ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު -- ފޮޓޯ: ރައީސް އޮފީސް
ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު -- ފޮޓޯ: ރައީސް އޮފީސް

ނައިބް ރައީސް މަގާމުން ދުރުކުރަނީ އިތުބާރު ނެތް ކަމުގެ ވޯޓަކުން!

ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ދުރުކުރާނީ ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުންކަން ދޭހަވާގޮތަށް ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވާހަކަދައްކަވައިފި އެވެ.

ރޭ ދިޓީވީގައި ވާހަކަދައްކަވަމުން ނިހާނު ވިދާޅުވީ ޒިންމާ އަދާ ނުކުރައްވާ ވަޒީރުން ގެއަށް ފޮނުވާލުމުގެ ބާރު ރައީސަށް ލިބިގެންވާ ކަމަށާއި ޒިންމާ އަދާ ނުކޮށް އެކަން ކޮޅުން ލައިފިނަމަ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް އަވަސް ކުރުމަށް މަޖިލީހުގެ ތެރެއިންވެސް އެ ވަޒީރަކު ގެއަށް ފޮނުވާލުމަކީ ޕީޕީއެމް ޕީޖީ ގްރޫޕުން ކުރަން ފަސް ނުޖެހޭނެ ކަމެއް ކަމަށެވެ.

ނިހާން ވިދާޅުވީ ކުރީގެ ހެލްތް މިނިސްޓަރު ޑރ މަރިޔަމް ޝަކީލާ އާއި މެދު އަމަލު ކޮށްފައިވާނީ އެ އުސޫލުން ކަމަށެވެ. އަދި ހަމަ އެގޮތަށް ރައީސް އާއި ނައިބް ރައީސްވެސް ޒިންމާ އަދާ ނުކުރައްވާ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުން ލަސްކުރާނަމަ މަޖިލީހުގެ ތެރެއިން އިތުބާރު ނެތްކމަުގެ ވޯޓު ނަގާ މަގާމުން ދުރު ކުރާނެ ކަމަށެވެ.

”އަޅުގަނޑުމެން ފަހެއް ނުޖެހޭނަން ޒިންމާ އަދާ ނުކުރައްވާ ބޭފުޅުން މަގާމުން ވަކި ކުރާކަށް. ރައީސް އެކަން ނުކުރައްވައިފިނަމަ މަޖިލީހުންވެސް ކުރާން. މިހާރު ގާނޫނު އޮތްގޮތުން ނައިބް ރައީސް ޒިންމާ އަދާ ނުކުރެއްވިޔަސް އެބޭފުޅާ މަގާމުން ވަކި ކުރުމުގެ ބާރެތް ނެތް ރައީސަކަށް. އެކަމަކު އެބާރު އެބަޮތް މަޖިލީހަށް. އެއީ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުން. ނަގަން ޖެހިއްޖެ ނަމަ ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނަން،“ ނިހާން ވިދާޅުވި އެވެ.

ރޭގެ ޕްރޮގްރާމްގައި ނިހާން ވަނީ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ނައިބް ރައީސްގެ ހިދުމަތް މިހާރު ގައުމަށް ނުފެންނަ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދުވަސްވަރާއި ޕީޕީއެމް ވެރިކަމަށް އައިތާ ކުރީކޮޅު ނައިބް ރައީސް ޑރ ޖަމީލްގެ ފުރިހަމަ މަސައްކަތްތަކެއް ފެނިފައިވާ ކަމަށެވެ.

އަދި ޑރ ޖަމީލްގެ ފަރާތްޕުޅުން ސަރުކާރާއި ރައީސް ޔާމީން ދިފާއު ކުރެއްވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާއި، އެކަން މިދިޔަ މެއި މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާ އާއި ގުޅިގެން ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ.

”މެއި އެކެއްގެ މުޒާހަރާއަކީ މިފަހަކަށް އައިސް އެންމެ ބޮޑަށް ރައީސް ޔާމީނަށް ބަހުގެ ހަމަލާތަށް ދެވުނު ދުވަސް. ދީނީގޮތުންނާއި ސިޔާސީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ތަފާތު ތުހުމަތުތައް ކުރި. ނަމަވެސް ނައިބް ރައީސް ޖަމީލް ރައީސްގެ ދިފާއުގައި އެންމެ ބަހެއްވެސް ބުނެފައެއް ނެތް. މިއީ ހިތާމަ ހުރި ކަމެއް،“ ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ނައިބް ރައީސް ސަރުކާރާއި ރައީސް ޔާމީންގެ ދިފާއުގައި އެއްޗެއް ބުނެފައި ނުވާއިރު އެކަން ވަރަށް ސާބިތު ކަމާއި އެކު ކުރައްވަމުން ގެންދަވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ.

އެހެންކަމުން މިއަދު ނައިބް ރައީސް ކަމުގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އަބީދު ކަމަށްވެސް ނިހާން ރޭގައި ވިދާޅުވި އެވެ.

މިއީ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލާއި ދެކޮޅަށް ވެރިކަން ކުރާ ޕާޓީގެ އިސްބޭފުޅަކު މިހާ ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ މެންބަރަކުވެސް ވަނީ ޑރ ޖަމީލް ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *