ވަގު ނޫޓެއް ހިފައިގެން ސިނގިރޭޓް ގަންނަން މާލޭގެ ފިހާރައަކަށް ގޮސް ހުރި ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 18 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އަދި 100 ރުފިޔާގެ ވަގުނޫޓެއް ހިފައިގެން ސިނގިރޭޓު ގަންނަން ޒުވާނަކު ގޮސް އުޅޭކަމުގެ މަޢުލޫމާތު ރޭ 20:45 ހާއިރު ފުލުހުންނަށް ލިބުމާއެކު އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުން ދިޔަ ގަލޮޅު ޕޮލިސް ގައި މަސައްކަތް ކުރާ ފުލުހުން ސީނަށް ގޮސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުން 100 ރުފިޔާގެ ވަގު ނޫޓެއް ފެނިފައިވާކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި މީހާއަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 10 ފަހަރު ހުއްޓުވައި ސުވާލުކޮށް 02 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، 01 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށެވެ. އަދި މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި މީހާއަކީ ވައްކަމުގެ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.