ކޮނޑުގައި ދަބަސް އަޅުވައިގެން ޝާފީ ކޮޓަރިން ނުކުތެވެ. އޭރު ސިޓިންގ ރޫމުގައި އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން ރީހާން އާއި އާއިލާގެ އެހެން މީހުންވެސް ތިއްބެވެ. އެކަމަކު އެކަކުވެސް އަނެކަކާއި އަނގައިންނެއް ނުބުނެއެވެ. މުޅި ގޭތެރެއަށް ފެތުރިފައި ވަނީ މަރުގެ ހަމަ ހިމޭން ކަމެވެ. އައު ކައިވެންޏަކަށް ތައްޔާރުވަމުން ދިޔަ ގޭތެރޭގެ އުފާވެރިކަން ވަނީ ގެއްލިފައެވެ. ގޭތެރެ ރީތިކުރުމަށާއި، ހެދުންތައް ފެހުމަށް ގެނެސްފައި ހުރި ފޮތިތަކާއި ގަހަނާ ސެޓްތައް ތަރުތީބެއް ނެތި، އެގޮތް މިގޮތަށް ސޯފާސެޓްމައްޗަށާއި މޭޒުމައްޗަށް ހުރީ އުކާލެވިފައެވެ.
ސިޓިންގ ރޫމަށް ނުކުމެފައި ޝާފީ ހުއްޓުނެވެ. ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލާލިއެވެ. ވަދާޢުގެ ބެލުމަކުންނެވެ. އަހަރެންދެން މިދަނީ އޭ ބުނާ ފަދަ ގޮތަކަށެވެ. ޒުވާން ފިރިހެނަކަށް ވިޔަސް އަދި ކިތަންމެ ހިއްވަރެއް ދެއްކިއަސް އުޅެބޮޑުވިގެ އާއި މައިންބަފައިން އަބަދުގެ އަބަދަށް ދޫކޮށްލާފައި ނުކުމެގެން ދާއިރު ކުރެވޭނީ ކޮންކަހަލަ ހިތްދަތި އިހްސާސެއްކަން އެނގޭނީ އެފަދަ އިހްސާސެއް ކުރި މީހަކަށެވެ.
ޝާފީ އުންމީދުކޮށްގެން ހުރީ މައިންބަފައިން އޭނާގާތުގައި ނުދާށޭ ބުނާނެ ކަމަށެވެ. އެކަމަކު ބައްޕަގެ ރުޅިވެރި ބަލާލުން ފެނިފައި، އަދި މަންމަ ޝާފީއަށް ބަލާލާފައި އަނެއް ފަރާތަށް މޫނު އަނބުރާލުމުން ޝާފީ ގެއިން ނުކުންނަށް ހިނގައި ގަތެވެ.
”ތުއްތުބޭ..“ ޝަފްނާ ދުވެފައި އައިސް ޝާފީގެ ގައިގައި ބައްދައި ރޮއިގަތެވެ. އުމުރުން އެންމެ 14 އަހަރުގެ ޝަފްނާ ފިޔަވައި ޝާފީ އެގެއިން ނެރެ ފޮނުވާލަން ބޭނުން ނުވާ މީހަކު ނެތެވެ.
”ކަލޭވެސް ދާން ބޭނުން ވަންޏާ އޭނާ އާއި އެކު ދާނެ ތާކަށް ދޭ“ ބައްޕަގެ ރުޅިވެރި އަޑުން ގޭތެރެ ދިޔައީ ގުގުމައިގެންނެވެ. އެއާއި އެކު ޝާފީގެ ގައިން ދޫކޮށްލައި ޝަފްނާވެސް ދުރަށްޖެހިލި އެވެ.
”ދަރިފުޅާ! ތިހެން ނުހަދާ. އެކުއްޖަކު ލޯބިވާ މީހަކާއެކު އެކުއްޖަކަށް ދިރިއުޅެވޭނީ. އޭނާއާއެކު މުޅި ދިރިއުޅުން ވޭތު ކުރާނީ އޭނާގެ އަންބަކަށް ވާކުއްޖަކު. މައިން ބަފައިންނެއް ނޫން“ އެންމެ ފަހުން މުސްކުޅި މާމައަށްވެސް އަނގަ ހިމޭނުން ލައިގެނެއް ނުއިނދެވުނެވެ.
ބައްޕަ ކިތަންމެ ރުޅިގަދަޔަސް އަދި ކަންކަމުގައި ގޮތް ދޫނުކުރިއަސް ދުވަހަކުވެސް މާމަ ބުނާ އެއްޗަކަށް އެއްޗެއް ނުބުނާނެއެވެ. ޖަދަލެއް ނުކުރާނެއެވެ. މާމަ އަނގަތަޅުވައި ގަތުމުން ބައްޕަ އިތުރުއެއްޗެކޭ ނުބުންޏެވެ.
ޝާފީ ޑޮކްޓަރުކަން ކިޔަވައިގެން މާލެ އައިސް އައިޖީއެމް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަން ފެށީވެސް މައިންބަފައިންގެ އާދޭހަށެވެ. ކޮންމެހެން އޭނާ މާލެ އަންނަ ހިތަކުން ނޫނެވެ. ގަނޑުވަރެއްފަދަ ގެދޮރާއި، ކާރާއި ސައިކަލާއި ރިޒޯޓްތައް އެއާއިލާގެ މިލްކިއްޔާތުގައި ހުއްޓަސް ރާއްޖެއަށް ވުރެ ޝާފީ ދިރިއުޅެން ބޭނުންވަނީ މެލޭޝިޔާގައެވެ. އެހެނީ އޭނާގެ ހަޔާތުގެ ހުރިހާ އުއްމީދެއް ވަނީ އެތާނގައެވެ.
މިދުވަސް މާކުރިންވެސް އަންނާނެ ކަން ޝާފީއަށް އެނގެއެވެ. ރީހާން ފެންނަ ހިސާބުގައިވެސް ހުންނަ ޝާފީ ބޭނުން ނުވަނީ އެހެންވެއެވެ. ރީހާން އަކީ ބައްޕަގެ ވިޔަފާރި ޕާޓްނަރުގެ ހުރި ހަމައެކަނި އަންހެން ދަރިއެވެ. ރީހާން އާއި ޝާފީ ނުހަނު ކުޑައިރުއްސުރެ ދެއާއިލާއިން ވަނީ އެދެމީހުންގެ ކައިވެނި ކުރުވުމަށް ނިންމާފައެވެ. ފަހަރުގައި އެއީ އެބޮޑު މުދާގަނޑު ބައިބަޔަށް ބެހިގެން ދިޔަ ނުދިނުމަށް އެމީހުން ނިންމި ނިންމުމެއް ކަމުގައި ވެދާނެއެވެ.
ރީހާން ހުންނަނީ ޝާފީ އާއި ހެދި މޮޔަވެފައެވެ. އެހެން ނަމަވެސް ޝާފީ އަބަދުވެސް ދެކެމުން އައީ ރީހާން އަކީ އޭނާގެ ގާތް ރައްޓެއްސެއް ކަމުގައެވެ. ރީހާން އާއި އެކު ބައެއް ރޭރޭ ފިލްމަށްގޮސް ރިޒޯޓުތަކާއި ޕާޓީތަކަށް ގޮސް ހެދިކަމުގައި ވިޔަސް އެދެމީހުންގެ ދެމެދުގައި ޚާއްސަ ގުޅުމެއް ނެތެވެ. ރީހާން ގާތްވާން މަސައްކަތް ކުރާ ވަރަކަށް ޝާފީ ދަނީ ދުރަށެވެ. ރީހާން ކިތަންމެ ރީއްޗަސް މުއްސަންޖަސް އަދި މޮޅަށް ކިޔަވައިގެން ހުއްޓަސް ހަޔާތުގެ ބައިވެރި އެއްގެ ގޮތުގައި އޭނާ ބަލައިގަންނަން ޝާފީ ބޭނުމެއް ނުވެއެވެ. އަދި ޝާފީ އޭނާގެ އާއިލާއަށް ފޮރުވާފައިވާ ސިއްރުތައް ރީހާން އަކަށްވެސް ހާމައެއް ނުކުރެއެވެ.
ރީހާން އާއި ނުއިންނާނެ ކަމުގައި ބުނުން ފިޔަވައި އިތުރު ސަބަބެއް ޝާފީވެސް އޭނާގެ މައިންބައިންނަކަށް ނުދައްކައެވެ. އެއީ އެންމެ ކުޑައިރުއްސުރެ އޭނާ މައިންބަފައިންދެކެ ގަންނަ ބިރެއްގެ ސަބަބުންނެވެ. ގޭތެރެއިން އޭނާއަށް ފެނުނު ކަންކަމުގެ ސަބަބުންނެވެ. އާއިލާގެ ގަދަރާއި ޝަރަފާއި، މިގޭގެ އާދަކާދަ ތަކަކީ، އޭނާ އަށް ނަފްސާނީ އެތައް ބިރުވެރިކަމެއް ކުރިމަތި ކުރުވި ކަމެކެވެ.
ޝާފީ އާއި ޝަފްނާގެ ދައްތަ، ޝިފާނާގެ މަރުގެ ސަބަބު އެނގެނީވެސް ޝާފީ އަށެވެ. ޝިފާނާ އާއި އޭނާގެ ލޯބިވެރިޔާ ހަމްދީ އާއި ދެމެދު ނޯޓުކޮޅުކޮޅު ބަދަލުކޮށްދިނުމުގެ މެދުވެރިޔަކީ، ޝާފީ އެވެ. ޝިފާނާ މަރުވީ ބެލްކަނިން ފުންމާލައިގެންނެވެ. އެކަން އެހެން ހިނގީ ހަމްދީ އާއި ޝިފާނާގެ ލޯބީގެ ގުޅުން މަންމަމެންނަށް ފަޅާއަރައި މަންމަމެން އެކަމާއި ނުގަބޫލުވީ ހިސާބުންނެވެ. މަންމަމެން ބޭނުންވީ، މަންމަމެންފަދަ މާލޭގެ ގަދަރުވެރި މުއްސަނދި އާއިލާއެއްގެ ކުއްޖަކާއި ޝިފާނާ އިންނާށެވެ.
ހުރިހާ އެންމެވެސް ގަބޫލުކޮށްގެން ތިބީ، ވިއްސާރަ ދުވަހަކު ބެލްކަނީގައި ފެން ހެދިފައި އޮއްވައި ޝިފާނާ ފައިކައްސާލައިގެން ގޮސް ބެލްކަނިން ވެއްޓުނީ ކަމަށެވެ. އޭނާ އަމިއްލައަށް މަރުވީ ނޫންކަމަށެވެ.
ޝާފީ ޑޮކްޓަރުކަން ކިޔަވަން މެލޭޝިއާއަށް ދިޔައީ، އޭގެ ހައެއްކަ މަސްފަހުންނެވެ. ކިތަންމެ މުއްސަނދި ދިރިއުޅުމެއް އުޅުނަސް އޯގާތެރި ކަމާއި އަޅާލުމާއި، ދަރީންގެ އިހްސާސްތަކާއި ދަރީން ބޭނުން ވަނީ ކޮންކަމެއް ކަން ޝާފީގެ މައިން ބަފައިންނަކަށް ނޭނގެއެވެ. އެއަށްވުރެ އެމީހުން ބިޒީވެފައި ވަނީ، ވިޔަފާރީގައެވެ. ދަރިން ބޮޑެތިވީ މާމަ އާއި، ގޭގައި ގެންގުޅޭ ބިދޭސީ އަންހެން މީހާގެ އުނގުގައެވެ. ދުވަހަކުވެސް ދަރީންނާއި އެކު ވަގުތު ހޭދަކޮށްލައި އެކުދިންގެ ވާހަކަތައް އަޑު އަހާނެ ވަގުތެއް އެމީހުންނަކަށް ނުވެއެވެ. އެހެންކަމުން މައިން ބަފައިންނާއި ދަރީންގެ މެދުގައި ވަނީ ދުނިޔޭގެ ދެކޮޅުގެ ދުރު މިނެވެ.
”ތުއްތުބޭ.. ކޮއްކޮމެންނާއި ތުއްތުބޭ ދައްތަ މިގެއަށް ގެނެސް ބަލަ! އޭރުން ބައްޕަ ނުބުނާނެ ތުއްތު މިގޭން ދާށެކޭ“ ޝަފްނާ ރޮމުން ރޮމުން ބުނި އެއްޗެއް އަޑު އިވިފައި ޝާފީގެ ކަންފަތް ދިޔައީ ކޮޅަށް ޖެހިގެންނެވެ. މަންމަގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މާމަގެ އަނގަހުޅުވުނެވެ.
”ތުއްތުބޭ ދައްތައޭ…“ ޝަފްނާ ބުނިއެއްޗެއްގެ ތަފްސީލަކަށް މާމަ އެދުނެވެ. ޝާފީ އަވަސް އަވަހަށް ޝަފްނާގެ ގާތަށްޖެހި އޭނާގެ އަނގަމަތީ އަތް އެޅިއެވެ. އަދި އޭނާގެ ކަންފަތް ދޮށުގައި ”ޕްލީޒް“ އޭ ބުންޏެވެ.
ބެލްޖަހާލި އަޑު އިވުނީ އެވަގުތުއެވެ. ޝާފީގެ އަތުތެރޭން ފޮޅުވިގެން ޝަފްނާ ދުއްވައިގަތީ ދޮރާއި ދިމާއަށެވެ. ހެމުން ހެމުންނެވެ. ޝަފްނާ ދޮރު ހުޅުވާލުމާއި އެކު ދުވެފައި ގޭތެރެއަށް ވަދެގެން އައި ހަތަރު ފަސް އަހަރުގެ އެއްމާބަނޑު ކުޑަދެފިރިހެން ކުދީން ބައްޕީ އޭ ކިޔައި ބައްދައިގަތީ ޝާފީގެ ފައިގައެވެ. ގޭތެރޭގައި ތިބި އެންމެންނަށްވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.
ޝާފީއަށްވެސް ލިބުނީ ހައިރާން ކަމެވެ. ޝާފީވެސް އެދެކުދީންނާއި ބައްދާލައި ކޮންމެ ކުއްޖެއްގެ ގައިގައި ވަކިވަކީން ދޮނެއް ދިނެވެ. ގޭތެރެއަށް ވަދެގެން އައި ނުހާ ޝާފީގެ ގާތަށް ހުއްޓެމުން ”ސަޕްރައިޒް“ އޭ ބުނުމާއި އެކު ޝާފީއަށް ނުހާގެ މޫނަށް ބަލާލެވުނެވެ. އަދި މަންމަ އާއި މާމަ އަދި ރީހާންގެ މޫނަށް ޝާފީ ބަލާލިއެވެ.
ސޯފާ ސެޓުގައި އިށީނދެއިން މަންމަ ކޮޅަށް ތެދުވެ ބީރައްޓެހި ގޮތަކަށް ބަލާލުމާއި އެކު ނުހާ ދިޔައީ ފިނިވެގެންނެވެ. ގޭތެރޭގެ މާހައުލަށް ނަޒަރު ހިންގާލެވުމާއި އެކު އޭނާ ހިމޭންވިއެވެ.
”މަންމާ، މީތުއްތުބޭ ދައްތަ. މީތުއްތުބޭގެ ސައިފް އާއި ސާފީ. ލޯބި ދޯ. ތުއްތު ރީހާން ދައްތަ އާއި އިންނަން ދެކޮޅުހެދީ މިހެންވެއޭ“ ލާނެތްގޮތަކަށް ހެމުން ޝަފްނާ ބުންޏެވެ.
”އަހަރެން އޮޅުވާލައިގެން ތުއްތުބޭ ދައްތަ ގެނައީ. ސޮރީ އިނގޭ. އެހެންނުވާނީ ތުއްތު ނުބުނި ވިއްޔަ މަންމަމެން ގާތު. މެލޭގަ ތުއްތުބޭ ދައްތަ އާއި ކޮއްކޮމެން ތިބޭ ވާހަކައެއް“ ޝަފްނާ ތަފްސީލްކޮށްދޭން ފެށިއެވެ.
”އެކަމަކު ދަރިފުޅާ. މިވަރުގެ ކަމެއް ދަރިފުޅު މަންމަމެންނަށް ސިއްރުކޮށްގެން ތިއުޅެނީ.“ ސައިފުއާއި ސާފީގެނެސް އުނގުތެރޭގައި ބޮނޑިކޮށްލަމުން ޝާފީގެ މަންމަ ބުންޏެވެ. މަންމަގެ މޫނުގައި ހުރި ހުރިހާ ނުރުހުމެއް ފިލައި ހިނގައްޖެއެވެ.
”މީހަކާއި އިނދެ ދަރިން ލިބި ދަރިން ބޮޑެތިވާއިރު، މައިންބަފައިންނަށް ރޭކާވެސް ނުލާ“ މާމަ އަނގަތަޅުވައި ގަތެވެ. ޝާފީގެ ބައްޕަވެސް ކޮޓަރީގެ ތެރޭގައި އޮވެފައި ސިޓިންގ ރޫމުން ކުޑަކުދީންތަކެއްގެ އަޑު އިވިގެން ނޯވެވިގެން ނުކުތީ އެވަގުތުއެވެ. އެމަންޒަރުތައް ނުދެކޭން ވެގެން ރީހާން ގެއިން ނުކުމެގެން ހިނގައްޖެއެވެ.
ޝާފީ އައިސް ނުހާ ގޮވައިގެން އައިސް ސިޓިންގ ރޫމުގެ ސޯފާގައި އިށީނެވެ. އަދި އޭނާ އާއި ނުހާ އިނީ މެލޭޝިޔާގައި ކިޔަވަން ތިބި އިރު ކަމަށާއި، އެކައިވެނި މައިންބަފައިންނަށް ސިއްރު ކުރީ މައިން ބަފައިން ނުރުހުންވެދާނެތީ ގަތް ބިރުން ކަމުގައި ބުންޏެވެ. އަދި ކުދީން ލިބުނުކަންވެސް ނޭންގީ އެހެންވެ ކަމަށާއި، މާލޭގައި ވަޒީފާ އަދާކުރިއަސް ހަމަޗުއްޓީއެއް ލިބޭ އިރަށް މެލޭޝިޔާއަށްދާ ސަބަބަކީ އެއީ ކަމުގައިވެސް ބުންޏެވެ.
ޝާފީގެ ބައްޕަވެސް އައިސް ގޮނޑީގައި އިށީނެވެ. އަދި ސައިފް އާއި ސާފީގެނެސް އުނގަށް ލައި އެކުދީންނާއި ވާހަކަދައްކަންފެށިއެވެ. ދެކުދީވެސް ޝާފީއަށް ވުރެ ބޮޑަށް ވައްތަރީ އެކުދީންގެ ކާފައާއި އެވެ. އޭގެ ފަހުން ޝާފީ އާއި ކުދީން ދިރިއުޅެމުން ދިޔައީ އެކުދީންގެ މާމައާއި ކާފަ އާއި މުނިމާމަ އާއި އެކު އެގޭގައެވެ. އުފާ ފާގަތިކަމާއި އެކުގައެވެ. އަދި ދަރީން ތަރުބިއްޔަތު ކުރުމުގައި އެމީހުންނަށް ކަމެއް އުނިކޮށް ދޫކޮށްލެވިއްޖެކަން ޝާފީގެ މައިންބަފައިންނަށްވެސް އެދުވަހު ވިސްނުނެވެ.
-ނިމުނީ-