މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ތެރޭގައި ހިމެނޭ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން މިއަހަރު 5 ދާއިރާއަކުން އިނާމު ދެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.
އެ ކޮމިޓީނ ހާމަކުރައްވާ ގޮތުގައި މިގޮތުން އިނާމު ދެއްވުމަށްޓަކައި މިއަހަރު ހުޅުއްވައިލެއްވުމަށް ހަމަޖެއްސެވި ދާއިރާތަކަކީ:
ހ. ފުރާވަރު ޢުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚްލާޤާއި އާދަކާދައިގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް. މި މުބާރާތާ ބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން.
ށ. ކުޑަކުދިންނަށް އަމާޒުކޮށްގެން، އެކުދިން ކިޔާހިތްވާކަހަލަ ދިވެހި ނާވިލު (ނޮވެލް) ލިޔުމުގެ މުބާރާތް. މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، ދިވެހިބަހުގެ އެކަޑަމީން.
ނ. ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މުބާރާތުގެ ތެރެއިން، ދިވެހި ޤައުމީ ތަރިކައާއި ދިވެހި އާދަކާދައާއި ޘަޤާފަތް ރަމްޒުކޮށްދޭ ދިވެހިންގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން ދައްކައިދޭ އުފެއްދުންތައް. މި މުބާރާތާބެހޭ ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން.
ރ. ރާއްޖެއަށް މިނިވަންކަން ހޯދުމަށް ކުރި މަސައްކަތްތަކާއި އަދި މިނިވަންކަން ދެމެހެއްޓުމަށް ކުރި މަސައްކަތްތައް ދައްކައިދޭ ވިޜުއަލް އާޓްސްއާއި، ޕަރފޯމިންގ އާޓްސް މުބާރާތް. މިމުބާރާތުގެ ކަންކަން ކުރިއަށް ގެންދަވާނީ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން.
ބ. ދިވެހިރާއްޖޭގެ ތާރީޚީ ޙާދިޘާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ނުވަތަ ޙާދިޘާއެއް އަޞްލަކަށް ބަލައިގެން ނުވަތަ ދިވެހި ފޯކްލޯއެއްގެ މައްޗަށް ބިނާކޮށް އަޞްލު ނުގެއްލޭ ގޮތަށް ބާއްވާ ވިޜުއަލް އާޓްސްއާއި ޕަރފޯމިންގ އާޓްސް މުބާރާތް. މި މުބާރާތުގެ ކަންކަން ކުރިއަށް ގެންދަވާނީވެސް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން.
ރައީސް އޮފީހުން ވިދާޅުވީ މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރްޞަތު ހުޅުއްވައިލައްވައި، އެކަމުގެ ތަފްޞީލުތައް، ކަމާބެހޭ ދާއިރާތަކުން މިއަދުން ފެށިގެން އިޢުލާނު ކުރައްވަމުން ގެންދަވާނެ ކަމަށާއި މި މުބާރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ކަމާބެހޭ މުއައްސަސާއަކުން ހުށަހަޅުއްވާނީ، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅުއްވި ފަރާތެއް ކަމަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގައި ހިމެނޭ އެހެން ދާއިރާތަކަށް ނަން ހުށަހެޅުމުގެ ފުރްޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވާނީ، މި ޖުލައި މަހުގެ 30 ވަނަ ދުވަހު ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.