ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅުމާއި ގާނޫނާ ހިލާފަށް އެމްޑީޕީއަށް އިންޒާރު ދިނުން ހުއްޓާލުމަށް އެ ޕާޓީން ފުލުހުންނަށް ގޮވާލައިފި އެވެ.
ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދަށް އެމްޑީޕީން މިދިޔަ ހަފުތާގެ ބުދަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ހަނިކުރުމަށް ގާނޫނީ އިމުން ބޭރުން ފުލުހުން އެ ޕާޓީއަށް ދަތިިތައް ކުރިމަތިކުރުވަމުންދާ ކަމަށެވެ. އެގޮތުން މި މަހު 12 ގައި އެމްޑީޕީން އިސްވެ އަދާލަތު ޕާޓީއާ ގުޅިގެން މަޖީދީމަގުގައި ބޭއްވި އެއްވުމަށް ވެސް ގާނޫނީ އިމުގެ ބޭރުގައި ފުލުހުން ހުރަސް އަޅާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.
އެމްޑީޕީން ބުނީ ގާނޫނުގައި ބުނާ ގޮތުގެ މަތިން ނޯޓިސް ފޮނުވައި، ފުރިހަމަ ކުރަން ޖެހޭ އެހެން ކަންކަން ވެސް ފުރިހަމަ ކޮށްގެން ކުރިޔަށް ގެންދިޔަ އެ އެއްވުން ފެށުމުގެ ކުރިން ވެސް ފުލުހުންގެ ފަރާތުން ޝަރުތުތައް ކުރިމަތިކުރުވީ އެއްވުން ހަނިކުރަން ކަމަށް ސިޓީގައިވެ އެވެ. އެއްވުމުގައި އަޑުގަދަ ކުރާ ބޭނުންކުރުން ރޭގަނޑު 11 ޖަހާއިރު ހުއްޓާލަން ޖެހޭނެ ކަމަށް އެއްވުމުގެ ކުރިން، ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި ފުލުހުން ޝަރުތުކުރީ ގާނޫނާ ހިލާފަށް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
ވަކި ވަގުތަކަށް އަޑު ކަނޑާލަން ނުވަތަ އެއްވުން ހަނިކުރަން ބޭނުންވާނަމަ، ނޯޓިސް ފޮނުވާތާ 12 ގަޑިއިރު ކުރިން އިންތިޒާމްކުރާ ފަރާތަށް، ސަބަބު ލިޔުމުން އަންގަން ޖެހޭނެ ކަމަށް ގާނޫނުގައި އޮތް ނަމަވެސް ފުލުހުން އެކަން ވެސް ފުރިހަމަކޮށްފައި ނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ މައްޗަށް ތަންފީޒުނުކުރެވޭ ގާނޫނެއް ކަމަށްވާ އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު، ފުލުހުން ބޭނުންވާ ގޮތަަކަށް، އެއްވެ އުޅުމުގެ ހައްގު ހަނިވާގޮތަށް މާނަކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން އެއްވުންތައް ބާއްވަން އެމްޑީޕީ އަށް ފުލުހުން މިހާރު ކުރިމަތިކުރުވަމުންދާ ދަތިތައް ކުރިމަތިކުރުވުން ހުއްޓާލަން އެ ސިޓީގައި ވަނީ އެދިފަ އެވެ.
މީގެ ކުރިން އެމްޑީޕީން ވަނީ ފުލުހުންނާއި އެކު ދެކެވޭ ރަސްމީ ވާހަކަތައް ފަހުން ބަދަލުވާ ކަމަށް ބުނެ ލިޔެކިޔުން ނެތި ވާހަކަތައް ނުބާއްވާނެ ކަމަށްވެސް ބުނެފަ އެވެ.