ތައުލީމު ހާސިލްކޮށް ނިންމުމަށް ފަހު މަސައްކަތް ކުރަންޖެހޭނީ ތިމާއަކީ ހުރިހާ ފަރާތަކަށް ފައިދާ ހުރި މީހަކަށް ވުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ސެންޓާރ ފޯ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން ( ސީއެޗްއެސްއީ)ގެ ގްރެޖުއޭޝަން ހަފްލާގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމު ހާސިލް ކުރުމަށް ފަހު މަސައްކަތުގެ މައިދާނަށް ނުކުންނަ އިރު ވިސްނަން ޖެހެނީ ތިމާއަށާއި ތިމާގެ އާއިލާއަށް އަދި ގައުމަށް ފައިދާހުރި މީހަކަށް ވުމަށް ކަމަށެވެ. ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އެކަންކަން ފަހިކުރުމަށް ދަރިވަރުންނަށް ހާއްސަކޮށްގެން ސަރުކާރުން މުހިންމު ގިނަ ފުރުސަތުތަކެއް ހުޅުވާލަދީފައިވާ ކަމަށެވެ.
”މަތީ ތައުލީމުގެ ފުރުސަތުތަކާއި، މަސައްކަތްތެރިކަމާ ހުނަރުވެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުސަތުތައް މިވަނީ ފަހިކޮށްދެވިފައި. ވިޔަފާރިއާއި އެހެނިހެން މަސައްކަތް ފަށައިގަތުމަށް ބޭނުންވާނެ މާލީ ވަސީލަތްތައް ލިބޭނެގޮތްތައް މިވަނީ ފަހިކޮށްދެވިފައި. މި ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ތިމާއަށާ، ތިމާގެ ޢާއިލާއަށް އަދި މުޅި ގައުމަށް ފައިދާހުރި މީހަކަށް ވުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އިލްތިމާސެއް.“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުން ދިރިއުޅުމުގެ މައިދާނުގައި ކުރިއަށްދާއިރު، ތެދުވެރިވުމަށާއި އެހެންމީހުންނަށް އިހްތިރާމް ކުރުމަށާއި ކަމޭހިތުމުގެ އިތުރުން ކޮންމެ ކަމެއްވެސް ކާމިޔާބުކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރުވަނީ މި އަހަރު އެ ސުކޫލް ނިމުނު ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ސީއެޗްއެސްއީން 380 ދަރިވަރުން ތައުލީމް ހާސިލްކޮށް ނިންމާފައިވެ އެވެ.