ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި މަގާމުން ވަކިކުރުމަށް ކުރަމުން އަންނަ މަސައްކަތަކީ ގާނޫނު އަސާސީގެ ތެރެއިން ގެންނަ ބަގާވާތެއް ގޮތުގައި ސިފަކުރައްވާ އެކަން ހުއްޓުވައިދިނުމަށް ބޭރުގެ އެހީތެރިކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަޑައިގެންފި އެވެ.
ނައިބު ރައީސް މިކަމަށް އެދިވަޑައިގެންނެވީ އިނގިރޭސިވިލާތުގައި ހުންނަވާ ”ދަ ނިއު އިންޑިއަން އެކްސްޕްރެސް“ ނޫހައް ދެއްވި އިންޓަވިއު އެއްގަ އެވެ.
އެ އިންޓަވިއުގައި ޖަމީލު ވިދާޅުވެފައިވަނީ މަގާމުން ވަކި ކުރައްވަނީ ސީދާ ޓުއަރިޒަމް މިނިސްޓަރަށް އެމަގާމު ދިނުމަށް ކަމަށާއި އަދި އެކަން ސިފަ ކުރައްވަނީ ޒާތީ ހަސަދައެއްގެ ގޮތުގައި ކަމަށެވެ. އަދި މިމައްސަލާގައި އިންޑިއާ ސަރުކާރުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި އެކަން ސާފު ކަމުގައިވެސް ވިދާޅުވެފައި ވެ އެވެ.
”މަގާމުން ވަކިކުރަނީ ޒިންމާ އަދާނުކުރައްވައިގެން ކަމަށް ތުހުމަތުކުރާއިރު އެފަދަ އެއްވެސް ކަމެއް ޝަކުވާއެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރައްވާފައެއް ނުވޭ، ހަވާލުކުރެއްވި ކަމެއް މިހާތަނަށް ނުކުރެވި ނޯންނާނެ“ ނައިބު ރައީސް ވިދާޅުވެފައި ވެ އެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް 61 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ތަޅުމަށް މައްސަލަ ވައްދާފައިވާއިރު އިއްޔެގެ ވަގުތެއްގައި ނައިބު ރައީސް ވަނީ ދިވެހި މީޑިއާ މެދުވެރިކޮށް ބަޔާނެއް ނެރުއްވާފަ އެވެ.
އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އިތުބާރުނެތްކަމަށް ނިންމާ މައްސަލައިގާ އެއްވެސް ހުއްޖަތެއް ނެތްކަމަށާއި އެއީ ޒާތީ ކަމެއް ކަމަށެވެ.
އެމަނިކުފާނަކީ ރައްޔިތުންގެ ސީދާ ވޯޓު އިންތިހާބު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި “ރައްޔިތުންގެ އަތުގައި އޮތް ބާރަކުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ދަށުން އިންތިހާބު ކޮށްފައިވާ ފަރާތެއް ދުސްތޫރީ ގޮތުން ހުއްޖަތެއް ނެތި، ހަމައެކަނި ވަކި ބަޔަކު ނުވަތަ ވަކި ޖަމާއަތެއް ބޭނުން ގޮތަކަށް އެއްފަރާތް ކޮށްލުމަކީ ދިވެހި ރައްޔިތުންގެ އަތުގައި އޮތް ބާރެއް ނުހައްގުން އަތުލައިގަތުން” ކަމަށެވެ.