މިދިޔަ އަހަރުގެ ރޯދަ މަހާ އަޅާބަލާއިރު މިއަހަރުގެ ރޯދަމަހުގައި ދުވާލުގަޑީގައި ކައިގެން ހުށަހެޅޭ މައްސަލަތައް ގިނަ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ބުނީ ފާއިތުވި އަހަރާއި މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހަށް ބަލާއިރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ރޯދަމަހުގެ ދުވާލުވަގުތު ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވަނީ އިތުރު ވެފައިވާކަމަށާއި މި އަހަރު އެފަދަ 6 މައްސަލަ މި މުއްދަތުގައި ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 3 މައްސަލައެއް ހުށަހެޅީފައިވާ ކަމަށެވެ. އެހެންކަމުން ރޯދަމަހު ދުވާލު ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވަނީ 100 އިންސައްތަ އިތުރުވެފައި ކަމަށެވެ.
ފުލުހުން ބުނީ މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު ފުލުހުންނަށް 402 މައްސަލައެއް ހުށަހެޅިފައިވާއިރު މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު ހުށަހެޅިފައިވަނީ 315 މައްސަލަ ކަމަށެވެ. އެއީ 22 އިންސައްތައިގެ ދަށްވުމެއް ކަމަށެވެ.
”މި މުއްދަތުގައި ފުލުހުންނަށް ހުށަހެޅިފައިވާ ވަކިވަކި މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަ، އެއީ 1435 ވަނަ އަހަރު 107 މައްސަލައަކާއި 1436 ވަނަ އަހަރު 65 މައްސަލަ، އެހެންކަމުން ވައްކަމުގެ މައްސަލަތައްވެސް ވަނީ 39 އިންސައްތަ މި އަހަރު މަދުކުރެވިފަ، ދެން އެންމެ ގިނައިން ފުލުހުންނަށް ހުށަހެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓްގެ މައްސަލަ، ރަމަޟާން މަހުގެ ފުރަތަމަ 14 ދުވަހު، 1435 ވަނަ އަހަރު ޓްރެފިކް އެކްސިޑެންޓްގެ 62 މައްސަލައެއް ހުށަހެޅިފައިވާއިރު މި އަހަރު 54 މައްސަލައެއް ހުށަހެޅިފައިވޭ، އެހެންކަމުން ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތައް ހުށަހެޅުނު މިންވަރު މި އަހަރު ވަނީ 13 އިންސައްތަ ދަށްކުރެވިފަ“ ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވެ އެވެ.
ފާއިތުވި އަހަރާއި މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހަށް ބަލާއިރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެބޮޑު ތަފާތެއް ފެނިފައިވަނީ ފުލުހުންނަށް ހުށަހެޅިފައިވާ ޖިންސީ މައްސަލަތައް ކަމަށާއި މި އަހަރު އެފަދަ 8 މައްސަލަ އެ މުއްދަތުގައި ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 3 މައްސަލައެކެވެ. އެހެންކަމުން ފުލުހުންނަށް ހުށަހެޅިފައިވާ ޖިންސީ މައްސަލަތައް ވަނީ 167 އިންސައްތަ އިތުރުވެފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
މީގެ އިތުރުން، ކައުންޓަރފީޓް އަދި ފޯޖަރީގެ އެއްވެސް މައްސަލައެއް މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު ފުލުހުންނަށް ހުށަހެޅިފައެއްނުވާއިރު މި މުއްދަތުގައި މިދިޔަ އަހަރު މިފަދަ 1 މައްސަލަ ހުށަހެޅިފައިވާކަމަށާއި އަދި ޢާއިލީ މައްސަލަތައް ހުށަހެޅުނު މިންވަރު 20 އިންސައްތަ އިތުރުވެފައިވާކަމަށް އަދި އެއީ ފާއިތުވި އަހަރު އެ މުއްދަތުގައި ޢައިލީ 5 މައްސަލަ، މިއަހަރު އެ މުއްދަތަގައި 6 މައްސަލަ ހުށަހެޅިގެން ކަމަށްވެސް ފުލުހުން ހާމަ ކުރެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މުއްދަތުގައި ހުށަހެޅިފައިވާ މައްސަތަކުގެ ތެރެއިން މާރާމާރީގެ މައްސަލަތައް 45 އިންސައްތަ މަދުކުރެވިފައިވާއިރު ފޭރުމުގެ މައްސަލަތައް 20 އިންސައްތަ މަދުކުރެވިފައިވާކަމަށެވެ. ގެއްލޭތަކެތީގެ މައްސަލަތައް 24 އިންސައްތަ މަދުކުރެވި، ޚިޔާނާތުގެ މައްސަލަތައް 38 އިންސައްތަ އިތުރު ވެފައިވެ، އެހެނިހެން މައްސަލަތައް 11 އިންސައްތަ މަދު ކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް ހުށަހެޅުނު މިންވަރު 20 އިންސައްތަ މި މުއްދަތުގައި މަދުކުރެވިފައިވާ ކަމަށެވެ.