އިންތިޒާރު – 12 ވަނަ ބައި

“ އަހަރެން މިއައީ ޝާނީ ބަލާ….“ ހަމްޒާ ބުންޏެވެ. ”އަހަރެން ބޭނުމީ ޝާނީ އާއި ކައިވެނިކޮށްގެން ޝާނީ އާއި އެކު ދިރިއުޅުމެއްފަށަން..“

އެވަގުތު ހަސީނާވެސް ގޯތިތެރެއަށް ނިކުތެވެ. ގޯތިތެރޭގައި ދިއްލާފައި ހޮޅިބުރި އަލިން މުޅިތަނަށްވަނީ ހިސާބަކަށް އަލިއެޅިފައެވެ.

“ ޝާނީ ބޭނުމެއް ނުވޭ ކަލެއާއި ބައްދަލުކުރާކަށް…“ ޚާލިދު ކުރިއަށް ޖެހިލަމުން ބުންޏެވެ. “ ކަލޭ އެންމެ ރަނގަޅުވާނީ މިތަނުން ދިޔައިއްޔާ!“

“ އަހަރެން ޝާނީ ދެކެ ވަރަށްލޯބިވޭ… “ ހަމްޒާ ޚާލިދުގެ ގާތަށް ޖެހިލަމުން އާދޭހުގެ ރާގަކަށް ބުންޏެވެ. “ ޝާނީ އަށް އަހަރެން ދުވަހަކުވެސް ދެރަގޮތެއް ނަހަދާނަން“ ހަމްޒާގެ މިވާހަކަތައް އަޑުއިވުމުން ކޮޓަރިތެރޭގައި އެމީހުންގެ ވާހަކަތައް އަޑުއަހަން އިން ޝާނީގެ ބަޑިފަޅައިގެން ދިޔައެވެ. އޭނާ ފިއްތަމުން ދިޔަ ތުން ހުއްޓި، ގަދަރުއިމަކަށް ބަދަލުވެގެން ދިޔައެވެ.

”ކަލޭ ޝާނީއަށް ރަގަނޅު ގޮތެއް ވާން އެދެންޔާ އޭނާގެ ހަޔާތުން ދުރަށްދޭ“ ޚާލިދު އިންޒާރުގެ ރާގަކަށް ބުންޏެވެ. ”ކަލޭ ކަހަލަ ގޮތެއް ފޮތެއްނެތް މީހަކާ އޭނާ ކައިވެންޏެއް ނުކުރާނެ“

”އޭ….“ ޚާލިދުގެ ހަމަލާތަށް ހަމްޒާގެ ހިތުގެ އެންމެ ފުނަށް ފޯރިކަހަލައެވެ. އޭނާ އަޑުގެ ނެއްކޮޅަށް ޚާލިދާއި ދިމާއަށް ހަޅޭލަވައިގަތެވެ. މޫނުމަތީގައި ސިންގާއެއްފަދަ ގަދަރުޅި ފެންނަން ހުއްޓެވެ. “ ކަލޭ ބޭނުންހާއެއްޗެއް މަށާދިމާއަށް ނުކިޔާތި!“ ޚާލިދުގެ ލޮލާދިމާއަށް ހަމްޒާގެ ސަހާދަތް އިނގިލި ދިއްކުރަމުން ހަމްޒާ ބުންޏެވެ.

”ނިކުމޭ… ހަމަ މިހާރު މިގޭން ނިކުމޭ“ ޚާލިދު އަަމުރުވެރި ރާގަކަށް ބުންޏެވެ. “ މިގެއަކު ނޫޅޭ ކަލެ އާއި އެކުވެގެން ޑުރަގް ނަގާ މީހެއް.. ކިހިނެއް ހަދަނަމޭ ހިތާތަ ތިއުޅެނީ އޭނ“ ޚާލިދުވެސް މިހާރު ވާހަކަ ދައްކަނީ ރުޅިވެރި ރާގަކަށެވެ.

”އޭ..“ އަނެއްކާވެސް ހަމްޒާ ހަޅޭލަވައިގަތެވެ. މޫނުމަތީން ކުރިއަށްވުރެވެސް ރުޅިވެރިކަން ފެންނަން ހުއްޓެވެ.

”ކޮން އޭންސެކޭ ކިޔާކަށް…“ އެންމެފަހުން ނުހުރެވިގެން ހަސީނާ ފެށިއެވެ. “ ހަމަމިހާރު މިގެއިން ނިކުންނާށޭ“

އިސާހިތަކު ރުޅިއައިސްފައިވާ ސިންގާއެއް ހަމްޒާ އައިސް ޚާލިދުގެ ކަރުގައި ހިފިއެވެ. އޭނާއަށް ނަފުސު ކޮންޓްރޯލް ކުރެވޭގޮތް ނުވިއެވެ. ޚާލިދުގެ ދެލޯބޮޑުވެގެން ދިޔައެވެ. ހަސީނާ ވަރަށް ބާރަށް ރޯންފެށިއެވެ. ހަމްޒާގެ މުލަށްދަނޑީގެ ހުރިހާބާރެއްލާފައި ޚާލިދުގެ ކަރުގައި ހިފާ ބާރުކުރިއެވެ. ހަސީނާ ހަމްޒާގެ ގައިގައި ތަޅަމުން ރޮމުންދިޔައެވެ.

ހަމްޒާ ސިހުނީ އޭނާގެ މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއް ޖެހުމުންނެވެ. އެއާއެކު އޭނާ ޚާލިދުގެ ކަރުން ދޫކޮށްލިއެވެ. ޚާލިދު ކެއްސައިގެންފައި ކަރު ހަލުވާލިއެވެ.

ހަމްޒާގެ ކުރިމަތީގައި ހުރީ ޝާނީއެވެ. ދެލޯ ހީވަނީ އަނގުރު ގަނޑެއްހެންނެވެ. ރުޅިވެރިކަން އިންތިހާއަށް ވަނީ ގޮސްފައެވެ.

“ އަހަރެން ހީވެސް ނުކުރަން ހަމްޒާތީ ތިހާ ދަށުދަރަޖައިގެ މީހެއްކަމަކަށް..“ ޝާނީ ހަޅޭލަވައިގަތެވެ. ”ހަމަމިހާރު މިތަނުންދޭ… ދާން އުޅޭށޭ“ ޝާނީއަށް ކެއްނުކުރެވިގެން ރޯންފެށުނެވެ.

”ޝާނީ.. ޕްލީޒް..“ ހަމްޒާ ކަރުނުން ފުރިފައިވާ ދެލުލުން ޝާނީއަށް ބަލާލިއެވެ.

”ކަލޭ މިތަނުން ދާން އުޅޭށޭ..“ ގިސްލަމުން ޝާނީ އަމުރުވެރި ރާގަކަށް ބުންޏެވެ. ހަމްޒާގެ ލޮލުންވެސް ކަރުނަ ހިފެހެއްޓުމެއްނެތި އޮހެމުން ދިޔައެވެ.

އާދުވަހަކަށް އިރުއެރީވެސް ޝާނީ ފިކުރުކުރަން އޮއްވައެވެ. އޭނާ މިއަދު ބޭކާރުވެއްޖެއެވެ. ހަމްޒާފަދަ ރުޅިގަދަ ، ރުޅި އަންނަ ފަހަރަކު އަތް އިސްކުރާ މީހަކާއެކު އޭނާ ދިރިއުޅުން ހޭދަކުރާނީ ކިހިނެއްހެއްޔެވެ. އެކަމަކު ހަމްޒާ އޭނާދެކެ ކިހާ ލޯބިވޭހެއްޔެވެ. އެއޮއްދަންވަރު އޭނާ ކަޑުހުރަސްކޮށްފައި އެއައީ ޝާނީއަށްޓަކައެވެ. އެކަމަކު…. އެހަނދާންތައް އައުމާއެކު ޝާނީއަށް ގިސްލެވެންފެށެއެވެ. އޭނާގެ ތަޤުދީރު ކުރަހަމުންދާ މަންޒަރުތަކުގައި އަލިކަމެއް ފެންނަން ނެތުމުން ހިތްދަތިވެއެވެ.

ޝާނީ ކޮޓަރިން ނިކުތީ އަށެއްވެސް ޖަހަން އުޅެނިކޮށެވެ. އޭރު ދޮންމަންމަ ބޭރު ޖޯލީގައި އިނެވެ. މޫނުމަތިން ފެންނަންހުރި ނުރުހުމުގެ އަސަރު އަދިވެސް ފިލާނުދެއެވެ. މާޔޫސްކަންވެސް ފާޅުވާންހުއްޓެވެ.

ޝާނީ ފެނުމާއެކު ހަސީނާ އިންޖޯލިން ތެދުވިއެވެ. އޭނާ ހިތުގައި ހުރި އުދާސްތައް ބޭރުކޮށްލަން ބޭނުންވެފައިވާކަހަލައެވެ.

“ ހޫމް…. ނިކުމެވިއްޖެދޯ ކަލެއަށް“ ހަސީނާ ޝާނީ ކައިރިއަށް އައެވެ. ”ކަލޭ ހީކުރީތަ ހަމްޒާ ޚާލިދުގެ ކަރުގައި ހިފީމަ މަ އޭގެ ބަދަލު ނުހިފާ ހުންނާނެކަމަށް“ ހަސީނާ ޝާނީގެ އަތުގައި އޮތް ތުވާލި އަތުލައިގަތުމަށްފަހު ބިންމައްޗަށް އެއްލާލިއެވެ. ޝާނީއަށް ދޮންމަންމަ ހަދަން މިއުޅޭއެއްޗެއް ރޭކާވެސް ނުލައެވެ. ހަމްޒާ ކުރިކަމެއްގެ ބަދަލު ޝާނީގެ ކިބައިން ހިފަންވީ ކީއްވެ ބާއޭ އަހާލަން އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އާދޭހުގެ ނަޒަރަކުން ހަސީނާއަށް ބަލާލުން ނޫންކަމެއް ޝާނީއަކަށް ނުކުރެވުނެވެ.

”ކަލެއާހުރެ މަގޭ މުޅިދިރިއުޅުން ހަލާކުވެއްޖޭ…“ ހަސީނާ ހަޅޭލަވަންފެށިއެވެ. “ އަހަރެން ހަމަހިލާ ކަލޭ މިގޭގައި އުޅުނަކު ނުދޭނަން…“ ދޮންމަންމަގެ ހަރުކަށި ބަސްތައް އަހަން ޝާނީ އަނަގައިންވެސް ނުބުނެ އިނެވެ. އޭނާ އަށްވެސް އިތުރުގޮތެއް އޮތްނަމަ މިހަރު މިގެއިން ނިކުގެން ދާނެތާ ކިތައްމެ ދުވަހެކެވެ.

މަންމަ ދޮންތައަށް ލަވާ ހަޅޭކުގެ އަޑުއަހަން ތަންކޮޅެއް ދުރުގައި ހުރި ގުރާކޮށި ކައިރީގައި ފާއިގު ހުއްޓެވެ. އޭނާގެ ހިތުގައި ދޮންތައަށް އޮންނަލޯތްބެއްގެ ބޮޑުކަމުން މަންމަ ދޮންތައަށް ދީފާނެ ހަމަލާއަކަށް ބަލަބަލާހުރީ އެވެ.

ބަލާކަށްނުހުރެ ޝާނީގެ އަތުގައި ހިފައިގެން ހަސީނާ ދަމަމުން ކަހަލަ ގޮތަކަށް ބޭރަށް ނެރެންފެށިއެވެ. އެއާއެކު ފާއިގު އެމީހުންނާއި ދިމާއަށް ދުއްވައިގަތެވެ. މަންމަ ކުރަން މިއުޅޭކަމެއް ފާއިގަށް އެނގުނީ ކަހަލައެވެ. ޝާނީއަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އޭނާވަނީ މުޅިން ވަރުބަލިވެފައެވެ. ހަސީނާ ޝާނީ ދަމާފައި ގެންގޮސް ގޯތެރެއަށް އެއްލާލިއެވެ. ޝާނީ ބިންމައްޗަށް ވެއްޓުނީ އަނިޔާވާހާ ބާރަކަށް ނޫނެވެ.

”މިގެއިން ނިކުމެެން ދާންއުޅޭ..“ ހަސީނާ ހަޅޭލަވައިގަތެވެ. އެވަގުތު ފާއިގު އައިސް ޝާނީގެ ގައިގައި އޮޅުލައިގަތެވެ. ޝާނީއަށް ގިސްލެވުން ނޫންކަމެއް ނުކުރެވެއެވެ. އަންހެއްކުއްޖަކަށް ވުމުން ލިބޭ ސަޒާއަކީ މިއީބާއޭ އޭނާގެ ހިތަށް އަރައެވެ. ބިންމަތީގައި އިންދަ ޖެހިފައި އިން ޝާނީ ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފާއިގު ފުހެދެމުން ދިޔައެވެ. އޭނާއަށް މިވަގުތު އެހީއެއްވާންހުރީ ފާއިގުނޫން ވަކިން ކާކުހެއްޔެވެ.

”އަން މިހިރީ ކަލޭގެ ހެދުންތައް.. މިއެއްޗެހި ހިފައިގެން މިގެއިން ރައްކާވާން އުޅޭ“ ކޮޓަރީގައި ހުރި ޝާނީގެ ހެދުންތައް ނެރެ ޝާނީ އާއި ދިމާއަށް އުކާލަމުން ހަސީނާ ބާރުބާރަށް ބުންޏެވެ. އެހެދުންތައް ބިމުގައި ޖެހުމުގެ ކުރިން ކޮންމެވެސް މީހަކު އެހެދުންތަކުން ބައެއް ހެދުން ހިފިއެވެ. ހަސީނާ ރުޅިގަދަވެފައިވާ ވަރުން އެމީހަކު އެތާގައި ހުއްޓާ ނުފެނުނީއެވެ. ބައެއްހެދުން އޭނާގެ މޫނުމައްޗަށްވެސް އެރިއެވެ.

އެއީ ނާހިދާއެވެ. ޝާނީގެ ބޮޑުދައިތައެވެ. އޭރު ޝާނީ ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. ފާއިގުގެވެސް ދެލޯވަނީ ކަރުނުން ތެމިފޯވެފައެވެ.

އިތުރު އެއްވެސް އެއްޗެއް ނުބުނެ ނާހިދާ، ބިންމަތީގައި ހުރި ޝާނީގެ ހެދުންތައް ނަގަންފެށިއެވެ. އަދި ހުރިހާ ހެދުން އެއްކޮށް ބޮނޑިކޮށްލުމަށްފަހު ކިހިލީގައި ހަރުކޮށްލިއެވެ. ދެން ބިންމަތީގައި އިށީންދެއިން ޝާނީ އަތުގައި ހިފައި ކޮޅަށް ނެގިއެވެ.

”އަހަރެން މިދަނީ މީނަ ގޮވައިގެން..“ ނާހިދާ ރޫރޫ އަޅާފަދަ އަޑަކުން ބުންޏެވެ. އޭނާގެ ހިތަށް ވަރަށް އަސަރުކޮށްފައި ވާކަހަލައެވެ. ”މީގެފަހުން ޝާނީ އުޅޭނީ އަހަންނާއެކުގައި… އެއްވެސް މައްސަލައެއް އެބައޮތްތަ؟“ ހަސީނާގެ މައިތިރި ވެފައިވާ މޫނަށް ބަލަހައްޓާއިގެން ހުރެ ނާހިދާ ބުންޏެވެ.

(ނުނިމޭ)

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *