އެއްބަޔަކު ކާރެއްގެ ތެރެއަށްލުމަށްފަހު އެ ކާރު ގޮއްވާލައިގެން، އަނެއް ބަޔަކު ދަނގަނޑު ކޮށްޓަކަށް ލުމަށްފަހު ޕޫލެއްގެ ތެރެއަށް ގަންބާލައިގެން އަދި އަނެއް ބަޔަކު ގައިގާ ގޮވާތަކެތި ހަރުކޮށް ގޮއްވާލައިގެން އެކު ޖުމްލަ 16 މީހަކު މަރާލާ ވީޑިއޯއެއް އައިއެސްއިން އިއްޔެ އާންމުކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ވީޑިއޯއަކީ އައިއެސްއިން މިހާތަނަށް ތައްޔާރުކޮށްފައިވާ މިފަދަ އެންމެ ވަރުގަދަ، ރަހުމް ކުޑަ ހަރަކާތްތަކެއް ދައްކުވައިދޭ ވީޑީއޯ އެވެ.
އެ ވީޑީއޯގައި އައިއެސްއިން ބުނެފައިވަނީ މަރާލި މީހުންނަކީ ޖާސޫސުން ކަމަށެވެ. އެ ވީޑިއޯގައި ބައެއް މީހުން އެކަމަށް އެއްބަސްވެސް ވެ އެވެ.
ވީޑީއޯއިން އެންމެ ފުރަތަމަ ފެންނަނީ ހަތަރު މީހަކު ކާރެއްގެ ތެރެއަށް ލުމަށްފަހު އެ ކާރު ތަޅުލާ މަންޒަރެވެ. އަދި ރޮކެޓް ހަމަލާއެއްދީ އެ ކާރު ގޮއްވާލާ މަންޒަރެވެ. ދެވަނައަށް ފެންނަނީ ދަގަނޑު ކޮށްޓަކަށް ފަސްމީހަކު ލުމަށްފަހު ނަޖިހުން ތަގައްޔަރުވެފައިވާ ފަތާފެންގަނޑަކަށް އެމީހުން ގަންބާލާ މަންޒަރެވެ. ގަންބާލުމުން އެމީހުން ތެޅޭ ހާލު ރެކޯޑް ކުރުމަށް ކޮށީގެ އެތެރޭގައިވެސް ކެމެރާ ހަރުކޮށްފައި ހުރެ އެވެ.
އައިއެސްއިން އާންމުކުރި ވީޑީއޯއިން އެންމެ ފަހުން ފެންނަނީ ހަތް މީހެއްގެ ކަރުގައި ގޮވާ ޒާތުގެ ތަކެތި ބަނުމަށްފަހު އެތަކެތި ގޮއްވާލައިގެން އެމީހުން މަރާލާ މަންޒަރެވެ.
އައިއެސްއިން ވަނީ މީގެ ކުރިންވެސް ރަހުމްކުޑަ ތަފާތު ގޮތްގޮތަށް މީހުން މަރާފައެވެ، އެގޮތުން އުސް އިމާރާތްތަކުން މީހުން ވައްޓާލައިގެން މެރުމާއި ހިލައިން ތަޅާ ރަޖަމް ކުރުމާއި ދަގަނޑު ކޮށްޓަށް ލާފައި އެންދުމާއި ކަރު ބުރިކުރުން ހިމެނެ އެވެ.