ގަވާއިދާ ހިލާފަށް އަދި ގިނަ ދުވަސް ވަންދެން ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ފޮޓޯ: ޕޮލިސް މީޑިއާ
ގަވާއިދާ ހިލާފަށް އަދި ގިނަ ދުވަސް ވަންދެން ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ފޮޓޯ: ޕޮލިސް މީޑިއާ

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިތުރު ދެބިލެއް މަޖިލީހަށް ފޮނުވައިފި

އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިތުރު ދެބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ފޮނުވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ފޮނުވި ތިން ބިލަކީ، ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ބިލާއި، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލް ކަމަށެވެ.

ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ސަރުކާރުން މި ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުން ހަރުދަނާކުރުމާއި، ޓްރެފިކް ނިޝާންތަކާ ޚިލާފަށް، އެއްގަމު އުޅަނދު ދުއްވުމާއި ޕާކުކުރަމުން ގެންދިއުމާ ދެކޮޅަށް އެކަށީގެންވާ ޒަމާނީ ފިޔަވަޅު އެޅުމާއި، އުޅަނދުފަހަރު މަގުމަތިން ނެގުމުގެ ޤާނޫނީ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިއްބައި ދިނުމާއެކު ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަދުވަސްވާ އުޅަނދުފަހަރު ވިއްކާލުމުގެ ނުވަތަ ނައްތާލުމުގެ އުސޫލުތައް ޤާނޫނެއްގައި ބަޔާންވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމުގައި ފެންނާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.

ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ބިލެއް ސަރުކާރުން ހުށަހެޅުމުގެ ބޭނުމަކީ، ޤުދުރަތީގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ދިމާވާ އަރައްކާތަކާއި ކާރިސާތަކުން ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހި ރައްޔިތުންނާއި، ދިވެހި ރައްޔިތުންގެ ގެދޮރާއި މުދަލާއި، ދިވެހިރާއްޖޭގެ ތިމާވެއްޓާއި އަދި ބިނާވެށި ޙިމާޔަތްކުރުމަށާއި، އަދި ކާރިސީހިރާސަށް ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހި ރައްޔިތުން ހުށަހެޅިފައިވާތީއާއި އަރައްކާތަކާއި ކާރިސާތަކާއި އަދި ކުއްލި ޙާލަތުތައް ކުރިމަތިވަމުންދާކަމަށްޓަކައި، ކާރިސާއެއް ހިނގުމުގެ ކުރިން، ކުރިމަތިވެފައިވާ އަރައްކާތަކުގެ ސަބަބުންނާއި ދިވެހިރާއްޖެ ޤުދުރަތީގޮތުން އުފެދިފައިވާ ނާޒުކުކަމުގެ ސަބަބުން ހުށަހެޅިފައިވާ ކާރިސީހިރާސް ކުޑަކުރުމަށް ކުރިޔާލާ މަސައްކަތްކުރުމަށާއި، ކާރިސާތަކަށް ތައްޔާރުވުމަށާއި ކާރިސާތަކުން ރައްކާތެރިވެތިބުމަށާއި، އަދި އެ ބިލުގައި ބަޔާންކޮށްފައިވާ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ކަނޑައަޅަންޖެހޭ އެންމެހައި ސިޔާސަތުތަކާއި، އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.

އެ އޮފީޙުން އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލެއް ސަރުކާރުން ހުށަހަޅާފައިމިވަނީ، ޚާރިޖީ ސިޔާސަތު މެދުވެރިކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމްކުރުން އިތުރުކުރުމުގައި މަސައްކަތްކުރުމަށް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، ބޭރު ޤައުމުތަކުގައި ޤާއިމުކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލޭޓްތައް ހިމެނޭ ފަދައިން ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތުގެ ޤާނޫނީ ހައިސިއްޔަތާއި، މަޤްޞަދުތަކާއި، އެ ޚިދުމަތް ރޭވިފައިވާ ގޮތް ބަޔާންކޮށް، ޚާރިޖީ ދާއިރާގައި ޒަމާނީ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު ކުރިއެރުވޭނެ ގޮތްތައް ކުރިއެރުވުމަށްޓަކައި ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *