި އެފޮތިގަނޑުވެސް ގެންގޮސް އޭނާ ހޯދައި ހައްޔަރުކޮށް އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ. އެއާއި އެކު، ނާފިޒާގެ ސަލީމާގެ ހަޔާތުގައި ކުރިމަތިވަމުން އައި ޖިންނީގެ އުނދަގޫ ކެނޑި، އުފާވެރި ހިތްހަމަޖެހޭ ދުވަސްތަކެއް ވޭތުކުރަން ފަށައިފިއެވެ. އެކަމަކު އެމީހުންގެ ހިތުގައި އަބަދުވެސް ބިރުވެރިކަމެއް އޮވެއެވެ. ޖަލުން ސަލާމަތް ވުމަށްފަހު އަނެއްކާވެސް ނަސީމްގެ އުނދަގޫ ފޯރާފާނެ ކަމަށެވެ.
= ނިމުނީ=