ކުރުވާހަކަ : ދަރިއެއްގެ ނިމުން

އަޑު ކަނޑައިގެން ނުގޮސް ގުގުރަމުން ދިޔައެވެ. ބައެއް ފަހަރު ގަދަ ވިދުވަރާއި އެކު ޖަހާ ހޮނު ގުގުރިއާއި އެކު ފުރާޅުވެސް ތެޅިގަނެއެވެ. ހުޅަނގުމޫސުމުގެ ގަދަ ވިއްސާރަ ވިލާތަކުން އޮހެމުންދާ ބޯވާރޭ ކެރީން ބިންގަނޑު ދޮވެވެމުން ދިޔައީ، އެންމެ ހިރަފުސްކޮޅެއްވެސް ވެލިތަކުގައި ނުހުންނާނޭ މިންވަރަށެވެ. ހީވަނީ، އެބިމުގައިވާ ފާފަތަށް އުޑު އޮހެމުން އަންނަ ފެނުގެ ކޯރުތަކުން ދޮވެދެމުން ދަނީ ހެންނެވެ.

ތެތް ފިނި ވައިރޯޅިތައް ސާމިޔާ އޮތް ކޮޓަރީގެ ތެރެއަށް ހުރަހެއް ނެތި ކުޑަދޮރުގެ ތޭރިތަކުގެ ތެރެއިން ވަންނަމުން ދިޔަނަމަވެސް އެނދުގައި އޭނާ އޮތީ މަރަށް ތެޅި ތެޅި އެވެ. މުޅިމީހާ ހޫނުވެ ދާހިއްލާފައެވެ. ބޮލުގެ އިސްތަށިގަނޑު ރޫޅި މުޅިން ހޭވިފައެވެ. އެނދުގެ ދެފަރާތުގައި ބާރަށް ހިފަހައްޓާފައިވާ ދެއަތުގައި ވަނީ ނާރު އަރާފައެވެ. ހަށިގަނޑުގައި އަޅަމުންދާ ވޭނާއި އެކު ސާމިޔާ ތެޅިފޮޅެމުން ދާއިރު، އޭނާ ގުނަމުން އެދަނީ ހަޔާތުގެ އެންމެ ފަހު ވަގުތުތައްކަން އޭނާ ގާތަށް ވަދެ ނުކުމެވާ އެންމެންނަށްވެސް އެނގެއެވެ.

ސާމިޔާ އޮތް ކޮޓަރިއަށް ފެމިލީ ހެލްތު ވޯކަރު ސަމީރާ ވަނެވެ. ސާމިޔާގެ ހާލަތާއި ދެންވާނެ ގޮތް މިހާރުވެސް އޭނާއަށް އެނގެއެވެ. ދެރޭ ދެދުވާ ވަންދެން ހޭލާ އުޅުމަށްފަހު ސިއްޚީ މަރުކަޒުގައި ސަމީރާ އާއި އެކު މަސައްކަތްކުރާ ނަސީމާ އާއި ފާތުމަވެސްވީ ގެއަށް ގޮހެވެ. ގެއަށްދާން ސަމީރާވެސް ބޭނުންވެއެވެ. އެކަމަކު ސާމިޔާ އެހާލަށް ދޫކޮށްލާފައި އޭނާއަކަށް ނުދެވޭނެއެވެ. ސިއްޚީ މަރުކަޒުގެ އިސްވެރިއަކީ އޭނާއެވެ. ޚިދުމަތްދޭން ހުރި ޑޮކްޓަރަކީވެސް އޭނާ އެވެ. އެއީ އަތޮޅުތަކުގައި ތަރައްޤީ އާއި ތަމައްދުންގެ ކުލަ ކިރިޔާ ފާޅުވާން ފެށި ހަތްދިހައިގެ އަހަރުތަކުގެ ތެރެއިން އަހަރެއްގެ ދުވަހަކަށް ވާތީއެވެ.

ސަމީރާ ކޮޓަރީގެ ދޮރުން ނުކުތް އިރު މޫސާ ކަތީބު، އަތުގައި އޮތް ކުޑައިން ފެން ފޮޅަމުން މަރުކަޒުގެ ތެރެއަށް ވަންނަނީއެވެ. ސާމިޔާ ގޮވައިގެން މާލެ ފުރާނެ ދޯންޏެއް ވެއްޖެހޭ ސަމީރާ އަހާލުމުން އޭނާ ހޫރައިލީ ބޮލެވެ. މިވިއްސާރައިގައި ކަނޑުބޭރުވާން ކެރޭވަރުގެ ކެޔޮޅަކު އެރަށުގައި ނެތް ކަމަށް ބުންޏެވެ. މަސްދޯނި ފަހަރު ނޫނީ މާލެ ދަތުރު ކުރާނެ އެހެން އޮޑިއެއް ނެތް ކަނޑޫދޫގައި ވިއްސާރައިގައި ޖެހި މަސްވެރީންވެސް ތިބީ ރަށުގައި ބަންދުވެފައެވެ.

އެވާހަކަ އަޑު އަހާފައި ސަމީރާވެސް މޮޅިވެއްޖެއެވެ. އަދި ސާމިޔާގެ ބަނޑުގައި އޮތް ދަރިފުޅު މަރުވިތާ ތިންދުވަސްވީ ކަމާއި، އޭނާ ވިއްސޭނެ ގޮތެއް ނެތްކަމާއި، މާލެއާއި ހަމައަށް ގެންގޮސްގެން ނޫނީ އޭނާގެ ފުރާނަ ސަލާމަތްވާންވެސް ނެތްކަން އަނެއްކާވެސް ސަމީރާ މޫސާ ކަތީބަށް ހަނދާންކޮށްދިނެވެ. އަދި އަތޮޅުވެރިންނަށް ދަންނަވައިގެން އަތޮޅުދޯނި ގެނެސްގެން ނަމަވެސް ފުރޭތޯ ބެލުމަށް އެދުނެވެ.

ސަމީރާ އާއި މޫސާ ކަތީބު އެވާހަކަތައް ދައްކަމުން ދިޔައީ، ކޮޓަރީގެ ބޭރުގައި ތިބެ ނަމަވެސް ސާމިޔާއަށް އެވާހަކަތައް އަޑުއިވެމުން ދިޔައެވެ. އޭނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔަ ނަމަވެސް އަޑުވީއްލާ ރޯކަށް އޭނާ ބޭނުމެއް ނުވިއެވެ. ވަރުހުސްވެ ބަލިވަމުންދާ ހަށިގަނޑާއި ރީނދޫވެފައިވާ އެމޫނުން ދޭހަކޮށްދެނީ އޭނާގެ ހަޔާތުގެ ހުރިހާ އުއްމީދެއް ގެއްލިފައިވާ ކަމެވެ. ފުރާނައިގެ ހުޅުކޮޅު ކަނިވެ ނިވެމުންދާ ކަމެވެ. އެންމެ ސޯޅަ އަހަރުގެ ކުރު އުމުރަކަށްފަހު އޭނާގެ ފާފަތަކާއި އެކު ކަލާންގެ ހަޟުރަތަށް ދަތުރު ކުރަނީ ކަމެވެ.

ބުރުނީގައި ތިބި ސާމިޔާގެ މައިންބަފައިންނަށް އޭނާގެ ހާލު އަންގައިފި ކަމަށާއި އެމީހުންގެ ބަހަކީ، މަރުވިޔަސް މޫނުވެސް ދެކިލަން ނުދާނަމޭ ކަމުގައި މޫސާ ކަތީބު ބުނުމުން ސަމީރާއަށް ހިންދިރުނެވެ. އަދި މޫސާ ކަތީބަށް މަޑުން ވާހަކަދެއްކުމަށް އަތުން އިޝާރާތްކޮށްފައި ސަމީރާ ކޮޓަރީގެ ދޮރުން ބޯދީ އެތެރެ ބަލާލިއެވެ. ސަމީރާ ބަލާލިތަން ފެނުމާއި އެކު ސާމިޔާ އަނެއް ފަރާތަށް މޫނު އަނބުރާލައިފިއެވެ.

އިރުއޮއްސި ދުނިޔެ އަނދިރިވުމާއި އެކު، ވައިރޯޅިވެސް ދެމިލައިފިއެވެ. ވާރޭ ތުނިކޮށްލައިފިއެވެ. އެހެން ނަމަވެސް އެއްވާމަކަށް އެއްވަރަކަށް ވެހިލަވެހިލައި އޮތީއެވެ. ހަދާނެގޮތް ބޮޑުވެފައި ހުރި ސަމީރާވެސް މަރުކަޒުގެ ތެރޭގައި އެއްކަމެއް ކޮށްލާފައި އަނެއް ކަމެއް ކޮށްލާފައި އުޅެއެވެ. މުޅި ހަޔާތުގައިވެސް މިވަރުގެ ކަމެއް ސަމީރާއަކަށްވެސް ތަޖުރިބާ ކުރާކަށް ނުޖެހެއެވެ. ޅަނދޮޅު ޒުވާން އަންހެންކުއްޖަކު އެއޮތީ މަރުގެ ދާނުގައެވެ. އޭނާ އަނބުރާދެން ނުގެނެވޭނެކަން ސަމީރާއަށް އެނގެއެވެ. ސާމިޔާ މާބަނޑު ހިލިފައި، ވިޔަސް ބަނޑުގައި އެކޮޅުކޮޅުން ހުރި ކުއްޖަކު ބަނޑަށް މަރުވުން ވިއްސޭނެ ގޮތެއް އޭނާއަކަށްވެސް ނޭނގެއެވެ. އެވަރުގެ ތަމްރީނެއް އޭނާއަށް ލިބިފައެއް ނެތެވެ.

ސާމިޔާ އަކީ ބުރުނީގެ އާދައިގެ ފެންވަރުގެ ދެމަފިރިއެއްގެ ހުރި އެންމެ ހަގު އަންހެންދަރިއެވެ. އޭނާގެ ދޮށްޓަށް ދެއަންހެންކުދީންނާއި ދެފިރިހެންކުދިން ތިއްބެވެ. އެމީހުންވީ މާލެ ފައިބައެވެ. ސާމިޔާ ރަށުގައި ހުރީ މައިންބަފައިންގެ ގާތުގައެވެ. ކުޑައިރުއްސުރެވެސް އޭނާ އަކީ ބަސްހަރު ގޮތްދޫ ނުކުރާ ކުއްޖެކެވެ. އޭނާގެ ބައްޕަ ފަދައިން ބުނެފިއެއްޗެއްގައި ހިފަހައްޓާ ކުއްޖެކެވެ. މައިންބަފައިންނަކަށްވެސް އޭނާ ނުހިފެހެއްޓެއެވެ. އެމީހުންގެ ނަސޭހަތެއް އަޑެއް ނާހައެވެ. ރަށަށް އަރުވާލި ނަސީމު ކިޔާ ހުވަދުއަތޮޅު މީހަކާއި ހިތާވެގެން، ވަލުތެރޭގައި ގަޔާއި ފަޅުގެތަކުގެ ތެރޭގައި ދުވީއެވެ. އެކަން ހުއްޓާލަން މައިންބަފައިން ރޮއެ އާދޭސް ކުރުމުންވެސް ސާމިޔާ އެއަޑުނޭހީއެވެ. އިޝްޤީ ލޯބީގެ ދީވާނާކަމުގައި އޭނާ އަމިއްލައަށް ނަރަކައަށް ފުންމާލީއެވެ.

 ސާމިޔާވެސް ބޭނުންވީ، ގޮތްދޫނުކޮށް ނަސީމުއާއި އިންނާށެވެ. އަމިއްލައަށް ގެއިން ނުކުމެގެން ދިޔައީވެސް އެކަމާއެވެ. އެކަމަކު ބައްޕަ ވަލީނުދީގެން ކައިވެނި ނުކުރެވި އުޅެނިކޮށް ނަސީމު މިނިވަން ވެގެން ފުރައިގެން ދިޔައީއެވެ. އޭރު ސާމިޔާ އިނީ ބަލިވެއެވެ. އެކަން ރަށުތެރޭގައި ބޭޒާރުވުމުން، ސާމިޔާއަކީ ދަރިއެއް ނޫންކަމުގައި ބުނެ ސާމިޔާގެ ބައްޕަ

އޭނާ ގެއަށް ނުވެއްދީއެވެ. އެހެނަސް މައިލަގޮނޑިއަށް ކެތް ނުވާތީ ސާމިޔާގެ މަންމަ މެދުވެރިގެން މަންމަގެ ރައްޓެހި އައިސަ ދައިތަ ގާތަށް ސާމިޔާ އައީ އެވެ. އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާ އެދައިތަ އަކީވެސް ދަރިއަކު އަދި އަޅާލާނެ އެހެން މީހަކު ނެތް މީހަކަށްވުމުން އެގޭގައި އުޅުނީވެސް އައިސަ ދައިތަ އާއި ސާމިޔާ އެވެ. ކުއްލިގޮތަކަށް އައިސަ ދައިތަ ނިޔާވީ މަހެއްހާ ދުވަސް ކުރިންނެވެ.

ސާމިޔާ އެނދުގައި އޮވެ ވިސްނަމުން ފިކުރު ކުރަމުން ދިޔައެވެ. އޭނާގެ ކުށްފާފަތަކަށް އޭނާ ތައުބާވިތާ ކިތަންމެ ދުވަހެކެވެ. މައިންބަފައިންގެ ކިބައިން މަޢާފަށް އެދި ސިޓީއެއް ފޮނުވިތާވެސް ހަތަރު މަސްވެއްޖެއެވެ. އެމީހުންގެ ފަރާތުން ޖަވާބެއް ނުލިބޭ ތާނގައި ބުރުނިން އެރަށަށް އަންނަ މީހެއްގެ ކިބައިން މައިންބަފައިންގެ ސަލާމެއްވެސް ނުލިބެއެވެ. އެކަމަކު ބައްޕަ ގޮތްދޫނުކޮށް ހިފެހެއްޓިޔަސް ކިރިޔާވެސް ގޮތެއް އޮތިއްޔާ ކަނޑުފަތާފައި ނަމަވެސް މަންމަ އަންނާނެކަން ސާމިޔާއަށް އެނގެއެވެ. އެހެނީ މަޔަކު ދަރިޔަކު ދުނިޔެއަށް އުފަންކުރުމުގައި އުފުލާނެ ވޭނާއި ބުރަ މިއަދު އޭނާއަށް ފުރިހަމައަށް އިހްސާސް ވާން ފަށައިފިއެވެ. ސާމިޔާ އޭނާގެ ދަރިފުޅަށްޓަކައި ކުރި ފަދަ ފޮނި އުންމީދުތަކެއް އޭނާއަށްޓަކައި އޭނާގެ މަންމަވެސް ކުރާނެކަން ޔަޤީންވެއްޖެއެވެ. އެކަމަކު އެކަން ޔަޤީން ވުމަކުން، އެކަން އިހްސާސްވުމަކުން ވެދިޔަތަން އަނބުރާ ގެނެވޭނެ ގޮތެއް ސާމިޔާއަކަށް ނެތެވެ. ކުރެވެން އޮތްހާވެސް ކަމަކީ، ތައުބާވެ އަސްތަޣުފާރު ކުރުމެވެ. ކެތްކުރުމެވެ. މިންވަރުފުޅަށް ރުހުމެވެ.

ރޭ ދަންވަމުން ދިޔައިރު ސާމިޔާގެ ހަށިގަނޑުގައި އަޅަމުން އައި ވޭންތައް ތަންކޮޅެއް ލުއިވުމުން އޭނާއަށް ނިދިޖެހޭ ގޮތްވިއެވެ. އެހެންނަމަވެސް އޭނާ އޮތީ މާޔޫސްވެފައެވެ. ގޮތް ހުސްވެފައެވެ. އޭނާގެ ކޮންމެ ނޭވާއެއްވެސް ދޫކުރަމުން ދިޔައީ ކަލާނގެ ހަނދުމަކުރަމުން ތައުބާގެ ޒިކުރު ކުރަމުންނެވެ. މުއުޖިޒާތަކުން މަރުގެ ތުންފަތް މަތިން ސަލާމަތްވުން އެދިގެނެއް ނޫނެވެ. ނަރަކައިގެ އަޒާބުން އޭނާ ދިންނެވުން އެދިގެންނެވެ.

ދެބަދޭތެރޭގައި އޮވެފައި ސާމިޔާ ކުއްލިއަކަށް ސިހުނެވެ. އޭނާ ދެލޯބޮޑުކޮށް ކޮޓަރީގެ ތެރެ ހޯދާލިއެވެ. އޭނާއަށް އަޑެއް އިވުނީއެވެ. ކޮންމެވެސް މީހަކު އޭނާގާތުގައި އެއްޗެކޭ ބުނިހެން ހީވީއެވެ. އެއީ ނިދާއެއް ނުވަތަ އިލްހާމެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް ހީވީ މީހަކު އޭނާގެ ގާތުގައި ބަނޑުގައި މަރުވާ ދަރި އެދަރީގެ ފޫޅުން އޭނާގެ މައިމީހާ ސުވަރުގެއާއި ދިމާއަށް ދަމަމުން ގެންދާނޭ މީހަކު ބުނިހެންނެވެ.

ސާމިޔާގެ ލޯކަރުނުން ފުރުނެވެ. އޭނާގެ ދަރިފުޅު ބަނޑުގައި މަރުވެއްޖެއެވެ. ދުނިޔެއަށް އުފަންވުމުގެ ކުރީންނެވެ. ސާމިޔާގެ ފާފަތަކުގެ ނިޝާނެއްގެ ގޮތުގައި މިދުނިޔެއަށް އުފަންވުމަށްވުރެ އެދަރިފުޅަށް އެގޮތްވެސް ހެޔޮވެގެންވީ ކަމުގައި ސާމިޔާ ޤަބޫލު ކުރިއެވެ. އެކަން ހިތަށް ވަނުމުން އޭނާ ދެލޯމަރާ ބާރުކޮށްލިއެވެ. އެސްފިޔަތަކުގެ ތެރެއިން ފޫދިގެން ދިޔަ ކަރުނަތައް ކޯތާފަތްމައްޗަށް އޮހިގެން ދިޔައެވެ. އެކަމަކު އެކަރުނަތައް ފޮހެލާހައި ހިއްވަރެއްވެސް އޭނާގެ ނެތެވެ.

އަތްފައިގައި ބާރު ކެނޑިއްޖެއެވެ. ވައިނޮޅީގެ ކަށިގަނޑާއި ހަމައަށް ފުރާނަ ފޯރައްޖެ ކަމުގައި އޭނާއަށް އިހްސާސްވަމުންދިޔައެވެ.

ފަތިހަށް ގޮވަމުން ދިޔަ ހާލުގެ އަޑު ސާމިޔާއަށްވެސް އިވެން ފަށައިފިއެވެ. އެހެން ނަމަވެސް އެއަޑުތައް ސާމިޔާއަށް އިވެމުން ދިޔައީ ވަރަށް ދުރުން އިވޭ އަޑުތަކެއްގެ ގޮތުގައެވެ. ކޮޓަރީގެ ތެރޭގައި ދިއްލާފައި ހުރި ފާނޫޒުގެ އަލިވެސް އޭނާއަށް ފެންނަނީ ފާންވެފައި ވާތީއެވެ. ފުސްކަމެއްގެ ތެރެއިންނެވެ. މިދުނިޔެއާއި ދުރަށް މާދުރަށް ދެވޭކަމުގެ އިހްސާސްތައް ސާމިޔާއަށް ކުރެވެމުން ދިޔައެވެ.

ނިދިމޫނާއި ހުރި ސަމީރާ ދެލޯފޮހެމުން ފޮހެމުން އެކޮޓަރިއަށް ވަނީ ތެޅެމުން ފޮޅެމުންނެވެ. އުފާވެރި ޚަބަރެއް ހިފައިގެން އަންނަ ގޮތަށެވެ. އެކަމަކު ސަމީރާއަށް ސާމިޔާ ބަލާލީ ވަދާޢުގެ ބެލުމަކުންނެވެ. ޝަކުވާ އާއި ހިތާމައިގެ ނަޒަރަކުންނެވެ. މަހިތިވެފައިވާ މޫނުގައި ވަޅުވަދެފައިވާ ދެލޯ އޭނާއަށް ހުޅުވެނީވެސް އެތައް ހިއްވަރަކުންނެވެ.

އޭރު ވިއްސާރައިގެ ގަދަ ކޮޅިގަނޑުތަކަށް ފަހު ފަތިހަށް ދުނިޔެ ހިމޭންވެ ބަނޑުދަމާލައިފިއެވެ. ވައިރޯޅި ހިނދި ކެރި ކެނޑިއްޖެއެވެ. ކަނޑުތަކުގައި ތެމާ ލައިފިއެވެ.

ސަމީރާ އައިސް ސާމިޔާ ގާތުގައި ހުއްޓުނެވެ. އަދި ސާމިޔާގެ ގާތުގައި ހުއްޓި، ހުވަދު އަތޮޅުގައި ފައިލޭރިޔާ ކޮންޓްރޯލް ކުރުމަށާއި ބަލިމީހުންނަށް ފަރުވާދިނުމަށް ގޮސްއުޅޭ ސަރުކާރުގެ ބޯޓު ހައިސިންތު މާލެދާ މަގުމަތީގައި ސާމިޔާ ގޮވައިގެން ދިޔުމަށް ހެނދުނު ކަނޑޫދޫގައި ޖައްސާނެ ކަމުގައި ބުންޏެވެ. އަދި އޭނާގެ މަންމަ އާއި  ދަންވަރު ވޯކީޓޯކީން ވާހަކަ ދެއްކުނު ކަމަށާއި ސާމިޔާގެ މަންމަ މިހާރު ކަނޑޫދޫއަށް އަންނަން ފުރައިފި ކަމުގައި ބުންޏެވެ.

ސާމިޔާ އޮތީ ވަރަށް ހިއްވަރުކޮށްގެން ދެލޯހުޅުވައިގެންނެވެ. ސަމީރާގެ ވާހަކަތައް އަޑުއަހާފައި އޭނާގެ ތުންފަތަށް ލުއި ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަދި ހަށިފުރާ ނޭވާއެއް ލިއެވެ. އެއާއި އެކު ސާމިޔާގެ ދެލޯ އަބަދުގެ އަބަދަށް މެރިއްޖެއެވެ. ސާމިޔާގެ ފުރާނަ އޭގެ ފޭރާމެއް ކަމުގައިވީ ހަށިގަނޑު ދޫކޮށް ވަކިވެ ދިޔައީއެވެ.

ސާމިޔާ އެއްވެސް ޖަވާބެއް ނުދިނުމުން، ސަމީރާ ސާމިޔާގެ އަތުގައި ހިފިއެވެ. އެފިނިއަތުގައި އޭރު ދިޔައީ ވިންދު ހުސްވަމުންނެވެ. މޭޒުމަތީ ހުރި ފާނޫޒު ގެނެސް ސަމީރާ ސާމިޔާގެ މޫނާއި ކައިރިކޮށްލިއެވެ. ރީނދޫވެ މަހިތިވެފައިވާ އެމޫނުގައި ދިރުމުގެ އެއްވެސް އަސަރެއް ނެތެވެ. ސަމީރާ ތެދުވެ ހިންދަމާލިއެވެ. މޫނުގައި ފޮތިގަނޑު އަޅައި އައިވީ ނައްޓާލިއެވެ. މީގެ ކުރިންވެސް އެތައް ބައެއްގެ މަރު ފެނި ސަމީރާއަށް ނުރޮވުނަސް މިފަހަރު އޭނާއަށްވެސް ރޮވޭ ގޮތް ވިއެވެ. އޭނާފަދަ އަންހެނަކު ނިމިދިޔަ ނިކަމެތި ހާލު ފެނިފައެވެ. އުންމީދުގެ އަލިކަމެއް ލިބިފައި ގެއްލުނީ މައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *