ޖަޕާނުގެ ނައިޓް ކްލަބްތަކުގައި ނެށުން މަނާކުރީ މީގެ 67 އަހަރު ކުރިންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެވެ. އެކަމަށް ގަވާއިދެއް ހަދައި ޖަޕާނުގައި އޭރު އެކަން މަނާކުރީ ހަށިވިއްކުމުގެ ވިޔަފާރި ކްލަބްތަކުގައި ބޮޑުވުމުންނެވެ.
67 އަހަރުވާންދެން މި ގަވާއިދަށް އަމަލުކުރަމުންދިޔަ ނަމަވެސް މަދު މަދުން ކްލަބުތަކުގައި ނެށުމުގެ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.ނަމަވެސް އެކަން ކުރެވެނީ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. ހުއްދައާއެކުވެސް 12ގެ ފަހުން ނެށުމަކީ މަނާ ކަމެކެވެ.
ނަމަވެސް މިހާރު ޖަޕާނުގެ ރައްޔިތުންނަށް މިވަނީ ބިރަކާނުލާ ނަށާލުމުގެ ފުރުސަތު ލިބިފައެވެ. 67 އަހަރުވާންދެން އަމަލުކުރަމުން އައި އެ ގަވާއިފު ޖަޕާނުން އުވާލީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެ ގާނޫނު އުވާލިނަމަވެސް އަދިވެސް 12ގެ ފަހުން ކްލަބްތަކުގައި ނެށުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން މަނަލެވެ.
ޖަޕާނުން އެ ގަވާއިދު އުވާލާފައިމިވަނީ ޖަޕާނުގެ މިއުޒީޝަނަކު އެ ގަވާއިދާއި ދެކޮޅަށް ކުރިއަށްގެންދިޔަ ކެމްޕޭނެއްގައި 150،000 އަށްވުރެ ގިނަ ސޮއި ހޯދައި ސަރުކާރަށް ހުށަހެޅުމުން ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު އަނެއްބަޔަކު ބުނަނީ ޖަޕާނުން އެ ގަވާއިދު އުވާލީ 2020 ގެ އޮލިމްޕިގް ގޭމްސްގައި ބައިވެރިވުމަށް އަންނަ ފަރާތްތަކަށް ޖަޕާނުގައި ނަށާލާ މަޖާކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.