ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް މާދަމާ އިން ސްކޫލްތަކުގެ ކިޔެވުން ނުބާއްވާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައިވަނީ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އުފައްދާފައިވާ ޓާކްސް ފޯސްގެ ފަރާތުން ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ އެންމެ މުހިންމު ކަމަކީ ޕްރެވެންޝަން ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައްލެއް ގެނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މާލޭގައި ކުނި އުކާލަން މިހާރު އިތުރު އުފުއްޔެއް ހަމަޖައްސާފައިވާނެ ކަމަށާއި ނޯމަލްކޮށް ޕިކަޕްގައި ކުނި އުކާލުމުގެ ބަދަލުގައި ގޭގެއިން ކުނި އުކާލުމުގެ ވަރަށް ފަސޭހަ އިންތިޒާމެއް އޮންނާނީ ހަމަޖެހިފައި ކަމަށެވެ.
ހޯމް މިނިސްޓަރު އުމަރުނަސީރު ވިދާޅުވީ ޑެންގީހުން ވަރަށް ބާރަށް ފެތުރެމުން އަންނަ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޓާސްކްފޯސް އެކުލަވާލައްވާފައިވާއިރު ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ބޭފުޅުން އެ ފޯހުގައި ހިމެނޭ ކަމަށެވެ. އަދި މި ހުމަކީ ނުރައްކާވެދާނެ އަދި އިތުރަށް ފެތުރިދާނެ ހުމެއް ކަމަށާއި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ޑެންގީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެން ސްކޫލްތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޑެންގީ ހުން އެއްކޮށް ކޮންޓްރޯލް ކުރެވުމުން ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާ ކުރުމަށް ފަހު ކިޔެވުން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން ނުބާއްވާ ގޮތަށް ނިންމި ނަމަވެސް އޯލެވެލްއަށް ތައްޔާރުވާ ކުދިންނަށް ވަކި އުސޫލެއްގެ ދަށުން ކިޔަވައިދިނުން ކުރިއަށްދާނެ ކަމަށެވެ.
ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ރާއްޖޭގައި ޑެންގީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށެވެ. އަދި އެކަމުގައި ފަރުދީ ފެންވަރެއްގައި ހުރިހާ އެންމެންގެވެސް އެއްބާރުލުން ބޭނުންވާ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.