”މީހެއް، މީހެއް“ ފެނުން މައްޗަށް ބޯހިއްލާ ލެވުމާއި އެކު ހަސަނު ހަޅޭލަވައިގަތެވެ. އެއާއި އެކު އެންދަލުގެ ކުރެވީގައި ހިފައި ދެކޮޅުގައި ދަމަން ތިބި ދެމީހުންނާއި، ދޯނީގައި ތިބި އިތުރު ފަޅުވެރިންތައްވެސް ދިޔައީ ސިހިގެންނެވެ. ދުވެފައި ކަހަލަގޮތަކަށް އައި އެންމެ ދޯނީގެ މަތިކަން މައްޗަށް އެރުމާއި އެކު ދޯނި ދިޔައީ އެއްފަރާތަށް އަރިވެ ގެންނެވެ.
”މީހެކޭ“ ދުވެފައި އައި ކަހަލަގޮތަކަށް އައިސް އެންދަލާއި ދިމާލުން ހަސަނު އޮތް ދިމާއަށް ގުދުވަމުން، ކެޔޮޅު އިބްރާހިމް ބުންޏެވެ. ހަސަނަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. އޭނާ ހުރީ ބިރުގެންފައެވެ. ފަތިހުގެ ފިންޏަށް ކަރުވާ ހީއަށް ވުރެ، ގަނެފައިވާ ބިރުން އޭނާ ތުރުތުރު އަޅަމުން ދިޔަވަރު ބޮޑެވެ. އިސާ ހިތަކު ފަޅުވެރި ދެކުދިން ގުދުވެ ހަސަނުގެ އަތުގައި ހިފައި ނަގައި ދޯންޏަށް ލައިފިއެވެ. އޭރުވެސް ހަސަނަށް ދިޔައީ މާނޭވާ ލެވެމުންނެވެ.
”އިބްރާހިމްބޭ މީހެއް. ގިރިކައިރިން އެންދާ ދަށުގައި އޮތީ.“ ހަސަނު ގެ ދެލޯހުރީ މުދުނަށް އަރާފައެވެ.
”މަރުވެފައި އޮތް މީހެއް“ އިބްރަހީމްބޭ ޔަޤީން ކޮށްލުމުގެ ގޮތުން ސުވާލު ކުރިއެވެ.
”ނޫން ނޫން. ދިރޭ މަށާ ދިމާއަށް ފީނާފަ އައީ، މަ ފެނުނީމަ މަގޭ މޭގަ ފައިން އަޅާ ކޮއްޕާލާފައި، ގޮސް ގިރި ދަށަށް ވަނީ.“ އާދަނު މޭމަތީގައި އަތް އުނގުޅާލަމުން ބުންޏެވެ. ފަޅުވެރި ކުދިން ފެށީ ހޭށެވެ. ގިރިއެއްދަށުގައި މީހަކު އެގޮތަށް އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަމުދުން އެދޯނި ނޫން ދޯންޏެއް ގިރީގައި އެންހިފަން އަޅާފައެއްވެސް ނެތެވެ. އެންދާ ފައްތާފައި އެންމެން ދޯންޏަށް އެރި އިރުވެސް ނާރައި މޫދުގައި އުޅުނީ ހަސަނު އެކަންޏެވެ. އެއީ ފަޅުވެރި އެހެން ކުއްޖަކު ކުރި ގޯނާއެއް ނުވަތަ ސަމާސާއަކަށްވެސް ވާނީ އޭރުންތާއެވެ.
ކެޔޮޅު އިބްރާހިމްބޭ ވެސް ހީގަތެވެ. އެކަމަކު ގުދުވެ ހަސަނުގެ މޭމައްޗަށް ބަލާލާފައި އިބްރާހިމްބެއަށްވެސް ގޮތެއް ހީވިއެވެ. ހަސަނުގެ މޭމަތީގައި ޖެހިފައި ހުރި ނިޝާން ސިފަވަނީ، އިންސާނެއްގެ ފައިގެ ފިޔަވަޅަކާއެވެ.
”ތިވާނީ، ފެހުރިއްސެއް ހަސަނާއި މައްލަވަ ކޮއްލީ ކަމަށް، އަދި ރަނގަޅަށް އަލި ނުވަންޏާ ކަޑު އަޑި އޮންނާނީ ހަމަ ރޭގަނޑެއްހެން“ އިބްރާހިމްބެ އޭނާއަށް ފެންނަ ގޮތް ބުންޏެވެ.
ހަސަނު މަސްފިލާގައި ލެގިލައި ހަމަޖެހިލިއެވެ. އެހެން މީހުނަށް ޔަޤީންކޮށްދޭނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް މޫދު އަޑިން ފެނުނީ އިންސާނެކެވެ. ފިރިހެނެކެވެ. އޭނާގެ މޫނު ވެސް ހަސަނަށް ފެނުނީ މޫނާއި މޫނުޖެހޭ ހައި ގާތުންނެވެ. އެހެން މީހުން އެއީ ވަހުމަކަށް ހެދިޔަސް ހަސަނަށް އެއީ ވަހުމެއް ނޫނެވެ. އެކަކު ޤަބޫލު ނުކުރިޔަސް ހަސަނު ޤަބޫލުކުރަނީ އެއީ ހަޤީގަތެއް ކަމަށެވެ.
އެކަމަކު އެއީ ކާކު ހެއްޔެވެ؟ ހަސަނުގެ ހިތުގައި ވަނީ އެސުވާލެވެ. އެމޫނަކީ އޭނާ ދަންނަ މޫނެކެވެ. ދެކެފަރިތަ މޫނެކެވެ. ކޮންތާކުން ހެއްޔެވެ؟ އޭނާގެ ހަނދާނަކަށް ނައެވެ. ހަސަނު ދެލޯ މަރާލިއެވެ. އެމޫނު އޭނާގެ ހިތަށް ތަސައްވުރު ކުރެވުނެވެ. ސިކުނޑީގެ ލޮލަށް ފެނުނެވެ. އެއާއި އެކު އޭނާ ދެލޯހުޅުވާލުމާއި އެކު ފުންމައިގެން ތެދުވިއެވެ.
”އަހަރެން ރަށަށް ބާލާފައި، މިއަދު މަހަށްދޭ!“ ކެޔޮޅު އިބްރާހިމްބޭގެ ގާތަށް ގޮސް ހުއްޓެމުން ހަސަނު ބުންޏެވެ. ހަސަނަށް ރަނގަޅަށް ބަލާލުމަށްފަހު އިބްރާހިމްބެ އާނއެކޭ ބުނާ ގޮތަށް ބޯޖަހާލިއެވެ.
އެންދަމައި ނިމުމާއި އެކު ހަސަނު ރަށަށް ބޭލުމަށް ދޯނި ގާތްކުރީ ތުނޑީ ފާލަމަށެވެ. ފާލަން މަތީގައި ފައި ޖެހުމާއި އެކު ހަލުވި ފިޔަވަޅުތަކުގައި އޭނާ އެއްގަމަށް ހިނގައިގަތެވެ. އެއްގަމަށް އަރައިގެން ދިޔައިރު ބައްދަލުވި މީހަކާވެސް އަނގައި ބުނެލުމެއް ނެތި ހަސަނު ހަރު ފިޔަވަޅުގައި ހިނގާފައި ގޮސް ހުއްޓުނީ އެރަށު ސަކީނާ އާއި ކާސިމްފުޅާއި ދެމީހުންގެ ގޭގެ ކުރިމައްޗަށެވެ. އޭރު ސަކީނާ އޮތީ ކުނި ކަހާށެވެ.
”ކޮބާ މިގޭ ނޫހު.“ ހަރު ފިޔަވަޅު މަތީގައި އައިސް ސަކީނާ ގާތަށް ހުއްޓެމުން ހަސަނުން ބުންޏެވެ.
”ނޫހަށް ކިހިނެއްވީ، އެސޮރު ފަތިސް ނަމާދަށް ގޮސްފައި އަދި ނާދޭ“ ސަކީނާ ތެދުވެ ލިބާހަށް ދަމާލަމުން ބުންޏެވެ.
”މިހާރު އެހެރަ ހަތެއް ޖަހަނީ، ފަތިސް ނަމާދަށް ދިޔަ މީހަކު އަންނަހާ ވަގުތު ވެއްޖެނު“ ހަސަނު ސަކީނާ އާއި ވާހަކަދައްކަމުން ދިޔައީ ތަހުޤީޤީ ނަޒަރަކުންނެވެ.
“ ކިހިނެއްތަ ވެގެން ތިއުޅެނީ. އެސޮރު ގިނަ ދުވަސް ދުވަހު ފަތިސް ނަމާދަށް ގޮސްފައި އަންނާނީ މޫދަށްވެސް އެރިގެން“ ނުރުހުންތެރި ގޮތަކަށް ދެބުމަ ގޮށް ޖަހާލަމުން ސަކީނާ ބުންޏެވެ.
“ އެހެން ވީމާ، މަށަށް މިހީވީ ރަނގަޅަށް! ކަލޭމެންގެ އެދަރި އަކީ އާދަމުގެ ދަރިއެއް ނޫންތާ“ ހަސަނު ފުންނޭވާއެއް ލަމުން އެނބުރ ދިޔުމަށް ހިނގައި ގަތެވެ. އޭރު ކާށިފައްޗެއް ކޮނޑަށްލައިގެން އައިސް ކާސިމްފުޅުވެސް އެގޭ ގޯތިތެރެއަށް ވަދެއްޖެއެވެ.
ހަސަނު ބުނި އެއްޗެއް އަޑު އިވިފައި އޭނާގެ ކާސިމްފުޅުގެ ގައިގެ އިސްތަށިތައް ދިޔައީ ކޮޅަށް ޖެހިގެންނެވެ. މުޅިގައިން ހީބިހި ނަގައި ގަނެގެންނެވެ.
”ކީކޭ ތިކިޔަނީ؟“ ހައިރާންވެގެން ސަކީނާގެ އަނގަހުޅުވުނެވެ. އޭނާގެ ހިތް ބިރު ގަނެއްޖެއެވެ. ސިއްރެއް ބޭޒާރުވުމުގެ ވަގުތުޖެހުނީ ކަމުގައި ހީވުމުންނެވެ. އޭރު ކާސިމް ފުޅުވެސް އައިސް އެދެމީހުން ގާތަށް ހުއްޓިއްޖެއެވެ.
”އެތެރެވަރީ، މާގިރި ދަށުގައި އޭނާ ކުދި ރޯމަސް ހިފައިގެން ކާން އޮއްވައި އަހަރެން ދެކެފިން. އެއީ ހަމަ އޭނަ. މިދަނީ ކަމާބެހޭ ފަރާތްތަކަށް އަންގަން. އެއީ އާދަމުގެ ދަރިއެއް ނޫން.“ ސަކީނާ އާއި ކާސިމްފުޅުގެ މޫނަށް ބަލާލާފައި ހަސަނު އެހެން ބުނުމަށްފަހު، މުންޑު ކޮށިކޮށް އަޅައި ދުއްވައި ގަތެވެ. ސަކީނާ އާއި ކާސިމްފުޅު ގޮވާގޮވާވެސް އޭނާ ފަސް އެނބުރި ބަލައެއް ނުލިއެވެ.
ސަކީނާ ތުރުތުރު އަޅަން ފަށައިފިއެވެ. އަތުގައި އޮތް އިލޮށިފަތި ދޫވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ކާސިމްފުޅު ސަކީނާއަށް ބަލާލީ، ސުވާލުގެ ނަޒަރަކުންނެވެ. ހީވަނީ މިވާގޮތެއް ނޭނގުނޭ ބުނާހެންނެވެ.
ސަކީނާ ކާސިމްފުޅު ގާތުގައި އެބަ އަންނަމޭ ބުނެފައި ބާރަށް ހިނގައި ގަތެވެ. އޭރުވެސް އޭނާގެ އަތްފައި ދިޔައީ ތުރުތުރު އަޅަމުންނެވެ. ވަލުތެރޭ މަގުން މީހަކަށް ނުފެނި އޭނާ ހިނގަމުން ދިޔައީ ރަށުގެ ތުނޑި އާއި ދިމާއަށެވެ. ބައެއް ފަހަރު އޭނާގެ ފަހަތުން މީހަކު އާދޭތޯ ފަސްއެނބުރި އޭނާ ބަލާލައެވެ. އޭރު އޭނާގެ ދެލޮލުން ފޫދެމުން ދިޔަ ކަރުނަތައް ދިޔައީ ކޯތާފަތްމަތިން ކޯރުދެމި ފައިބަމުންނެވެ.
ވާނުވާ ގޮތެއް ނޭނގިފައި ހުރި ކާސިމްފުޅުވެސް ސަކީނާގެ ބޯކޮޅު ބަލަމުން ފަސްފަހަތުން ހިނގަމުން ދިޔައެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ ނޫހަކީ އޭނާގެ ދަރިއެއް ކަމާއި މެދު ކާސިމްފުޅު ޝައްކު ކުރެއެވެ. އެހެނީ ސަކީނާ އާއި ކާސިމް ފުޅުގެ އުމުރު ސާޅީހުން މަތިވި އިރުވެސް އެދެމީހުންނަކަށް ދަރިއަކު ނުލިބެއެވެ. ސަކީނާ ވިހެއީ ބަލިވެ އިންކަންވެސް ނޭނގި ހަމަ ކުއްލި އަކަށެވެ. ކާސިމްފުޅު ދަތުރުވަރެއްގައި މާލޭގައި ހުއްޓައެވެ. އޭގެ އިތުރުން އެދެމީހުންނަށް ލިބުނު ހަމައެކަނި ދަރިފުޅުގެ ގައިގައި އެމީހުންނާއި ކިރިޔާވެސް ވައްތަރުގޮތެއް ނެތެވެ. އެންމެ ކުޑައިރުއްސުރެ ސަކީނާ އޭނާ ގެންގުޅެނީ މީހުންނަށް ވަރަށް ފޮރުވައިގެނެވެ. މިހާރު އުމުރުން ފަނަރަ ސޯޅަ އަހަރުވެ ޒުވާން ފިރިހެނަކަށް ވެފައި ހުއްޓަސް އެއްވެސް އިރަކު، ނޫހަކީ ކާސިމްފުޅާއި މާގާތްކޮށް އުޅޭ ކުއްޖެއް ނޫނެވެ. އެސޮރުގެ ރަތް ދޮންކަމާއި ގަދަ މުށި ކުލައިގެ އިސްތަށިގަނޑާއި ނޫކުލައިގެ ދެލޮލަކީ އަބަދުވެސް ރަށުމީހުން އެސޮރަކީ އެމީހުންގެ ދަރިއެއްކަމާއި މެދު ސުވާލު އުފައްދާ ސިފަތަކެވެ. ރަށުމީހުން އެކަންޏެއް ނޫނެވެ. ކާސިމްފުޅުގެ ހިތުގައިވެސް އެސުވާލު އޮވެއެވެ. އެކަމަކު އެދެމަފިރީންގެ އެހެން ދަރިއެއްވެސް ނެތުމާއި ލިބޭނެ ކަމުގެ އުންމީދެއްވެސް ނެތުމާއި އެކު ކާސިމްފުޅުވެސް ހުރީ ހިތުގައި އަތްއަޅައި ހިފަހައްޓައިގެންނެވެ. އެސުވާލުތަކަށް ޖަވާބު ހޯދާނެ ގޮތެއް ނޭނގިފައެވެ.
ސަކީނާ ގޮސް ގޮނޑުދޮށަށް ފައިބާ ދެކޮޅު ހޯދާލިއެވެ. ކާސިމްފުޅުވެސް ސަކީނާގެ ފަސްފަހަތުން ގޮސް ހޭޅިފަށުގެ ގަސްބޮނޑިއެއްގެ ތެރޭގައި ނިވާވެ އޮވެ ސަކީނާގެ ހަރަކާތްތަކަށް ބަލަންފެށިއެވެ. ސަކީނާ އެދިޔަ ގޮތަށްގޮސް ރާޅު ޖަހާފަށުގައި އިށީނެވެ. ދެފައި ދަމާލާފައި މޫދުތެރޭގައި އިށީނެވެ. އަދި ރާޅުޖަހާފަށުގައި ލައްވެފައި އޮތް އޮއެ ދަނޑިކޮޅެއް އެދަނޑިކޮޅުން ލޮނުގަނޑުގައި ތަޅަން ފެށިއެވެ. އޭރު ސަކީނާއަށް ހުރީ ރަނގަޅަށް ރޮވިފައެވެ. އޭނާގެ ގިސްލުމުގެ އަޑު ރާޅުޖަހާއި އަޑާއި އެކުވެ ޖައްވުގެ ތެރެއަށް ފޭދެމުން ދިޔައިރު، ކާސިމްފުޅަށްވެސް އެއަޑު ރީއްޗަށް އިވެމުން ދިޔައެވެ.
ސަކީނާ އޮއި ދަނޑިކޮޅުން ލޮނުގަނޑުގައި ތަޅަން ފެށިތާ މާގިނަ އިރެއް ނުވަނީސް ކާސިމްފުޅަށް ފެނުނީ، އެތެރެވަރި އާއި ދިމާއިން ބަދީގެ ތެރެއިން ދެފެން ދޭތެރެއިން ކަހަލަ ގޮތަކަށް ކޮންމެވެސް އެއްޗެއް ވަރަށް ބާރަށް ސަކީނާ އާއި ދިމާއަށް ދުވަމުން އަންނާތީއެވެ. ހަސަނު ބަލަން އޮއްވައި އެއައި އެއްޗެއް އައިގޮތަށް އައިސް ސަކީނާ ގާތުން މޫދުތެރެއިން ތެދުވެއްޖެއެވެ. ކާސިމްފުޅުގެ ދެލޯދިޔައީ ބޮޑުވެގެންނެވެ. ލޮނުގަނޑުތެރޭން ކޮޅަށް ތެދުވި ނޫހު ފެނިފައެވެ. ބޮކްސާއެއް ފިޔަވައި އޭނާގެ ހަށިގަނޑުގައި ފޭރާމެއްވެސް ނެތެވެ.
ނޫހުގެ ގައިގައި ސަކީނާ އޮޅުލައިގަތުމަށްފަހު ބާރަށް ރޮއިގަތެވެ. އެތައް އިރަކު ރުއިމަށްފަހު ސަކީނާ ބުނާ އަޑު ކާސިމްފުޅަށް އިވުނެވެ. ދަރިފުޅާއެވެ. ކޮންމެވެސް ދުވަހަކުން ދަރިފުޅު ދަރިފުޅުގެ މީހުން ހޯދުމަށް ކަނޑަށް ފައިބާނެ ކަން މަންމައަށް އެނގެއެވެ. މަންމަ ގާތުގައިވެސް ނުބުނެ، ކޮންމެ ރެއަކު ފަތިސްނަމާދަށް ދާގޮތަށް ތިޔަ ކަނޑުފަޅުގައި ފީނަނީ ދަރިފުޅުގެ މީހުން ހޯދުމަށްކަން މަންމައަށް ވިސްނިއްޖެއެވެ. ދާށެވެ. މީހުންނަށް ދަރިފުޅުތީ އިންސާނެއް ކަމާއި މެދު ޝައްކުވެއްޖެއެވެ. މަންމަވެސް އެކަން ޤަބޫލު ނުކުރިއަސް ތެދަކީ އެއީއެވެ. ތެދެއް ވަންހަނާއެއް ނުވާނެއެވެ. އެއީ އެހޯދާ ބަޔަކަށް ކޮންމެވެސް އެއްދުވަހަކުން ފެންނާނެ އެއްޗެކެވެ. ދަރިފުޅުގެ ފަސްފަހަތް ބަލަމުން ހިނގާނެ އެކަކު މަންމައަށް ފެނިއްޖެއެވެ. މިއަދު އެއީ އެކަކަށް ވިޔަސް މާދަމާ އެއީ ދެމީހުންނަށް ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް ވެދާނެއެވެ. މިހަޤީޤަތް ބޭޒާރުވެއްޖެނަމަ އެއީ ދަރިފުޅުގެ ފުރާނައަށް ނުރައްކާ ވާނެ ކަމެކެވެ. ވީމާ، މާކަނޑަށް ފައިބައިގެން ދާށެވެ. ދަރިފުޅުގެ މީހުން ހޯދާށެވެ. މަންމަ ދަރިފުޅު ދެކުނީ، މިތުނޑީގެ ރާޅުޖަހާ ފަށުގައި ވިހޭ މަހާއިވެސް އެކުގައި އޮއްވައެވެ. ވިއްސާރަ ރެއެއްގެ ފަތިހުގައެވެ. އެރޭ ދަރިފުޅު އޮތް ހިސާބު ވަށައިގެން މޫދު ލޮނުގަނޑާއި އެކު ރެނދަންލާފައި އޮތް ވަރު ތިޔައީ އިންސާނެއްގެ ދަރިއެއް ނޫންކަން މަންމައަށް އެނގުނެވެ. އެކަމަކު މިއުނގުގައި ދަރިފުޅު ބޮޑު ކުރީ، އެކަނި ގިނިކަންޏާ މަރުވާން ދޫކޮށްލަން ނުކެރިގެންނެވެ.
ނޫހު ބޯހޫރާލިއެވެ. މަންމާއޭ މަންމަ ދޫކޮށްފައި ނުދާނަމޭ ބުނަމުންނެވެ. އެކަމަކު ސަކީނާ ނޫހަށް އާދޭސްކުރަމުން ދިޔައީ ގެންގުޅެ ބޮޑުކުރި މައިންބަފައިން ދޫކޮށް ދިޔުމަށެވެ. އެދަރިފުޅުގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ. މާދުރުން ގޮނޑު ދޮށުން ސަކީނާ އާއި ނޫހު ތިބި ދިމާއަށް ދެމީހަކު ދުވެފައި އަންނަތަން ސަކީނާއަށް ފެނުމާއި އެކު ސަކީނާ ނޫހުގެ މޭގައި އަތް އަޅައި ލޮނުގަނޑުގެ ތެރެއަށް ބާރަށް ކޮއްޕާލުމުން ބަޑިއެއް އަޅާފައި ނޫހު، މޫދުގެ ފުންދިމާއަށް ފީނައިގެންފިއެވެ.
ސަކީނާ މޫދުގެ ތެރެއިން އަރައި އެއްގަމަށް ހިނގައިގަތުމުން ކާސިމްފުޅުވެސް ސަކީނާ އަށް ނުފެނި އަވަހަށް ގޭދޮށަށް ދިޔުމަށް ވަލުތެރޭން ދުއްވައި ގަތެވެ. ގޮނޑު ދޮށުން ދުވަމުން އައި ހުސޭނާއި އޭނާއާއި އެކު އައި އަނެއް މީހާއަށް ސަކީނާއިން ހިސާބަށް އާދެވުމުގެ ކުރީން ސަކީނާވެސް އެއްގަމަށް އަރައިގެން ގޮސް ހަލުވި ފިޔަވަޅުގައި ގޭދޮށަށް ހިނގައި ގެންފިއެވެ.
ސަކީނާ ދިޔަގޮތަށް ދިޔައީ ރަށު އޮފީހަށެވެ. އޭނާގެ ދަރިފުޅު ގެއްލިގެން އެކަމާއި ބެހޭ ޚަބަރު ކަމާބެހޭ ފަރާތްތަކަށް ދޭށެވެ. ނޫހަށް ވީނުވީ ގޮތެއް ނޭނގިގެން ސިފައިންވެސް އެރަށަށް އައެވެ. ހަފްތާއެއް ވާންދެން އެއްގަމާއި ކަނޑުފަޅުގައި ފީނައިގެންވެސް އެމީހުންނަށް ނޫހުގެ އެއްވެސް އެއްޗެއް ނުފެނުނެވެ. އެމީހުންނަށް ހަމައެކަނި ފެނުނީ، ނޫހު ގެއްލުނު ދުވަހު ލައިގެން ހުރި އަންނައުނެވެ. އެތަކެތި ފެނުނީ ތުނޑީކޮޅު މޫދުގެ ތެރެއިން ކަމަށްވާތީ، އެންމެ ފަހުން މޫދަށް އެރި އުޅުމުގެ ތެރޭގައި ނޫހު ގެނބިގެން މަރުވެ ގެއްލުނީ ކަމުގައި ރަށުގެ މީހުންވެސް ގަބޫލުކޮށްފިއެވެ.
އެކަމަކު އެއީ ތެދެއް ނޫނޭ ބުނެ އަބަދުވެސް ހުސޭނު ވާހަކަ ދައްކާތީ، ރަށު މީހުން އޭނާ ހެދީމޮޔައަކަށެވެ. އެދުވަހަށް ފަހު ސަކީނާ އާއި ކާސިމްފުޅުވެސް ވޭތު ކުރަމުންދަނީ ހިމޭން ދިރިއުޅުމެކެވެ. އެންމެންނަށް ވެސް ވިސްނުނީ އެއީ، އުމުރުން ދުވަސްވީ ފަހުން އެދެމަފިރިންނަށް ލިބުނު ރަނެއް މަލެއް ކަހަލަ ހަމައެކަނި ދަރި ބޮޑުވެ ފުރާވަރަށް އަރާފައި ހުއްޓައި ވީނުވީއެއް ނޭނގުމުން އެދެމަފިރިންނަށް ލިބުނު ހިތާމަކަމަށް ކަމުގައެވެ.
ނިމުނީ
One Response
Kada heskiyaafa aharemen…maa salhikon..liyaanahthi nuvey..nun..vaahaka..akah