ރައީސް އާއި ނައިބުރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ހުށަހެޅި އިސްލާހަށް މިއަދު މަޖިލީހުގައި ބަހުސް ކުރުން ނިންމާލުމަށްފަހު، 1:30 ގައި ވޯޓަށް އެހުމަށް ނިންމައިފި އެވެ.
މަޖިލީހުގެ ޖަލްސާ މިއަދު ފަށާފައިވަނީ 10:30 ގަ އެވެ. މަޖިލިސް ފެށުމުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ވަނީ ކޮމިޓީން ފާސްކުރި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅިއެވެ. ބަހުސްކުރަން ކުރަން އެއްގަޑިއިރުގެ ފުރުސަތު ހުޅުވާލިނަމަވެސް އެ ބިލަށް ބަހުސްކުރީ އެންމެ ދެ މެމްބަރުންނެވެ. ބަހުސްކޮށްފައިވަނީ އެންމެ ތިން މިނެޓް ވާންދެނެވެ.
އިސްލާހަށް ބަހުސްކުރި ދެ މެމްބަރުން ކަމަށްވާ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި އެމްޑީޕީއަށް ނިސްބަތްވާ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ އެ ބިލަށް ދެޕާޓީންވެސް ތާއީދު ކުރާ ކަމަށެވެ.
އެއަށްފަހު ވޯޓަށް އެހުން 1:30 ގައި އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް އިއުލާނުކުރުމަށްފަހު މަޖިލީސް މެދުކަނޑާލީ އެވެ.
ރައީސާއި ނައިބުރައީސްގެ އުމުރު ބަދަލު ކުރުމެގެ އިސްލާހަށް މިއަދު ވޯޓަށް އަހާއިރު ޖޭޕީ، އެމްޑީޕީ، އެމްޑީއޭއިންވެސް ވަނީ މި އިސްލާހު ފާސްކުރަން ވޯޓުދޭން ނިންމާފަ އެވެ. މި އިސްލާހު ފާސްވެސްޖެނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ރައީސް ކަމަށް ދެނެއް ކުރިމައްޗެއް ނުލެވޭނެ އެވެ. އެ އިސްލާހުގައި ވާގޮތުން ރައީސް އާއި ނައިބުރައީސްގެ މަގާމަށް ވާދަކުރެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާއި ދެމެދެވެ.
އިތުރު ބޭފުޅަކު ބަހުސް ކުރުމަށް ފުރުސަތަށް ނޭދުމުން މަޖިލިސް ރައީސް އިއުލާން ކުރައްވާފައިވާ އެ އިސްލާހަށް މިއަދު 1:30ގައި ވޯޓަށް އެހުން އޮންނާނެ ކަމަށެވެ.