ސޯސް: އެމްވީސްޕޯޓްސް
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން 3-1 ލަނޑުން މާޒިޔާ މޮޅުވިއިރު، މެޗަށް މާޒިޔާއިން ނުކުތީ އެޓީމުގެ މުހިންމު ދެ ކުޅުންތެރިޔަކު ނުލައެވެ. އެއީ ގައުމީ ޓީމަށް ކުޅެމުންދަނިކޮށް އަނިޔާވި ގޯލްކީޕަރު އިމްރާން މުހައްމަދު އަދި ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.
މިމެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް މާޒިޔާއިންނެވެ. މެޗުގެ 16 ވަނަ މިނެޓްގައި މާޒިޔާއަށް މިލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އިމާޒް (އާއްކޮ) އެވެ. އޭގެ ފަސް މިނެޓްފަހުން މާޒިޔާއިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. އާއްކޮ ނަގައިދިން ހުރަހަކުން މާޒިޔާއަށް މިލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް އެވެ.
ފުރަތަމަ ހާފްގައި ޓީސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، މާޒިޔާއަށް ވެސް ލީޑު އިތުރަށް ފުޅާކޮށްލުމަށް ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 2-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
މެޗުގެ 54 ވަނަ މިނެޓްގައި މާޒިޔާއިން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރި އެވެ. ޓީސީގެ ހާފްގެ މެދެއްހާ ހިސާބުން ލިބުނު ބޯޅަ ހިފައިގެން ގޮސް މާޒިޔާގެ މިލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އުމައިރު އެވެ.
މި މެޗުގައި ޓީސީން ޖެހި ހަމައެކަނި ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ޕެނަލްޓީ މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރެޒިލް ފޯވަޑް ރަފައެލް ބެތިމް މާޓްއެވެ.
ލީގުގައި މާދަމާ ރޭ ވެސް މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 10:00 ގައެވެ.