ބިދޭސީއެއްގެ އަތުން ފޯނެއް ފޭރެން އުޅުނު ދެ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 19 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ސަލްޓަންޕާކް ސަރަޙައްދުގައި ހުރި ބިދޭސީއެއްގެ ކައިރީ ފޯން ކޯލެއް ކޮށްލުމަށްކަމަށް ބުނެ އޭނާގެ ފޯނު ހޯދުމަށްފަހު އެ ފޯނު ފޭރިގަނެ ފިލަން މަސައްކަތް ކުރިކަމުގެ ތުޙުމަތުގައި، އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރޭ ދަންވަރު 01:35 ހާއިރު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ގަލޮޅު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކަމަށް ފުލުހުން ހާމަކުރެ އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 19 އަހަރުގެ މީހާއަކީ ތަފާތު އެކި މައްސަލަތަކާ ގުޅިގެން 58 ފަހަރު ސުވާލުކޮށް 18 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 11 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ ދެ މައްސަލައެއްގެ ތަޙުޤީޤު ނިންމުމަށްފަހު ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 32 އަހަރުގެ މީހާއަކީ ތަފާތު އެކި މައްސަލަތަކާ ގުޅިގެން 58 ފަހަރު ސުވާލުކޮށް 32 ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 20 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި ފޭރުމުގެ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހުންނަކީވެސް ފޭރުމުގެ ގިނައަދަދެއްގެ މައްސަލަތަކުގެ ރެކޯޑާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށްވެސް ފުލުހުން ހާމަ ކުރެ އެވެ.